ކޯވިޑް 19 އާއި ވިދިގެން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައިވެސް ގޭގައި ޢީދު ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޢާއްމު ކުރައްވާފައިވާ ސަރކިއުލާއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ބޮޑު ޖަމާޢާތެއްގައި ޢީދު ނަމާދު ކުރުމަކީ އިސްލާމީ ވަރަށް މަތިވެރި ޝިޢާރެއް ކަމަށާއި އެހެނަސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޢާލަމީ ވަބާގެ ސަބަބުން މިހާރު މިވަނީ މިސްކިތްތަކުގެ ޖަމާޢާތްތައް ޤާއިމު ނުކުރެވޭފަދަ ޙާލަތެއް މެދުވެރިވެފައިވާކަމަށެވެ. އެހެންކަމުން މިފަދަ ޙާލަތްތަކުގައި އިސްލާމްދީނުގައި ޝަރްޢުވެގެންވަނީ ގޭގައި ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އަންގާފައެވެ.
މިސާރކިއުލަރގައިވާ ގޮތުގައި "އަނަސް ބިން މާލިކު ފަދަ ޞަޙާބީއެއްގެ އަރިހުންވެސް ގޭގެ އަހްލުވެރިންނާއިއެކު ޢީދު ނަމާދު ޖަމާޢަތުގައި ކުރެއްވިކަން ޞައްޙަ މަގުން ޘާބިތުވެފައިވާ" ކަމަށާއި "މިގޮތަށް ގޭގައި، ޖަމާޢަތުގައި ޢީދު ނަމާދު ކުރައްވާނީ ބަންގިއާއި ޤަމަތް ދިނުމަކާއިނުލާ، ޢާއްމު ޙާލަތުގައި ޢީދު ނަމާދު ކުރައްވާ ފަދައިން"ނެވެ. އަދި ޖަމާއަތުގައި ކުރާ ޢީދު "ނަމާދު ނިމިގެން އޮންނަ ޚުޠުބާ ކިޔުމެއްނުވާ"ކަމަށެވެ.
"މިގޮތުން ފުރަތަމަ ނަމާދަށް ނިޔަތްގަނެ، ހަށަންބަން ތަކްބީރާއި އެކު ހަށަން ބަނުމަށްފަހު، ދުޢާއުލް އިސްތިފްތާޙް ކިޔާނީއެވެ. އަދި އެއަށްފަހު (ހަށަންބަން ތަކްބީރާއި ނުލާ) 7 ތަކްބީރު ކިޔާ، ކޮނޑާއި ހަމައަށް އަތް އުފުލާނީއެވެ. އަދި އެއަށްފަހު ސޫރަތުލް ފާތިޙާއާއި، ސޫރަތުލް އަޢުލާ ނުވަތަ އެފަދަ އެހެން ސޫރަތެއް ކިޔަވާނީއެވެ. މިއަށްފަހު ޢާއްމު ނަމާދުތައް ކުރާހެން ރަކްޢަތް ނިންމާލުމަށްފަހު، ދެވަނަ ރަކްޢަތަށް ތެދުވެ ކިޔާ ތަކްބީރުގެ އިތުރުން 5 ތަކްބީރު ކިޔާނީއެވެ. އަދި ސޫރަތުލް ފާތިޙާއަށްފަހު ސޫރަތުލް ޣާޝިޔާ، ނުވަތަ އެހެން ސޫރަތެއް ކިޔެވުމަށްފަހު ދެވަނަ ރަކްޢަތް އެހެނިހެން ނަމާދުތައް ކުރާ ފަދައިން ފުރިހަމަކޮށް ސަލާމްދޭނީއެވެ." މިފަދައިން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރެމުން ދާތީ ޢީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީއިން އަންގާފައިވާއިރު މިސްކިތުގައި ކުރެވޭ ހުކުރު ނަމާދާއި މިސްކިތްތަކުގައި ޖަމާއަތުގައި ކުރެވޭ ނަމާދުތައްވެސް މުޅި ރާއްޖޭގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
ޚިޔާލު