ދީނީ ލިޔުންދީން

1431ހ. ވަނަ އަހަރުގެ ޢަރަފާތް ދުވަހުގެ ޚުތުބާ

ލިޔުއްވީ: އަޙްމަދު ނިޝްވާން

ތިރީގައިމިވަނީ މިއަހަރުގެ ބަރަކާތްތެރި ހައްޖު ދުވަހު އަރަފާތު މައިދާނުގައިހުރި ނަމިރާ މިސްކިތުގައި އިއްޔެ މެންދުރު ނަމާދާއި އަސުރު ނަމާދު ޖަމްޢުކޮށް އިމާމުވެ ކޮށްދެއްވުމުގެ ކުރިން ސައޫދީ އަރަބިއްޔާގެ މުފްތީ ސަމާހަތުއް ޝައިޚް ޢަބްދުލް ޢަޒީޒު އާލުއްޝައިޚް ވިދާޅުވި އަސަރު ގަދަ ޚުތުބާގެ ތަރުޖަމާއެވެ.

ހަމަކަށަވަރުން އެންމެހާ ޙަމްދު ޘަނާއެއްވަނީ الله އަށެވެ. އަހަރެމެން الله އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހުގެ މަދަދާއި ފާފަ ފުއްސެވުމަށް އެދެމެވެ. އަހަރެމެންގެ ނަފްސުތަކާއި އަހަރެމެންގެ ޢަމަލުތަކުގެ ނުބައިކަމުން  الله ގެ ރައްކާތެރިކަންއެދެމެވެ. الله ، އެމީހަކު ހިދާޔަތަށް ގެންނަވައިފި މީހަކު މަގުފުރައްދާނޭ މީހަކު ނުވެއެވެ. އަދި الله ، އެމީހަކު މަގުފުރައްދަވައިފި މީހަކު ހިދާޔަތަށް ގެންނާނެ މީހަކު ނުވެއެވެ. الله ފިޔަވައި ޙައްޤވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލު ކަމަށް އަޅު ހެކިވަމެވެ. الله ގެ ޞަލަޥާތާއި ސަލާމް، އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ލައްވާށިއެވެ.

އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ސިއްރާއި ފާޅުގައި ﷲއަށް ތަޤުވާވެރިވާށެވެ. ތަނަވަސްކަމާއި ފަޤީރުޙާލުގައިވެސް ތަޤުވާވެރިވާށެވެ. އަދ ތިޔަބައިމީހުން ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާގެ މޫރިތި ސުންނަތަށް ތަބާވާށެވެ.

އިންސާނުންވަނީ އެހެން ހައިވާނުންތަކުގެ ތެރެއިން މާތް ކުރައްވާފައެވެ. ﷲ ވަނީ އިންސާނުންނަށް ބުއްދީގެ ނިޢުމަތާއި ރިޒްޤު ތަނަވަސްކޮށްދީފައެވެ. އަދި ހަމައެހެންމެ ﷲއަށް އީމާންވުމުގެ މަގުތަނަވަސްކޮށްދެއްވާފައެވެ. އަދި އެކަމަށްޓަކައި ﷲގެ ރިސާލަތާއިގެން ނަބިއްޔުންނާއި ރަސޫލުން ފޮނުއްވެވިއެވެ.

އިންސާނާ އުފައްދަވާފައިވަނީ ނުލާހިކު މަތިވެރި ޙިކްމަތަކަށްޓަކައެވެ. އިންސާނާ އުފައްދަވާފައިވަނީ މަޖާކުރުމަކަށް ނޫނެވެ. އިންސާނާ އުފެއްދެވުނީ މާތް ﷲ އަށް އަޅުވެތިވުމަށެވެ.  އެކަލާނގެ އަށް އަޅުކަންކުރުމަށެވެ.

ދެންފަހެ، ހެޔޮކަންތައްތަކުން ކުރުމަށާއި އަދި ނުބައިކަންތައްތަކުން ދުރުކުރެއްވުމަށްޓަކައި އިންސާނާ އިމްތިޙާން ކުރައްވަވައެވެ. ރަނގަޅު މަގާއި ނުބައި މަގު ދެއްކެވިއެވެ.

މާތް ﷲ އިންސާނުން އުފެއްދެވުމަށްފަހު ކުރާނޭކަމެއް ކުރަމަށް ދޫކުރެއްވީއެއްނޫނެވެ. ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައި ޙުއްޖަތު ޤާއިމްކުރެއްވިއެވެ. ތަޥްޙީދުލް އުލޫހިއްޔާ ނުވަތަ އަޅުކަންކުރުމުގައި މާތް ﷲ އެއްކައުވަންތަކުރުމަށް ގޮވާލާ ބަޔަކުކަމުގައި އެ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވިއެވެ. ޞަލަވާތާއި ސަލާމްލެއްވި މުޙައްމަދުގެފާނު ފިޔަވައި އެހެން ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނީ އެބޭކަލެއްގެ ޤައުމަށެވެ. ނަމަވެސް މާތް ނަބިއްޔާ ޞަލަވާތާއި ސަލާމްލެއްވި މުޙައްމަދުގެފާނު ފޮނުއްވުނީ މުޅި އިންސިންނާއި ޖިންނީންގެ ގާތަށް މުޅި ޢާލަމަށެވެ. އަދި އެހެންކަމުން އެކަލޭގެފާނުގެ ޝަރީޢަތަކީ އެންމެ ފުރިހަމަ އަދި ހުރިހާ ޒަމާނަކަށާއި މަކާނަކަށް ފެތޭ ޝަރީޢަތެއްކަމުގައިވިއެވެ. އަދި އެޝަރީޢަތުގެ ޚާޞިއްޔަތުގެ ތެރޭގައި އިމާންކަމުގެ 6 ރުކުން ހިމެނެއެވެ. އަޅުގަނޑުމެން މާތް ﷲއަށާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުންނަށާއި، މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އާޚިރަތްދުވަހަށާއި އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އިމާންވަމުއެވެ. އަދި އިސްލާމްދީނުގެ ޚާޞިއްޔަތުގެ ތެރޭގައި ތަޥްޙީދުއް ރުބޫބިއްޔާ (ﷲގެ ރައްބުވަންތަކަމުގައި އެކަލާނގެ އެއްކައުވަންތަކުރުން)، ތަޥްހީދުލް އުލޫހިއްޔާ (އަޅުކަންތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން) އަދި ތަޥްޙީދުލް އަސްމާއި ވައްޞިފާތު (މާތް ﷲގެ ނަންފުޅުތަކުގައި އާއި ޞިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން) ހިމެނެއެވެ.

މާތް ﷲ ގެ ކީރީތި ފޮތުންނާއި އެކަލާނގެ ޞަލަވާތާއި ސަލާމްލެއްވި ރަސޫލާގެ މޫރިތި ސުންނަތުން ޘާބިތުވާ އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތައް އެކަލާނގެ އަށް ލާއިޤުވެގެންވާގޮތަށް އެއްވެސް މިޘާލުޖެހުމެއްނެތި، އެއްވެސް އެއްޗަކާއި ވައްތަރު ކުރުމެއްނެތި ޘާބިތުކުރައްވަންޖެހޭނެއެވެ.

ދެންފަހެ، މި ޢަޤީދާ ނަގަނީ ޤްރުއާނާއި މޫރިތި ސުންނަތުންނެވެ. އެންމެހާ ޝުބުހުތަކާއި ވަހުމްތަކުން އެއްކިބާވެގެންނެވެ. އެހެނީ މި ޢަޤީދާޔަކީ މީސްތަކުންގެ ހަވާނަފްސަށް ބިނާވެގެންވާ ޢަޤީދާއެއްނޫނެވެ.

މި ދީނުގެ ޚާޞިއްޔަތުގެ ތެރޭގައި މި އިސްލާމީ ޢަޤީދާގެ މައްޗަށް އެއްބައިވަންތަވުން ހިމެނެއެވެ. އަދިީ ވަކި ކުލަޔަކަށް ވަކި ބަހަކަށް ބެލުމެއްނެތި އެޢަޤީދާގައި މިއުންމަތް ހިފެހެއްޓިދުވަސްވަރު މިއުއްމަތްވަނީ އާރާއި ބާރު ގަދަފަދަވެގެންވާ އުއްމަތެއްކަމުގައެވެ. ނަމަވެސް، މި ޢަޤީދާއާއި ދުރަށް ގޮސް މީސްތަކުން ބައިބައިވެ ފިރްޤާތަކަށް ބެހުމުން މި އުއްމަތުގެ ބާރުގެއްލި ނިކަމެތިވިއެވެ.

އަދި މިދީނުގެ ޚާޞިއްޔަތުގެ ތެރޭގައި ވާޖިބުތައް އަދާކުރުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ކުރުން ސުންނަތްވެގެންވާ ކަންތައްތައްވެސް ކުރުން ހިމެނެއެވެ. އެހެނީ އެފަދަ ސުންނަތްތަކަކީ ވާޖިބުކަންތައްތައް ކުރުމަށް އޮތް މަގެކެވެ.

