މާތްވެގެންވާ ޤުދުސްއަށް ގިނަގިނައިން ޒިޔާރަތްކޮށް އެތާންގެ އިސްލާމީ ޝަޚްޞިއްޔަތާ އިސްލާމީ ވަންތަކަށް ދިރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ގޮވާލައްވާފައިވަނީ މިޞްރުގެ އައުޤާފާބެހޭ ވަޒީރު މަޙްމޫދު ޙާމިދު ޒަޤްޒޫޤުއެވެ.
ޢަރަބި ނޫހެއްކަމުގައިވާ އައްޝަރްޤު އަލްއައުޞަޠާއި ޙަވާލާދީ ޖެރޫސަލަމް ޕޯސްޓުގައި ޝާއިޢު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އިސްތިޢުމާރީ އިސްރާއީލީ ބާރުން ޤުދުސްގައި އާބާދުކުރަމުންގެންދާ އަބާދީތަކާ ކުރަމުންގެންދާ ޢިމާރަތްތަކުގެ ތެރޭގައިވެ އިސްލާމީ ސަރަޙައްދުތަކާ އަސާރުތައް ގެއްލިދާނެކަމަށްޓަކައި ވީހާވެސް ގިނައިން މުސްލިމުން މާތްވެގެންވާ ޤުދުސްއަށް ޒިޔާރަތްކުރުމަށް އައުޤާފު ވަޒީރު ގޮވާލެއްވިކަމަށެވެ.
ޒަޤްޒޫޤު ވިދާޅުވެފައިވަނީ މި ފަދައިން ޢާންމުކޮށް މުސްލިމުން ޒިޔާރަތްކުރާ ތަނަކަށް ޤުދުސް ހެދިއްޖެނަމަ އިސްލާމްދީނާމެދު އިސްރާއީލުގެ ދެފުށްދެގޮތް ސިޔާސަތު އިހުނަށްވުރެ ބޮޑަށް ދުނިޔެއަށް ހާމަވެގެންދާނެކަމަށެވެ. އަދި ޤުދުސްއަކީ ފަލަސްޠީނުގެ އެކަނި މައްސަލައެއްކަމުގައި ދެކުމުގެ ބަދަލުގައި މުޅި އިސްލާމީ އުންމަތުގެ މައްސަލައެއްކަމުގައި ބެލުމަށްވެސް އޭނާ ގޮވާލައްވާފައިވެއެވެ.
މުސްލިމުންގެ ފުރަތަމަ ޤިބުލަ އަދި ތިންވަނައަށް އެންމެ މާތް މިސްކިތް އަޤްޞާ ޙަރަމްފުޅުވަނީ މާތްވެގެންވާ ޤުދުސްގައެވެ. –އެމް. ބީ. ނިއުސް

















ޚިޔާލު