އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ކުރިއަށްދާ އިސްލާމިކް ލީޑާޝިޕް އެންޑް އިންޓަގްރޭޝަން އޮފް ނޮލެޖް ސެމިނާ މިއަދު ފަށައިފިއެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާއާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ގުޅިގެން ކުރިއަށްގެންދާ މި ތިން ދުވަހުގެ ސެމިނާ ފައްޓަވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ސެމިނާ ފައްޓަވައިދެއްވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ އިލްމާއި ހިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަގުވާމީ ގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އިސްލާމީ ދުނިޔޭގައި އިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
"އިސްލާމީ ޤައުމުތަކުގައި މީހުން ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭންޖެހެނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް،" ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ ރެކްޓާ އެމެރިޓަސް ޕްރޮފެސާ ދާތޯ ޑރ. އުސްމާން ބިން ބަކާރު ވިދާޅުވެފައިވަނީ ލީޑަރުންގެ ގޮތުގައި ކުރިއަށްދާނީ އަބަދުވެސް އިލްމުގެ އަހުލުވެރިންކަމަށެވެ. އަދި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. އުމަރު ހަސަން ކަސޫލޭ ވިދާޅުވެފައިވަނީ ކޮންމެ މުޖުތަމަޢެއްގެވެސް ކުރިއެރުން ގުޅިފައިވަނީ އިލްމާއި ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނާގައި އިސްލާމްދީނުގެ އަސާސްތަކުގެ އަލީގައި، އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން މުހިންމު އެކި މައުލޫމާތު ހިއްސާކުރުމަށް ފަންނީ ބޭފުޅުންގެ ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ މުޖްތަމައަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ބައިވެރިންތަކެއް ތަމްރީންވެގެންދާނެ ކަމަށް އައިޔޫއެމުން ފާހަގަކޮށްފައިވެއެވެ.
ޚިޔާލު