އަރަބިދުނިޔެދުނިޔެ

ކޮވިޑް 19 ޣާޒާގައި – 2 މިލިއަން މީހުންނަށް އެންމެ 40 އައިސީޔޫ އެނދު

ދުނިޔެއަށް މިއަދު ބަލާލުމުން ފެންނަނީ ވަރަށް އަސަރުކުރުވަނިވި މަންޒަރެކެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ޖެހިފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޤައުމުތަކުގެ ސިއްޚީ ދާއިރާގައި މަސައްކަތްކުރާ މީހުން އަވަދިނެތި މަސައްކަތްކުރަމުންދާ މަންޒަރެވެ. ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ހަރަކާތްތައް ހުއްޓާލާ މިބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ފަރުވާދިނުމަށް ރެޔާއި ދުވާލު މަސައްކަތްކުރަމުންދާ މަންޒަރެވެ. ބައެއް ޤައުމުތަކުގައި ހާއްސަކޮށް ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގެ ހޮސްޕިޓަލްތައް ފުރި ބާރުވެ ބަލި މީހުންނަށް ޚިދުމަތް ދިނުމަށް ވަގުތީ ހޮސްޕިޓަލްތައް އެޅިގެންދިޔައެވެ. އެވަރުން ނުވެގެން ކުޅިވަރު ކުޅުމަށް އިމާރާތްކޮށްފައިވާ ސްޓޭޑިއަމްތަކުގައި ވާޑްތައް ހަދާ ބަލިމީހުންނަށް ފަރުވާ ދެމުންދިޔައެވެ. ބައެއް ތަންތަން ބޭސް ރައްކާކުރާ މަރުކަޒުތަކުގެ ގޮތުގައިވެސް ބޭނުންކުރުމަށް ނިންމުނެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުގެ ހާލަތު ހުރީ މިހެންކަމުގައިވާއިރު ހަތަރު ފަރާތުން ހިޞާރުކޮށް “ކަރަންޓީނު” ކޮށްފައިވާ ފަލަސްތީނުގެ ޣާޒާގެ ހާލަތު ހުންނާނީ ކިހިނަކުންބާ؟ މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެންދާއިރު “ކޮށްޓެއްގައި” ބަންދުކޮށްފައިތިބި2 މިލިއަން މީހުން ބޭނުންކުރަން އެންމެ 40 އައިސީޔޫ އެނދާއި 56 ވެންޓިލޭޓަރ ހުރުމުން ދެން ނިކުންނާނީ ކޮން ނަތީޖާއެއްބާ؟

އަދަދުން އަޅާކިޔާނަމަ އޯއީސީޑީގެ ހިސާބުތައް ދައްކާގޮތުން ޖަރުމަންވިލާތުގައި ކޮންމެ އެއްލައްކަ މީހަކަށް 29.2 އައިސިޔޫ އެނދު ހުރެއެވެ. ބެލްޖިއަމްގައި 22، އިޓަލީގައި 12.5، ފަރަންސޭސިވިލާތުގައި 11.6 އިނގިރޭސިވިލާތުގައި ކޮންމެ އެއްލައްކަ މީހަކަށް 6.5 އެނދު ހުރެއެވެ. އެހެން ނަމަވެސް ޣާޒާގައިނަމަ ކޮންމެ އެއްލައްކަ މީހަކަށް ހުންނަނީ 2 އައިސީޔޫ އެނދެވެ.

13 އަހަރު ވަންދެން ހިޞާރުކޮށް ސިއްޚީ ދާއިރާއަށް ބޭނުންވާނެ ބޭހާއި މެޝިނަރީސްއާއި އެހެންވެސް އާލާތްތައް އެތެރެކުރުމުގެ މަގު ބަންދުކޮށްފައިވުމުގެ ސަބަބުން ޣާޒާގެ ސިއްޚީ ނިޒާމުވަނީ މުޅިންހެން ފުނޑުފުނޑުވެފައެވެ. 2018 ވަނަ އަހަރު ގްރޭޓް މާރޗް ރިޓާންގެ ތެރެއިން ހައްދުފަހަނަ އެޅި އިޒްރޭލު ސިފައިން ޣާޒާގެ 129 މީހަކު ޝަހީދުކޮށް 29،000 އަށްވުރެ ގިނަ ރައްޔިތުން ޒަޚަމްކޮށްލިއިރު އ.ދ ގެ މާހިރުންވެސްވަނީ ޣާޒާގެ ސިއްޚީ ނިޒާމު ބަލިކަށިވެފައިވާ މިންވަރުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނިޔާވެރި އަމަލުތަކެއް

2014 ވަނަ އަހަރު އިޒްރޭލު ސިފައިން ޣާޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ ޢުދުވާނުގައި ޣާޒާގެ އަލް އަޤްޞާ ހޮސްޕިޓަލާއި އަދި އަލް ވަފާ ހޮސްޕިޓަލަށްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުން އެމްބިއުލަންސްތަކަށްވެސް ގެއްލުންދިނުމުގެ ގަސްތުގައި ގިނަ ހަމަލާތަކެއްވަނީ އަމާޒުކޮށްފައެވެ. އަދި މިކަންކަމަކީ އަބަދުހެން އިޒްރޭލުން ޣާޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ކަންކަމެވެ.

އެގޮތުން މިދިޔަ އަހަރުގެ މެއިމަހު މުނާ އައްވާދުއަށް ކުރިމަތިވި ހިތާމަވެރި ހާދިސާ މިތަނުގައި ހަނދާން އައުކޮށްލާނަމެވެ. މުނާގެ 5 އަހަރުގެ ދަރިފުޅު އައިޝާގެ ސިކުނޑިއަށް ކެންސަރު ޖެހިފައިވާކަން ޓެސްޓްތަކުން ދެއްކުމުންނާއި ޣާޒާގެ ހޮސްޕިޓަލްތަކުން ފަރުވާކުރެވެން ނެތުމުގެ ސަބަބުން އިރުމަތީ ޤުދުސްއަށް ފަރުވާއަށް ދިއުމުގެ ހުއްދައަށް އެދުނެވެ. އެހެން ނަމަވެސް މުނާ އަށްވެސް އޭނާގެ ފިރިމީހާ އަދި އައިޝާގެ ބައްޕަ ވަސީމަށްވެސް އިޒްރޭލުން އައިޝާއާއެކު ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ދީފައެއް ނުވެއެވެ. ނުވިތާކަށް އައިޝާގެ 75 އަހަރުވީ މާމައަށްވެސް އައިޝާއާއެކު ބޭސްފަރުވާއަށް ދިއުމުގެ ހުއްދައެއް ނުލިބުނެވެ. އެންމެފަހުން މުނާއަށް ޖެހުނީ ނުވެސް ދަންނަ އަންހެނަކަށް އައިޝާ ހަވާލުކޮށް ބޭސްފަރުވާއަށް ފޮނުވާށެވެ. އިރުމަތީ ޤުދުސްގެ ހޮސްޕިޓަލުގައި ތުއްތު އައިޝާގެ އެތައް އޮޕަރޭޝަނެއްކުރި ނަމަވެސް ދުނިޔެ ދޫކޮށްދިޔައީ ކޯމާއެއްގައި އޮވެއެވެ.

އަލް މީޒާން ސެންޓަރ ފޮރ ހިއުމަން ރައިޓްސްގެ ހިސާބުތައް ދައްކާގޮތުން ބޭސްފަރުވާ އަސް ގާޒާއިން ބޭރަށް ދިއުމަށް 2018 ވަނަ އަހަރު 25،658 މީހުންގެ ތެރެއިން 38 އިންސައްތަ މީހުންނަށް އިޒްރޭލުންވަނީ ހުއްދަނުދީ ހިފަހައްޓާފައެވެ.

އިޒްރޭލުގެ މިއަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެސް ޣާޒާގެ ސިއްޚީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޣާޒަ ހިޞާރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް އިޒްރޭލަށް ބާރުއެޅުމަށް ޣާޒާގެ ހެލްތް މިނިސްޓްރީއިންވަނީ ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލާފައެވެ.

ޣާޒާގެ ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ މަޖްދީ ޒުހައިރު މިޑްލްއީސްޓް އައިއަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މިއީ ބައިނަލްއަޤްވާމީ ފަރާތްތަކުން ޣާޒާގެ އަޑު އަހަންވީ ވަގުތު ކަމަށާއި ކޮވިޑް19 ފެތުރިގެން ގޮސްދާނެ ހާލަތަކަށް ތައްޔާރުވުމަށް އައިސީޔުގެ އެނދު އިތުރުކުރުމާއި ވެންޓިލޭޓަރ އިތުރުކުރުމަށް ދިމާވެފައިވާ ގޮންޖެހުމަކީ އިޒްރޭލުގެ ހިޞާރުކަމަށެވެ.

މަޖްދީ ވިދާޅުވިހެން މިވަގުތަކީ އިޒްރޭލުން ޣާޒާގެ ހިޞާރު އުވާލަންވީ ވަގުތެވެ. މިވަގުތަކީ އެކަމަށް ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކުން އިޒްރޭލަށް ބާރު އަޅައި ފިއްތުންތައް ކުރިމަތިކޮށްގެންވެސް އެކަން ކުރަންވީ ވަގުތެވެ. ކޮވިޑް19 ގެ ބަލިމަޑު ކަމުގައި ދުނިޔޭގެ ތަރއްޤީވެފައިވާ އެތައް ޤައުމެއް ކުޑަކަކޫ ޖަހުވާފައިވާއިރު ޣާޒާއަށް މިބައްޔާ ހަނގުރާމަ ކުރެވޭނީ އެކަމަށް ބޭނުންވާނެ ވަސީލަތްތައް ލިބިގެންނެވެ. އެހެން ނޫންނަމަ 2 މިލިއަން މީހުންނަށް ކުރިމަތިލާންޖެހޭނީ ބޮޑު ބިރުވެރިކަމަކާއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *