އަފްގާނިސްތާނުގައި، އެމެރިކާއިން ހިންގި ވައިގެ އޮޕަރޭޝަންތަކެއްގައި އާންމުންގެ 10 މީހުން މަރާލައިފިއެވެ. އިރުމަތީ އަފްގާނިސްތާނުގެ އަވަށެއް ކަމުގައިވާ ޕަކްޓިކާގައި ކުރިޔަށް ގެންދިޔަ އެ ހަމަލާތަކުގައި 10 މީހުން މަރުވެފައިވާކަމަށް، ގުޅިފައިވާ ފައުޖުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
2001 ވަނަ އަހަރު އެމެރިކާއިން އަފްގާނިސްތާނާ ދެކޮޅަށް ފެށި ހަނގުރާމާގައި މިހާތަނަށް ވަނީ އެތައް ހާސް އާންމުންނެއް މަރާލައިފައެވެ.
މީގެ އިތުރުން،އަފްގާނިސްތާނުގައި ތާލިބާނުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހައްދުފަހަނަ އަޅާފައިވާ އެމެރިކާގެ ފައުޖުތަކަށް ވާގިވެރިވާ އަފްގާނިސްތާނުގެ 50 ސިފައިން ހައްޔަރުކޮށްފައި ވާކަމަށް ތާލިބާނުންވެސް ޚަބަރު ދެއެވެ. ޠާލިބާނުންގެ ފަރާތުން ވާހަކަ ދައްކަވާ، ޒަބީހުﷲ މުޖާހިދު މިކަން ކަށަވަރު ކޮށްދީފައިވާއިރު، މި އޮޕަރޭޝަން ހިނގާދިޔަ ކުނާރު އަވަށުގެ ޕޮލިސް ޗީފް، ޖެނެރަލް ޚަލީލުﷲ ޒިޔާއީވެސް ވަނީ ޠާލިބާނުންގެ އޮޕަރޭޝަނެއްގައި އެތަށް ބައިވަރު ސިފައިންތަކެއް ހައްޔަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ 150000 ސިފައިން އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދާއިރުވެސް، ފަހަކަށް އައިސް ޠާލިބާނުންގެ ބާރު އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ދަނީ ގަދަކުރަމުންނެވެ. އަދި މިހާތަނަށް އެމެރިކާ ކުރާ އެންމެ ދިގު ހަނގުރާމައިގައި، ނިމިގެން ދިޔަ، 2010 ވަނަ އަހަރު ވެގެން ގޮސްފައިވަނީ އެ ޤައުމަށް އެންމެ ގެއްލުންބޮޑު އަހަރަށެވެ. މިދިޔަ އަހަރު އަފްގާނިސްތާނުގައި، އެމެރިކާގެ 499 ސިފައިންވަނީ މަރާލެވިފައެވެ.

















ޚިޔާލު