ދީނީ ލިޔުންދީން

އަލަށް އުފަންވާ ދަރިންނަށް

ލިޔުނީ: މަރިޔަމް ޝަބާނާ

އިންސާނާއަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތައް ވަރަށް ގިނަގުނައެވެ. މިނިޢުމަތްތަކުގެ ތެރެއިން އެންމެބޮޑު އެއްނިޢުމަތަކީ ދަރިންނެވެ. މިނިޢުމަތް ދެއްވިހިނދު އެކުދިންނަށްޓަކައި މުހިންމު ޙައްޤުތަކެއް އެކުދިންގެ މައިންބަފައިންގެ ބޮލުގައި އެޅުއްވިއެވެ. މިގޮތުން ދަރިފުޅު ދުނިޔެއަށް އުފަންވާ އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް އެކުދިންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް ވަނީ ބަޔާންކޮށް ދެއްވާފައެވެ.

މިގޮތުން ކުއްޖާ އުފަންވުމުން ތަޙްނީކު ކުރުމަކީ ރަސޫލުصلى الله عليه و سلمގެ ސުންނަތުން ޘާބިތުވާކަމެކެވެ. ތަޙްނީކު ކުރުމަކީ ކަދުރު މަޑު ކުރުމަށްފަހު ކުޑަދަރިފުޅުގެ އަގައިގެ ތެރޭގައި ކާއްތާލުމެވެ. ނުވަތަ މާމުއި ކޮޅެއް އޭނާގެ އަނގައި ގައި ޖެއްސުމެވެ. މިއީ އުފަންވާ ކުދިންނަށް ކުރުން ސުންނަތް ވެގެންވާ ކަމެކެވެ. ޢައިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘްފުޅެއްގެ މާނައިގާވަނީ: "ރަސޫލުصلى الله عليه و سلمގެ އަރިހަށް ކުޑަކުދީން ގެންނެވެއެވެ. އެކަލޭގެފާނު އެކުދީންނަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވައި އެކުދީންނަށް ތަޙްނީކު ކުރައްވައެވެ. ރަސޫލާ صلى الله عليه و سلم ގެ ޒަމާނުގައި ތަޙަނީކު ކުރައްވަނީ އެކަލޭގެފާނެވެ. ނަމަވެސް މިޒަމާނުގައި އެކަންކުރުން އެންމެ ރަނގަޅީ ދަރިފުޅުގެ ބައްޕައެވެ. ތަޙްނީކު ކުރުމަށްޓަކައި ކުޑަދަރިފުޅުގެ އަނގައިގައި ކުޑަ މާމުއި ފޮދެއް ޖެއްސެވުމުން ފުދޭނެއެވެ. ނުވަތަ ކަދުރު ކުޅެއް އަތުން ޗަސް ކޮށްލެއްވުމަށްފަހު ޖެއްސުމުން ރަނގަޅުވާނެއެވެ.
ހަމައެހެންމެ ދަރިފުޅަށް ހަތް ދުވަސްވާ ދުވަހު ނަންކިޔާ ބޯ ބާލައި، އެއިސްތަށީގެ ބަރުދަނަށް ޞަދަޤާތް ކުރުމަކީ ސުންނަތެކެވެ. އަދި ޞަދަޤާތްކުރާނީ ރިއްސައް އަގުކޮށް އޭގެ ބަރުދަނަށްވާ ފައިސާއިންނެވެ. ރަސޫލު صلى الله عليه و سلم ޙަދީޘްކުރައްވަނީ: "كُلُ غُلامِ رَهِينَةِ بِعَقِيقَة تُذْبح عَنه يَوم سَابِعَةِ ويُسَمَّى فِيهِ وَيُحْلَق رَأسَه" (أبى داود) މާނައީ: " އުފަންވާ ކޮންމެ ކުއްޖަކުވެސްވަނީ  އޭނާއަށްޓަކައި ކަތިލެވޭ ޢަޤީޤާގެ ރަހީނެއްގެ ގޮތުގައެވެ. ހަތްވަނަ ދުވަހު އެކަތިލާހުއްޓެވެ. އަދި އެދުވަހު ނަންކިޔާ ބޯ ބާލާ ހުށިކަމެވެ."

ހަމައެހެންމެ ދަރިފުޅު ދުނިޔެއަށް އުފަންވުމުން ޢަޤީޤާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަޤީޤާއަކީ ދަރިފުޅު ދުނިޔެއަށް އުފަންވާތާ ހަތްވަނައަށްވާ ދުވަހު ކަތިލާ ބަކަރިއަށް ކިޔޭ ނަމެކެވެ. ޢަޤީޤާ ކަތިލުމުގެ ޙިކްމަތަކީ ދަރިފުޅު ދުނިޔެއަށް އުފަންވާ އެންމެ ފުރަތަމަ ހިނދުކޮޅުންފެށިގެން ﷲއަށް ކުށްތަންވެ އެކަލާނގެ ރުއްސެވުން ހޯދުމެވެ. އަދި އެކަތިލެވޭ އަޤީޤާގެ ސަބަބުން ޤިޔާމަތްދުވަހުން ދަރިން މައިންބަފައިންނަށްޓަކައި ޝަފާޢަތްތެރިވުމެވެ. މީގެ އިތުރުން އެމީހަކަށް ﷲ ދެއްވި ނިޢުމަތުގައި ގާތްތިމާގެ މީހުންނާއި އަވަށްޓެރިން އަދި ފަޤީރުން ބައިވެރިކޮށް އެންމެންގެ ގުޅުން ބަދަހިވެގެން ދިއުމަށް އެޅިގެންދާ މަގަކަށް ވެއެވެ.

އަޤީޤާ ކަތިލުންވަނީ ބަކަރިންނެވެ. އެނޫން އެއްޗަކުން އަޤީޤާ ކަތިލުމަކުން ސުންނަތް ޙާޞިލެއްނުވާނެވެ. ނަމަވެސް ކުކުޅުފަދަ ތަކެތި ކަތިލުމުން ޞަދަޤާތަކަށް ލިބޭ ޘަވާބު ލިބޭނެއެވެ. ހަމައެހެންމެ ދެދަރިންނަށް އެއް އަޤީޤާ ކަތިނުލެވޭނެއެވެ. ކަތިލެވޭނީ ކޮންމެ ނަފްސަކަށް އަޤީޤާއެކެވެ. ސުންނަތްގޮތަކީ، އަންހެންކުއްޖަކަށް އެއްބަކަރި އަދި ފިރިހެންކުއްޖަކަށް ދެބަކަރިއެވެ. ނަމަވެސް ތަނަވަސްކަން ލިބިގެންނުވާ މީހާ އެއްބަކަރިކަތިލުމުން ފުދޭނެއެވެ. ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. "عَنِ الْغُلاَمِ شَاتَانِ مُكاَفِئَتاَنِ وَعَنِ الْجَارِيَةِ شَاةٍ" ( ابن ماجه) މާނައަކީ :"ފިރިހެން ކުއްޖެއްގެ އަޤީޤާގެ ގޮތުގައި ރަނގަޅު ދެބަކަރިކަތިލުމެވެ. އަދި އަންހެން ކުއްޖެއްގެ އަޤީޤާއަކީ އެއްބަކަރިކަތިލުމެވެ." އަދި ކަތިލެވޭ އަޤީޤާގެ މަސް ކައްކައިގެން ވިޔަސް އަދި ނުކައްކާ ވިޔަސް ޞަދަޤާތުގެ ގޮތުގައި އަވައްޓެރިންނާއި، ޢާއިލާމީހުންނާއި، ފަޤީރުންނަށް ބެހުން ސުންނަތްވެގެންވެއެވެ. އިބްނު ހަޒްމު ވިދާޅުވެފައިވަނީ "އަޤީޤާ ކަތިލެވޭ ހިނދު އޭގެ މަސްކާށެވެ، އަދި ބަކަރީގެމަސް ހަދިޔާކޮށް ޞަދަޤާތްކުރާށެވެ." އަޤީޤާ ކަތިލުމަށްފަހު ދެވަނަފަހަރަށް ދަރިފުޅުގެ ނަން ބަދަލުކުރުމަކުން އަޤީޤާކަތިލާކަން ނުޖެހޭނެއެވެ.

ކުދިންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއްޙައްޤަކީ، އެކުދިންނަށް އިސްލާމީ ރިވެތި ނަމަކުން ނަން ކިޔުމެވެ. ނަން ކިޔުމަކީ އެކުއްޖާ ދުނިޔެއަށް އުފަންވާތާ ހަތްވަނައަށްވާ ދުވަހު މައިންބަފައިން އެކުއްޖާއަށް އަދާކޮށްދޭންޖެހޭ ހަޢްޤުތަކުގެ ތެރެއިން ވާކަމެކެވެ. ކީތިރި ރަސޫލާ صلى الله عليه و سلمއަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، ކުދިންނަށް ކިޔާ ނަމަކީ ރިވެތި މާނައެއް އެކުލެވިގެންވާ އަދި އެކުއްޖާއަށް އޭގެ ސަބަބުން ހެޔޮ އަސަރެއްކުރާ ކަހަލަ ނަމަކަށް ހެދުމަށެވެ. ކުދިންނަށް ނަންކިޔަންވީ ގޮތާބެހޭ ގޮތުން ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޠް ކުރައްވާފައިވެއެވެ.: " تُسَمُّوا بِأَسْمَاءِ الأَنْبِيَاءِ، وَأَحَبُّ الأَسْمَاء إِلَى اللّه : عَبْداللّه ، وَعَبْدُ الرَّحْمنِ ، وَأَصْدَقُهَا: حَارِثْ  وَهَمَّامْ ، وَأَقْبَحُهَا: حَرْبُ وَمُرَّةُ " ( أبى داود) މާނައީ: "ތިޔަބައިމީހުން ނަންކިޔާއިރު ނަބީބޭކަލުންގެ ނަންތަކުން ނަން ކިޔާށެވެ. އަދި ނަންތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ޢަބްދުﷲ އާއި ޢަބްދުއްރަހްމާން ފަދަ ނަންނަމެވެ. އަދި އެންމެ ތެދުވެރިކަން ބޮޑީ ޙާރިޠް އާއި ހައްމާމެވެ. އަދި އެންމެ ހުތުރުކަންބޮޑީ ޙަރްބު އާއި މުއްރަތު ފަދަ ނަންނަމެވެ."

މުސްލިމު ކުދިންނަށް ނަންކިޔުމުގައި އެންމެ ހެޔޮ ގޮތަކީ ތިންނަމުން ނަން ކިޔުމެވެ. އެއީ އެކުއްޖާގެ ނަމާއި ބައްޕަގެނަމާއި ކާފަގެނަމެވެ. ކުދިންނަށް ނަންކިޔުމުގައި ކުއްޖާގެ ނަމުގެ ފަހަތަށް ކުއްޖާގެ ބައްޕަގެ ނަން އޮތުމަކީ އިސްލާމްދީންގައި އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާصلى الله عليه و سلم   ޙަދީޘްކުރައްވާފައިވެއެވެ:"إِنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَبِأَسْمَاءِ آبَائِكُمْ فَأَحْسِنوْا أَسْمَاءَكُمْ" )رواه أبو داود بإسناد حسن( މާނައަކީ:" ހަމަކަށަވަރުން ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ގޮވައިލެވޭނީ ތިޔަބައިމީހުންގެ ނަންތަކުންނާއި ތިޔަބައިމީހުންގެ ބަފައިންގެ ނަންތަކުންނެވެ. ފަހެ ތިޔަބައިމީހުންގެ ނަންތައް ރިވެތިކުރާށެވެ."

ބައްޕަގެ ނަން ފަހަތަށްލުމަށް ކީރިތި ރަސޫލާ  صلى الله عليه و سلم އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ ވަރަށް  މުހިއްމު ކަމެއްގެ ގޮތުގައެވެ. އެއީ ޢާއިލީ ނަސަބު ރައްކާތެރި ކުރުމަށްޓަކައެވެ. ޢާއިލީ ނަސަބު އައިސްފައިވާގޮތް އެނގެން އޮތުމަށްޓަކައެވެ. އަދި ނަޞްލު އޮޅިގެން ނުދިއުމަށްޓަކައެވެ. ކީރިތި ޤުރްއާންގައި މާތްﷲ ވަޙީ ކުރައްވައެވެ.: " أُدْعُوْهُمْ لآبَائِهِمْ هُوَ أَقْسَطُ عِنْدَ اللّه" (سورة الأحزاب5) މާނައީ: "އެދަރިން އެބައިމީހުންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެހެނީ އެގޮތް ﷲގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑެވެ." މި ދަލީލުތަކުން އެނގެނީ ދަރިންނަށް ނަންކިޔުމުގައި އެކުދިންގެ ބައްޕަގެ ނަން ފަހަތަށް ލުމަށް އިސްލާމްދީންގައި ދެއްވާފައިވާ އަހައްމިއްޔަތެވެ. އަދި މިކަމުގެ މުހިއްމުކަމާއި ބޭނުތެރިކަމެވެ. ޢާއިލީ ނަސަބު ދެމެހެއްޓުމުގެ މުހިއްމުކަމެވެ.

އަދިހަމަ އެހެންމެ އެނަމަކުން ތިމާގެ އަމިއްލަ ނަފްސައް ބޮޑާކަން ގެނެސްދޭފަދަ ނަންތައް ނުކިޔުމައްވެސް ކީރިތި ރަސޫލާ z އިރުޝާދު ދެއްވާފައިވެއެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.: " أَغِيْظُ رِجُلٍ عِنْدَ اللّه يِوْمَ الْقِيَامَةِ وَأَخْبَثُهُ رَجُلٍ كَانَ يُسَمَّى : مِلَكْ الْأَمْلاكْ ، لاَ مِلَكِ إِلاَّ اللّهُ " (صحيحي مسلم)  މާނައީ:" ޤިޔާމަތް ދުވަހުން ﷲގެ ޙަޟްރަތުގައި އެންމެ ރުހިވޮޑިގެން ނުވާނޭ މީހަކީ، އަދި އެމީހުންކުރެ އެންމެ ނުބައިވެގެންވާ މީހަކީ، އެމީހަކަށް "ރަސްކަލުންގެ ރަސްގެފާނޭ" ނަންކިޔޭ މީހާއެވެ. ﷲ މެނުވީ ރަސްކަލަކު ނުވެއެވެ.

الله سبحانه وتعالى ވަޙީ ކުރައްވަނީ: "فَلاَ تُزَكُّواْ أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى" (سورة النجم 32). މާނައީ: " ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތާރީފުކޮށް ފަޚުރުވެރިނުވާށެވެ! ތަޤްވާވެރިވާމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ހަމައެފަދައިން ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވަނީ: "لاَ تُزَكُّوْا أَنْفُسِكُمْ، اللّه أَعْلَمْ بِأِهَلِ الْبِرّ مِنْكُمْ" ( بخاري و مسلم) މާނައީ: ތިޔަބައިމީހުންގެ ނަފްސުތައް ތިޔަބައިމީހުން މަތިވެރި ނުކުރާށެވެ. ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހާ ﷲ ބޮޑަށް ދެނެވޮޑިގެންވެއެވެ. މިގޮތުން ތިމާއަކީ ބޮޑުމީހެއްކަން އަންގައިދޭ ނަންތައް ކިޔުން ހުއްދަވެގެން ނުވެއެވެ. ހަމައެހެންމެ، އެނަމެއް އަޑު އިވުމުން ތިމާއާއި އެހެން މީހުންނަށް އެނަމަކުން ހިތްހަމަޖެހުން ނުލިބޭކަހަލަ ނަން ކިޔުން ހުއްދަވެގެނެއް ނުވެއެވެ. މިސާލަކަށް: ޙަރްބު (ހަނގުރާމް)؛ ކަލްބު (ކުއްތާ) މިކަހަލަ ނަންނަމެވެ. ހަމައެހެންމެ، ފިރުޢައުނުންނަށް ކިޔާއުޅޭ ނަންނަމާއި ޖިންނި ޝައިތާނުންނަށް ކިޔާއުޅޭ ނަންތައް ކިޔުން ހުއްދަވެގެނެއް ނުވެއެވެ.

މާތްﷲގެ އިސްމުފުޅުން ނަންކިޔުން ހުއްދަވެގެން ވެއެވެ. ނަމަވެސް ނަމުގެ ކުރިޔައް "عبد" ލާން ޖެހޭނެއެވެ. އެނޫން އެހެން ނަންނަމުގެ ކުރިޔަށް "عبد" ލުން ހުއްދަވެގެނެއް ނުވެއެވެ. އެހެނީ، "عبد" އަކީ ހަމައެކަނި ﷲގެ އިސްމުފުޅައް ޚާއްސަވެގެންވާ ނަމަކައްވާތީއެވެ. އަދި އަޅުގަނޑުމެންނަކީ މާތްﷲގެ އަޅުންނަށްވާތީއެވެ.

އަޅުގަނޑުމެންނަކީ އިސްލާމުންނަށްވީތީ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަންވާނީ އިސްލާމީ ރިވެތި ނަމެވެ. ކޮންމެ ބަހަކުން ކުއްޖާއަށް ނަންކީ ނަމަވެސް، އެ ނަމެއް ވާންވާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައިވާ މުސްލިމް ކުދިންނަށް ކިޔާ ބާވަތުގެ ނަމަކަށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، މާނަ ރަނގަޅު އިސްލާމީ ރިވެތި ނަމަކުން ކުދިންނަށް ނަންކިޔުމަށެވެ. ކުދިންނަށް ނަން ކިޔަންވީ ރިވެތިގޮތް އަލުގަނޑުމެންނަށް ކީރިތި ރަސޫލާ صلى الله عليه و سلم ވަނީ އަންގަވައިދެއްވާފައެވެ. އެހެންކަމުން، އަޅުގަނޑުމެން ކުދިންނަށް ނަންކިޔުމުގައި ރަސޫލާ صلى الله عليه و سلم ދެއްވާފައިވާ އިރުޝާދުގައި ހިފައިގެން އެގޮތަށް ނަންކިޔުމަށް  ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

ވީމާ މިކަންކަމަކީ ހަމައެކަނި ސުންނަތް ކަންތައްތަކޭ ބުނެ އަޅައި ނުލައި ހުރުން ހެޔޮވެގެން ނުވެއެވެ. އެހެނީ  ކުއްޖާ އުފަންވުމުން ﷲއަށްޓަކައި ކުރެވޭ ޤުރުބާނާއި، ކުރެވޭ ޞަދަޤާތާއި، އަދި ހަމައެހެންމެ ހެޔޮ މާނަ ރަނގަޅު ނަމެއް ކިޔުމަކީ އެކަމުގެ ސަބަބުން ދަރިފުޅުގެ ފުރަތަމަ ފެށުން ނުވަތަ ދުނިޔެއަށް އައުން ހެޔޮގޮތުގައި ލައްވައި މައިންބަފައިންނަށް އެކަމުގެ ސަބަބުން ބަރަކާތް ލައްވާ ޘަވާބު ލިބޭނެކަމަކަށްވާތީއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ޒީހާން މިނަމު ގެ މާނަ

Your email address will not be published. Required fields are marked *