ދަންނާށެވެ. އަޅުކަންތައްކުރުމުގައި އިތުރު ކޮށްގެންނުވާނެއެވެ. މޫރިތި ސުންނަތުގައި އައިސްފައިވާގޮތަށް މެނުވީ ކޮށްގެންނުވާނެއެވެ. އެގޮތުން އޭގެ މިޘާލެއްގެ ގޮތުން ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ ނަމާދުކުރެއްވި ގޮތަށް ނަމާދުކުރުމަށް ވަނީ އެކަލޭގެފާނު ޢަމުރު ކުރައްވާފައެވެ. އަދި ހަމައެހެންމެ އަކެލޭގެފާނު ގެނެސްދެއްވި މިދީނަށް އައުކަމެއް މީހަކު އިތުރުކޮށްފި ނަމަ އެކަމެއް އެމީހެއްގެ ބޮލައިލާޖެހޭނެކަމަށްވެސް އެކަލޭގެފާނުވަނީ ޙަދީޘްކުރައްވާފައެވެ.

އަދި އެހެންމެ އެއްވެސް މުކައްލަފެއްގެ މަތިނިް ދީނުގައި ވާޖިބުކުރައްވާފައިވާ ކަންތައްކުރުމުން ޢުޒުރުވެވިގެންނެއްނުވެއެވެ. އެއީ އޭނަޔަކީ ކިތަންމެ ހައިބަތު ވަރުގަދަ މީސްތަކުންގެ މެދުގައި ޤަދަރުހިފޭ މީހެއްކަމުގައިވިޔަސް މެއެވެ. އެހެންވާނީ ކިހިނަކުންތޯއެވެ. ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާ ޚުދު އެކަލޭގެފާނުވެސް ފައިންޕުޅު ދުޅަފުޅުވަންދެން އަޅުކަމުގައި ދެމިހުންނެވިއެވެ.

އަދި މިދީނުގެ ޚާޞިއްޔަތުގެ ތެރޭގައި ގިނަގިނައިން ދުޢާކުރުން ހިމެނެއެވެ. މާތް ﷲ އީ ދުޢާ އިޖާބަކުރައްވާ އަދި ހުރިހާ ކަމެއް އެންމެ މޮޅައް އައްސަވައި އަދި ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ.

އަދި މިދީނުގެ ޚާޞިއްޔަތުގެ ތެރޭގައި ދީނުގެ ޝިޢާރުތަކަށް ފަރުވާބެހެއްޓުން ހިމެނެއެވެ. އަދި މުޖްތަމަޢުގެ ވަކިވަކި ފަރުދުންނާއި އަދި ޖަމާޢަތުގެ މަޞްލަޙަތުތަށް ރައްކާތެރިކުރުންހިމެނެއެވެ. އަދި ހަމައެހެންމެ، މިދީނުގެ ޚާޞިއްޔަތުގެ ތެރޭގައި މުޢާމަލާތްކުރުމުގެ ރިވެތި ގޮތްތަށް ލައްވަވާފައިވެއެވެ. ޙަލާލްތަކެއްޗާއި ޙަރާމްތަކެތިވަނީ ބަޔާންވެގެންނެވެ. ހުރިހާ ހެޔޮކަންތައްތައްވަނީ ޙަލާލްކުރައްވާފައެވެ. އަދި ހުރިހާ ނުބައި އަދި ގެއްލުންދެނެވި ކަންތައްތައްވަނީ ޙަރާމް ކުރައްވާފައެވެ. ދަންނައެވެ، މުޢާމަލާތުގެ އަޞްލަކީ ޙަލާލްވެގެންވުމެވެ. އެއީ ޙަރާމްކުރާނޭ ދަލީލެއް ނެތްހިނދުގައެވެ. އެގޮތުން މުޢާމަލާތްކުރުމުގައި ރިބާކެއުންވަނީ ޙަރާމްކުރައްވާފައެވެ. އަދި ހަމައެހެންމެ އިސްރާފްކުރުންވަނީވެސް ނަޙީކުރައްވާފައެވެ. އަދި އެއްބަސްވުމެއްވާނަމަ ފަހަރެއްގައި އެކަންތައް ހަނދާންނެތިދާނެކަމުގައ ބިރައްޓަކައި އެ އެއްބަސްވުންތައް ލިޔުމަށްވަނީ އަމުރުކުރައްވާފައެވެ. އަދި މުދާ ގެންގުޅެންނޭގޭ ފަދަ މީހުންނާއި މުދާ ހަވާލުކުރުން ވަނީ މަނާކުރައްވާފައެވެ. ވިޔަފާރިއެއްކުރާނަމަ ތެދުބުނުމަށްވެސް ވަނީ އަމުރުވެވިގެންނެވެ.

އަދި ސާފްތާހިރު މުޖްތަމަޢުއެއް ބިނާކުރުމަށް ޙަލާލް ކައިވެންޏަކުން އަންހެނާއާއި ފިރިހެނާގުޅުމަށްވެސް ވަނީ ޝަރްޢުކުރައްވާފައެވެ. ޖިންސީ ޣަރީޒާތައް ފުއްދުމަށް ޝަރްޢީ ކައިވެނިނޫން ގޮތަކަށް ގުޅިއްޖެނަމަ، އެފަދަ ގުޅުމަކީ މިދީނުގެ ޝަރީޢަތާއި ބީރައްޓެހި ބޯދާ ގުޅުމެކެވެ. އަދި ޢާއިލާ ރަނގަޅު ގޮތުގައި ތަރްބިއްޔަތުކުރުމާއި ދަރިންގިނަކުރުމަށް ވެސް މީދުނގައި ވަނީ އަންގަވާފައެވެ. އެހެނީ ޤިޔާމަތްދުވަހުގައި މިއުއްމަތުގެ ގިނަކަން ފެނިވަޑައިގެން ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާ އުފައުފުޅުވާނެއެވެ. އަދި ހަމައެހެންމެ އާައިލާބިނާކުރުމުގައި ދެމަފިރިންގެ ދެމެދުގައިވަނީ މަސްޢުލިއްޔަތުތަށް ބަހައިލެވިގެންނެވެ. އާއިލާއަށް ޚަރަދު ބަރަދުކުރުންވަނީ ފިރިމީހާގެ ޒިންމާއެއްކަމުގައި ލައްވާފައެވެ.

އަދި މިދީނުގެ ޚާޞިއްޔަތުގެ ތެރޭގައި ޖުރުމްކުރާމީހުންނަށް ވަނީ ޢުޤޫބާތްތަކާއި ޙައްދުތަކެއް ކަނޑައަޅުއްވާފައެވެ. ޙައްދުތަކާއި ޤިޞާސް ހިފުމުން މުޅި މުޖްތަމަޢު ރައްކައުތެރިވެ އަމާންތަނަކަށް ވާނެއެވެ. އަދި މި ޙައްދުތަކާއި ޤިޞާޞް ހިފުންވަނީ ވެރިމިހާގެ މައްޗަށް ވާޖިބުކުރައްވާފައެވެ. މިކަންތައް ތަންފީޒުކުރާނީ ވެރިމީހާއެވެ. ދޭދޭ ފަރުދުންނެއްނޫނެވެ. އަދި ވެރިންނަށް ކިޔަމަންވުމަކީ ދީނީ ވާޖިބެކެވެ. ވެރިންނަށް ހެޔޮގޮތުގައި ކިޔަމަންވުމަށް ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގައި ވަނީ އެތައްތަނެއްގައި އަމުރުކުރައްވާފައެވެ. އަދި ވެރިންނަށް ދީނުގެ އިމުގެ ތެރޭގައި ނަޞޭހަތްތެރިވުމަކީވެސް ޝަރްޢުކުރައްވާފައިވާ ކަމެކެވެ.

އޭއެންމެހާ މީސްތަކުންނޭވެ! ތިމާގެ އަޚްލާޤް ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާގެ ޚުލްޤްފުޅު ނަމޫނާއެއްކަމުގައި ބަލައި ބައްޓަންކުރުމަކީވެސް އަމުރުކުރެވިގެންވާކަމެކެވެ. ދެންފަހެ، އެކަލޭގެފާނުގެ ޚުލްޤުފުޅަކީ އެންމެ މާތް އަދި ރިވެތިވެގެންވާ ޚުލްޤުފުޅެވެ. އަދި އިސްލާމީ އަޚްލާޤްގެ އަޞްލަކީ ކީރިތި ޤްރްއާނާއި މޫރިތި ސުންނަތެވެ. ތިމާގެ އަމިއްލަ ނަފްސަަށް އެދޭ ކަންތައްތައް ތިމާގެ އަޚާއަށް އެދުމަކީވެސް މިރިވެތި އަޚްލާޤުގެތެރޭގައި ހިމެނޭކަމެކެވެ. އަދި ހަމައެހެންމެ ޚިޔާނާތާއި، މަކަރާއި ޚީލަތާއި އަދި ދެބައޮޑުވުންވަނީ ޤިޔާމަތާއި ޖެހެންދެން ޙަރާމްކުރައްވާފައެވެ.

ހުރިހާ މުއުމިނުންނީ އެއްބައެއްވަންތަ އެއްބައިވަންތަބަޔަކަށް ވާންޖެހޭނެއެވެ. އެހެނީ މުއުމިނުންގެ މިޘާލެއްގެ ގޮތުން ޞަލަވާތާއި ސަލާމްލެއްވި ނަބިއްޔާވަނީ އެއްހަށިގަނޑެއްގެ މިޘާލު ޖައްސަވާފައެވެ.

