الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ދުޢާ އަކީ އެންމެ މަތިވެރިވެގެންވާ އަދި އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ހިމެނޭ އަޅުކަމެކެވެ. އަދި އަޅާއާއި އޭނަގެ ވެރިއިލާހު އެންމެ ކުއްތަންކުރުވަނިވި އެއް ޢަމަލެވެ. ދުއާކުރުމުގައި އަޅާ އަތް އުފުލުމުން އޭނަގެ ނިކަމެތިކަން ދައްކައިދޭ ފަދައިން، ކީރިތިވަންތަ ﷲ ގެ މަތިވެރިކަން އަންގައިދެއެވެ. އެގޮތުން ދުޢާކުރުމުގައި ތަފާތު އަދަބުތަކެއް ވެއެވެ. އަޅާ އަތް އުފުލައިގެން ދުޢާކުރުމީ ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމްގެ ސުންނަތްތަކުގެ ތެރެއިން މުސްތަޙައްބުވެގެންވާ ކަމެކެވެ. އަނަސްގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ. " رَأَيتُ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَسلَّم يَرْفَعُ يَدَيْهِ فِي الدُّعَاءِ حَتَّى يُرَى بَيَاضُ إِبْطَيْهِ " މާނައީ: ރަސޫލާ ޞައްލަﷲ ޢަލަހިވަސައްލަމް އެކަލޭގެފާނުގެ ކިހިލިފަތުގެ ދޮންކަން ފެނިއްޖެއުމަށް ދާންދެން އަތްއުފުއްލަވައިގެން ދުޢާކުރައްވަނިކޮށް ތިމަންކަލޭގެފާނު ދުށީމެވެ." އަދި ދުޢާކުރާއިރު އަތް އުފުލުމަކީ ދުޢާ އިޖާބަކުރުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ޞައްޙަ ހަދީޘެއްގައި ވެއެވެ. "إِنَّ اللهَ حَيِيٌّ كَرِيمٌ يَسْتَحِيي إِذَا رَفَعَ الرَّجُلُ إِلَيهِ يَدَيهِ أَنْ يَرُدَّهُمَا صِفْراً خَائِبَتَيْنِ "( أحمد) މާނައީ" ﷲ ތަޢާލާ އަކީ ލަދުވެތިވެވޮޑިގަންނަވާ ދީލަތިވަންތަ އިލާހެވެ. މީހަކު ދުޢާކުރާއިރު އަތްއުފުލައިފިނަމަ އޭނާ ހުސްއަތާ ރައްދުކުރެއްވުމަށް ﷲ ތަޢާލާ ލަދުވެތިވެވޮޑިގަންނަވައެވެ.
ދުޢާކުރާއިރު އަތްނުއުފުލާ ދުޢާކުރާނަމަ މޫނުގައި އަތްފިރުމަކީ ނެތްކަމެއްކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތެވެ. ނަމަވެސް ޚިލާފުއުފެދިފައި ވަނީ ދުޢާކުރަން އަތްއުފުލުމަށް ފަހު މޫނުގައި ދެއަތް ފިރުމުމާ މެދުގައެވެ. މިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ތިރީގައި ބަޔާންކޮށްލާނަމެވެ.
- އިބުނު ޢުމަރުގެ ޙަދީޘާއި ޢިބުނު ޢައްބާސްގެ ޙަދީޘް
عن عُمَرَ بْنِ الْخَطَّابِ قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " إِذَا مَدَّ يَدَيْهِ فِي الدُّعَاءِ لَمْ يَرُدَّهُمَا حَتَّى يَمْسَحَ بِهِمَا وَجْهَهُ.
މާނައީ: ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިވަސައަލަމް ދުޢާކުރައްވަން އަތްއުފުއްލަވައިފިނަމަ މޫނުގާ އަތްފިރުމާލުމަށްފަހު މެނުވީ އަތްތިރި ނުކުރައްވައެވެ. ( މިޙަދީޘަކީ ސުނަނުގެ ތިރްމިޛީގައިވާ ޙަދީޘެކެވެ.) މިޙަދީޘާއި މެދު ތިރްމިޛީ ވިދާޅުވަނީ މިއީ ޣަރީބު ޙަދީޘެއްކަމަށެވެ. ތިމަންނަމެނަށް ޙައްމާދު ބުނު ޢީސާގެ އަރިހުން މެނުވީ މިޙަދީޘެއް ނޭގެއެވެ. އޭނައާއި މެދު ވަނީ ވާހަކަ ދެކެވިފައެވެ.
ތަޤްރީބުގައި ވަނީ ޙައްމާދު ބުނު ޢީސާ ޟަޢީފުކޮށްފައެވެ.
އަލްޙާފިޟް އިބުނު ޙަޖަރު ވިދާޅުވަނީ މިޙަދީޘަށް އަބޫ ދާވޫދުގައިވާ އިބުނު ޢައްބާސްގެ ޙަދީޘުން ހެކިތަކެއްވާ ކަމަށެވެ. (އިބުނު މާޖާ އަދި އަލްޙާކިމްގައިވެސް މިޙަދީޘްވެއެވެ ޞާލިޙް ބުނު ހައްސާންގެ ފަރާތުން މުޙުއްމަދު ބުނު ކަޢުބުގެ ފަރާތުން ޢިބުނު ޢައްބާސްގެ ފަރާތުން ރިވާވެގެން ވެއެވެ. މިޙަދީޘުގެ ސަނަދަކީ ބަލިކަށި ސަނަދެކެވެ. މިޙަދީޘުގައިވާ ރާވީ އިބުނު ޙައްސާން އަކީ މުންކަރުލް ޙަދީޘެކެވެ.)
- ސާއިބު ބުނު ޔަޒީދު އޭނަގެ ބައްޕަގެ ފަރާތުންރިވާކުރައްވާ ޙަދީޘް
عن السائبِ بنِ يزيدٍ عن أَبِيه أَنَّ النبيَّ صلى الله عليه وسلم كَانَ إِذَا دَعَا فَرَفَعَ يَدَيهِ مَسَحَ وَجْهَهُ بِيَدَيْهِ
މާނައީ: ސާއިބު ބުނު ޔަޒީދު އޭނަގެ ބައްޕަގެ ފަރާރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލަހިވަސައްލަމް ދުޢާކުރައްވާއިރު އަތްއުފުއްލަވާ އެއަށްފަހު ދުޢާކުރުއްވުމަށްފަހު މޫނުގާ އަތްފިރުމާލައްވަމެވެ.
މިޙަދީޘަކީ އަބޫ ދާވޫދުގައިވާ ޙަދީތެކެވެ. އަދި މިޙަދީޘުގެ ސަނަދަކީވެސް ބަލިކަށި ސަނަދެކެވެ. މިޙަދީޘުގައިވާ ރާވިއެއްކަމަށްވާ ޙަފްޞް ބުނު ހާޝިމް އަކީ މަޖުހޫލު ރާވީއެކެވެ. އަދި އިބުނު ލުހެއިޢާ އަކީ ބަލިކަށި ރާވީއެކެވެ.
- 3. އައްޒުހުރީގެ ފަރާތުންވާ މުރުސަލު ޙަދީޘް
عن مَعْمَرٍ عن الزُّهْرِيِّ قال : كان رَسولُ اللهِ صلى الله عليه وسلم يَرْفَعُ يَدَيهِ عِنْدَ صَدْرِهِ فِي الدُّعَاءِ ثُمَّ يَمْسَحُ بِهِمَا وَجْهَهُ .
މާނައީ: މަޢުމަރުގެ ފަރާތުން ޒުހުރީގެ ފަރާތުންވެއެވެ. ޒުހުރީ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ދުޢާކުރައްވާ އިރު މޭމައްޗާއި ހަމަޔަށް އަތްއުފުއްލަވައެވެ. އެއަށްފަހު ދުޢާކޮށްނިންމާލުމަށް ފަހު މޫނުމަތީ އަތް ފިރުމާލައްވައެވެ.
މިޙަދީޘަކީ މުރްސަލު ޙަދީޘެކެވެ. މުރްސަލު ޙަދީޘަކީ އެޙަދީޘެއްގެ ސަނަދުގެ ފަހުކޮޅުގައި ތާބިޢީއަށްފަހު މީހަކު އުނިވެފައިވުމެވެ. (ތާބިއީ އަށްފަހު އުނިވެފައިވާ ރާވީ އަކީ ޞަޙާބީއެކެވެ.)
މިޙަދީޘަކީ މުރުސަލް ޙަދީޘެކެވެ. މުރުސަލް ޙަދީޘަކީ އަބޫޙަނީފާއާއި، މާލިކު އަދި އަޙްމަދުގެ އަރިހުގައި ޙުއްޖަތެކެވެ. އަދި އިމާމް ޝާފިޢީ އަރިހުގައި ޝަރުތުތަކަކާއި އެކު ޙުއްޖަތެކެވެ. އަދި ޖުމްހޫރު ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި ރައްދުކުރެވިގެންވާ ބަލިކަށި ޙަދީޘެކެވެ.
އިސްވެދިޔަ ޙަދީޘްތަކަށް ބުރަވެ ޖުމްހޫރު ޢިލްމުވެރިން ދުޢާކުރުމަށްފަހު މޫނުގައި އަތްފިރުމުން މަޝްރޫޢުވެގެންވާ ކަމެއްކަމުގައި ވިދާޅުވެއެވެ. އެބޭކަލުން ވިދާޅުވަނީ މިޙަދީޘް ތަފާތު ސަނަދުތަކުން ރިވާވެފައިވާތީ މިޙަދީޘް ޙަސަން ލިޢަރިހީ ދަރަޖައިގެ ޙަދީޘް ދަރަޖައަށް ފޯރާކަމަށެވެ. ( ޙަސަން ލިޣައިރިހީ އަކި ޞަޢީފް ޙަދީޘްތައް ތަފާތު ޠުރުޤުތަކުން އައިސްފައިވުމެވެ. އެހެނަސް އެޙަދީޘްތަކުގެ ރާވީންތަކަކީ ދޮގު އަދި ފާސިޤް ކަމުގެ ސަބަބުން ޟަޢީފްކުރެވިގެންވާ ޙަދީޘްތަކަށް ވެގެންނުވާނެވެ.)
ނަމަވެސް އެނޫން ޢިލްމުވެރިން މީޙަދީޘްތައް ޟަޢީފުވުމުގެ ސަބަބުން މީ ޙުއްޖަތެއްކަމުގައި ނުދެކެއެވެ. ބުޚާރީ އަދި މުސްލިމްގައިވެސް ދުޢާކުރުމުގައި އަސްފައިހުރި ޙަދީޘްތަކުގައިވެސް މޫނުގައި އަތްފިރުމުމާއި ބެހޭގޮތުން އައިސްފައިނުވެއެވެ. އަދި އެއްވެސް ޞައްޙަ ޙަދީޘެއްގައިވެސް ދުޢާކުރުމުގައި މޫނުގައި އަތްފިރުމުމާ ބެހޭގޮތުން އައިސްފައި ނުވެއެވެ.
ޚުލާޞާ
ޢިލްމުވެރިންގެ ވާހަކަތަކަށް ނަޒަރުހިންގައިލާއިރު ދުޢާކުރުމަށްފަހު މޫނުގައި އަތްފިރުމުން ބިދުޢައެއްކަމުގައި ނުދެންނެވޭނެވެ. އަދި އެކަން ކުރާމީހާއަކީވެސް ބިދުޢަވެރިއެކޭ ނުބުނެވޭނެވެ. އެއީ އަލްޙާފިޟް އިބްނު ޙަޖަރު ފަދަ ޢިލްމުވެރިން ވިދާޅުވަނީ މިޙަދީޘް ޙަސަން ލިޣައިރިހީ ދަރަޖައަށް ފޯރާކަމެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ސުންނަތާއި ގާތް ގޮތަކީ މޫނުގައި އަތްނުފިރުމުމެވެ. އެއީ ކުރީގައިވެސް ބަޔާންވެދިޔަފަދައިން ދުޢާކުރާއިރު އަތްއުފުލުމާބެހޭގޮތުން އައިސްފައިހުރި އެއްވެސް ޞައްޙަ ޙަދީޘެއްގައި މޫނުފިރުމުމާއި ބެހޭގޮތުން އައިސްފައި ނުވެއެވެ. އެންމެ މޮޅު ގޮތަކީ ނުކޮށް ދޫކޮށްލުމެވެ. والله أعلم

















މި މަޒްމޫނު މީގެ ގޮތުގައި ރަގަޅު، ދެން ބޭނުން ވަނީ ދުޢާ ކުރުމުގައި އަތް އުފުލަންޖެހޭ ވަކި ހިސާބެއް އޮވޭތޯ އޮޅުން ފިލުވުމެވެ. މޭ މަތި، ކޮނޑާ ހަމަ، އަދި ބޮލަށްވުރެ މައްޗަށަވެސް އުފުލާތަން ފެނޭ.
Beh beyfulhun liyuhvaafa hunnaathy dhekenr
Rasoolaa farlu namaadhugai aipulhu ufullavaigen dhuaa kurevvi kan saabithu hadhees eh nethey. Eee bidhua ekey. Mikan saafu kolladhevvun edhen.
މި ލިޔުމުގައި ގެނެސްދީފައި އެވަނީ ކީރިތި ރަސޫލާ ދުޢާއަށް އަތްނަންގަވާފައި މޫނު ފިރުމި ކަމަށްހުރި ޙަދީޘްތަކާއި އެ ޙަދީޘްތައް ޟަޢީފްކަމަށް ސާބިތުކުރުމަށް ގެނެސްދީފައިހުރި ވާހަކަތަކެވެ. މޫނުގައި އަތް ނުފިރުމުން ރަނގަޅުކަމަށް ބަޔާންކުރާއިރު ކީރިތި ރަސޫލާ ދުޢާއަށް އަތްޕުޅު ނަންގަވާފައި މޫނުގައި އަތް ނުފިރުމާ އަތްޕުޅު ތިރިކުރެއްވިކަމަށް ބަޔާންކުރާ ޙަދީޘްތަކެއްވެސް ގެނެސްދޭން ވާނެކަމަށް ޤަބޫލުކުރެވެއެވެ. އަދި މޫނުގައި އަތްފިރުމާލުމަކީ ބިދުޢައެއް ނޫންކަމަށްވެސް ބަޔާންކޮށްފިއެވެ. ވީމާ އެންމެ ރަނގަޅުގޮތަކީ މޫނުގައި އަތް ނުފިރުމުން ކަމަށް ބަޔާންކުރުމަށް ބާރުދޭ ޙަދީޘްތަކެއްވެސް ހިމަނާލުން މުހިއްމެވެ.