ދީނީ ލިޔުންދީން

އޭ އުޚުތުންނޭވެ! ތިޔަކަނބަލުންގެ ޢިއްޒަތާއި ކަރާމާތް ދުނިޔަވީ މުދަލަކަށް ވިއްކާ ނުލާށެވެ!

 

މިހާރަކަށް އައިސް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެކަނބަލުންނަށް މިނިވަންކަން ދިނުމަކީ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް ވަރަށް އަހަންމިއްޔަތުކަންދޭ ކަމެކެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަންހެނުންގެ ފައިދާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން އިތުރުވަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި މީގައި އެންމެ ހިތާމަކުރަންޖެހޭކަމަކީ  އަންހެނުންގެ ޝަރަފާއި ޢިއްޒަތް ގެއްލިދާފަދަ ދަށުފެންވަރުގެ ކަންތަކަކީ އެކަނބަލުންގެ ޙައްޤުތައްކަމުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރާ ޖަމާޢަތްތަކުން ދެކޭކަމެވެ.

އަހުރެމެންގެ މިދިވެހި މުޖުތަމަޢުގައިވެސް އަންހެނުންނަށް ތަފާތު އަނިޔާތައްދަނީ ކުރެވެމުންނެވެ. މިގޮތުން ކުރެވޭ އަނީޔާ ތަކުގެ ތެރޭގައި އަންހެނުންގެ ހަށިވިއްކުން ފާހަގަ ކުރެވެއެވެ. މިތަނުގައި އަޅުގަނޑު ހަށިވިއްކުން މި މާނަ ކުރަނީ ތިޔަބޭފުޅުން ތިޔަހީކުރައްވާ ވަރަށްވުރެ މާ ފުޅާ މާނައެއްގައެވެ. ހަށިވިއްކުމޭ ބުނުމުން ހުރިހާ މީހުންގެ ސިކުނޑިތައްވެސް ގޮސް ހުއްޓެނީ އެއް ދިމާލަކަށެވެ. މަސާޖު ކުރާތަންތަން ނުވަތަ ހަށީގެ ވިޔަފާރިއަށެވެ. މިކަންކަމަކީ ހުރިހާ މީހުންވެސް ނަފުރަތު ކުރާކަންތަކެވެ. ދިވެހި ރާއްޖޭގައި މަސާޖުކުރާ ތަންތަނުގައި މިފަދަ ކަންތައް ހިނގަމުންދާތީ އެކަމާ މުޅި ދިވެހި ރާއްޖެވަނީ އިދިކޮޅު ހަދާ ކަންބޮޑުވެފައެވެ.

ނަމަވެސް ހިތާމަ ކުރަންޖެހެނީ އެކަމާ ދެކޮޅުހެދި ބައެއް މީހުންވެސް އަންހެނުންގެ ހަށިގަނޑު ވިޔަފާރީގައި ބޭނުން ކުރަމުންދާކަމެވެ. އަޅުގަނޑު މިދަންނަވަނީ ވިޔަފާރިވެރިންގެ މުދާ އިޝްތިހާރުކުރުމުގައި  އަންހެނުންގެ ހަށިގަނޑު ބޭނުން ކޮށްގެން އެމީހުންގެ މުދާ ވިއްކުމަކީ ހަށިވިއްކުން ކަމުގައި ނުވާނެ ބާވައެވެ؟ މިކަމަކީ މިއަދު މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެކެވެ. އަހަރުމެންގެ މައިންނާއި އަނބިން އަދި ދައްތައިންކަމުގައިވާ އަންހެނުންނާ ދެކޮޅަށް އިޢުލާނު ކުރެވިފައިވާ އަނިޔާވެރި ހަނގުރާމައެކެވެ. މިހަނގުރާމައިގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ މުސްލިމު އުޚުތުންގެ ތަޞްވީރުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނާނެއެވެ. މާލޭގެ ކޮންމެ ހަތަރު އަނގޮޅިއެއްގައި މިނިކަމެތި އަންހެނުންގެ ހަށިގަނޑު ދުނިޔަވީ ފައިދާއަށްޓަކައި ވިކިފައިވާތަން ފެންނާނެއެވެ. އެންމެ ހިތާމަ ކުރަން ޖެހޭކަމަކީ އަޅުގަނޑުމެންގެ ޓީވީތަކުން މިކަމުގައި ވަރަށް  ކުރިޔަށް ގޮސްފައިވާ ކަމެވެ. މިގޮތުން އިޝްތިހާރުގައި ބޭނުންކުރެވެނީ ވަކި ވައްތަރެއްގެ މުދަލެއް ނޫނެވެ. ސިމެންތި، ޔަންމާ އިންޖީނު، ވަޑާންކުރުމަށް ބޭނުންވާ ކަރަންޓު ސާމާނު، ލަކުޑި ، ފެން  ޕަމްޕު ، މޮހޮރު މަރުތެއޮ، މިހެން ގޮސް ޢިމާރާތް ކުރުމުގެ ސާމާނަށް ދާންދެން ވިއްކަމުން ދަނީ އަންހެނުންގެ ހަށިގަނޑު އެވިޔަފާރީގައި ބޭނުން ކޮށްގެންނެވެ.

އެންމެހާ މުސްލިމު އުޚްތުންނޭވެ! ތިޔަކަނބަލުންނަކީ އެހާ ދަށްފެންވަރުގެ ބައެއްނޫނެވެ. އިސްލާމް ދީނުގައި ތިޔަކަނބަލުންނަށް ދީފައިވާ ޢިއްޒަތަކީ ވަރަށް މަތިވެރި ޢިއްޒަތެކެވެ. ހުރިހާ ޙާލެއްގައިވެސް އަންހެނުން ވަނީ ޙިމާޔަތް ކުރެވިފައެވެ. ހަނގުރާމައިގެ ޙާލުގައިވެސް އަންހެނުން މެރުން ސަލާމާއިޞަލަވާތްލެއްވި ކީރިތި ރަސޫލާވަނީ ނަހީކުރައްވާފައެވެ. ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރުމަށްޓައި އަންހެނުން އެކަނި ދަތުރުކުރުންވަނީ ނަހީ ކުރެވިފައެވެ. އަދި ކިއެއްތަ ކައިވެނީގެ ޢަޤުދަކާއި ނުލާ ހިލޭ އަންހެނެއްގައި ބީހުންވެސް ވަނީ ނަހީކުރައްވާފައެވެ. އަދި އެންމެ ހެޔޮ މީހަކީ އަނބީންނަށް އެންމެ ހެޔޮ މީހާކަމުގައިވަނީ އަންގަވާފައެވެ. އަންހެނާ އަބަދުމެ ހުންނަނީ  މީހެއްގެ ޙިމާޔަތުގެ ދަށުގައެވެ. ހިލޭ ފިރިހެނުންގެ އަނިޔާވެރި ވަކިތަކުން ކޫރުމެއްވެސް އެޅުނަ ނުދިނުމަށްޓަކައި ފިރިހެނުންނާއި އެކަހެރި ނުވުމަށާއި، އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، މީރުވަސްދުވާ އަތަރާއި ސެންޓް ޖަހައިގެން ހިލޭ ފިރިހެނުންގެގާތަށް ނުނިކުތުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ތުއި އަޑުން ހިލޭ ފިރހެނުންނާ ވާހަކަދެއްކުންވަނީ މަނާކުރެވިފައެވެ. ޒީނަތްތެރިކަން ފާޅުކުރުމުގެ ގޮތުން އަންހެނުންގެ ފައިގައި އޮންނަ ތަކަހޮޅީގެ އަޑު އިވޭވަރަށް ބިމުގައި ބާރަށް ފައިން ޖެހުން ވަނީ ނަހީކުރައްވާފައެވެ. މިހެންގޮސް ލިޔާނަމަ ވަރަށް ގިނަ ވާހަކަލިޔެވިދާނެއެވެ. މިހުރިހާކަމެއްވެސް އަންގަވާފައިވަނީ އަންހެނާގެ ޙިމާޔަތަށް ޓަކައެވެ. ފިރިހެނުންގެ ފަރާތުން ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރެއްވުމަށްޓަކައެވެ.

ވިޔަފާރީގައި އަންހެނުންގެ ހަށި ބޭނުންކުރުމަކީ މިއަދު އަޅުގަނޑުމެން މުޅިގައުމު ސަމާލުކަމަށް ގެންނަން ޖެހޭކަމެކެވެ. އަދި ޙައްލުކުރަން ޖެހޭ މުހިންމު މައްސަލައެކެވެ.

ވިޔަފާރިވެރީންނޭވެ! ތިޔަބައިމީހުންގެ މުސްލިމު އުޚްތުންނާމެދު މާތް ﷲއަށް ތަޤުވާވެރިވާށެވެ! އެކަނބަލުންގެ ޢިއްޒަތް ދުނިޔަވީ ފައިދާއަކަށް ނަގައި ނުލާށެވެ!  މިހަނގުރާމައިގައި އަނިޔާލިބިފައިވާ އަހުރެމެންގެ އުޚުތުންނޭވެ! ތިޔަކަނބަލުންގެ ޢިތްޒަތާއި ކަރާމާތް ދުނިޔަވީ މުދަލަކަށް ވިއްކާ ނުލާށެވެ! ތިޔަކަނބަލުންނަކީ ދުނިޔަވީ މުދަލަކަށް ގަނެވޭ ވަރަށްވުރެ މާ އަގުބޮޑު ބައެކެވެ.

މާތް ﷲ އަޅަމެންގެ މުސްލިމު އުޚްތުން މިއަނިޔާވެރިކަމުން ސަލާމަތް ކުރައްވާށި! އާމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *