ދީންސުވާލާއި ޖަވާބު

ކުދިން އެޑޮޕްޓު ކޮށްގެން ގެންގުޅުމަކީ ކޮންކަހަލަ ކަމެއް؟

ސުވާލު:

އިސްލާމީ ޝަރީއަތުގައި ކުދިން އެޑޮޕްޓު ކޮށްގެން ގެންގުޅުމަކީ ކޮންކަހަލަ ކަމެއް؟ އަދި މިކަމުގައި ވަކި ޝަރުތުތަކެއް އޮވޭތޯ ވަރަށް ތަފްޞީލްކޮށް ޖަވާބެއް ދެއްވުމަށް ވަރަށް އިޚްތިރާމާއެކު ދަންނަވާލަން.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

އެޑޮޕްޓު ކުރުން، ނުވަތަ އެހެންމީހެއްގެ ދަރިއެއް ތިމާގެ ދަރިއެއް ކަމުގައި ހެދުން، މީސްތަކުންގެ ތެރޭގައި ދެގޮތަކަށް ބޭނުންކުރެވެއެވެ.

އެއްގޮތަކީ: ކުއްޖާގެ ނަސަބު ބަދަލުނުކޮށް، ކުއްޖާ އަށް އަޅައިލާ އޯގާތެރިކަމާއި އެކު ހެޔޮގޮތުގައި ކުއްޖާ ތަރްބިއްޔަތު ކުރުމެވެ.

ދެވަނަ ގޮތަކީ: ކުއްޖާގެ ނަސަބު ބަދަލުކޮށް، އެކުއްޖާ އަށް އަޅައިލާ އޯގާތެރިކަމާއި އެކު ހެޔޮގޮތުގައި ތަރްބިއްޔަތުކޮށް، އެޑޮޕްޓު ކުރިމީހާގެ  ޢާއިލާގެ މެމްބަރެއްގެ ގޮތުގައި ހެދުމެވެ.

ޝައްކެތްނެތް ގޮތުގައި ދެވަނަ ގޮތަކީ އިސްލާމްދީން ފެށިގެން އައިތާ ކައިރީގައި ހުއްދަ ގޮތެކެވެ. އެގޮތުން ޒައިދު ބިން ޙާރިޘާ ގެ ނަން ޒައިދު ބިން މުޙައްމަދު އަށް ބަދަލުކޮށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވުނެވެ. އަދި ސާލިމް އޭ ކިޔުނު ބޭފުޅަކު ޙުޛައިފާ ބިން އަލްޔަމާނީ އަށް ނިސްބަތް ކުރެވުނެވެ. އެހެންނަމަވެސް، ތަބައްނީ ނުވަތަ އެޑޮޕްޓު ކުރުމުގެ ޙުކުމް ޝަރީޢަތުގައި ބާޠިލް ކުރެއްވުމާއި ހަމައިން، ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ އަޞްލު ބައްޕަ އަށް ނިސްބަތް ކުރެވުނެވެ. އެގޮތުން ޒައިދު ބިން މުހައްމަދު ގެ ނަން ޒައިދު ބިން ޙާރިޘާ އަށް ބަދަލު ކުރެއްވިއެވެ.

އެޑޮޕްޓު ކުރުމުގެ ޙުކުމް ބާޠިލް ކުރެއްވިކަން އަންގަވައި ކީރިތި ގުރްއާނުގެ އަލްއަޙްޒާބް ސޫރަތުގެ 5 ވަނަ އާޔަތު ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ وَكَانَ اللَّهُ غَفُوراً رَحِيماً) މާނައަކީ: އެކުދީންގެ ޙަގީގީ ބަފައިންނަށް ތިޔަބައިމީހުން އެކުދިން ނިސްބަތްކުރާށެވެ. އެގޮތް މާތް ﷲގެ ޙަޟްރަތުގައި މާއިންސާފުވެރިކަން ބޮޑެވެ. ފަހެ، އެކުދިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، އެކުދިންނީ ދީނަށް ނިސްބަތްވާގޮތަށް ތިޔަބައިމީހުންގެ އަޚުންނެވެ. އަދި، ތިޔަބައިމީހުންނަށް ނޭނގި ކުށުން ކުރެވުނުކަމަކަށް އެއްވެސް ފާފައެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަމަކު ފާފައެއް ކަމުގައި ހިމެނޭނީ  ތިޔަބައިމީހުންގެ ހިތްތަކުން އެކަންތަކަށް  ގަޞްދުކުރިކަންކަމެވެ. އަދި މާތް ﷲ އީ ފާފަ ފުއްސަވާ ރަޙީމް ވަންތަ އިލާހެވެ".

ޔަތީމު ފަގީރު އަޅާލާނެ މީހަކު ނެތިފައި ތިބި ކުޑަކުދިން އެމީހެއްގެ އަމިއްލަ ދަރިއެއް ފަދައިން ތަރްބިއްޔަތުކޮށް މުޖްތަމަޢު ގެ ތެރެއަށް ނެރެދިނުމަކީ އިސްލާމް ދީން އެކަމަކަށް ވަރަށް ބޮޑަށް ބާރު އަޅާ ކަންތަކެވެ. ޚާއްޞަގޮތެއްގައި ހަނގުރާމައިގެ ތެރޭގައި ޢާއިލާ ގެއްލިގޮސްފައިވާ ކުދީން، ނުވަތަ ޙާދިޘާ އެއް މެދުވެރިވެގެން ޢާއިލާ ގެއްލިފައިވާ ކުދިން، ނުވަތަ އެނޫންވެސް ގޮތަކުން އަޅާލާނެ މީހަކު ނެތިފައިވާ ތުއްތު ކުދިންނެވެ.  އެހެންނަމަވެސް، ކުއްޖާގެ ނަސަބު ބަދަލުކުރުމެއްނެތި އެވެ. އެހެންކަމުން އެކުއްޖާ ބަލާބޮޑު ކުރި މީހެއްގެ މަޙްރަމަކަށް (ކައިވެނި ޙަރާމްވާ މީހަކަށް) އެކުއްޖާ ނުވާނެއެވެ. އަދި އެމީހެއްގެ މުދަލުން ވެސް އެކުއްޖާ އަކަށް ވާރުތަ އެއް ނުކުރާނެއެވެ. ނަމަވެސް މީގެ މާނައަކީ އެކުއްޖާ ބޮޑުވެގެން އޭނާ ބަލާ ބޮޑު ކުރި މީހުންނަށް ޒިޔާރަތްކޮށް، އިޙްތިރާމްކޮށް، އަޅައިލާ ހެދުން މަނާކުރުމުގެ ވާހަކަ އެއް ނޫނެވެ. އިސްލާމް ދީނުގައި އަންގަވާފައިވަނީ ތިމާއަށް ހެޔޮކަމެއް ކޮށްދީފި މީހަކަށް އިޙްސާންތެރިވުމަށެވެ.

މާތް ﷲ އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الإِحْسَانِ إِلَّا الإِحْسَانُ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ ހެޔޮކޮށް ހިތުން ކަމުގައި ނޫނީ ވާނެހޭ؟". ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ صَنَعَ إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ فَادْعُوا لَهُ حَتَّى تَرَوْا أَنَّكُمْ قَدْ كَافَأْتُمُوهُ) މާނައަކީ: "ތިޔަބައިމީހުންނަށް ހެޔޮކޮށް ކަމެއް ކޮށްދީފި މީހަކަށް އެކަމުގެ އުޖޫރާ ދޭހުށިކަމެވެ. އުޖޫރައިގެ ގޮތުގައި ދޭނެއެއްޗެއް އަތުގައި ނެތްކަމަށް ވަނީ ނަމަ އެމީހަކަށް ހެޔޮކޮށް ހިތިއްޖެ ކަމަށް ތިޔަބައިމީހުންނަށް ގަބޫލުުކުރެވެއްޖައުމަށް ދާންދެން އެމީހަކަށް ޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ".

އެޑޮޕްޓު ކުރުމާއި ޔަތީމުން ބެލެހެއްޓުމާއި ދެމެދުގައިވާ ތަފާތު:

އެޑޮޕްޓު ކުރުމަކީ ޔަތީމު ކުއްޖަކު ނުވަތަ އެނޫންވެސް ކުއްޖަކު ތިމާގެ އަމިއްލަ ދަރިއެއް ކަމުގައި ހެދުމެވެ. އަދި އެކުއްޖެއްގެ ނަސަބު ބަދަލުކޮށް، އޭނާގެ ޢާއިލާގެ މެމްބަރެއްގެ ގޮތުގައި ހެދުމެވެ. އެގޮތުން އެޑޮޕްޓު ކުރި މީހާގެ ޢާއިލާގެ ހުރިހާ މެމްބަރުންނަކީ އެކުއްޖާގެ ވެސް ޢާއިލީ މީހުންނެވެ. މިކަމަކީ ޖާހިލިއްޔަ ޒަމާނުއްސުރެ ފެށިގެން އޮންނަކަމެކެވެ. އިސްލާމް ދީނުގެ ކުރީކޮޅުގައި ވެސް މިކަން އޮތީ ހުއްދަ ކުރައްވާފައެވެ. ނަމަވެސް ފަހުން އެޙުކުމް މަންސޫޚު ކުރެއްވީ އެވެ.

ޔަތީމުން ބެލެހެއްޓުމަކީ އެކުއްޖާ ތިމާގެ ގޭގައި ބަހައްޓައިގެން، އެކުއްޖާ އަށް ކަމޭހިތާ ހެޔޮގޮތުގައި ކަންތައް ކޮށް ދިނުމެވެ. ޔަތީމުންނަށް ކަމޭ ހިތުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ.

ސޫރަތުލް ބަގަރާ ގެ 220 ވަނަ އާޔަތު ގައި ވަޙީ ކުރައްވާފައިވެއެވެ. (ويسألونك عن اليتامى قل إصلاح لهم خير ، وإن تخالطوهم فإخوانكم . والله يعلم المفسد من المصلح ولو شاء الله لأعنتكم إن الله عزيز حكيم).

މާނައަކީ:  " އަދި ޔަތީމުންނާއި ބެހޭގޮތުން، ކަލޭގެފާނާއި ސުވާލު ކުރެއްވޭނެތެވެ.  ވިދާޅުވާށެވެ. ޔަތީމުންގެ ކަންތައް، އެއުރެންނަށްޓަކައި، އިޞްލާހުކޮށް، ބަލަހައްޓައި، ހިންގައިދިނުމަކީ ވަރަށް ބޮޑު ހެޔޮކަމެކެވެ. އަދި ތިޔަބައިމީހުން، އެއުރެންނާއިއެކު، ވިޔަފާރީގެ މުޢާމަލާތުގައި ޙިއްސާދާރުވެ، އެއުރެންގެ މުދަލާއި، ތިޔަބައިމީހުންގެ މުދަލާއި އެއްކޮށްލައިފިނަމަ އެއުރެންނަކީ ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ދަންނާށެވެ. ފަސާދަކުރާމީހާއާއި، ޞުލްޙަމަޞްލަޙަތްތެރިކަން ހިފަހައްޓާމީހާ، ﷲ ފުރިހަމައަށް ދެކެދެނެވޮޑިގަންނަވަތައެވެ. އަދި ވިސްނާށެވެ. ﷲ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން ދަތިއުނދަގުލުގެ ތެރެއަށް ވެއްޓޭނެގޮތް މެދުވެރި ކުރައްވައިފީހެވެ. ހަމަކަށަވަރުން، ﷲ އަކީ، ގަދަކީރިތިވަންތަ، ޙަކީމްވަންތަ އިލާހެވެ".

ޔަތީމުންނަށް ކަމޭހިތުމަކީ ސުވަރުގޭގައި ކީރިތި ރަސޫލާގެ އަރިހުގައި ވުމުގެ ފުރުޞަތު ލިއްބައިދޭ ކަމެކެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި ޔަތީމުން ބަލަހައްޓާމީހާ ސުވަރުގޭގައި ވާހުށީ މިހާ ކައިރީގައެވެ. މިހެން ޙަދީޘް ކުރައްވާ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން އިޝާރާތް ކުރެއްވިއެވެ".

ޔަތީމުން ބެލެހެއްޓުމުގައި ވެސް ސަމާލުވާން ޖެހޭ ކަމެއް އެބައޮތެވެ. އެއީ، އެކުދިން ބާލިޣް ވުމުން އެކުދިން ބަލަހައްޓަމުން އަންނަ އަންހެންމީހާ އެކުދިންގެ ކުރިމަތީގައި ބުރުގާ އަޅާ ނިވާ ކުރަން ޖެހޭ ކަމެވެ. މީގެ މާނައަކީ އެކުދިން ދުރުކޮށްލުމެއް ނޫނެވެ. ނަމަވެސް، ކައިރި ކުރުމާއި ދުރުކުރުން އޮންނަންވާނީ އިސްލާމްދީން ހުއްދަ ކުރާ މިންގަޑުގެ ތެރޭގައެވެ. ކާމިޔާބާއި ފަލާޙް ލިބޭހުށީ އޭރުންނެވެ.والله أعلم

______

"ރާއްޖެއިސްލާމް" ސުވާލާއި ޖަވާބު ސެކްޝަނުން

ގުޅުންހުރި

1 ޚިޔާލު

  1. ކިހިނެއްތަ ސުވާލު ފޮނުވަން ހަދަނީ…ޕްލީޒް އާންސަރ މީ…

Your email address will not be published. Required fields are marked *

More in ދީން