ސިނގިރޭޓްގެ ސަބަބުން ޖެހޭ ބަލިތަކާއި ޞިއްޙީ ނުރައްކާތެރި ކަމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެހެންކަމުން އެ މައުޟޫޢަށް ނުދާނަމެވެ. ދައްކަން މި އުޅެނީ ސިނގިރޭޓް ނުބޯ މީހުންގެ ވާހަކައެވެ. އެބައިމީހުންގެ ޙައްޤުގެ ވާހަކައެވެ.
ސިނގިރޭޓްގެ ޙުކުމާ ބެހޭގޮތުން އަޅުގަނޑުވާނީ މީގެ ކުރިން ލިޔުމެއް ޝާއިޢުކޮށްފައެވެ. އޭގައި އައު ވާހަކަތަކެއް ނުވަތަ އައު ދަލީލުތަކެއް ނުގެންނަމެވެ. ސަޢުދީ ޢަރަބިއްޔާއާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ޢިލްމުވެރިން ނަންގަވާ ދަލީލުތައް އަޅުގަނޑު ހަމަ ތަކުރާރުކޮށްލީއެވެ. ވުމާއެކު، ދީނީ ގޮތުންވެސް މިފަދަ ނުރައްކާތެރި ނުބައި ކަމެއް ކުރުން އެއީ ﷲ އަށް ބިރުވެތިވާ މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ.
މަގު މައްޗަށް ނުކުމެއްޖެނަމަ، ސިނގިރޭޓް ބޯ މީހުން ވައި މައްޗަށް ދޫކޮށްލާ ސިނގިރޭޓްގެ ދުމުގެ ހިއްސާ އަޅުގަނޑުމެންގެ ފުއްޕާ މެޔަށް ނުކުރާ ފަހަރެއް ނުދެއެވެ. އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ސިނގިރޭޓް ބޯ މީހުންނަށްވުރެ، ދުމުގެ އަސަރުކުރާ ނުބޯ މީހުންނަށްވާ ގެއްލުން ބޮޑެވެ. އެހެންވެއްޖެނަމަ، އެއްވެސް ޙައްޤަކާ ނުލައި އަނެކާއަށް އެދެވެނީ ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟
ހަމަކަށަވަރުން، ޙަދީޘުގައިވާ ފަދައިން މުސްލިމަކީ އޭނާގެ އަތްފައިންނާއި ދުލުން އެހެން މުސްލިމުންނަށް ރައްކާތެރިކަން ލިބިގެންވާ މީހެކެވެ. ސިނގިރޭޓް ދުމުގެ އަނިޔާ އަޅުގަނޑަށް ދިނުމަށްވުރެ އަޅުގަނޑުގެ ކޯތާފަތް މަތީގައި އެތި ފަހަރެއް ޖެހުންވެސް އަޅުގަނޑަށް މާ ރަނގަޅެވެ. ސަބަބަކީ، ސިނގިރޭޓް ދުމުގެ ސަބަބުން ލިބޭ ގެއްލުން ނުފެނުނަސް މާ ނުރައްކާވެފައި ގިނަގުނަ މަރުގެ ބަލިތަކަކަށް ހުށަހެޅޭތީއެވެ.
ފަހުގެ އެހެން ދިރާސާއަކުން ދައްކާގޮތުން، ސިނގިރޭޓްގެ ފިލްޓަރު ތެރެއަށް އޫރުގެ ހިމޮގްލަބިން ލާފައި ހުންނަ ކަމަށްވަނީ ސާބިތުވެފައެވެ. އެއީ ސިނގިރޭޓުން އަންނަ ދުމުގެ ނިކޮޓިން އާއި ވިހަ ކެމިކަލްގެ މިންވަރު މަދުކުރުމަށް ލާފައިވާ މާއްދާއެކެވެ. ދީނީ ގޮތުން އޫރަކީ މުސްލިމުންނަށް ޙަރާމްވެގެންވާ އެއްޗެކެވެ. އެހެންކަމުން، މުސްލިމެއްނަމަ މިއީވެސް ސިނގިރޭޓާ ދުރުވާން ޖެހޭ ކާފީ ސަބަބެއް ނޫންތޯއެވެ؟
ރޯދަމަހުގައި ރޯދަ ވީއްލަންވެސް ސިނގިރޭޓްގެ އިސްތިއުމާލު ކުރާ މީހުން އުޅެއެވެ. މަޣްރިބް ނަމާދަށް މިސްކިތަށް ދާއިރު ވަރަށް ފެންނަ މަންޒަރެކެވެ. މިސްކިތު ދޮރުމަތީގައި ސިނގިރޭޓެއް ރޯ ކޮށްލައިގެން ބައެއްމީހުން ތިބޭ މަންޒަރެވެ. ޤަމަތާ ދެމެދު ރޯދައިގެ ސަބަބުން އެ ދުވަހު އައިސްފައި ހުރި ސިނގިރޭޓް ސިކު ފިލުވާލުމުގެ ފުރުޞަތުގައެވެ. ނަމަވެސް މިބައިމީހުން ހަދާން ނެތިފައިވާ ކަމަކީ، ޖައްވު ފަސާދަކުރުމުގެ ސަބަބުން މިސްކިތަށް ދާ މުޞައްލީންނަށް ލިބޭ ގެއްލުމެވެ.
މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ތިބާގެ ސިނގިރޭޓުން އެގޮތަށް ކިތައް މީހުންނަށް ނުޙައްޤުން ގެއްލުން ދެވޭ ހެއްޔެވެ؟ އެ އެންމެންގެ ޙައްޤު ތިބާއަށް ޤިޔާމަތް ދުވަހުން އަދާ ކުރެވޭނެ ހެއްޔެވެ؟ ތިބާއަށް ޤިޔާމަތް ދުވަހަކީ ކޮން ދުވަހެއްކަން އެނގޭ ހެއްޔެވެ؟
ތިބާގެ އަމިއްލަ ނަފުސުގެ މައްޗަށް ހަމަ އެކަނި ނުވިސްނާށެވެ. ތިބާ ގެއްލުން ދެނީ ތިބާގެ ޞިއްޙަތަށް އެކަނި ކަމަށް ހީ ނުކުރާށެވެ. މީހުންގެ ތެރެއަށް ތިބާ ދޫކޮށްލާ ސިނގިރޭޓްގެ ވިހަ ދުމުގެ އަސަރު ކިތައް މީހުންނަށް ކުރާނެ ކަމާ މެދު އެންމެ ފަހަރަކު ވިސްނާލާށެވެ. މިފަދަ ބޮޑު އުރެދުމެއްގެ މަތީގައި ހުރެ ތިބާގެ މަރާ ތިބާ ބައްދަލުވާން އެދެނީ ހެއްޔެވެ؟ އެތައް ބަޔެއްގެ ޙައްޤަށް އަރައިގެން ހުރެ ޖައްބާރުވަންތަ ﷲ އާ ބައްދަލުކުރަން ތިބާއަށްކެރޭނެ ހެއްޔެވެ؟ އަދި އެއް ފަހަރު ވިސްނާލާށެވެ.

















ޚިޔާލު