އޭ މުސްލިމުންނޭވެ! އިސްލާމްދީނަކީ މިއީއެވެ. މިދީނަކީ މެދުމިނުގެ ދީނެވެ. ޢަދުލުވެރި ދީނެވެ. މީސްތަކުންގެ މައްޗަށް ހެކިވާނޭ ބަޔަކު ކަމުގައި މިދީނުގެ އަހްލުވެރިން ވަނީ ލައްވަވާފައެވެ. މިދީން ވަނީ ހަރުކަށިވުމާއި ކަންފަސޭހަ ކުރުމާއި ދޯދިޔާވުމުގެ މެދުގައެވެ. ހުރިހާ ނަބިއްޔުންނާއި ރަސޫލުންވެސް ގެންނެވީ މި މެދުމިނުގެ ދީނެވެ.

އިސްލާމް ދީނަކީ ދެދުނިޔޭގެ ފައިދާއާއި ލާބަޔަށް މަސައްކުރުމަށް އަމުރުކުރައްވާ ހަމައެކަނި ދީނެވެ. އަދި ތިމާގެ ނަފްސު ރައްކާތެރިކުރުމަށްވެސް މިދީނުގައި ވަނީ އަމުރުކުރައްވާފައެވެ.

އޭ މުސްލިމުންނޭވެ! ކީރިތި ފޮތާއި މޫރިތި ސުންނަތުގެ މައްޗަށް ބުއްދި އިސްނުކުރާށެވެ. އޭ މުސްލިމުންނޭވެ! ދުނިޔެމަތީ އޮތް އެންމެ ހެޔޮ އުއްމަތްކަމުގައި މުއުއްމަތް ލައްވަވާފައިވެއެވެ. އެއީ މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރާ އަދި ނުބައިކަންތައްތަކުން މަނާކުރާބައެއްކަމުގައި މުއުއްމަތްވެފައިވާތީއެވެ.

އޭ މުސްލިމުންނޭވެ! ހައްދުފަހަނައަޅައި ނުދާށެވެ. ކުރީގެ އުއްމަތްތައްވެސް ހަލާކުރައްވަވާފައިވަނީ އެބައިމީހުން ހައްދުފަހަނަ އަޅައިދިޔުމުގެ ސަބަބުންނެވެ. ހަމަމިޔާއެކު ދަންނާށެވެ. އަމިއްލަ އަށް ބޭނުންހައި ގޮތަކަށް އުޅުމަކީ މެދުމިނެއްނޫނެވެ. މެދު މިނަކީ މޫރިތި ސުންނަތާއި މަތިވެރިވެގެންވާ ޞަހާބިންގެ ގޮތުގައި ހިފުމެވެ. އެބޭކަލުން ދީން ނެންގެވިގޮތަށް ދީން ނެގުމެވެ.

މީސްތަކުންނަށް އޯގާތެރިވުމަށްވެސް މިދީނުގައި ވަނީ އަންގަވާފައެވެ. ޞަލަވާތާއި ސަލާމްލެއްވި މާތް ރަސޫލާޔަކީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވުނު ކަލޭގެފާނެވެ. ތިމާގެ އަޚްލާޤާއި ސުލޫކު ރަނގަޅުކުރުމަށް އެކަލޭގެފާނުވަނީ އިރުޝާދު ދެއްވާފައެވެ. މައިން ދަރިންނަށާއި، އެކަނިވެރިންނަށް ރަޙުމްކުރުމަށް ވަނީ މިދީ ބާރުއަޅާފައެވެ. އަދި ދެމަފިރިން އެކަކުއަނެކަކަށް ރަޙުމްކުރުމަށްވެސް ވަނީ މިދީ ގޮވާލައިފައެވެ.

ދެންފަހެ، ދެކޮޅުވެރިކަމާއި ލޭ އޮހޮރުވުމަކީ ޙާރާމްވެގެންވާކަމެކެވެ. ޙައްޤަކާއި ނުލާ ފުރާނަދުއްވާ ލުމަކީ ނުބައިކަންބޮޑުވެގެންވާ ސުންޕާކަމެކެވެ. ވިސާލިބިގެން އަންނަ ކާފަރުންތަކަށް ހަމަލާދިނުމަކީ ނަހީވެވިގެންވާ ކަންތައްތަކެވެ. އަމަން އަމާންކަން ޤާއިމުކުރުމަކީ ނުލާހިކު ބޮޑަށް މިދީން އަމުރުކުރައްވާކަމެކެވެ. ޙައްޖުގެ މަތިވެރި އަޅުކަން މިއަދާކުރެވެނީވެސް މުޖްތަމަޢު އަމާންތަކަނަކަށް ވުމުންނެވެ.

އަދި މުޖްތަމަޢު އަމާންތަކަނަކަށް ހެދޭނީ އިޚްލާސްތެރިވެގެންނެވެ. ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތަށް މަނާކޮށްގެންނެވެ. އަދި ތިމާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށްގެންނެވެ. ނިޢުމަތްތަކަށް ޝުކުރުނުކުރާކަމުގައި ވާނަމަ އިސާހިތަކު އެކަންތައްތައް ނެތި ބީވެ ހިނގައިދާނެއެވެ.

އަދި ހަމައެހެންމެ ވެރިންނަށް ވާޖިބުބެގެންވަނީ ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފް ޤާއިމްކުރުމެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމެވެ. އިސްލާމީ ޝަރީޢަތަކީ ކާމީލް އަދި ޝާމިލް ޝަރީޢަތެކެވެ.

އެ ޝަރީޢަތުގެ ބުނިޔާދަކީ ތަޥްޙީދެވެ. މާތް ﷲގެ ރައްބުވަންތަކަމުގައިއާއި، އެކަލާނގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައިއާއި އަދި އެކަލާނގެއަށް އަޅުކަންކުރުމުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. މި ޢަޤީދާގެ ހިޔަލުގައި އެއްބައިވަންތަވުމަށް ގޮވާލަމެވެ.

މި ޝަރީޢަތުގައި އެންމެހާ ކަންތައްތަކުގެ ޙައްދުތައް ލައްވާފައިވެއެވެ. މި ޝަރީޢަތް ބާވައިލެއްވުނީ ވަކި ޤަބީލާޔަކަށް، ވަކި ބަޔަކަށް ނޫނެވެ. މި ޝަރީޢަތް ބާވައިލެއްވުނިީ މުޅި ދުނިޔެއަށެވެ. އެންމެހާ މީސްތަކުން އެއަށް ތަބާވުމަށެވެ. ތަޤުވާ ފިޔަވައި މިދީނުގައި އެއްވެސްމީހަކަށް ފަޚްރެއްނުވެއެވެ. މުޅި އިންސާނިއްޔަތުގެ ޤާއިދެއްގެ ގޮތުގައި މިދީން ދެމިގެންދާނެއެވެ.

އޭ އިސްލާމީ އުއްމަތުގެ މީހުންނޭވެ! މާތް ﷲގެ އަމިއްލަ އަތްޕުޅުން އިންސާނާ އުފައްދަވައި އެ އިންސާނަޔަށް ސަޖިދަކުރެއްވުމަށް މަލާއިކަތުންނަށް އަމުރުކުރެއްވިއެވެ. މިއީ އިންސާނާގެ މާތްކަމާއި ކަރާމާތެވެ. އަދި ނުޙައްޤުން ކޯޅުމާއި ޢަދާވާތްތެރިވުން އިންސާނާއަށް ވަނީ މަނާކުރެވިގެންނެވެ.

އެހެން ދީންތަކާއި ފިކުރުތަށް ބިނާވެފައިއޮންނަނީ އަޞަބިއްޔާއާއި ހިޒްބިއްޔަތުގެ މައްޗަށެވެ. ނަމަވެސް އިސްލާމް ދީންވަނީ މިއާ ޚިލާފަށެވެ. މިދީން ގޮވައިލަނީ ޙައްޤުގެ މަތީ އެއްބައިވަންތަވުމަށެވެ.

އިސްލާމް ދީނުގައި ޓެރަރިޒަމް އަކީ މަނާކުރެވިގެންވާ ބޮޑު ޖަރީމާއެކެވެ. އަދި އެ ޓެރެރިޒަމްގެ އަޞްލަކީ ދީނުގެ އިންތަކާއި މިންތަކުން ހައްދުފަހަނައަޅައިދިޔުމެވެ.

އިސްލާމްދީން އައީ އީމާނާއި ޢަލާއި ގުޅި ލާމެހިގެންނެވެ. އިމާނަކީ ހިތުން ޤަބޫލުކޮށް ދުލުން އިޤްރާރުވެ ހަށިގަނޑުގެ ގުނަވަންތަކުން ކުރެވޭ ޢަަމަލެވެ. ހެޔޮކަންތައް ކުރާ މިންވަރަކުން އެ އީމާންކަން އިތުރުވެދެއެވެ. ނުބައި ކަންތައްތައްކުރާ މިންވަރަކުން އެ އީމާންކަން މަދުވަމުން އުނިވަމުންދެއެވެ. އިންސާނާއަށް މިދުނިޔެމަތީގައި ލިބޭނެ އެންމެ އަގުބޮޑު އެއްޗަކީ މި އީމާންކަމާއި އިސްލާމްކަމެވެ. ދެންފަހެ އަޅުކަންކުރާހިނދު ﷲއާއި އެހެން ފަރާތްތަށް ބައިވެރިކުރާމީހާގެ އީމާންކަންް ކޮބާހެއްޔެވެ؟ ފާފަތައް ކުރުމުގައި ދެމިހުންނަ މީހާގެ އީމާންކަން ކޮބާހެއްޔެވެ؟ ކުށެއްނެތް މީހުންގެ ލޭހުއްދަކޮށް އުޅޭމީހާގެ އީމާންކަން ކޮބާހެއްޔެވެ؟ މީހުންގެ އިޚްސާސްތަކާއި އާތިފިއްޔަތާއި ކުޅޭ މީހުންގެ އީމާންކަން ކޮބާހެއްޔެވެ؟

އެހެންކަމުން އަޅުގަނޑު ގޮވާލަނީ ތިޔައެންމެހާ މީސްތަކުން ﷲއަށް ބިރުވެތިވެ ތަޤްވާވެރިވުމަށެވެ. ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާގެ ޚުލްޤްފުޅުން ތިމާމެންގެ އަޚްލާޤް ބައްޓަންކުރުމަށެވެ.

އަޅުގަނޑުމެންގެ ޢަދުއްވުންވަނީ މިއަހަރުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މާތްވެގެންވާ ރަސޫލާގެ ކާޓޫންތަކޭ ކިޔާ ކާޓޫންތަކެއްކުރަހާފައެވެ. އެބައިމީހުންނީ ކިހާ މޮޔަ އަދި ގަމާރު ބައެއްހެއްޔެވެ. ކާފަރުންގެ ގޮންޖެހުންތައްގިނަކަމުގައިވިޔަސް އިސްލާމްދީންދަނީ ކުރިއަރަމުންނެވެ.

އޭ މުސްލިމުންނޭވެ! ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާ އަށް ހެޔޮގޮތުގައި ތަބާވީ ތެދުވެރި ޞަޙާބީންނެވެ. ޙަދީޘެއްގައި ވާރިދުވެފައިވަނީ ﷲ ތަޢާލާ މީސްތަކުންގެ ހިތްތަކަށް ބައްްލަވައި ޞަލަވާތާއި ސަލާމްލެއްވި މުޙައްމަދުގެފާނުގެ ހިތްޕުޅަކީ އެންމެ މާތް އަދި މަތިވެރި ހިޕްޕުޅުކަމުގައި ފެނިވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނު ހޮއްވަވައި އެކަލޭގެފާނު ރިސާލަތާއިގެން ފޮނުއްވެވިއެވެ. ދެން ﷲ މީސްތަކުންގެ ހިތްތަކަށް ބައްލަވައި، މާތް ނަބިއްޔާގެ ހިތްޕުޅައްފަހު، އެކަލޭގެފާނުގެ ޞަޙާބީންގެ ހިތްތަކީ އެންމެ މަތިވެރި ހިތްތަކަކީ އެބޭކަލުންގެ ހިތްތަށް ކަމުގައި ފެނިވަޑައިގަތެވެ. އެހެންކަމުން އެބޭކަލުންނީ އިތުރު އެކަލޭގެފާނުގެ އަންޞާރުންކަމުގައި ލެއްވެވިއެވެ. މިއެވެ. އެހެންކަމުން މާތް ނަބިއްޔާގެ ޞަޙާބީންނަށްވަނީ މަތްﷲގެ ރުހިވޮޑިގަތުންލިބިގެންނެވެ. ދެންފަހެ، އެބޭކަލުންނަށް ބަދުބަސް ރައްދުކުރާމީހުންނަކީ އަޅުގަނޑުމެންގެ ވަލީންކަމުގައި ނުވަތަ އެކުވެރިންކަމުގައި އެއްގޮތަކަށްވެސް ނަގައިގެންނުވާނެއެވެ.

އަދި ވެރިންގެ މައްޗަށް ރައްޔިތުންގެ ޙައްޤުތަކެއްވެއެވެ. އެބައިމީހުންގެ މެދުގައި ޢަދުލުވެރިވުމާއި މާތް ﷲގެ ޙުކުމްތައް ޤާއިމްކުރުމީ ވެރިމީހާގެ މައްޗަށްވާ ވާޖިބުތަކެވެ.

މިއަދު އަޅުގަނޑުމެންނާ ކުރިމަތިވަމުންމިދަނީ ވަރަށްވެސް ދަތި އުނދަގޫދުވަސްތަކެކެވެ. ޢަދާވަތްތެރިންގެ ވަކިތަކުން ސަލާމަތްވެވޭނީ އަޅުގަނޑުމެން ޞައްޙަ ޢަޤީދާގައި ހިފަހައްޓައިގެންނެވެ. އަދި އޭގެ މަތީގައި އެކަތިގަނޑަކަށްވެގެންނެވެ. ހަމަކަށަވަރުން އަޅުގަނޑުމެންގެ އާރާއި ބާރުވަނީ އަޅުގަނޑުމެން އެއްބައިވެގެންނެވެ. އަދި އަޅުގަނޑުމެންގެ ޢަދާވަތްތެރިންގެ ރޭވުންތަކަށް ވިސްނައި ހުށިޔާރުވާންޖެހޭނެއެވެ. ނަމަވެސް، ދަންނާށެވެ، ޓެރެރިޒަމް އަކީ އޭގެ ޙައްލެއްނޫނެވެ.

އޭ ޙައްޖުވެރީންނޭވެ! ނިޢުމަތްތަކަށް ޝުކުރުވެރިވާށެވެ. އެހެނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ ކުރީ ޒަމާނުގައި ވަރަށްވެސް އުނދަގޫކަމެކެވެ. ނަމަވެސް ޒަމާނީ ތަރައްޤީގެ ސަބަބުން މިއަދުމިވަނީ ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއްވެފައެވެ. ޙައްޖާޖީންގެ ކަންތައް ފަސޭހަކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސޫދީ ރަސްގެފާނާއި އެކިއެކި ވެރިން ކުރެއްވި މަސައްކަތްތަށް އެބޭފުޅުންގެ ހެޔޮކަމުގެ ތިލަފަތުގައި ލައްވަވާށިއެވެ.

ދަންނާށެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި ގެފުޅާއި އަދި އެނޫންވެސްތަންތަނުގެ ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. ދެބަސްވުންތަކާއި އަރައިރުންތަށް އެއްގޮތަކަށްވެސް ވެގެންނުވާނެއެވެ. އަދި ދުޢާކުރުމާއި ޛިކުރުކުރުމަގައި ދެމިހުންނަންވާނެއެވެ. ޢަރަފާތްދުވަހަކީ އެންމެ މާތްވެގެންވާ ދުވަހެވެ. އަދި އެދުވަހުގައި ދުޢާކުރުން ގިނަކުރުމަކީ ނުލާހިކު އެދެވިގެންވާ ކަމެކެވެ. އެހެނީ ޢަރަފާތްދުވަހަކީ އެންމެގިނައިން މާތްﷲ މީސްތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. އަދި ހަމައެހެންމެ ޝައިތާނާ އެންމެ ނިކަމެތިކުރުވޭ ދުވަހަކީވެސް ހަމަ އެދުވަހެވެ. ޙައްޖުގެ އެންމެ މުހިއްމު ދުވަހަކީވެސް ހަމަ އެދުވަހެއެވެ. ޙަދީޘެއްގައި ވާރިދުވެގެން އައިސްފައިވަނީ ޙައްޖަކީ ޢަރަފާތެވެ…

އޭ އިރާޤުގެ ރައްޔިތުންނޭވެ! ތިޔަބައިމީހުންނަށް މިއަދު އެންމެ ބޭނުންޖެހިފައިވާކަމަކީ ތިޔަބައިމީހުންގެ އަރައިރުންތަކާއި ކޯޅުންތައްދޫކޮށް އެއްބައިވަންތަވުމެވެ. ކޯޅުމާއި ހަމަނުޖެހުން ހިނގަމުންގެންދާ ސޫދާނާއި، އަފްޣާނިސްތާނާއި އަދި މީނޫންވެސް ޤައުމުތަކުގެ އަހްލުވެރީން އެއްބައިވަންތަވާންޖެހިއްޖެއެވެ. މިދުނިޔެއަކީ ދާއިމީތަނެއްނޫނެވެ. މިދުނިޔޭގެ ޙަޔާތަކީ އާޚިރަތުގެ ގޮވަށްޗަށްކުރެވޭ ދަތުރެކެވެ. އާޚިރަތުގައި މާތް ﷲގެ ކުރިފުޅުމަތީގައި ކޮޅަށްތިބޭނެ ދުވަހެއް އަންނާނެއެވެ. ތިލަފަތްކިރި، ހެޔޮޢަމަލުތައް ބަރުވެއްޖެ މީހާ ދާހުށީ ސުވަރުގޭގެ މަތިވެރި ނިޢުމަތަށެވެ. އަދި ނުބައިޢަމަލުތައް ބަރުވެއްޖެމީހާ ވަންނަހުށީ ނުބައިވެގެންވާ ނަރަކަޔަށެވެ.

އެންމެހާ މުއުމިނުތަކުންގެ ފާފަފުއްސަވާށިއެވެ. އަދި ދިރިތިބީންނައި މަރުވެގޮސްފައިމީހުންނަށް ރަޙްމަތްލައްވާށިއެވެ.  އަދި ހުދުހެދުން ކުނިމިލައިން ސާފްކުރާފަދައިން އަޅަމެންގެ ފާފަފުއްސަވައި ހިތްތަށް ސާފުކުރައްވާންދޭވެ. ވެރިންނަށް ހެޔޮމަގަށް ތައުފީޤުދެއްވާށިއެވެ.

މަސްދަރު: މިއަދު ނޫސް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *