ދީނީ ލިޔުންދީން

ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފް ކުރުން

ލިޔުނީ: އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް

ރަމަޟާންމަހުގެ ފަހުދިހައިގައި މިސްކިތުގައި އިޢުތިކާފުކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ބަހުގެ ގޮތުންބަލާއިރު އިޢުތިކާފުގެ މާނައަކީ ވަކިކަމަކަށް ހުސްވެގަތުމެވެ. ނުވަތަ ވަކިކަމަކަށް ތިމާ ބަންދުވުމެވެ. ފިޤުހީ އިޞްތިލާޙުގައި އިޢުތިކާފަކީ : ޚާއްޞަ ނިޔަތަކާއެކު މިސްކިތުގައި ޚާއްޞަކަންތައްތަކެއް ކުރުމަށް އިނުމެވެ.

ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފުކުރާނެގޮތަކީ ރަމަޟާންމަހުގެ 20 ވަނަދުވަހުގެ އިރު އޮއްސުމުގެ ކުރިން މިސްކިތަށް ވަދެ  އިޢުތިކާފުގެ ނިޔަތުގައި ޝައްވާލުމަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މަޑުކުރުމެވެ. ރަމަޟާންމަހުގެ ފަހުދިހައިގައި އިޢްތިކާފުކުރުމަށް ނިޔަތް ގަތް މީހާ ޝައްވާލުމަހުގެ ހަންދުފެނުމުގެ ކުރިން ފާޚަނާކުރުމާއި ކެއިން މުއިންފަދަ ޟަރޫރީކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ޙާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިޢުތިކާފު ބާޠިލުވާނެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއާއި އެކަލޭގެފާނުންގެ އަޞްޙާބުބޭކަލުން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފުކުރެއްވިއެވެ.

އިޢުތިކާފުކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދުކުރުމާއި ﷲ އަށް ޛިކުރުކުރުމާއި ޤުރްއާން ކިޔެވުމުގައި ވަގުތުހޭދަކުރުމެވެ. އަދި ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ދަރުމައާއި ޘަވާބު އެންމެ ހެޔޮގޮތުގައި ހޯދުމަށް މަސައްކަތް ކުރުމެވެ. އަދިވަކީން ޚާއްޞަކޮށް ލައިލަތުން ޤަދްރި ވިލޭރޭގެ ހެޔޮ ދަރުމަ ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އެމިސްކިތެއްގައި ޖަމާޢަތް އަދާކުރެވޭ ކޮންމެ މިސްކިތެއްގައިވެސް އިޢުތިކާފު ކުރުން ހުއްދަވެގެން ވެއެވެ.  އެއީ المسجد الحرام އާއި  المسجد النبوي އާއި المسجد الأقصى އާއި މިތިން މިސްކިތަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. މިއީ އަލްއިމާމުލް ބުޚާރީ رحمه الله އާއި އިންބު ޙަޖަރް رحمه الله އާއި އަލްއިމާމުއް ނަވަވީ رحمه الله އާއި އިބްނު ޙަޒަމް رحمه الله އާއި އައްޝައިޚް މުހައްމަދު ބިން ޞާލިޙް އަލް ޢުޘައިމީން رحمه الله ގެވެސް ބަސްފުޅެވެ. އަދި މިއީ ސުޢޫދީ ޢަރަބިޔާގެ ފަތުވާކޮމިޓީގެ ފަތުވާއެވެ. އަދި މިއީ ސަޢުދީގެ ކުރީގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިންބާޒު رحمه الله ގެވެސް ބަސްފުޅެވެ (مجموع فتاوى العلامة عبد العزيز بن باز رحمه الله) އަދި މިއީ العلامة عبدالمحسن العباد حفظه الله ގެވެސް ބަސްފުޅެވެ. شرح سنن أبي داود ގައި ވިދާޅުވެފައިވެއެވެ." އެއީ ވަކި ޚާއްޞަ ތިން މިސްކިތަކަށް ޚާއްޞަކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޢާންމުވެގެންވާ ޙުކުމެކެވެ. "
العلامة عبد العزيز بن باز رحمه الله  الدرر البهية من الفوائد البازية - كتاب الصيام -1/206 ގައި ވިދާޅުވެފައި ވެއެވެ." އަލް އިމަމުއްޒުހުރީފަދަ ސަލަފުންގެ ބައެއް ޢިލްމުވެރިން ހުކުރު މިސްކިތަށް ޚާއްޞަކަމަށް ދެކެވަޑައިގަންނަވައެވެ. މިބަހަށް ޝާފިޢީގެ ޤަދީމް މަޛުހަބުގައި ބުރަވެފައި ވެއެވެ. حذيفة بن اليمان رضي الله عنه ހަމައެކަނި ތިން މިސްކިތަށް ޚާއްޞަކަމަށް ދެކެވަޑައިގަންނަވައެވެ. ޢަޠާގެ ގާތުގައި މައްކާގެ މިސްކިތާއި މަދީނާގެ މިސްކިތް ޚާއްޞަކުރައްވައެވެ. އަދި ابن المسيب މަދީނާގެ މިސްކިތަށް ޚާއްޞަ ކަމަށް ދެކެވަޑައިގަންނަވައެވެ. މިހުރިހާ ބަސްތަކަކީވެސް ޝާޛު ބަސްތަކެކެވެ. އެބަހީ ރަނގަޅުނޫން ބަސްތަކެކެވެ.

العلامة محمد بن صالح العثيمين   رحمه الله  ވިދާޅުވިއެވެ. " ދުނިޔޭގެ ކޮންމެ މިސްކިތެއްގައިވެސް އިޢުތިކާފުކުރުން ހުއްދަވެގެން ވެއެވެ. އެއީ حذيفه بن اليمان- رضي الله عنه ގެ ފަރާތްޕުޅުން ރިވާވެގެންވާ ފަދައިން ތިން މިސްކަތަށް ޚާއްޞަވެގެންވާކަމެއް ނޫނެވެ. އެ ރިވާޔަތުގައި ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދިޘްކުރެއްވިއެވެ." لااعتكاف إلا في المساجد الثلاثة ) މާނައީ " ތިން މިސްކިތުގައި ނޫނީ އިޢުތިކާފެއް ނުވެއެވެ" ފުރަތަކަމަކީ މިޙަދީޘް ޞައްޙަވެގެން ނުވެއެވެ. އެހެނީ މިރިވާޔަތް އައިސްފައިވާގޮތުން حذيفه بن اليمان- رضي الله عنه އަށް އަރާފައިވާ އޮޅުމެއްކަން ދޭހަވެއެވެ. ރިވާޔަތުގައި އައިސްފައިވަނީ حذيفه بن اليمان- رضي الله عنه ابن مسعود - رضي الله عنه – ގެ ގާތަށް ކުރެއްވި ޒިޔާތަރެއްގައި  ابن مسعود - رضي الله عنه –ގެ ގެކޮޅާއި ޙުޛައިފާގެ رضي الله عنه ގެ ގެކޮޅާއި ދެމެދުގައި ހުންނަ މިސްކިތެއްގައި ބަޔަކު އިޢުތިކާފުކުރާ ވާހަކަ އިބްނު މަސްޢޫދު رضي الله عنه ގާތުގައި ދެންނެވުމުން  އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. " އެމީހުން އެކަންކުރަނީ ރަނގަޅަށްކަމުގައި ވެ ކަލޭގެފާނު ތިޔަ ދެކެވަޑައިގަންނަވާ ގޮތް ރަނގަޅުނޫންކަމުގައި ވެދާނެ ނޫންހެއްޔެވެ؟ އަދި އެމީހުން އެކަން ދަސްކުރި ގޮތަށް ހަނދާންހުރި އިރު ކަލޭގެފާނު ހަނދާންނެތުނީ ކަމަށް ވެދާނެނޫންހެއްޔެވެ؟ " ވީމާ ޙުކުމީގޮތުންނާއި ރިވާޔަތުގެ ގޮތުން އެއީ ވަހުނެއް ނުވަތަ އޮޅުމެއްކަން ޘާބިތުވެއެވެ. ޙުކުމީ ގޮތުން އެނގޭ ގޮތަކީ ޙުޛައިފާ رضي الله عنه ގެ އެދެކެވަޑައިގެން ގޮތް އެއީ ކުށް ގޮތެއްކަމުގައި ވުމުގެ ވާހަކަ އިބްނު މަސްޢޫދު رضي الله عنه ވިދާޅުވުމުންނެވެ. ރިވާޔަތުގެ ގޮތުން އެނގޭ ގޮތަކީ އިންބު މަސްޢޫދު رضي الله عنه ގެ މިބަސްފުޅުންނެވެ." އެމީހުން އެކަން ދަސްކުރި ގޮތަށް ހަނދާންހުރި އިރު ކަލޭގެފާނު ހަނދާންނެތުނީ ކަމަށް ވެދާނެނޫންހެއްޔެވެ؟

މިޙަދީޘަކީ ޞައްޙަދީޘަކަށް ވީނަމަ އޭގޭ މާނައަކީ އެންމެ ފުރިހަމަ އިޢުތިކާފައި އެތިން މިސްކިތުގައި ކުރެވޭ އިޢތުކާފެވެ. އޭގެ މާނައަކީ އެހެން މިސްކިތްތަކުގައި ކުރެވޭ އިޢުތިކާފަށްވުރެ އެތިން މިސްކިތުގައި ކުރެވޭ އިޢުތިކާފުގެ ޘަވާބު ބޮޑުވާހަކައެވެ. އެއީ ނަމާދު ފަދައިންނެވެ. އިޢުތިކާފުކުރުން ހުރިހާ މިސްކިތަކަށް ޢާންމުވެގެންވާކަމުގެ އަނެއް ދަލީލަކީ މާތް ﷲ ގެ އަންނަނިވި ބަސްފުޅެވެ. ( وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ ) މާނައީ " ތިޔަބައިމީހުން މިސްކިތްތަކުގައި އިޢުތިކާފަށް ތިބޭހިނދު އެކަނބަލުންނާ އެއްދާން ނުކުރާށެވެ!" މިބަސްފުޅުގައި މިސްކިތްތައް ވަނީ ޢާންމުކުރައްވާފައެވެ. މިތަނުގައި ال އައިސްފައި އެވަނީ ޢާންމު ވުމުގެ މާނައިގައެވެ. މިތަނުގައި ال ގެންނެވުމުގެ މާނައަކީ މީސްތަކުންގެ ވިސްނުމުގައި ޚާއްޞަވެގެންވާ ތިން މިސްކިތް ކަމަށް ބުނުމުގެ އޮތީ ކޮން ދަލީލެއްހެއްޔެވެ؟ އަނެއްކޮޅުން ބަލާއިރު އިޢުތިކާފު ކުރުމުގެ ޙުކުމަކީ ދުނިޔޭގެ މަޝްރިޤާއި މަޣްރިބުގައި ދިރިއުޅެމުންނާ މުޅި އިސްލާމީ އުންމަތަށް ޢާންމުކޮށް އައިސްފައިވާ ކަމަކަށްވީހިނދު ޠަވާފުކުރުން މަސްޖިދުލްޙަރާމްގައި ނޫނީ ހުއްދަނުވާ ފަދައިން އިޢުތިކާފު ވަކި ޚާއްޞަ ތިން މިސްކިތެއްގައި ނޫނީ ކުރުން ހުއްދަނުވާކަމަށް ބުނާނީ ކިހިނެއްހެއްޔެވެ؟

މިކަމުގައި އެންމެ ޞައްޙަ ރަނގަޅު ގޮތަކީ އިޢުތިކާފުކުރުން ކޮންމެ މިސްކިތެއްގައިވެސް ހުއްދައެވެ. ނަމަވެސް އެންމެދަރުމައާއި ޘަވާބު ބޮޑުވެގެންވަނީ المسجد الحرام އާއި  المسجد النبوي އާއި المسجد الأقصى  ގައެވެ. އެއީ މިތިން މިސްކިތުގައި ކުރާ ނަމާދުގެ ޘަވާބުވެސް އެހެން މިސްކިތްތަކަށްވުރެ ބޮޑުވާފަދައިންނެވެ. الشرح الممتع على زاد المستقنع 6/504-505 . العلامة محمد بن صالح العثيمين   رحمه الله
ސުޢޫދީ ފަތުވާކޮމިޓީގެ ފަތުވާއަކީ ޖަމާޢަތް ޤާއިމުކުރެވޭ ކޮންމެ މިސްކިތެއްގައިވެސް އިޢުތިކާފު ހުއްދަކަމެވެ. انظر فتاوى اللجنة الدائمة 10/410 .

الإمام البخاري رحمه الله ޞަޙީޙުގައި ބާބު ބަންނަވާފައިވަނީ މިފަދައިންނެވެ.":[ باب الاعتكاف في العشر الأواخر والاعتكاف في المساجد كلها لقوله تعالى :(وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا كَذَلِكَ يُبَيِّنُ اللَّهُ ءَايَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ ) ]. (البقرة: 187)( ރަމަޟާންމަހު ފަހުދިހައިގައި އިޢުތިކާފު ކުރުން އަދި ހުރިހާ މިސްކިތެއްގައި އިޢުތިކާފުރުން ހުއްދަވުމުގެ ބާބު މާތް ﷲ ގެ އަންނިވި ބަސްފުޅުގައި ވާގޮތުން " އަދި ތިޔަބައިމީހުން މިސްކިތްތަކުގައި اعتكافއަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: جماع ނުވާށެވެ!) އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ.ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) އެފަދައިން اللَّه، އެކަލާނގެ آيةތައް މީސްތަކުންނަށް بيانކޮށް ދެއްވަނީ އެއުރެން تقوىވެރި ވުމަށްޓަކައެވެ.

حذيفه بن اليمان- رضي الله عنهގެ އިސްވެދިޔަ ރިވާޔަތާއި ބެހޭގޮތުން ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. އެރިވާޔަތުގެ ބައެއް ލަފްޡުތަކުގައި އައިސްފައިވަނީ ޢިބާރާތުގައި ވަކިގޮތެއް ޔަޤީންނުވެ ޝައްކު އުފެދޭ ގޮތަށެވެ.  ( لا اعتكاف إلا في المساجد الثلاثة ) أو قال :( مسجد جماعة ) ؟ މާނައީ  " ތިން މިސްކިތުގައި ނޫނީ އިޢުތިކާފެއް ނުވެއެވެ" ނުވަތަ " ޖަމާޢަތް ޤާއިމުކުރެވޭ މިސްކިތެއްގައި ނޫނީ އިޢުތިކާފެއް ނުވެއެވެ." މިގޮތަށެވެ. ވީމާ ޝައްކު އުފެދުން އެއީ ރިވާޔަތް ޟަޢީފުވާނެ ސަބަބެކެވެ. ވީމާ މިފަދަ ގޮތަކަށް އައިސްފައިވާ ރިވާޔަތަކަށް ބުރަވެ ކީރީތި ޤުރްއާނުގައި ޢާންމުކޮށް އައިސްފައިވާ ޙުކުމެއް ޚާއްޞައެއް ނުކުރެވޭނެއެވެ. ނަމަވެސް العلامة ناصر الدين الألباني رحمه الله  މިރިވާޔަތް ޞައްޙަކަމުގައި ދެކެވޑައިގަންނަވާތީ އިޢުތިކާފުކުރުން ހަމައެކަނި ތިން މިސްކިތަށް ޚާއްޞަކަމަށް ވިދާޅުވެފައިވެއެވެ. އަދީ ކީރިތި ޤުރްއާނުގައި ޢާންމުކޮށް އައިސްފައިވާ މި ޙުކުމް ތިން މިސްކިތަށް ޚާއްޞަކުރާ ރިވާޔަތެއްކަމަށްދެކެވަޑައި ގަންނަވައެވެ.

އަސްލު: ރާއްޖެއިސްލާމް.ކޮމް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *