ރާއްޖޭގެ ޚަބަރުރިޕޯޓް

ޢާޝޫރާ ދުވަހަކީ އޯގަސްޓު 29 ވާ ހޮނިހިރު ދުވަސް؛ މިދުވަހުގެ ރޯދަ ދޫނުކުރައްވާ!

Aashoora Dhuvahaky 29 August Vaa Honihiru Dhuvas; Midhuvahuge Roadha Dhoo Nukuravva

މިއަހަރުގެ ޢާޝޫރާ ދުވަސް ދިމާވަނީ މި އޯގަސްޓު މަހުގެ 29 ވާ (މިހަފުތާގެ) ހޮނިހިރު ދުވަހަށެވެ.

ކޮންމެ އަހަރެއްގެ މުޙައްރަމު މަހުގެ 10 ވަނަ ދުވަހަކީ ޢާޝޫރާ ދުވަހުގެ ނަމުގައި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ދުވަހެކެވެ. އެއީ ސަލާމާއި ޞަލަވާތް ލެއްވި މޫސާގެފާނާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުން، ފިރްޢައުނާއި އޭނާގެ އަޢުވާނުންގެ ނުބައިކަމުން ސަލާމަތް ކުރެއްވި ދުވަސްކަމަށް ރިވާވެގެން އާދެއެވެ. މިދުވަހު ރޯދަ ހިފުމުގެ މާތްކަމާއި މެދު އެތައް ޙަދީޘެއް، އެތައް އަޘަރެއް ވާރިދުވެފަިވެއެވެ. މާތް ﷲ ރުއްސުންލެއްވި ޤަތާދާ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘު ކުރެއްވިއެވެ. "ޢާޝޫރާ ރޯދަ އިސްވެދިޔަ ފާފަތައް ފޮހެލައެވެ. އަދި ޢަރަފާތް ދުވަހުގެ ރޯދަ ދެއަހަރުގެ ފާފަ ފޮހެލައެވެ. (އެއީ) އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެއެވެ." އަދިވެސް ރިވާވެގެންވެއެވެ. "ޢާޝޫރާ ދުވަހުގެ ރޯދައިން އިސްވެދިޔަ ފާފަ މާތް ﷲ ފުއްސަވާދެއްވުމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމުއެވެ." އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. "'ޢާޝޫރާ ދުވަހާއި، ރަމަޟާނު މަހުގެ ދުވަސްތަކުގެ ރޯދަ ފިޔަވާ، އެހެން ދުވަސްތަކަށްވުރެ އިސްކަންދެއްވައިގެން އެދުވަހެއްގެ ރޯދަ ހިއްޕަވަން މާތް ނަބިއްޔާ ޞައްލަ ﷲަ ޢަލައިހި ވަސައްލަމަ އެހާ ބޮޑަށް އިސްކަންދެއްވާ ދުވަހެއް ތިމަންކަލޭގެފާނު ދެކިވަޑައެއް ނުގަންނަވަމުއެވެ." މިހެންކަމުން ޞަޙާބީން އެދުވަހު ރޯދަ ހިއްޕެވުމަށް ލޯބިކުރައްވާ، އެކަމަށް އަމުރުކުރައްވާކަން އެތައް ރިވާޔަތަކުން ދޭހަވެއެވެ. މިގޮތުން އިމާމް މާލިކު، ޔަޙްޔާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. "ޢުމަރުގެފާނު، އަލްޙާރިޘު ބިން ހިޝާމަށް ފޮނުއްވި ސިޓީފުޅެއްގައިވެއެވެ. "މާދަމާއަކީ ޢާޝޫރާ ދުވަހެވެ. ކަލޭގެފާނު ރޯދައަށް ހުންނަވާށެވެ. އަދި ކަލޭގެފާނުގެ އަހުލުންނަށް ރޯދައަށް ހުރުމަށް އަމުރުކުރައްވާށެވެ."

އަލްއިމާމު ބުޚާރީއާއި، މުސްލިމު، އަދި އަލްއިމާމު މާލިކު އެކަލޭގެފާނުގެ މުވަޠައުގައި ރިވާކުރައްވާފައިވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުން ޢާޝޫރާ ދުވަހު ރޯދަ ހިފާ ކަމުގައި ވިއެވެ. އަދި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަވެސް އެދުވަހު ރޯދަ ހިއްޕެވިއެވެ. ފަހެ، އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމަށްފަހުވެސް އެދުވަހު ރޯދައަށް ހުންނަވާ، މީސްތަކުންނަށް އެދުވަހު ރޯދައަށް ހުރުމަށް އެންގެވިއެވެ. ދެން ފަހެ ރަމަޟާނު މަހުގެ ރޯދަ ބާއްވާލެއްވުމުން، ރަމަޟާނު މަހުގެ ރޯދަ އެއީ ފަރުޟެއްކަމުގައި ވެގެންދިޔައެވެ. އަދި ޢާޝޫރާ ދުވަހުގެ ރޯދަ ދޫކޮށްލެވުނެވެ. ބޭނުންވެއްޖެ މީހާ ހިފުމަށެވެ. އަދި ބޭނުންވެއްޖެ މީހާ ދޫކޮށްލުމަށެވެ. (އެބަހީ އެރޯދަ އަކީ ރަމަޟާނު މަހާއި ޚިލާފަށް ސުންނަތް ރޯދައަކަށް ވެގެންދިޔައެވެ.) މިއަށް ބިނާ ކުރައްވާ މިޞްރުގެ ކުރީގެ މުފްތީ އައްދުކްތޫރު ޢަލީ ޖުމްޢާ ވިދާޅުވާ ގޮތުގައި ޢާޝޫރާ ދުވަހުގެ ރޯދަ މުސްލިމުންގެ މައްޗަށް ފުރަތަމަ އަހަރު ފަރުޟުކުރެވުނު ފަދައެވެ. އެއަށްފަހު ރަމަޟާނު މަހުގެ ރޯދަ ފަރުޟު ކުރެއްވުމުން ޢާޝޫރާގެ ރޯދައިގެ ފަރުޟުކަން މަންސޫޚުވީއެވެ.

އަދި ހަމަ ބުޚާރީ އާއި މުސްލިމުގައި ވާރިދުވެގެންވާ އެހެން ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަ ކުރެއްވިފަހުން، ޔަހޫދީންގެ ބަޔަކު ޢާޝޫރާ ދުވަހު ރޯދަ ހިފަނިކޮށް ފެނިވަޑާއިގެން ސުވާލު ކުރެއްވިއެވެ. "މިއީ ކޮންކަމެއް ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "މިއީ ރަގަޅު ދުވަހެކެވެ. މިއީ މޫސާގެފާނު ބަނީ އިސްރާއީލުގެ އަހުލުވެރިން، އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތްވި ދުވަހެވެ. މޫސާގެފާނު އެދުވަހު ރޯދައަށް ހުންނެވިއެވެ." އެކަލޭގެފާނު ޙާދީޘު ކުރެއްވިއެވެ. "ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށްވުރެ މޫސާގެފާނަށް ޙައްޤުކަން ބޮޑެވެ. ފަހެ އެކަލޭގެފާނު އެދުވަހު ރޯދަ ހިއްޕެވިއެވެ. އަދި އެދުވަހު ރޯދައަށް ހުރުމަށް އަމުރު ކުރެއްވިއެވެ."

މިދެ ޙަދީޘަކީ ތަޢާރުޟުވާ ދެހަދީޘެއްނޫނެވެ. މިގޮތުން މަދީނާގެ ޔަހޫދީންގެ ވާހަކަ ނަންގަނެވުނު ޙަދީޘާއި މެދު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. "މިޙަދީޘާއި ޢާއިޝަތުގެފާނުގެ ޙަދީޘާއި ތަޢާރުޟުވުމެއްނެތެވެ. އެދެބައިމީހުންގެ (ޤުރައިޝުންނާއި ޔަހޫދީންގެ) ފަރާތުން މިދުވަހު ރޯދައަށް ހުރުން ވާރިދުވެފައި، ދެބައިމީހުން ރޯދައަށް ހުންނަ ސަބަބު ތަފާތުވުން އެކަށީގެންވެއެވެ. މިހެންކަމުން އަލްއިމާމު ޤުރުޠުބީ ވިދާޅުވިއެވެ. "ޤުރައިޝުން ރޯދަ ހިފީ އިސްވެދިޔަ ޝަރީޢަތެއްގައި (އިބްރާހީމުގެފާނުގެ ޝަރުޢުފަދަ) އައިސްފައިވާ ގޮތަށް ބިނާކޮށް ކަމުގައިވެދާނެއެވެ... އަދި އެކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު ޔަހޫދީން ރޯދައަށް ހުންނަތަން ފެނިވަޑައިގަތުމުން އެބައިމީހުންނާއި ސުވާލުކުރެއްވީ ކަމަށް ވެދާނެއެވެ."

މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޢާޝޫރާ ދުވަހާއި އެކު ތާސޫޢާ ދުވަހުގެ ރޯދަ ހިފުމަށްވެސް ވަނީ ބާރު އަޅުއްވާފައެވެ. އެހެނީ ޢާޝޫރާގެ ރޯދައަކީ ޔަހޫދީންވެސް ހިފާ ރޯދައެއްކަމަށްވާތީ ޞަޙާބީން މާތް ނަބިއްޔާ ދެންނެވިކަމަށް ރިވާވެގެން އާދެއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އެއި ޔަހޫދީންނާއި ނަޞާރާއިންވެސް މާތްކުރާ ދުވަހެކެވެ." ދެން ފަހެ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. "ޖެހިގެން އަންނަ އަހަރު ތިމަންކަލޭގެފާނު (ދުނިޔޭގައި ހުންނެވިނަމަ) 9 ވަނަ ދުވަހު ރޯދަ ހިއްޕަވާ ހުށީމެވެ."

މިހެންކަމުން ޒާދުލް މަޢާދުގައި އަލްއިމާމު އިބްނިލް ޤައްޔިމު ވިދާޅުވެފައިވާ ގޮތުގައި އެދުވަހުގެ ރޯދަ 3 ދަރަޖައަކަށް ބަހާލެވިދާނެއެވެ. އެއީ

  1. ޢާޝޫރާ ދުވަހުގެ ކުރިން 1 ދުވަސް އަދި ފަހުން އެއް ދުވަސް ހުރުން. އެބަހީ މުޙައްރަމު މަހުގެ 9، 10، އަދި 11 ވަނަ ދުވަހު ހުރުން. (މި 2020 ވަނަ އަހަރަށް ބަލާނަމަ މިއީ އޯގަސްޓު މަހުގެ 28، 29، އަދި 30 ވަނަ ދުވަހެވެ.) އިމާމް އިބްނިލް ޤައްޔިމުގެ އަތިހުގައި އެއްމެ ފުރިހަމަ، އަދި އެއްމެ ރަގަޅު ގޮތަކީ މިއެވެ.
  2. ތާސޫޢާ ދުވަހާއި، ޢާޝޫރާ ދުވަހު ރޯދަ ހިފުން. މިއީ މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހެވެ. މިއަހަރު ނަމަ އޯގަސްޓު 28، އަދި 29 އެވެ.
  3. ހަމަ އެކަނި ޢާޝޫރާ ދުވަހު ހިފުން.

މުޙައްރަމު މަހަކީ މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. އަދި ޢާޝޫރާ ދުވަހުގެ ރޯދައަކީ ޞަޙާބީން އެދުވަހެއްގައި ރޯދައަށް ހުންނެވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވި، މާތްކަމާއި މަތިވެރިކަމުން ފުރިގެންވާ ދުވަހެކެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މިފަދަ ދުވަސްތަކުގެ ދަރުމަ އާއި ޘަވާބުން އަޅަމެން މަޙްރޫމު ނުކުރައްވާށިއެވެ. އާމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *