ރާއްޖޭގެ ޚަބަރުދީން

އެމްޑީއެން އަށް ފިޔަވަޅު ނާޅައިފިނަމަ އެޖަމްޢިއްޔާ އުވާލަން ހިންގި ފަދަ ޙަރަކާތެއް ހިންގަން ޖެހިދާނެ: ޖަމްޢިއްޔަތުއް ސަލަފް

MDN ah Fiyavalhu Naalhaifinama E Jamiyya Uvaalan Hingi Fadha Harakaiythakeh Hingan Jehidhaane: Jamiyyathul Salaf

އެމްޑީއެން އަށް ފިޔަވަޅު ނާޅައިފިނަމަ އެޖަމްޢިއްޔާ އުވާލަން ހިންގި ފަދަ ޙަރަކާތެއް ހިންގަން ޖެހިދާނެކަމަށް ޖަމްޢިއްޔަތުއް ސަލަފުން ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއް ސަލްފްގެ ޢިލްމުވެރިންގެ މަޖްލިހުން އިއްޔެ ނެރުއްވާފައިވާ ނޫސް ބަޔާނުގައި ވަނީ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯރކު (އެމްޑީއެން)ގެ އިސްފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވެފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. މިބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އެމްޑީއެނުން ނެރެފައިވާ "ޕްރިލިމިނެރީ އެސެސްމަންޓު އޮފް ރޭޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މިރިޕޯޓުގައި އިސްލާމް ދީނާއި، އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކަށް ތައުހީނުކޮށް ފުރައްސާރަކޮށްފައިވާކަން އެމައްސަލައާއި ގުޅިގެން ނެރުއްވާފައިވާ ފުލުހުންގެ ރިޕޯޓުގައި އެކުލަވާ ލެވިފައިވެއެވެ.

އެހެނަސް މިކަމާއި ގުޅިގެން އެމްޑީއެން އުވާލެވުނު ކަމަށް ޔޫތު މިނިސްޓްރީން އެންގެވިތާ 6 މަސް ވެފާ ވާއިރު، ފިޔަވަޅު އަޅުއްވާފައި ނުވާކަމަށާއި، އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަސްއޫލުވެރިންނާއި މެދު އިތުބާރު ކެނޑިގެންދާނެކަމަށްވެސް މިބަޔާނުގައި ލިޔުއްވާފައިވެއެވެ.

"އެހެނީ ދިވެހި ދިދަ ވިހުރުވޭ ދިވެހި ބިމުގައި ބަޔަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާއަކީ ދިވެހި ގައުމިއްޔަތުގެ އަސާސީ ބަހާ ކަމަށްވާ، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށްވާއިރު، މިފަދަ ޖަރީމާއެއް ހިންގި ބަޔަކާ މެދު ގާނުނީ ފިޔަވަޅު ނޭޅި ފާއިތުވަމުންދާ ކޮންމެ ފަޅި ސިކުންތަކީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަސްއޫލުވެރިންނާ މެދު އިތުބާރު ކެނޑި މާޔޫސްވުމަށް އޮތް ކައުންޓްޑައުނެއްް ކަމުގައިވެސް ވާނެމެއެވެ." މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސަލަފުން ވިދާޅުވާ ގޮތުގައި އެމްޑީއެންގެ އިސް ފަރާތްތަކާ މެދު އަވަސް ފިޔަވަޅެއް ނޭޅޭހައި ހިނދަކު މި ގޮވާލުން ހުއްޓާނުލައި ކުރިއަށް ގެންދަވާނެއެވެ. އަދި މީގެ އިތުރުން އެމްޑީއެން އުވާލުމަށްޓަކައި ހިންގި ޙަރަކާތްތަކެއް ހިންގަން ޖެހިއްޖެ ޙާލަތުގައި، ރައްޔިތުން ހުށިޔާރުވެ ތައްޔާރަށް ތިއްބެވުމަށް ސަލަފުން ގޮވާލައްވާފައިވެއެވެ.

މިބަޔާން ނިންމަވާލައްވަމުން ސަލަފުން ލިޔުއްވާފައިވެއެވެ. (މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ.) وَلَا تَحْسَبَنَّ اللَّـهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ﴿٤٢﴾ މާނައީ: އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *