الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް ތަފާތު ވައްތަރުގެ ހެދުންތައް ބާވާލައްވާފައިވެއެވެ. އެއީ އިންސާނުންނަށް ދެއްވާފައިވާ ބޮޑު ނިޢްމަތެކެވެ. އެކަމަށްޓަކައި އެކަލާނގެ އަށް ޝުކުރުވެރިވާން ޖެހެއެވެ. އަދި ލިބާސްލުމުގެ އަދަބު ތަކުގައި ހިފަހައްޓަން ޖެހެއެވެ. ސޫރަތުލް އަޢްރާފް ގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُونَ) މާނައަކީ: " އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުންގެ عورةތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوىގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّهގެ آيةތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ". މި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. " عورةތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން ދެއްވުމުން މާތް ﷲ އިންސާނުންނަށް ބޮޑުވެގެންވާ ނިޢްމަތެއް ދެއްވައިފިއެވެ. ލިބާސް ބާވާލެއްވީ ޢައުރަ ނިވާ ކުރުމަށެވެ. އެއީ އިންސާނުންނަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. "ރީޝް" ބާވާލެއްވީ ޒީނަތްތެރިވުމަށެވެ. އެއީ ފުރިހަމަ ކަމެކެވެ. އެހެންކަމުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ އަދަބުތައް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި:
1. ރީތި ރަގަޅު ހެދުން އިޚްތިޔާރު ކުރުމާއި ސާފު ޠާހިރުކޮށް ހެދުން ބެހެއްޓުން ހިމެނެއެވެ. ސޫރަތުލް މުއްދައްޘިރްގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَثِيَابَكَ فَطَهِّرْ) މާނައަކީ: "އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهرކުރައްވާށެވެ!".
2. ޚާއްޞަ ގޮތެއްގައި ޢީދު ދުވަހާއި، ހުކުރު ދުވަސްތަކުގައި އަދި ވަފުދު ތަކާއި ބައްދަލު ކުރަން ދާ އިރުގައި ރީތި ރަގަޅު ހެދުން އެޅުން. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އިސްވެދިޔަ މުނާސަބަތް ތަކުގައި ރީތި ހެދުން ތުރު ކުރެއްވި ކަމަށް ވާރިދުވެފައިވެއެވެ.
3. ހެދުން ލާއިރުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔުން. "اَلْحَمْدُ لِلَّهِ الَّذِيْ كَسَانِيْ هَذَا الثَّوْبَ وَرَزَقَنِيْهِ مِنْ غَـيـْرِ حَوْلٍ مِنِّي وَلاَ قُـوَّةٍ ".މާނަ: "އެއްމެހާ ޙަމްދު ތަޢުރީފެއް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެއީ މިއަޅާއަށް މިލިބާސް ލެއްވި އިލާހެވެ. އަދި މިއަޅާގެ އެއްވެސް އާރެއް ބާރެއް ނެތި މިއަޅާއަށް އެ ހެދުން ދެއްވި އިލާހެވެ ".
4. މީހަކު އާ ހެދުމެއް ލާފައި ހުއްޓާ ފެނިއްޖެނަމަ އަންނިވި ދުޢާ ކިޔުން. "اِلْبَسْجَدِيْدًا, وَعِشْحَمِيْداً, وَمُتْشَهِيْدًا" މާނަ: "އާ ހެދުމެއް ލައިގެން ތަޢުރީފް ލިބިގެންވާ ހެއު ދިރިއުޅުމެއް އުޅެ ޝަހީދެއްގެ ގޮތުގައި މަރުވާށެވެ".
5. އެހެދުމަކީ އިންސާނާގެ ޢައުރަ ނިވާވާ ވަރުގެ ހެދުމެއް ކަމުގައިވުން. ބަހުޒް ބިން ޙަކީމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވި އިރްޝާދުގައި ވަނީ މިފަދައިންނެވެ. ( احفظ عورتك إلا من زوجتك أو ما ملكت يمينك) މާނައަކީ :"ކަލޭގެ މިލްކުގައިވާ މީހުންނާއި އަނބިންނަށް މުނެވީ ކަލޭގެ ޢައުރަ ފޮރުވާ ހުށިކަމެވެ".
6. ހެދުން ލުމުގައި އިސްރާފު ނުކުރުން. ސޫރަތުލް އަޢްރާފް ގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ) މާނައަކީ: " އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسرافނުކުރާށެވެ! ހަމަކަށަވަރުން، إسرافކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ".
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. "كلوا واشربوا وتصدقوا والبسوا في غير إسرافٍ ولا مخيلة"، رواه «النسائي» و«ابن ماجة» وحسنه «الألباني».މާނައަކީ: "ކާށެވެ. ބޯށެވެ. ޞަދަގާތް ކުރާށެވެ. ދެއްކުންތެރިކަމާއި އިސްރާފު ކުރުމާއި ނުލައި ހެދުން ލައިއުޅޭށެވެ".
7. އަންހެނުން ފިރިހެން ވައްތަރުގެ ހެދުން ނުލުން، އަދި ފިރިހެނުން އަންހެން ވައްތަރުގެ ހެދުން ނުލުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. "لعن رسول الله صلى الله عليه وسلم المتشبهين من الرجال بالنساء، والمتشبهات من النساء بالرجال"މާނައަކީ: "އަންހެން ވައްތަރުވެގެން އުޅޭ ފިރިހެނުންނަށާއި، ފިރިހެން ވައްތަރުވެގެން އުޅޭ އަންހެނުންނަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ލަޢްނަތްލެއްވިއެވެ".
8. ކިބުރުވެރިކަމާއި ބޮޑާ ކަމުން ދުރުހެލިވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. "لا ينظر اللهُ يوم القيامة إلى من جرَّ إزاره بطراً"މާނައަކީ: "ބޮޑާ ކަމާއި އެކު އެމީހެއްގެ އިޒާރު ތިރިކޮށްފައި ހުންނަ މީހުންނަށް ރަޙްމަތުގެ ނަޡަރަކުން ﷲ ތަޢާލާ ގިޔާމަތް ދުވަހުން ބައްލަވާ ވޮޑިގެން ނުވެއެވެ".
9. ހެދުން ލުމުގައި ތަވާޟުޢުވެރިވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. "مَن تَرك اللبَاس تَواضُعاً لله وهُو يَقدِر عَليه، دعاهُ الله يومَ القِيامَة عَلى رُؤوس الخَلائِق يُخَيِره مِن أَي حُلَلِ الإيمَان شَاء يَلبَسُها"މާނައަކީ: "ކުޅަދާނަކަން ހުރުމާއެކު، ﷲ އަށް ތަވާޟުޢުވެރި ވުމުގެ ގޮތުން މޮޅު ފޭރާން ލުން ދޫކޮށްލައިފިމީހަކަށް ގިޔާމަތް ދުވަހުން ހުރިހާ ޚަލްގުތަކުންގެ ބޯމަތިން ގޮވާލެއްވޭނެއެވެ. އީމާންކަމުގެ ބައިތަކުން ބޭނުންބަޔެއް ނަގާހުށިކަމެވެ".
10.ހުދުކުލައިގެ ފޭރާންލުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. "البسوا من ثيابكم البياض فإنها من خير ثيابكم وكفنوا فيها موتاكم"، راوه «أحمد» و«أبو داود» وغيرهما.މާނައަކީ: "ތިޔަބައިމީހުން ހުދުފޭރާން ލާހުށި ކަމެވެ. ހަމަކަށަވަރުން ހުދުފޭރާމަކީ އެންމެ ހެޔޮކަން ބޮޑު ހެދުމެވެ. ތިޔަބައިމީހުންގެ މައްޔިތުން ހުދު ފޭރާމުން ކަފުން ކުރާ ހުށިކަމެވެ".
11. ފިރިހެނުން ރަތްކުލައިގެ ހެދުން ނުލުން. عن «عبد الله بن عمر بن العاص» قال "رأى رسول الله صلى الله عليه وسلم عليَّ ثوبين معصفرين فقال: إن هذه ثياب الكفار فلا تلبسها"ޢަބްދުﷲ ބިން ޢުމަރު-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ތިމަންނާ ރަތްކުލައިގެ ހެދުމެއް ލައިގެން ހުއްޓާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "މިއީ ކާފަރުންގެ ހެދުމެކެވެ. މިފަދަ ހެދުން ނުލާހުށިކަމެވެ".
12.ގަޔަށް ބާރުހެދުން ނުލުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "صِنْفَان مِن أَهلِ النَّار لَم أَرهُمَا، قَومٌ مَعَهُم سِياطٌ كَأذنَاب البَقَر يَضرِبُون بِها النَّاس ونِساءٌ كاسِيات عَاريَاتٍ مُمِيلاتٍ مَائلات رُؤسُهنَّ كَأسنِمة البُختِ المَائِلة، لا يَدخُلنَّ الجَنَّة ولا يَجِدنَ رِيحَهَا، وإنَّ رِيحَها لَيُوجَد مِن مَسيرَةِ كَذَا وكَذا"މާނައަކީ: "ނަރަކަވަންތަވެރިންގެ ދެބާވަތެއްގެ ބަޔަކު ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމުއެވެ. ގެރިއެއްގެ ނިގޫތަކެއްފަދަ ޗާބޫކްތަކެއް ހިފައިގެން މީސްތަކުންގެ ގައިގައި ތަޅަމުން ދާ ބަޔެކެވެ. އަދި ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އެކަނބަލުން ތިބެނީ އަނެކުންނާ ދިމާލަށް ލެނބިގެންވާ އަދި މީސްތަކުން ލަންބުވަމުން ދެއެވެ.އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެފަދަ ކަނބަލުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ސުވަރުގޭގެ ވަސްފެންނަ ހިސާބަށް ވެސް ނުދެވޭ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެ ވަސް މިވެނި އެވެނި ހިސާބަކަށް ދެމިގެންވެއެވެ".
13. ހެދުން ބާލާއިރުގައި ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔުން. بِسْمِاللَّهِ މާނަ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ".
14.ފަށުވި ފޭރާމަކީ ހަމައެކަނި އަންހެން ކަނބަލުންނަށް ޚާއްޞަވެގެންވާ އެއްޗެކެވެ. عن «علي بن أبي طالب» رضي الله عنه قال "إن نبي الله صلى الله عليه وسلم أخذ حريراً فجعله في يمينه وأخذ ذهباً فجعله في شماله ثم قال: إنَّ هذين حرام على ذكور أمتي"، رواه «أبو داود»މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީޠާލިބް ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲ ގެ ނަބިއްޔާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ކަނާ އަތްޕުޅުގައި ފަށުވި، ވާއަތްޕުޅުގައި ރަން ހިއްޕެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން މިދޭއްޗަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ފިރިހެނުންގެ މައްޗަށް ޙަރާމް އެއްޗެކެވެ". އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. "من لبس الحرير في الدنيا لم يلبسه في الآخرة" رواه «مسلم»މާނައަކީ: "މިދުނިޔެމަތީގައި ފަށުވި ހެދުން ލައިފިމީހާކަށް އާޚިރަތްދުވަހުން ފަށުވި ހެދުން ނުލެވޭ ހުއްޓެވެ".
15.ފިރިހެނުން ފަށުވި ފޭރާން ލުން ހުއްދަވާ ޙާލަތްތަކެއްވެއެވެ. އެއީ:
·ގައިކެހުން ފަދަ ފަރުވާ އަކަށް، لحديث «أنس» رضي الله عنه أن النبي صلى الله عليه وسلم رخص ل«عبد الرحمن بن عوف» و«الزبير» في قميصٍ من حرير من حكةٍ كانت بهما، رواه «البخاري» و«مسلم». މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ޢަބްދުއްރަޙްމާން ބިން ޢައުފު އާއި ޒުބައިރު ބިން ޢަވާމް- ގެ ހަށިކޮޅުގައި ކެހުމުގެ އަޘަރު ހުރުމުގެ ސަބަބުން ފަށުވި ގަމީހެއް ތުރުކުރުމުގެ ހުއްދަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވިއެވެ".
·ހަނގުރާމައިގެ ޙާލަތްތަކުގައި ފަށުވި ހެދުން ލެވިދާނެއެވެ.
·ފަށުވި ފޭރާން ފިޔަވާ އެހެން ހެދުމެއް ނެތުން.
·ހެދުމުގައި ފަށުވި ހުރީ ހަތަރު އިނގިލީގެ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމަށްވުން. حديث «عمر بن الخطاب» قال "نهى نبي الله صلى الله عليه وسلم عن لبس الحرير إلا موضع إصبعين أو ثلاثٍ أو أربعٍ"، رواه «البخاري» و«مسلم». ޢުމަރު ބިން އަލްޚައްޠާބު-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ދެއިނގިލި ނުވަތަ ތިން އިނގިލި ނުވަތަ ހަތަރު އިނގިލީގެ މިންވަރަށް މެނުވީ ފަށުވި ފޭރާން ލުން ކީރިތި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަނާ ކުރެއްވިއެވެ". والله أعلم.
ހެދުން ލުމުގައި ތަވާޟުޢުވެރިވުމުގެ މާނަ ކުރު ޢިބާރާތަކުން މިސާލަކާއެކު ބުނެދެއްވުން އެދެން