އަރަބިދުނިޔެދުނިޔެ

15 ގަޑިއިރު ތެރޭ އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ ފަލަސްޠީނުގެ ދެ މުވާޠިނަކު ޝަހީދުކޮށްލާފަ!

15 Gadi Iru Therey Israelge Salamathy Baaruthakun Vany Falastheenuge 2 Muwaathinaku Shaheedhu Kohlaafa

މިދިޔަ މަހު 15 ގަޑިއިރުތެރޭ އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ ފަލަސްޠިނުގެ 2 މުވާޠިނަކު ޝަހީދުކޮށްލާފައިކަމަށް، ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާއިބެހޭ ސެންޓަރުން ވިދާޅުވެއްޖެއެވެ.

ޕެލަސްޓިނިއަން ސްންޓަރ ފޮ ހިއުމަން ރައިޓްސް (ޕީސީއެޗްއާރް) އިން ނެރުއްވާފައިވާ ޕްރެސް ރިލީސެއްގައިވާ ގޮތުގައި އިސްރާއީލުގެ ސިފައިންވަނީ ރާމަ ﷲ އާއި، އިރުމަތީ ޤުދުސުން ދެ މުވާޠިނަކު ޝަހީދުކޮށްލާފައިވާ އިރު، އެތަނުން އެއް މުވާޠިނަކީ ޚާއްޞަ އެހީއަށް ބޭނުންވެލައްވާ ފަރާތެކެވެ.

ޕީސީއެޗްއާރުން ވިދާޅުވާ ގޮތުގައި މެއި މަހުގެ 3 ވަނަ ދުވަހު އަލްމުޖާހިދީން މަގުގައި ޢުމުރުން 32 އަހަރުގެ އިޔާދު ޚައިރީ އަލްޙައްލާޤުގެ ހަށިކޮޅަށް އެތައް ވަޒަނެއް ޖަހާ އަވަހާރަކޮށްލާފައިވެއެވެ. އިޔާދު އަލްޙައްލާޤަކީ އޯޓިސްޓިކް ބޭފުޅެއްކަމަށް އޭނާގެ ޢާއިލާއިން މަޢުލޫމާތު ދެއްވައެވެ. މިޙާދިޘާ ހިނގާފައިވަނީ އަލްޙައްލާޤު މަސްޖިދުލް އަޤްޞާގެ ކޮންގް ފައިޞަލް ގޭތުގެ ކައިރީގައި ހުންނަ 18 އަހަރުން މަތީގެ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ސްކޫލަކަށް ވަޑައިގަންނަވަނިކޮށެވެ. އިސްރާއީލްގެ ފުލުހުން އަލްޙައްލާޤުގެ ހަށިކޮޅަށް ބަޑި ޖަހާފައިވަނީ އެމީހުންނަށް އޭނާގެ ފޯނަކީ ހަތިޔާރެއްކަމަށް ޝައްކު ކުރެވިގެންނެވެ. އިސްރާއީލްގެ ފުލުހުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން އަލްޙައްލާޤުގެ ހަށިކޮޅާއި ދިމާއަށް 8 ވަޒަން ޖަހާފައިވެއެވެ.

މީގެ އިތުރުން ރާމަ ﷲ ގެ ހުޅަނގު އުތުރު ސަރަޙައްދެއްގައި ޢުމުރުން 37 އަހަރުގެ ފާޟީ ޢަދުނާން ސަމަރާ ޤަޢުދު ކާރުކޮޅެއްގައި ދުއްވަވާފައި ވަޑައިގަންނަވަނިކޮށް އޭނާގެ އުޅަނދަށްވަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހާފައެވެ. އެމީހުން އޭނާގެ ގަޔަށް ބަޑި ޖެހުމަށްފަހު 2 ގަޑިއިރު ވަންދެން ޞިއްޙީ އެހީތެރިކަމަކާއި ނުލާ ޒަޚަމްތަކުން ލޭފޭބުމަށް ދޫކޮށްލިއެވެ. އަދި 2 ގަޑިއިރާއި ބައި ފަހުން އިސްރާއީލުގެ އުޅަނދަކުން އައިސްވަނީ ފާޟީ ގޮތް ނޭނގޭ ތަނަކަށް ގެންގޮސްފައެވެ. އިސްރާއީލުގެ ރިޕޯޓުތަކުން ފާޟީގެ މަރު ޞިފަކޮށްފައިވަނީ އިސްރާއީލުގެ ސިފައިންގެ ގަޔަށް ކާރު އަރުވަފާނެކަމަށް ޝައްކު ކުރެވޭ މީހެއްގެ ގަޔަށް ޖެހި ވަޒަނަކުން މަރުވި މީހެއްގެ ގޮތުގައެވެ. ހަޤީޤަތުގައި ފާޟީ އަވަހާރަކޮށްލެވިފައިވަނީ އޭނާގެ އަނބިމީހާއާއި އޭނާގެ 5 ކުދިން ބައްލަވާ، އޭނާގެ އަނބިމީހާގެ ޢާއިލާ މީހެއްގެ ގެއަށް ވަޑައިގަންނަވަނިކޮށެވެ.

ފާޟީގެ އަވަހާރަވުމާއި ގުޅިގެން ފާޟީގެ އަވަށުގެ ރައްޔިތުންވަނީ ނިކުމެ އިސްރާއީލުގެ ސިފައިންނާއި ދިމާއަށް ގާ އުކާފައެވެ. ރައްދު ޙަމަލާގެ ގޮތުގައި އިސްރާއީލުން ޖެހި ބަޑިއާއި ކަރުނަ ގޭހުގެ ސަބަބުން ފަލަސްޠީނުގެ 21 އަހަރުގެ އިޔާދު އައްތަމީމީގެ ފަޔަށްވަނީ ވަޒަން އަރާ ޒަޚަމެވެފައެވެ. އައްތަމީމީއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ޑައުން ސިންޑްރޮމް ހުންނަ ބޭފުޅެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *