الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފުތައް މެދުނުކެނޑޭނެހެން ފުރިހަމަޔަށް ގުޅިފައި ހުންނަން ވާނެއެވެ. ސަފުހެދުމުގައިސުންނަތްގޮތަކީ އެއީއެވެ. ސަފު މެދުކެނޑޭ އެއްވެސް ކަމަކީ ކޮށްގެން ވާނެ ކަމެއްނޫންނެވެ. ވީމައި މިސްކިތުގައި ހުންނަ ތަނބުތަކުގެ ސަބަބުންވެސް ސަފު މެދުކެނޑޭގޮތަށް ސަފުހެދުމަކީ رسول الله صلى الله عليه وسلم މަނާކުރައްވާފައިވާކަމެކެވެ. އެހެންކަމުން އަޞްޙާބުބެއިކަލުން އެކަމަށް ސަމާލުވެވަޑައިގެންތަނބުތަކުގެ ދެމެދުގައި ސަފު ނުހައްދަވާކަމާއި ސަފު މެދުކެނޑޭ ފަދަ ތަންތަނާއިދުރުވެ ރައްކާތެރިވުމަށް މަސައްކަތް ކުރައްވާކަން ސާބިތުވެއެވެ.
مُعَاوِيَةَ بْنِ قُرَّةَ އެކަލޭގެފާނުންގެބައްޕާފުޅުގެ އަރިހުން ގެންނަވާފައި ވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ” كُنَّانُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُعَلَيْهِ وَسَلَّمَ وَنُطْرَدُ عَنْهَا طَرْدًا” سنن ابن ماجه (ج 3، ص 277) މާނައަކީ:” رسول الله صلى الله عليه وسلمގެ ޒަމާނުގައި ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުމުން ތިމަންބޭކަލުންނަށްމަނާކުރެވެއެވެ. އަދި ތަނބުތަކުގެ ދޭތެރެއިން ސަފުހެދުމުން ދުރުކުރެވެއެވެ.”މިހަދީޘް ‘حسن’(ރަނގަޅު) ކަމުގައި الألباني رحمه ވިދާޅުވެފައިވެއެވެ. السلسلة الصحيحة (ج 1، ص 655، ح 335)
ހަމައެފަދައިން عَبْد الْحَمِيدِ بْنِ مَحْمُودٍވިދާޅުވިފައިވެއެވެ. “ތިމަންނާ أَنَسبْنِ مَالِكٍ رضي الله عنه އާއި އެކުގައި ހުކުރު ކުރީމެވެ. މީހުން ބައިބޯވުމުގެސަބަބުން ތިމަންމެނަށް ދެތަނބު ދޭތެރެއަށް ވަންނަން ޖެހުނެވެ. ދެން ނަމާދުން ސަލާމްދިނުމަށްފަހުގައި أَنَس رضي الله عنه ވިދާޅުވިއެވެ.((كُنَّا نَتَّقِي هَذَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِوَسَلَّمَ)) “ތިމަންމެން رسول الله صلى الله عليهوسلم ގެޒަމާނުގައި މިގޮތަށް (ތަނބުތަކުގެ ދެމެދުގައި) ސަފުހެދުމުން ރައްކާތެރިވަމުއެވެ.”މިހަދީޘް سنن أبى داود، (ج 2، ص 316) ގައިއަދި سنن الترمذي އާއިسنن النسائي އާއިއިތުރު ހަދީޘްފަޮތްތަކުގައި އައިސްފައި ވެއެވެ. މިހަދީޘް ޞައްހަކަމުގައިމުޙައްދިޘުން ވިދާޅުވެފައި ވެއެވެ. السلسلة الصحيحة (ج 1، ص334)
މި ދެޚަބަރުގެ އަލީގައި މިއުންމަތުގެޢިލްމުވެރިން ވިދާޅުވެފައިވަނީ މިސްކިތުގައި ޖާގަ ހުރި ނަމަ ތަނބުތަކުގެދޭތެރޭގައި ސަފުހެދުމަކީ މަކުރޫހަ ކަމެއްކަމުގައެވެ. އަދި އެއީ ސަފު ކެނޑޭތީކަމުގައެވެ.އެއީ އިތުރުއެކަލޭގެފާނުން ރުހިވަޑައި ނުވަންނަވާ ކަމެއް ކަމުގައެވެ. މިފަދައިންއަޞްޙާބުންގެ އިތުރު ބޭކަލުންގެ އަރިހުންވެސް އިންކާރު ސާބިތުވެއެވެ. ނަމަވެސްމިސްކިތް ފުރޭ ހާލަތުގައި ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުމަކީ މައްސަލައެއްނޫންކަމުގައި އެބޭކަލުން އިއްތިފާގުވެވަޑައިގަންނަވައެވެ. އެއީ ދެބަސްވުމެއް އޮތްކަމެއް ނޫނެވެ. އަދި އިމާމާއި އެކަނި ނަމާދު ކުރާ މީހާ ނުވަތަ ދެތަނބުގެ ދެމެދުންނުނުކުންނަ ވަރުގެ ކުޑަ ޖަމާޢަތެއްގައި ނަމަ ދެތަނބު ދޭތެރޭގައި ހުރުމަކީ ނުވަތަސަފު ހެދުމަކީ ހުއްދަކަމެއްކަމުގައިވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. (الشوكاني، نيل الأوطار، ج 3، ص 235، والألباني، الثمر المستطاب، ج 1، ص 412)
އިސްވެދިޔަ ސަލަފުންގެ ދެ ޚަބަރާއިޢިލްމުވެރިންގެ ބަސްފުޅުތަކުން ސާފުކޮށް ދޭހަވާގޮތަކީ ޖަމާޢަތުގައި ސަފު މެދުކެނޑޭގޮތަށް ސަފު ހަދައިގެން ނުވާނެކަމެވެ. އެއީ ރަނގަޅު ކަމެއް ނޫންކަމެވެ. ވީމައިއެކަމަށް ސަމާލުވާން ޖެހެއެވެ. މިސްކިތުގެ މެދުންފެށިގެން ސަފެއްކަމުގައި ބެލެވޭވަރުގެ ސަފެއް ދެތަނބު ދޭތެރޭގައި ހެދިފައިވާނަމަ އަދި ދެތަނބުވަނީ ސަފުގެދެކޮޅުގައި ނަމަ އެފަދަ ހާލަތުގައި ތަނބުންފެށިގެން އިމާމާއި ދުރަށް ސަފު ކެނޑިފައިވާބައިގައި މިސްކިތް ފުރިގެން މެނުވީ ހުރެގެން ނުވާނެއެވެ. ތަނބެކޭ އެއްފަދައިން ހުކުރުކުރާމެންބަރާއި ފާރުބުރި ފަދަ ތަންތަނުގެ ސަބަބުންވެސް ސަފު މެދުކެނޑުމަކީ އެދެވިގެންވާކަމެއްނޫނެވެ. އެފަދަ ތަންތަނުން ދުރުހެލިވެވޭތޯ ބަލަން ވާނެއެވެ.
މިސްކިތް ބިނާކުރުމުގައި ތަނބު ނުލައި ނުވަތަބޮޑު މިސްކިތެއްނަމަ ވީހައިވެސް ތަނބު މަދުވާނެހެން އަދި މެދުނުކެނޑޭނެހެން ސަފުތައްއެތުރޭނެ ގޮތަށް މިސްކިތް ޑިޒައިންކޮށް ފަރުމާ ކުރެވިދާނެއެވެ. އަދި އެއީ އެފަދަކަންކަން ކުރާ ފަރާތްތަކުން ސަމާލުވާންޖެހޭނެ ކަމެކެވެ. މުސްލިމު އާރކިޓެކްޗަރުންނާއިއިންޖިނޭރުން ނުވަތަ އެފަދަ ކަންކަމުގެ މަސްއޫލުވެރި ފަރާތްތަކުން މިސްކިތްތައް ހެދުމުގައިމިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. މިއަދު ރާއްޖޭގައި ބިނާކުރެވިފައިވާއަދި ބިނާކުރެވެމުންދާ ގިނަ މިސްކިތްތައް އެމިސްކިތްތަކުގެ ކުދި ކަމާއިއެކުގައިވެސް ހުންނަނީ ތަނބުން ފުރިފައެވެ. އަދި މިސްކިތް ޑިޒައިންކޮށް ހެދިފައިހުންނަނީ މިމައްސަލައަށް ވިސްނައިގެނެއް ނޫނެވެ. މިއީ ހިތާމަކުރަން ޖެހޭ ކަމެކެވެ.މާތް ﷲ އަޅަމެން އެއްމެނަށް ހެޔޮތައުފީގު ދެއްވާށި! އާމީން!
والله أعلم وبالله التوفيق، وصلى الله على محمد وآله وصحبه وسلم

















ޚިޔާލު