އަރަބިދުނިޔެދީންދުނިޔެ

ސަބަބުތަކުގައި ނުހިފުމަކީ ކީރިތި ޤުރްއާނާއި ސުންނަތާއި ޚިލާފު ކަމެއް: ޝައިޚުލް އަޒްހަރު

Sababu thakuga Nuhifumaky Keerithi Quran aa Sunnatha Khilaf Kameh

ސަބަބުތަކުގައި ނުހިފުމަކީ ކީރިތި ޤުރްއާނާއި ސުންނަތާއި ޚިލާފުކަމެއްކަމަށް ޝައިޚުލް އަޒްހަރު ވިދާޅުވެއްޖެއެވެ.

އަލްއިމާމުއް ޠައްޔިބުގެ ނަމުގައި މިރަމަޟާން މަހު ކުރިއަށްދާ ޕޮރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚުލް އަޒްހަރު އަޙްމަދު ޠައްޔިބު ވިދާޅުވާ ގޮތުގައި ތިމަންމެން ﷲ އަށް ތަވައްކުލް ކުރަމޭ ބުނެ، އެވަރުން ފުއްދާލާ، ޢާއްމު މަޖްލިސްތަކަށް ނިކުމެ، ހުރިހާ ކަމެއްވާނީ ﷲ އިރާދަ ކުރެއްވި ގޮތަކަށޭ ބުނާ މީހުން އެބައިމީހުންގެ އަމިއްލަ ނަފްސާއި އެހެނިހެން މީހުން އެހުށައަޅަނީ ނުރައްކަލެއްގެ ތެރެއަށެވެ.

ޝައިޚް އިތުރަށް ވިދާޅުވާ ގޮތުގައި އިސްލާމް ދީނަކީ ޢަމަލުގެ ދީނެވެ. މިހެންކަމުން އަޅުތަކުންގެ މައްޗަށްވަނީ ﷲ އަށް ތަވައްކުލް ކުރާ ޙާލު ޢަމަލު ކުރުމެވެ. ހަމަ މިފަދައިން ހަމައެކަނި ސަބަބު މެދުވެރިޔަސް ނުވަތަ ސަބަބުގައި ހިފިޔަސް އޭގެ ނަތީޖާ ނުނިކުމެދާނެއެވެ. އެހެނީ ކައުނުގައިވާ ކަންކަމަށް އަޘަރު ފޯރުއްވާ ފަރާތަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަދި ﷲ ތަޢާލާގެ އިޛުނަފުޅާއި ލައިގެން މެނުވީ (ސަބަބުގައި ހިފިކަމުގައިވިޔަސް) އެއްވެސް ކަމެއް ނުހިނގާނެއެވެ. އެހެނީ ﷲ ތަޢާލާ އަކީ ހުރިހާ ކަމަކާއި އެއްޗެއް ޝާމިލުވެގެންވާ، އަދި ޢާއްމުވެގެންވާ ޤުދުރަތްތެރިކަމެކެވެ.

ޝައިޚުލް އަޒްހަރު މީގެ ކުރިންވެސް ވަނީ މިފަދަ ޝުބުހައަކަށް ރައްދު ދެއްވާފައެވެ. މިގޮތުން އޭތީސްޓުން މުސްލިމުން ތަވައްކުލް ކުރާ ކުރުމަކީ ހަމަނުޖެހޭ ލޮޖިކަލް ނޫން ކަމެއްކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ވިދާޅުވާ ގޮތުގައި މުސްލިމުން ސަބަބަށާއި ސަބަބު މެދުވެރިކުރައްވާ ފަރާތަށް އީމާންވެއެވެ. އަދި މުސްލިމުން ޤަބޫލު ކުރާ ގޮތުގައި ކަމެއް މެދުވެރިވާނީ އެކަމެއް މެދުވެރިކުރުވާ ސަބަބެއް އޮވެގެންނެވެ. އަދި އެސަބަބު މެދުވެރިކުރައްވާ، އެކަމުގެ އަޘަރު ފޯރުވާ ފަރާތަކީ ﷲ ތަޢާލާއެވެ. މިގޮތުން މިސާލަކަށް އަލިފާން އަނދަނީ އަދި ނާންދަނީވެސް ﷲ ތަޢާލާގެ ޤުދުރަތްތެރި ކަމުންނެވެ. މީގެ މިސާލަކީ ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް އަލިފާންގަނޑަށް އެއްލާލެވުމުން އެކަލޭގެފާނަށްޓަކައި އެއަލިފާންގަނޑައކީ ނުއަނދާ އެއްޗެއް ކަމަށް ލެއްވުމެވެ.

އަލްއިމާމުއް ޠައްޔިބު މިޕޮރޮގްރާމަކީ މިޞްރުގެ އަދި ޢަރަބި އެކު ޤައުމުތަކުގެ އެކިއެކި ޗެނަލްތަކުން ދައްކަމުންގެންދާ ޕޮރޮގްރާމެކެވެ. އަދި މީގެ އިތުރުން ޝައިޚުގެ ރަސްމީ ފޭސްބުކް އަދި ޔޫޓިޔުބް ޗެނަލާއި، އަޒްހަރުގެ ސޯޝަލް މީޑިޔާ ޞަފްޙާތަކުގައި ޢާއްމު ކުރެވެމުންގެންދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *