ބާޠިލުގެ މާނައަކީ މާތް ﷲ ގެ ޙަޟްރަތުގައި ނުރުއްސަވާ ކޮންމެކަމެކެވެ. ނުވަތަ މާތް ﷲ އަށް ކުފުރުވުމެވެ. ނުވަތަ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ގެނެސްދެއްވި އެއްވެސް ކަމަކަށް ނުރުހުންތެރިވުމެވެ. އެކަންތައްތަކަށް ބޮޑާވެ ބަހަނާ ދައްކާ މާތް ﷲ ގެ ހުކުމްފުޅާއި އެކަލާނގެ މަތިވެރި ޝަރީޢަތަށް ނުރުހުމާއި، އޭގެ ބަދަލުގައި އަމިއްލަ ގާނޫނުތަކަށް ޙުކުމް ކުރުންފަދަ ކަންތަކެވެ.
އިންސާނުން ދުނިޔޭގައި ލެއްވި ދުވަހުންފެށިގެން ޙައްޤާއި ބާޠިލުގެ ދެމެދުގައި ހަނގުރާމަ ވަނީ ފެށިފައެވެ. މިހަނގުރާމައިގެ ފެށުމަކީ އަހަރެމެންގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް ސުވަރުގެ ވެއްދުމުން ޝައިޠާނާ އެކަމާ ޙަސަދަވެރިވެ އާދަމްގެފާނު މަގުފުރެއްދުމަށް ކުރި ހަނގުރާމައެވެ. މިހަނގުރާމަ ދުނިޔެ ޤިޔާމަތް ވާންދެން ދެމި އޮންނާނެއެވެ. ޝައިޠާނާގެ ޕާޓީތަކުން ބާޠިލުގެ މަގަށް މީހުން ގެންދިޔުމަށް މަސައްކަތް ކުރަމުން ދަނީ ހީވެސް ނުކުރާހާ ވަރުގަދަ ގޮތެއްގައެވެ. ތަފާތު ވަސީލަތް ތަކުގެ ބޭނުން ހިފައިގެންނެވެ.
ހަމަ އެހެންމެ ޙައްޤުގެ އަހުލުވެރިންވެސް މީސްތަކުން އެބައިމީހުންގެ ވެރިރަސްކަލާނގެ މަގަށް ގެންދިޔުމަށް ރެޔާދުވާލު މަސައްކަތް ކުރަމުން ދެއެވެ.
މިގޮތުގައި މި ހަނގުރާމަ ހިނގުމުގެ މަޤުޞަދަކީ މީސްތަކުންގެ ތެރެއިން ﷲ ގެ މަގު އިޚްތިޔާރުކުރަނީ ކާކުތޯ ބެއްލެވުމަށް ޓަކައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ( وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ ) الأنبياء: ٣٥ މާނައީ " ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމުގެގޮތުން ނުބައިކަމާއި ހެޔޮކަންތައް ތިޔަބައި މީހުންނަށް ދައްކަވަމުއެވެ. އަދި ތިޔަބައިމީހުން އެނބުރި އައުން ވަނީ ތިމަން ރަސްކަލާނގެ ޙަޟްރަތަށެވެ."
މިތަނުގައި އަޅުގަނޑު ބަލާލާނީ ބާޠިލުގެ އަހުލުވެރިން، މީހުންގެ ބުއްދިއަށް އެބައިމީހުންގެ ބާޠިލު ވެއްދުމަށް ބޭނުންކުރާ ވަސީލަތްތަކާބެހޭގޮތުންނެވެ. އެއީ އެބައިމީހުންގެ ދަންތުރައިގައި ނުޖެހި ތިބުމަށްޓަކައެވެ.
މިގޮތުން މީސްތަކުންގެ ހިތްތަކަށް ބާޠިލު ވެއްދުމަށްޓަކާ ބޭނުންކުރާ ފުރަތަމަ ގޮތަކީ :
ބާޠިލުގޮތް މީސްތަކުންގެ ހިތްތަކުގައި ޒީނަތްތެރި ކުރުން:
މިއީ ބާޠިލުގެ އަހުލުވެރިން މީހުންގެ ހިތްތަކަށް ބާޠިލު ވެއްދުމަށް ޓަކައި ބޭނުންކުރި އެންމެ ފުރަތަމަ ވަސީލަތެވެ. އެހެނީ އާދަމް ޢަލައިހިއްސަލާމް މާތް ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރި ކުރުވުމަށް ޝައިޠާނާ ބޭނުން ކުރި ވަސީލަތަކީ މިއީއެވެ. ބާޠިލު ރީތި ފޮނި އެއްޗެއްކަމުގައި ދެއްކީއެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِنْ سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَذِهِ الشَّجَرَةِ إِلَّا أَنْ تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ (20) وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ ) الأعراف: ٢٠ - ٢١
މާނައީ " ދެން އެދެކަނބަލުންގެ ޢައުރައިން އެދެކަނބަލުންނަށް ފޮރުވިގެންވާ އެއްޗެއް ދެއްކުމަށްޓަކައި އެދެކަނބަލުންނަށް ޝައިޠާނާ ވަސްވާސް ދިނެވެ. އަދި އެދެކަނބަލުންނަށް އޭނާ ދެންނެވިއެވެ. މަލާއިކަތުންގެ ބަޔަކަށް ނުވަތަ ދާއިމަށް ދެމިތިދޭނޭ ބަޔަކަށް ތިޔަދެކަނބަލުން ވެދާނެކަން ފިޔަވައި ތިޔަދެކަނބަލުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް މިގަހާއި ގާތްވެވަޑައިގަތުން މަނާކުރެއްވި ކަމުގައި ނުވެއެވެ. އަދި އޭނާ އެދެކަނބަލުންނަށް ދަންނަވާ ހުވާކުރިއެވެ. ހަމަކަށަވަރުން ތިމަން މިއީ ތިޔަ ދެކަނބަލުންނަށް ލަފާގެ ގޮތުގައި ނަޞީޙަތްތެރިވާ މީހަކީމެވެ. "
އިސްވެ ދިޔަ ދެ އާޔަތުން އެނގެނީ ޝައިޠާނާ އެދެކަނބަލުންނަށް މާތްﷲ އަށް އުރެދުން ޒީނަތްތެރިކޮށްދިން ކަމެވެ. އަދި ހެޔޮ އެދޭ ނަޞީޙަތްތެރިޔަކު ކަމުގައި ދެއްކިކަމެވެ.
މިއީ ހަމަ މިހާރުވެސް ބާޠިލުގެ އަހުލުވެރިންގެ ގޮތެވެ. އެމީހުން ނުބައިފާފަތައް އެއީ ޒީނަތްތެރި ރަނގަޅު ތަކެތިކަމުގައި ދައްކައި މީހުން ހައްލުވައެވެ. އެދުންވެރި ކުރުވައެވެ. ތަފާތު ގޮތްތަކުންނެވެ. ބައެއްފަހަރު ވަނަ ހޮވައިގެންނެވެ. އަނެއްބައިފަހަރު އެވޯޑު ދީގެންނެވެ. އަނެއްބައިފަހަރު ގައުމީ ޚިދުމަތުގެ އިނާމު ދީގެންނެވެ. މިގޮތުން ޔަހޫދީން އެމީހުންގެ ބާޠިލު ޢަޤީދާ ޒީނަތްތެރި ކުރިއެވެ. އަދި ނަޞާރާއިންނާއި ބުދު ދީނުގެ އަހުލުވެރިންވެސް އެމީހުންގެ ބާޠިލު ޢަޤިދާ އެއީ ރީތި ރަނަގަޅު އެއްޗެއް ކަމުގައި ދެއްކިއެވެ. ރިބާ ކާމީހުން ރިބާ ހުއްދަކަމުގައި ހެދިއެވެ. އަދި އެއީ ވިޔަފާރި ކަމުގައި ހަދާ ރިބާގެ ބޭރުން މަކަރުގެ ފަރުދާ ދަމައި ޒީނަތްތެރި ކުރިއެވެ. މިހެންގޮސް ކޮންމެ ބާޠިލެއްވެސް ވަނީ އޭގެ އަހުލުވެރިން ޒީނަތްތެރިކޮށްފައެވެ.
(ނުނިމޭ)
މިލިޔުމުގެ އަޞްލަކަށް ބެލީ ޑރ ޢަބްދު ﷲ ޤާދިރީ އަލް އަހްދަލް ލިޔުއްވާފައިވާ" السباق إلى العقول" މިފޮތެވެ.

















ޚިޔާލު