އަރަބިދުނިޔެ

މިއަދަކީ މަސްޖިދުލް އަޤްޞާ ޔަހޫދީކުރުމަށް އިޒްރޭލުން ގެންގުޅޭ ޕްލޭނާދެކޮޅަށް މުސްލިމުން އެކަތިގަނޑަކަށްވާ ދުވަސް

ލިޔުނީ: އަހްމަދު ޚަލީލް

މިއަދު (19 މާރްޗް 2010) ހުކުރުދުވަހަކީ މަސްޖިދުލް އަޤްޞާއާ އަދި ޤުދުސްގައިވާ އެހެނިހެން އިސްލާމީ އެހެނިހެން މުޤައްދަސް ތަންތަން ޔަހޫދީ ކުރުމަށް ޙައްދުފަހަނައަޅާފައިވާ އިޒްރޭލުން ހިންގަމުންގެންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ދުނިޔޭގެ ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވާ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް އިސްލާމީ ޢިލްމުވެރިންގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ކަމުގައިވާ، ދި އިންޓަރނޭޝަނަލް ޔުނިއަން ފޮރ މުސްލިމް ސްކޯލަރސް (އައި.ޔޫ.އެމް.އެސް)އިން ހަމަޖައްސައިފިއެވެ. އިޒްރޭލުންވަނީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށްވާ އަޤްޞާ މިސްކިތާޖެހިގެން ޔަހޫދީންގެ ފައްޅިއެއްއެޅުމަށް ނިންމުމަށްފަހު އަޤްޞާ މިސްކިތް ބަންދުކޮށްފައެވެ. މިދިޔަ ހުކުރުދުވަހު އަޤްޞާމިސްކިތަށް ހުކުރަށްދިޔަ ހަތްހާހަށްވުރެ ގިނަމީހުން މިސްކިތަށްވަނަނުދީ ޙައްދުފަހަނައަޅާފައިވާ ޔަހޫދީންވަނީ ހިފަހައްޓާފައެވެ. އެހެންކަމުން، ހުރިހާ އިސްލާމީ ގައުމެއްގައި މިއަދުގެ ހުކުރުނަމާދަށްފަހު  މުޒާހަރާކުރާ ދުވަހެއްގެ ގޮތުގައި އެޖަމްޢިއްޔާއިންވަނީ އިޢްލާންކޮށްފައެވެ.
ބައިނަލްއަޤްވާމީ އިސްލާމީ ޢިލްމުވެރިންގެ ޖަމްޢިއްޔާއިންވަނީ އަޤްޞާމިސްކިތާޖެހިގެން ޔަހޫދީ ފައްޅިއެޅުމުގެ އަނިޔާވެރި ޢަމަލުކުށްވެރިކޮށްފައެވެ. ޔަހޫދީންގެ ޙައްދުފަހަނައަޅާފައިވާ މި އަނިޔާވެރި ޢަމަލަކީ ޤުދުސްގައިވާ މުސްލިމުންގެ މާތްވެގެންވާ މުޤައްދަސް ތަންތަން ޔަހޫދީންގެ ތަންތަންކަމުގައިހެދުމަށް ކުރާމަސައްކަތެކެވެ. މީގެ އިތުރުން ދާދިފަހުން ޔަހޫދީ ޤައުމުންވަނީ ޔަހޫދީން ފޭރިގެންފައިވާ ޤުދުސްގައި ޔަހޫދީންނަށް އެއްހާސް ހަސަތޭކަ ގެ އެޅުމަށްނިންމާފައެވެ. އިޒްރޭލުގެ މިޢަމަލުތަކާ ދެކޮޅަށް ކޮންމެ ދުވަހަކު ފަލަޞްޠީނާ އަދި އަވައްޓެރި ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި ދަނީ މުޒާހަރާކުރަމުންނެވެ.
އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކުން މިމައްސަލައިގާ އިޒްރޭލާ ދެކޮޅަށް ނުތެދުވާތީ އިސްލާމީ އިލްމުވެރިންގެ ޖަމްޢިއްޔާއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްލާމީ ސަރުކާރުތަކުން އިޒްރޭލާދެކޮޅަށް ވަރުގަދަފިޔަވަޅުތަކެއް ނާޅައިފިނަމަ މިމައްސަލަ ވަރަށް ނުރައްކާވާނެކަމުގެ އިންޒާރު އެޖަމްޢީއްޔާއިނވަނީ ދީފައެވެ.
ޕާކިސްތާނުގެ އިސްލާމީ ޙަރަކާތް، ދި އިސްލާމިކް މޫވްމެންޓު އިން ޕަކިސްތާންއިންވެސްވަނީ މިއަދުގެ ހުކުރުނަމާދަށްފަހު ހުރިހާ އިސްލާމީ ގައުމެއްގައި އިޒްރޭލާދެކޮޅަށް މުޒާހަރާކުރުމަށްގޮވާލާފައެވެ.
ޔަމަނުގެ ޢިލްމުވެރިންވެސްވަނީ އިޒްރޭލުގެ މިނުރައްކާތެރި ޢަމަލާމެދު އިސްލާމީ ސަރުކާރުތަކުން ބަހެއްވެސް ބުނެފައިނުވާތީ އެއީ ލަދުވެތިވާންޖެހޭ ކަމެއްކަމުގައި ބުނެފައެވެ.
ދިވެހި ސަރުކާރުންވެސްވަނީ ދާދިފަހުން ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ޤައުމާއެކު ގުޅުންބަދަހިކުރުމުގެ މަސައްކަތްތަކެއްކޮށްފައެވެ. އަދި އެކަމާ ދިވެހިރައްޔިތުންނާ ސިޔާސީ ފަރާތްތަކުން ނުރުހުންފާޅުކޮށް ދެކޮޅުހެދުމުން ސަރުކާރުން ބުނެފައިވަނީ ފަލަޞްޠީނު މީހުންނާ ޔަހޫދީންނާދެމެދު ހިންގާ ހަމަނުޖެހުންތައް ޙައްލުކުރުމުގައި ދިވެހި ސަރުކާރުން ދައުރެއް އަދާކުރާނެކަމުގައެވެ. ނަމަވެސް، މިހާދުވަސްވީއިރު އެކަމުގެ ޢަމަލީ ފިޔަވަވަޅެއް ނޭޅުނުތާ މިހާރު އިޒްރޭލުން މިހިންގާ ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކޮށްލެވޭވަރުގެ ހަކަތަވެރިކަމެއްވެސް ދިވެހި ސަރުކާރުން ނުފެނެއެވެ.
ޔަހޫދީން ފޭރިގެންފައިވާ ޤުދުސްގައި ޔަހޫދީ އާބާދީތައް ހެދުމާ އެތަނުގައިވާ މުސްލިމުންގެ މުޤައްދަސް ތަންތަން ޔަހޫދީ ކުރުމާ ދެކޮޅަށް ފަލަޞްޠީނުގެ ރައްޔިތުން މުޒާހަރާކުރި ޚަބަރު ޓީވީމޯލްޑިވްސްއިން މީގެ ދެދުވަސްކުރިން ކީއިރު މުޒާހަރާކުރި ފަލަޞްޠީނުގެ ރައްޔިތުން ސިފަކޮށްފައިވަނީ 'ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި މީހުން'ގެ ގޮތުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *