ދީންސުވާލާއި ޖަވާބު

މުރުތައްދުވުމުން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

ސުވާލު:
މުރުތައްދުވެފައިވާ މީހަކާ ދޭތެރޭ ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟ އަދި މުރުތައްދުވި މީހަކާ މުސްލިމް އަޚަކާ މުއާމަލާތް ކުރުމުގައި ތަފާތު ގޮތްތަކެއް ބަހައްޓަން ޖެހޭތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މީހާ އުޅެން ޖޭހޭނީ އޭނާގެ ވެރި ރަސްކަލާނގެ ދީނަށެވެ.

ޣައިރު މުސްލިމުންނަށް އިސްލާމް ދީނަށް ވަންނާކަށް އިސްލާމްދީން މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް މުސްލިމަކު އިސްލާމްދީނުން ބޭރުވުމަކީ އެއްވެސް މީހަކަށް އިސްލާމްދީން ހުއްދަ ދީފައިވާކަމެއް ނޫނެވެ. ޣައިރުމުސްލުމުން އިސްލާމްދީނަށް ވަނުމަށް އިސްލާމްދީން މަޖުބޫރު ނުކުރުވި ނަމަވެސް މުސްލިމު މުޖުތަމަޢެއްގައި ޣައިރު މުސްލިމުން އުޅެއްޖެހޭނީ ވަކި ހަމަތަކަކާއި އިންތަކެއްގެ ތެރޭގައެވެ. މި އިންތައް ކަނޑައެޅިފައިވަނީ އިސްލާމްދީނަކީ މާތް ﷲ ގެ ޙަޟްރަތުގައި ހަމައެކަނި ޤަބޫލު ކުރެވޭނެ ދީންކަމުގައި ވީހިނދު މީސްތަކުންގެ ދީން ޙިމާޔަތް ކުރުމަކީ އިސްލާމީ ޝަރީޢަތް އެ މަޤުޞަދުތަކަށްޓަކައި ބާވައިލެއްވުނު މަޤުޞަދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަޤުޞަދުކަމުގައި ވާތީއެވެ. މިގޮތުން އޭނާ އިސްލާމް ދީނަށް ، ނުވަތަ އެދީނުގެ ނަބިއްޔާއަށް، ނުވަތަ ކީރިތި ޤުރްއާނަށް ނުވަތަ އިސްލާމީ ޢަޤީދާގެ އެއްވެސް ކަމަކަށް ނުވަތަ އިސްލާމީ ތަޢުލީމާތުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކަށް މަލާމަތްކޮށް ، އެއްވެސް ހައިޘިއްޔަތަކުން އެއްވެސް ވަސީލަތަކުން ފާޅުކުރުމަކީ ކޮށްގެން ވާނެކަމެއް ނޫނެވެ.
ހަމައެހެންމެ ، މުސްލިމަކަށް އޭނާގެ ޢަޤީދާއަށް ދަޢުވަތު ދީގެން ނުވާނެއެވެ. އަދި އޭނާގެ ދީނަށް ވައްދަން އެއްވެސް ގޮތަކުން އެއްވެސް މަސައްކަތެއް އެއްވެސް މިންވަރަކަށް ކޮށްގެން ނުވާނެއެވެ. އެހެނީ އެފަދަ މަސައްކަތަކަށް މުސްލިމަކު އިޖާބަ ދިނުމަކީ ބޮޑު ޖަރީމާއެކެވެ. އެއީ އޭނާގެ ވެރިރަސްކަލާނގެ ދީނުން އޭނާ ބޭރުވުމެވެ. އެއީ އޭނާ އޭނާގެ ދީނާއި ޤައުމަށް ވާ ވަރަށްބޮޑު ޚިޔާނާތެކެވެ. އިސްލާމް ދީނުގައި މިކަމުގެ ޢުޤޫބާތަކީ މެރުމެވެ. މުރުތައްދު ވުމަކީ އެންމެ ބޮޑު ޖަރީމާކަމުގައި ވީހިނދު ޖަރީމާއަކަށް ދަޢުވަތު ދިނުމަކީ އިސްލާމް ދީނާއި ދުނިޔޭގައި މީސްތަކުން އަމިއްލައަށް ހަދާފައިވާ ވަޟުޢީ ޤާނޫނުގައިވެސް ކުށެކެވެ.
އިސްވެދިޔަ ވާހަކައިން އެނގި ފާޅުވެ ބަޔާންވަނީ ޚިޔާލުވާޅުކުރުމުގެ ނަމުގައި ޝަރުޢީ އިންތައް ފަހަނައަޅާ ދިޔުމަކީ އޭގެ ސަބަބުން ޤައުމުގެ ތެރޭގައި ލާދީނީ ފިކުރުތައް ޢާންމުވެ މީސްތަކުން ހަމައެއްލަމައެއްނެތި، ތަފާތު ފިކުރުތަކާއި މަޛުހަބުތަކަށް ބައިބައިވެގެން ހިގައިދާނެކަމެއްކަމެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ލާދީނީ ޚިޔާލުތައް ފެތުރުމަކީ މުސްލިމަކަށްވެސް އަދި ޣައިރު މުސްލިމަކަށް ވިޔަސް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ދަންނާށެވެ! އިސްލާމީ ޤައުމުތަކުގައި ހިނގާނީ އިސްލާމީ އުޞޫލުތަކެވެ. މުސްލިމުންގެ ވެރިމީހާގެ ބޮލުގައި އެޅިފައިވާ އެންމެބޮޑު ޒިންމާއަކީ އިސްލާމީ މުޖުތަމަޢުގެ އަފުރާދުންގެ މައްޗަށް އެބައިމީހުންގެ ވެރިރަސްކަލާނގެ ޝަރީޢަތް ތަންފީޛުކޮށް ، އެމީހުންގެ ދީން ޙިމާޔަތް ކުރުމެވެ. މިގޮތުން މުސްލިމު މުޖުތަމަޢު ހަލާކުގެ ތެރެއަށް ގެންގޮސްފާނެ އެއްވެސް ކަމަކަށް އެނޭ ޖާގަދީގެން ނުވާނެއެވެ. މިގޮތުން މުސްލިމުންގެތެރޭގައި ދީނީ ޢަޤީދާ ހަރުދަނާކޮށް އެދީނުން މީހަކު ބޭރުވާތަން ފެނިއްޖެނަމަ އެފަދަ މީހަކަށް އޭނާއަށް އަރާފައިވާ އޮޅުންތައް ފިޅުވައިދީ އިސްލާމް ދީނަށް ރުޖޫޢަވުމަށް ނަޞޭޙަތް ދޭންވާނެއެވެ. އޭނާ ނަޞޭޙަތް ޤަބޫލު ނުކުރިނަމަ މުޖުތަމަޢުގެ އެހެން އަފުރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އޭނާގެ މައްޗަށް ޝަރުޢީގޮތުން އައިސްފައިވާ ޙުކުމް ކަމުގައިވާ ޤަތުލުކުރުމުގެ ޙުކުމް ތަންފީޛު ކުރުމަކީ އިސްލާމީ ވެރިޔާގެ ވާޖިބެކެވެ.
ވަރަށްބޮޑު އޮޅުމެއް:

ދިވެހިރާއްޖޭގައިވެސް އެހެން ދީންތަކަށް ޖާގާދޭންޖެހޭނެކަމަށް ބުނާ މީހުން ނަމޫނާއަކަށް ނަގަނީ ދުނިޔޭގައި ޣައިރު މުސްލިމުން އުޅޭ ބައެއް އިސްލާމް ޤައުމުތަކެވެ. މިސާލަކަށް މެލޭޝިޔާ، މިޞްރު ފަދަ ބައެއް ޤައުމުތަކެވެ. އެމީހުން ބުނަނީ އެއީ ވެސް އިސްލާމީ ޤައުމުތަކެވެ. އެތަންތާވެސް ދީނީ މިނިވަންކަން އެބައޮތެވެ. ވީމާ ދިވެހި ރާއްޖޭގައިވެސް އެމިނިވަންކަން އޮންނަން ޖެހޭނެއެވެ. އެތަންތަނުގައި އެހެން ދީންތަކުގެ މީހުންއަޅުކަންކުރާ ފައްޅިތައްވެސް އެބަހުއްޓެވެ. ވީމާ މިރާއްޖޭގައިވެސް އެފަދަ ތަންތަން ހުރުމުގައި މައްސަލައަކީ ކޮބައިހެއްޔެވެ؟ ސަހަރޯއެވެ! އެޤައުތަކާއި މިޤައުމާއި ހާސްބައި ތަފާތެވެ. އެ ޤައުމުތަކުގެ އަހުލުވެރިން އިސްލާމްދީނަށް އެނބުރިގެން އައި އިރު އެޤައުމުގެ ހުރިހާމީހުން އިސްލާމެއް ނުވެއެވެ. ވީމާ އެމީހުން އެމީހުންގެ ޢަޤީދާއާއި ފައްޅިތަކައިގެން އިސްލާމް ދީން އެމީހުންނަށް ދީފައިވާ އިޖުތިމާޢީ ހިމާޔަތާއި ރައްކާތެރިކަމުގައި އެ އުޅެނީއެވެ. ނަމަވެސް މިދިވެހި ރާއްޖެ އިސްލާމްވީ އެއްކޮށެވެ. އެމީހުންގެ ޢަޤީދާ ބަދަލުކުރީ އެމީހުން ހިތުން ރުހިގެންނެވެ. އެމީހުން އަތުން އެޅި ފައްޅިތައް ތަޅައި ހަލާކުކުރީވެސް ހަމައެމީހުންނެވެ. ދެން، މިތަނުގައި ތިބީ ހައްތަހާވެސް މުސްލިމުންނެވެ. މި ޤައުމުގެ އެންމެ މުހިންމު އަސާސަކީ އިސްލާމް ދީންކަމުގައި ނިންމީވެސް މިޤައުމުގެ ރައްޔިތުންނެވެ. ދެން މިޤައުމުން މީހަކު އެހެން ދީނަކަށް ދާނީ އިސްލާމް ދީން ދޫކޮށްފައެވެ. މުރުތައްދުވެގެންނެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ. - { من بدل دينه فاقتلوه } މާނައީ : އޭނާގެ ދީން ބަދަލުކޮށްފި މީހާ ( އެބާހީ : އިސްލާމް ދީނުން ބޭރުވެ ހިނގައްޖެ މީހާ ) ފަހެތިޔަބައިމީހުން އޭނާ ޤަތުލުކުރާށެވެ"
ދަރީންނޭވެ! އިސްލާމްދީން އެދެނީ މީސްތަކުން ސުވަރުގެއަށް ވައްދާށެވެ! އިސްލާމް ދީން ޤަބޫލުކުރާ ގޮތުގައި މީހަކު މުރުތައްދު ވުމަކީ އޭނާ ތާ އަބަދު ނަރަކައިގައި އޮނާނެކަމެކެވެ. ވީމާ އޭނާއަށް ނަޞޭޙަތްދެވެއެވެ. އެއީ އިސްލާމް ދީނުގައި މަރުވެއްޖެނަމަ އޭނާ ކޮންމެވެސް ދުވަހަކުން ސުވަރުގެ ވައްދަވާފާއިހުއްޓެވެ. ނަމަވެސް އޭނާ ދީންދޫކޮށްފައި ދިޔުމުގެ ސަބަބުން މުޅިޤައުމުގެ އެހެން ފަރުދުން އޭނާގެ ފަހަތުން ނަރަކައަށް ގޮސް ނުވަތަ އޭނާގެ އަނބި ދަރީން ގޮވައިގެން އޭނާ ނަރަކައަށް ދާކަށް އިސްލާމް ދީން ފުރުޞަތެއް ނުދެއެވެ. އެކަމަށްޓަކައި މުޅިމުޖުތައަމަޢުގެސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ޤަތުލުކޮށްލެވެނީއެވެ. އެއީ މުޖުތަމަޢުގައި އެ ދޮރު ބަންދު ކުރެއްވުމަށްޓަކައެވެ. އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވިއެވެ. މުރުތައްދުވެއްޖެ މީހާގެ އަދަބަކީ މެރުންކަމާއިމެދު އިސްލާމީ އުންމަތުގެ އެންމެހާ ޢިލްމުވެރިން އިޖްމާޢުވެއެވެ. މިޙުމް އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި،ޢުޘްމާންގެފާނާއި، ޢަލީގެފާނާއި، رضي الله عنهم އަދި މީނޫންވެސް އެތައް ޞަހާބީއެއްގެ ކިބައިން ވާރިދުވެގެން ވެއެވެ. المغني والشرح الكبير 10/74، دار الكتاب العربي. والله أعلم

ގުޅުންހުރި

2 ޚިޔާލު

  1. މުރުތައްދުވެފައިވާ މީހުން މިމުޖުތަމައުންވެސްފެނޭ، އެމީހުންނާމެދު މިގޮތަށް އަމަލު ނުކުރަނީކީތްވެބާ؟

  2. އަމަލު ކުރަންތިބީ ހެޔޮނުބައި ވަކިނުވާވަރުގެ ޖާހިލުން. އެހެންވީމާ ނުވެގެން އުޅެނީ.

Your email address will not be published. Required fields are marked *

More in ދީން