ސުވާލު:
ގެއްލިފަހުންނަ ރޯދަ ހުކުރު ހޮނިހިރު ދެދުވަހު ހިފިދާނެތޯ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ހޮނިހިރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުމަކީ މަކްރޫހަ ކަމެކެވެ. ޢަބްދުﷲ ބިން ބުސްރި އެކަލޭގެފާނުގެ ދައްތާފުޅުގެ ފަރާތްޕުޅުން ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ)رواه أبوداود والترمذي وابن ماجة، މާނައަކީ: "ﷲ ތިޔަބައިމީހުންގެ މައްޗަށް ފަރްޟު ކުރެއްވި ރޯދަ އެއް މެނުވީ ހޮނިހިރު ދުވަހު ނުހިފާ ހުށި ކަމެވެ. ތިޔަބައިމީހުން ކުރެ މީހަކަށް ކަދުރު އޮށެއްގެ ތޮށިގަނޑެއް ނުވަތަ ގަހެއްގެ އޮފިކޮޅެއް ލިބުނު ނަމަވެސް އެދުވަހުގައި ހަފާލާ ހުށިކަމެވެ." ޔަޢްނީ ކާނެ އެއްޗެއްގެ ގޮތުގައި ކަދުރު އޮށެއްގެ ތޮށިކޮޅެއް ނުވަތަ ގަހެއްގެ އޮފިކޮޅެއް ނުން އެއްޗެއް ނުލިބުނު މީހާ، އެތަކެތި ކައިގެން ނަމަވެސް، ހޮނިހިރު ދުވަހު ރޯދަ ނުހިފާ ހުށި ކަމެވެ.
މި ޙަދީޘްގެ ޝަރަޙާގައި -އިބްނު ގުދާމާ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ތިމަންމެންގެ އަޞްޙާބުން (ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. "ހޮނިހިރު ދުވަހު ރޯދަ ހިފުން މަކްރޫހަ ވެގެންވަނީ ނުވަތަ މަނާވެގެން ވަނީ އެދުވަހު އެކަހެރިކޮށް ރޯދަ ހިފުމެވެ. ހޮނިހިރު ދުވަހާއި އެކު އެހެން ދުވަހެއްގައި ރޯދަ ހިފައިފިނަމަ، ނުވަތަ މީހަކު ޢާދަވެގެން ހިފަމުން އަންނަ ރޯދަ އެއް ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ- ހޮނިހިރު ދުވަހު ރޯދަ ހިފިނަމަވެސް މައްސަލަ އެއް ނެތެވެ." (އަލްމުޣްނީ 3/52).
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. (لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه) رواه البخاري ومسلم، މާނައަކީ: "ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ނުހިފާނަމަ ހުކުރު ދުވަހު ރޯދަ ނުހިފާ ހުށިކަމެވެ."
عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : ( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ) رواه البخاري، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖުވައިރިއްޔާ ބިންތިލް ޙާރިޘްގެ ކިބައިން ރިވާވެގެން ވެއެވެ. ހުކުރު ދުވަހެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވަޑައިގެންނެވި ހިނދު އެކަމަނާ ރޯދަ އަށް ހުންނެވި ކަން އެނގި ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އިއްޔެގައި ރޯދަ ހިފިންތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ނޫނެވެކެވެ." ޙަދީޘް ކުރެއްވިއެވެ. މާދަން ރޯދައަށް ހުންނާންހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. "ނޫނެކެވެ" ޙަދީޘްކުރެއްވިއެވެ. "އެހެންވިއްޔާ ރޯދަ ވިއްލާހުށިކަމެވެ.
އިސްވެދިޔަ ދެޙަދީޘުން ދޭހަވަނީ ހުކުރު ދުވަހު ރޯދަ ހިފައިފިނަމަ، ހޮނިހިރު ދުވަހު ރޯދަ ހިފިދާނެ ކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ كان َيَصُومُ يَوْمًا وَيُفْطِرُ يَوْمًا) رواه الشيخان، މާނައަކީ: "މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ދާވޫދު ޢަލައިހިއްސަލާމްގެ ރޯދައެވެ. އެކަލޭގެފާނު ދެދުވަހުން އެއްދުވަހު ރޯދަ ހިއްޕަވައެވެ." ދެދުވަހުން އެއްދުވަހު ރޯދަ ހިފާނަމަ، ހޮނިހިރު ދުވަހު އެކަހެރިކޮށް ރޯދަ ހިފޭނެއެވެ. މިއިން ދޭހަވަނީ ޢާދަވެގެން މީހަކު ރޯދަ ހިފަމުން އަންނަ ދުވަސްތަކުގެ ތެރެއިން ދުވަހެއް ހޮނިހިރަކާ ދިމާވެއްޖެނަމަ، މިޘާލަކަށް ޢަރަފާތް ދުވަސް، ނުވަތަ ޢާޝޫރާ ދުވަސް ފަދަ ދުވަހެއް ހޮނިހިރަކާ ދިމާވެއްޖެނަމަ އެދުވަހެއްގައި ރޯދަ ހިފިދާނެއެވެ.
އަލްޙާފިޡް އިބްނު ޙަޖަރް އެކަލޭގެފާނުގެ ފަތްޙުލް ބާރީ އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ވަކި ދުވަހެއްގައި ރޯދަ ހިފަމުން އަންނަ މީހަކު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ، ހުކުރު ދުވަހު އެކަހެރިކޮށް ރޯދަ ހިފުމަށް އޮންނަ ނަހީން އިސްތިޘްނާ ވާނެއެވެ. މިޘާލަކަށް ޢަރަފާތް ދުވަސް ހުކުރު ދުވަހަކަށް ދިމާވުން، ނުވަތަ ޢަރަފާތް ދުވަސް ހޮނިހިރު ދުވަހަކާ ދިމާވުން ހިމެނެއެވެ."
ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
"ދަންނައެވެ. ހޮނިހިރު ދުވަހުގައި ރޯދަ ހިފުމުގެ ޙާލަތްތަކެއް ވެއެވެ.
ފުރަތަމަ ޙާލަތް: ފަރްޟު ރޯދަ އަކާ ދިމާވުން، މިޘާލަކަށް، ރަމަޟާން މަހުގެ ރޯދަ އެއް، ނުވަތަ ގަޟާ ރޯދަ އެއް، ނުވަތަ ކައްފާރާ ރޯދައެއް، ނުވަތަ މިނޫންވެސް މިފަދަ ޙާލަތްތައް މެދުވެރިވެގެން ހޮނިހިރު ދުވަހު ރޯދަ ހިފަން ޖެހިއްޖެނަމަ އެދުވަހުގައި ރޯދަ ހިފިދާނެއެވެ.
ދެވަނަ ޙާލަތް: ހޮނިހިރުގެ ކުރިން އޮންނަ ހުކުރު ދުވަހުގައި ރޯދަ ހިފުން، މި ޙާލަތުގައި ހޮނިހިރު ދުވަހު ރޯދަ ހިފިދާނެއެވެ. ދަލީލަކީ: عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : ( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ) رواه البخاري، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖުވައިރިއްޔާ ބިންތިލް ޙާރިޘްގެ ކިބައިން ރިވާވެގެން ވެއެވެ. ހުކުރު ދުވަހެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވަޑައިގެންނެވި ހިނދު އެކަމަނާ ރޯދަ އަށް ހުންނެވި ކަން އެނގި ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އިއްޔެގައި ރޯދަ ހިފިންތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ނޫނެވެކެވެ." ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ ރޯދަ ވިއްލާހުށިކަމެވެ. މި ޙަދީޘުން ދޭހަވަނީ ހުކުރު ދުވަހު ރޯދަ ހިފައިފިނަމަ ހޮނިހިރު ދުވަހުވެސް ރޯދަ ހިފިދާނެ ކަމެވެ.
ތިންވަނަ ޙާލަތް: ޢަރަފާތް ދުވަސް، ހަނދުމަގުގެ 13،14،15 އާއި ދިމާވުން، ޢާޝޫރާ ދުވަސް، ޝައްވާލް މަހުގެ ހަރޯދަ، ޙައްޖު މަހުގެ ނުވަ ދުވަހުގެ ރޯދަ، ފަދަ ރޯދަ އަކާ ދިމާވުން، މިފަދަ ޙާލަތުގައި އޭނާ ރޯދަ ހިފީ ކޮންމެހެން ހޮނިހިރު ދުވަހަށް ވެގެންނެއް ނޫނެވެ. އެހެންނަމަ މައްސަލަ އެއް ނެތެވެ.
ހަތަރުވާނަ ޙާލަތް: ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކަށް ހޮނިހިރަކާ ދިމާވުން، އެހެންނަމަ ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މައްސަލަ އެއް ނޫނެވެ.
ފަސްވަނަ ޙާލަތް: ހޮނިހިރު ދުވަސް ޚާއްޞަކޮށްގެން ސުންނަތް ރޯދަ އެއް ހިފުން، މިއީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ހޮނިހިރު ދުވަސް ޚާއްޞަކޮށްގެން ސުންނަތް ރޯދަ ހިފުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމެކެވެ. والله أعلم.
ޖަޒާކަالله ޚައިރު!
ނަދުރު ރޯދް ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