އަރަބިދުނިޔެދީންދުނިޔެ

ޖިންސީ ގޯނާކުރުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ވާ މުނާފިޤުންގެ ޢަމަލެއް، އަދި އެކަން ކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ގަދަފަދަ ޢިޤާބު ވަޢުދުވެގެންވޭ: މިޞްރުގެ ފަތުވާ ކޮމިޓީ

Jinsi Goana Kurumaky Bodethi Faafathakuge Thereinva Munafiqunge Amaleh Adhi Ekan Kura Myhunah Dhuniyeaa Aakhirathuga Gadhafadha Iqab Vey: Misr Fatwa Committee

ޖިންސީ ގޯނާ ކުރުމަކީ ބޮޑު ފާފައެއް ކަމަށާއި އެއީ މުނާފިޤުންގެ ޢަމަލެއްކަމަށް މިޞްރުގެ ފަތުވާ ކޮމިޓީއިން ވިދާޅުވެއްޖެއެވެ.

މިކޮމިޓީއިން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައިވާ ގޮތުގައި ޖިންސީ ގޯނާކުރުމަކީ އިސްލާމްދީން އެކަމަކާއި އިދިކޮޅަށް ހަނގުރާމަ އިޢުލާން ކުރައްވާފައިވާ ކަމެކެވެ. އަދި ދުނިޔެއާއި އާޚިރާތުގައި އެމީހަކަށް ގަދަފަދަ ޢަޛާބު ވަޢުދުވެގެންވާ ކެމެކެވެ.

މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މިކަމާއި ގުޅޭ ދައުލަތުގެ އެންމެހާ މުއައްސަސާތަކަކަށް ވާޖިބު ވެގެންވަނީ މިލަދުވެތިކަން ކުޑަ ޢަމަލުގެ މަޡްހަރުތަކަށް ވަރަށް ޢަޒުމް ވަރުގަދަކަމާއި،  ހަރުކަށިކަމާއިއެކު ހުއްޓުމެއް ގެނައުމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ، އެކަމެއްގެ ވެރީންނަށް މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، ﷲ ތަޢާލާގެ ކޯފާ ލިިބޭނެކަމަށް ޚަބަރު ދެއްވާފައިވާ ފާޙިޝް ކަންތައްތަކާއި، ފާޙިޝް ކަންކަން ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا ﴿٥٨﴾ (މާނައީ: އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.) މިއާޔަތުން ދަލީލު ނަންގަވަމުން އެބޭފުޅުން ވިދާޅުވެފައިވެއެވެ. މީސްތަކުންގެ ޢަބުރަށް އަރައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ ބަހުން އެމީހާގެ ޢަބުރަށް އަރައިގަތުމާއި، ޢަމަލުން އެމީހާގެ ޢަބުރަށް އަރައިގަތުމެވެ. މީގެ ދަލީލަކީ އަލްއިމާމް ބައިޟާވީ، އެކަލޭގެފާނުގެ ތަފްސީރުގައި، މިއާޔަތާއި މެދު ވިދާޅުވެފައިވެއެވެ. "މިއާޔަތް ބާއްވާލެއްވުނީ އަންހެން ކަނބަލުން ނުރުހޭ ޙާލު، އެކަނބަލުންގެ ފަހަތުން ދާ ޒިނޭކުރާ މީހުންނާއި މެދުއެވެ."

އަދި މިބަޔާނާއި ވިދިގެން ފަތުވާ ކޮމިޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ގޮތުގައި ޖިންސީ ގޯނާކުރުމުގެ ޖަރީމާ، ލާފައިވާ ހެދުމަށް ހަމައެކަނި ކުރުކޮށްލުމަކީ ވަހުމީ ޢުޛުރެކެވެ. އަދި އެފަދަ ޢުޛުރުތައް އަންނާނީ އެބައިމީހުންގެ ހިތުގައި ބަލިމަޑުކަމެއްވާ، ހަވާ ނަފްސަށް ތަބާވާ ބައެއްގެ ކިބައިންނެވެ. އެހެނީ މުސްލިމުންނަށް އަމުރުވެވިގެންވަނީ ހުރިހާ ޙާލަތެއްގައި، އަދި ހުރިހާ ވަޤުތެއްގައިވެސް ބެލުން ތިރިކުރުމަށެވެ. އެހެނީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދިޘެއްގައި ވާރިދުވެގެންވެއެވެ. "ތިޔަބައިމީހުން މަގުތަކުގައި ތިބުމުން ރައްކާތެރިވާށެވެ." އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. "ތިމަންބޭކަލުންނަކަށް އެނޫން ތަނެއްނުވެއެވެ. އެއީ ތިމަންބޭކަލުން ވާހަކަފުޅު ދެއްކަވާ، ބައްދަލުވެވަޑައިގަންނަވާ ތަނެވެ." އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ބައްދަލުވުން ނޫންގޮތަކަށް ނުރުހޭނަމަ (އެބަހީ އެކަން ކުރާނޭނަމަ) ފަހެ މަގުތަކަށް އޭގެ ޙައްޤުދޭށެވެ." އެހިނދު ޞަޙާބީން ދެންނެވިއެވެ. "މަގުތަކުގެ ޙައްޤަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ބެލުން ތިރިކުރާށެވެ. އަދި (މީސްތަކުންނަށް) އުނދަގޫވާ ފަދަ ތަކެތި އެއްފަރާތް ކުރާށެވެ. އަދި ސަލާމަށް ރައްދު ދޭށެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރާށެވެ. އަދި ނުބައި ކަންކަން ނަހީކުރާށެވެ." (މުއްތަފަޤުން ޢަލައިހި)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *