ފުލުހުންގެ ޚިދުމަތުގެ 80 އަހަރުވީ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ފުލުހުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަދޭ ގޮތަށް ނިންމައި އެކަން ބަޔާންކޮށްފައިވާ، ފުލުހުންގެ "ޔުނިފޯމް ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢުކޮށްފި އެވެ.
ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވާލާފައިވާ، "ޔުނިފޯމާބެހޭ ގަވާއިދު" ގެ 20 ވަނަ މާއްދާ އިޞްލާޙުކޮށް، ގެޒެޓްގައި ޝާއިޢުކޮފައިވާއިރު އެ މާއްދާގައި ބުނެފައިވަނީ ފުލުހުންގެ ތުނބުޅި ހުންނަންވާނީ އެގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭނެހެން ރީތިކޮށް ކޮށައި އެއްވަރުކުރެވިފައި ކަމަށެވެ. އެގޮތުން ފުލުހުންގެ ތެރެއިން ތުނބުޅި ބެހެއްޓުމަށް ބޭނުންވާ ފުލުހުން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ލިޔުމުން ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވަނީ، ފުލުހުންނަށް ތުނބުޅި އެންމެ ދިގުކުރެވޭނީ 20 މިލިމީޓަރ [2 ސެންޓިމީޓަރ] އަށް ކަމަށާއި ތުނބުޅީގެ ހުރިހާ ތަނެއްވެސް ހުންނަންވާނީ އެއްދިގުމިނަކަށް ކަމަށެވެ.
"މި ގަވާއިދުގައިވާ ގޮތުގައި މަތިން ތުނބުޅި އަދި މަތިމަސް ބެހެއްޓުމަށް އެދިފައިވާ ފުލުހުން ފިޔަވައި، އެހެން ފުލުހުން ރަސްމީ ޑިއުޓީތަކަށާއި މީހުން އާންމުކޮށް ގޮސްއުޅޭ ތަންތަނަށް ނިކުންނަންވާނީ ތުނބުޅި، މަތިމަސް ބާލައިގެންނެވެ." ޤަވާއިދުގައި ބުނެފައިވެ އެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓްގައި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށް ގަވާއިދުގައި ބުނެ އެވެ.
ފުލުހުންނަށް ތުނބުޅި ބެހެއްޓުން ހުއްދަކުރާ ގަވާއިދު ގެޒެޓްގައި މިއަދު ޝާއިޢުކޮށްފައިވާއިރު، ސިފައިންނަށްވެސް އަންނަ މަހުން ފެށިގެން ތުނބުޅި ބަހައްޓަން ހުއްދަދޭ ގޮތަށް ނިންމައި ސިފައިންގެ ޔުނިފޯމް ގަވާއިދަށް އިޞްލާޙު ގެނެސްފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ޚަބަރާގުޅޭ ލިންކް :
ޚިޔާލު