ރާއްޖޭގެ ޚަބަރުދީން

ޒަކާތް ދިނުމަށާއި، މުދަލަށް ރައްކާތެރިވާންވާނެ: ހުކުރު ޚުޠުބާ

އިންސާނުންނަށް މާތް ﷲ މިންވަރުކުރެއްވެވި ރިޒްޤުގެ ތެރެއިން ދެއްވާ މުދަލަކީ ބައެއްފަހަރު ނުރައްކާތެރި ފިތުނައެއް ކަމަށާއި، އަދި މުދަލަކީ އިންސާނާ އިމްތިޙާނު ކުރެއްވެވުމަށް މިންވަރު ކުރައްވާ އެއްޗެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ހަމައެހެންމެ މުދަލަކީ އިންސާނާ އޭގެ މައްޗަަށް ގަދަވެގެންވާ ލޯތްބަކުން ލޯބިވާ އެއްޗެއްކަމަށާއި، އެ މުދަލަކީ ﷲ ސުބުޙާނަހޫވަތަޢާލާ، އިންސާނުންނާއި ހަވާލުކުރައްވާފައިވަނީ، އޭގެ ޙައްޤުވެރިންނަށް ހަވާލުކޮށްދިނުމަށް ކަމަށްވެސް މި ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. މުދަލަކީ އަމާނާތެއް ކަމަށާއި، މުދާ ލިބި ތަަނަވަސް އެންމެހާ އަހުލުވެރިން، އެ މުދަލަށް ބޭނުން ޖެހިފައިވާ ފަޤީރުންނަށް ޞަދަޤާތެއްގެ ގޮތުގައި ދިނުމަކީ ގިނަގުނަ ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމަށްވެސް ވަނީ އަންގަވާފައެވެ.

މުދަލާއި ބެހޭ ގޮތުން މަހުޝަރުގެ މައިދާނުގައި ސުވާލު ކުރެވޭނެކަމަށް އެންމެހާ މީސްތަކުން ހަނދުމަކުރުމަކީ މުހިންމުކަމެކެވެ. އެހެންކަމުން، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަކާތްދިނުމަކީ އަޅުގަނޑުމެން އެންމެންވެސް ރައްކާތެރިވާންވީ ކަމެއްކަމުގައި ޚުޠުބާގައިވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އަދި އިސްލާމްކަން ފުރިހަމަ ވާނީ އިސްލާމްދީނުގެ އެހެނިހެން ރުކުންތަކަށް ދެމުންގެންދާ އަހަންމިއްޔަތުކަން ޒަކާތަށްވެސް ދިނުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ޚުޠުބާގައި މީގެ އިތުރުން ވިދާޅުވެފައިވަނީ، އިންސާނުންނަށް ލިބޭ މުދަލަކީ ޒީނަތެއް ކަމަށެވެ. އޭގެ އަވައިގައި ޖެހި މީހާ ގެއްލި ހަލާކުވެގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި އެއީ ފިތުނައެއް ކަމަށާއި، އެއީ އިންސާނާ އިމްތިޙާނު ކުރައްވާ ކަމެއް ކަމުގައެވެ. އަދި މިއާއި ވިދިގެން، ޒަކާތް ނެރުމަކީ ކިހާ މުހިންމު ކަމެއް ކަމަށާއި، ޒަކާތް ދިނުމާއި ސަދަޤާތްތައް އިތުރުކުރުމަކީ މުދަލަށް ޠާހިރުކަމެއް ގެނެސްދޭކަމެކެވެ. އަދި ޒަކާތް ދެއްކުމަކީ އާދައިގެ ކަމެއް ކަމުގައި ނުދެކުމަށާއި، ޒަކާތް ދެއްކުމަށް އިންކާރުކުރާ މީހާގެ އިސްލާމްކަން ނެތިގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ޚުޠުބާގައިވަނީ ވިދާޅުވެފައެވެ.

ޚުޠުބާ ނިންމަވާލައްވާފައިވަނީ، ޒަކާތް ދިނުމާއި ސަދަޤާތް ދިނުމުގެ މުހިންމުކަމަށް އިތުރަށް ބާރު އަޅުއްވަމުންނެވެ. އަދި، މީސްތަކުންގެ މުދަލުން ހޭދަ ކުރެވޭ ކިތަންމެ ކުޑަ މިންވަރަކީވެސް، ޤިޔާމަތްދުވަހުން މީސްތަކުންނަށް އަޖުރު އިތުރުވެގެންދާނޭ ހެޔޮ ޢަމަލެއްގެ ގޮތުގައިވަނީ ސިފަކުރައްވާފައެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *