އަރަބިދުނިޔެ

އިބްރާހީމީ މިސްކިތަކީ ޔަހޫދީންގެ އާޘާރީ ތަރިކައެއްކަމުގައި އިސްރާޢީލުން އިޢުލާނުކޮށްފި

ލިޔުނީ: އިބްރާހީމް ނާޒިމް

ޚަލީލް ސަހަރު ނުވަތަ ހަބްރޫންގައިވާ މަސްޖިދު އިބްރާހީމީ އާއި މަސްޖިދު ބިލާލް އިބްނު ރަބާ އަކީ ޔަހޫދީންގެ އާޘާރީ ތަރިކައެއް ކަމުގައި އިސްރާއީލުން އިއުލާނުކޮށްފި އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިފަދަ ދެކޮޅުނުޖެހޭ ބާޠިލު ދައުވާއެއް މި ދުވަސްވަރާ ދިމާކޮށް ޔަހޫދީ ދައުލަތުން އުފުލުމުގެ ބޭނުމަކީ ހަމާސްގެ އިސް ކޮމާންޑަރު މަހުމޫދް އަލް މަބްހޫ އަވަހާރަކޮށްލުމުގައި އިސްރާޢީލްގެ މޯސާޑުން ކުޅެފައިވާ ނުބައި ރޯލް ދުނިޔޭގެ ޤައުމުތަކުން ކުށްވެރިކުރަމުންދާތީ ދެބޯގެރިދުއްވުމުގެ ބޭނުމުގައި ކުރާ ކަމެއްކަމަށެވެ. ދުބާއީގެ ހޮޓަލެއްގައި މަބްހޫ ހުންނަވަނިކޮށް އެތަނަށްގޮސް އޭނާ އަވަހާރަކޮށްލުމަށްޓަކައި އިސްރާޢީލުގެ އޭޖެންޓުން ވަނީ އިނގިރޭސިވިލާތާއި، އޮސްޓްރޭލިޔާ އަދި އީ.ޔޫގެ އެތައް ޤައުމެއްގެ ރައްޔިތުންގެ ނަމުގައި ވަގު ޕާސްޕޯޓްތަކެއް ބޭނުންކޮށްފަ އެވެ. މިކަމާ ގުޅިގެން އެ ޤައުމުތަކުން ވަނީ އިސްރާޢީލްދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. މި މައްސަލައިގެ ތަޙުޤީޤުތައް ކުރިޔަށްދިޔަ ވަރަކަށް އިސްރާޢީލް ދަނީ އޮރިޔާންވަމުންނެވެ.
ޚަލީލް ސަހަރުގައި މިގޮތަށް ކަންތައްތައް ކުރުމުން ފަލަސްޠީނުގެ ރައްޔިތުން އިތުރަށް ރުޅިއައިސްގެން މަގުތަކަށް ނުކުންނާނެ އެވެ. ދެން އިސްރާޢީލުގެ ސިފައިން މަގުތަކަށް ނެރެ ތަޅާފޮޅުން ހިންގަންފެށުމުން ދުނިޔޭގެ ސަމާލުކަން އެދިމާއަށް އެނބުރިގެން ދާނެ އެވެ. އިސްރާޢީލުން މިގޮތަށް ކަންތައް މި ކުރީ 1994ވަނަ އަހަރު އިބްރާހީމީ މިސްކިތަށް ބަރުޗް ގޯލްޑްސްޓެއިން ނަމަކަށް ކިޔުނު ޔަހޫދީ ޓެރަރިސްޓުންގެ މީހަކު ބަޑި ހިފައިގެން ވަދެ ނަމާދަށްތިބި މުސްލިމުންގެ ތެރެއިން 29 މީހުން މަރާލިތާ 16 އަހަރު ފުރެން ގާތްވެފައި ވެސް ވަނިކޮންނެވެ. އެ ހާދިސާގައި އިތުރު 150 މީހުން ވަނީ ޒަޚަމްވެފަ އެވެ.
މިފަދަ ކަންކަމަކީ އިސްރާޢީލުން މުޅި ފަލަސްޠީނު އެއީ ޔަހޫދީންގެ ތަނެއްކަމަށް ކުރާ ބާޠިލު ދައުވާ ވަރުގަދަކުރުމަށް ކުރަމުންދާ ކަންތައްތަކެއް ކަމާމެދަކު ޝައްކެއް ނެތެވެ. އިސްރާޢީލުން އެ މިސްކިތްތައް އެއީ ޔަހޫދީންގެ ތަންތަން ކަމުގައި ހަމަޖެއްސިކަން އިޢުލާންކުރުމާއެކު ހުޅަނގު އައްސޭރީގެ އަރީޙާ އަށް ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ވަނީ ވަދެގަންނަން މަސައްކަތްކޮށްފަ އެވެ. އެބައިމީހުންގެ ބަހަނާއެއް ކަމުގައި ވަނީ އެތަނުގައި ހުރިކަމަށް ބުނާ ޤަދީމީ ޒަމާނުގެ ޔަހޫދީ ފައްޅިއަކަށް ޒިޔާރަތްކުރުމެވެ. އިސްރާޢީލުން ޚަލީލް މިސްކިތް ޔަހޫދީންގެ ތަނެއް ކަމުގައި ހަމަޖެއްސި ޚަބަރާ ގުޅިގެން ޢަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލް އަމްރު މޫސާ ވިދާޅުވެފައި ވަނީ، މިކަމުން ސާބިތުވަނީ އިސްރާޢީލުން ޞުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމުގަ އެވެ. އޭނާ އިތުރަށް ވިދާޅުވާގޮތުގައި އިސްރާޢީލުން ދުވަހަކުވެސް ޞުލަޙައަށް ޝައުޤުވެރިކަމެއް ނުދެ އެވެ. އަދި ދުވަހަކުވެސް ފަލަސްޠީނު މީހުންގެ ޙައްޤުތަކެއް ވާކަމަށް އެއްބަސްވެފައެއް ނެތެވެ. ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތް އުފެއްދި ޒަޔަނިސްޓުންގެ ކާބަފައިން ވަންހަނާކޮށްފައި ނުވާ ފަދައިން އެމީހުން ބޭނުންވަނީ ފަލަސްޠީނުގެ މުޅި ބިން އެއްކޮންނެވެ. އެބިމެއްގައި ފަލަސްޠީނު މީހުން ދިރިނޫޅޭ، ފަލަސްޠީނު މީހުންގެ ތާރީޚް އެތަނުން ފޮހެލެވިފައިވާ ބިމެކެވެ.
އިސްރާޢީލްގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޫރިޔަން ލިޔެފައި ވަނީ، ފަލަސްޠީނު ބައިކުރުމަކީ އެމީހުންގެ ޤާނޫނާ ޚިލާފްކަމެއް ކަމުގަ އެވެ. މާނަ އަކީ ފަލަސްޠީނުގެ ބިމުން ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް ޔަހޫދީން ނޫން ބަޔަކަށް ލިބިދީގެން ނުވާނެ އެވެ. ފަލަސްޠީނުގެ ބިން ބައިކުރުން ފަދަ ކަމެއް ބަލައި ނުގަނެވޭނެ އެވެ. ބައިކުރުމަށް އެއްބަސްވެ އެއްވެސް މީހަކު ނުވަތަ މުއައްސަސާއަކުން ކުރާ އެއްވެސް ބާވަތެއްގެ ސޮޔަކީ މުޅިން ބާޠިލު އެއްޗެއް ކަމަށެވެ. ފަލަސްޠީނުގެ ބިން ބައިކުރެވިއްޖެ ނަމަ ޔަހޫދީން އެއްބައިވަންތަ ނުކުރެވޭނެ އެވެ. އަބަދުވެސް ޤުދުސް ވާންޖެހޭނީ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމުގަ އެވެ. އަންނަން އޮތް ހުރިހާ ޒަމާނެއްގައި ވެސް ފަލަސްޠީނުގެ މުޅި ބިން ބަނީ އިސްރާޢީލުންނަށް ލިބިދޭންޖެހޭނެ ކަމަށެވެ. ބެންގޫރިޔަންގެ މި ބަސްތަކަށް އަމަލުކުރުމުގައި އިސްރާޢީލު މިހާތަނަށް ވެސް ފިލާނުދެ އެވެ. ވުމާއެކު ޔަހޫދީންނާ ޞުލްޙަވެވިދާނެކަމަށް ބައެއް ޢަރަބި ޤައުމުތަކުގެ ވެރިންނަށް ހީކުރެވުނު ކަމުގައި ވިޔަސް އެއީ ކުށްހީއެކެވެ.
ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ޔޫރަޕިއަން ޔޫނިއަން އިން ބުނަމުންދާއިރު އެ ޖަމާޢަތުން ހިންގާ ޢަސްކަރީ ހުރިހާ އޮޕްރޭޝަންތަކެއް ހިންގާފައި ވަނީ އިސްރާޢީލް ފޭރިގެންފައިވާ ބިންތަކުގަ އެވެ. ފަލަސްޠީނުން ބޭރުގައި ޔަހޫދީއަކު މަރާލުން ނުވަތަ ބޮމެއް ގޮއްވާލުން ފަދަ އެއްވެސް ޢަމަލެއް ހިންގާފައެއް ނުވެ އެވެ. ޢަރަބި ޤައުމެއްގެ އެއްވެސް ސަރުކާރަކަށް ނުވަތަ ރައްޔިތަކަށް އަމާޒުކޮށް ވެސް ހަމަލާއެއް ދީފައެއް ނުވެ އެވެ. ކޮންމެ ބަޔަކުވެސް އެބަޔެއްގެ ވަޠަން އިސްތިޢުމާރީ ވަކިތަކުން މިންޖުކުރުމަށް ޖިހާދުކުރުމަކީ ދުނިޔޭގެ އެއްވެސް ޤާނޫނަކުން މަނާކުރާ ކަމެއް ނޫނެވެ. ޙަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެކޭ ބުނާއިރު އެކަމުގެ ހެކި ދެއްކުމަށް ޔޫރަޕިއަން ޔޫނިއަން ވަނީ ނުކުޅެދިފަ އެވެ.

މިއާއި ޚިލާފަށް އިސްރާޢީލް އަކީ ރަތްލާޖެހި ޓެރަރިސްޓް ދައުލަތެއްކަމަށް ދުނިޔޭގެ ގިނަ ޤައުމުތައް ހެކިދެ އެވެ. އެހެނީ އިސްރާޢީލްއަކީ އަނިޔާވެރިކަމުގެ ތެރެއިން އުފަންވީ ޤައުމެކެވެ. އެ ޤައުމުގެ އަވައްޓެރީންނަށް ބިރުދައްކާ، އިސްވެ ހަމަލާދީ އަދި މީނޫންވެސް ޢުދުވާނުތައް ހިންގާ ޤައުމެކެވެ. މިހާރުވެސް އިސްރާޢީލް އޮތީ އ.ދ.ގެ ޤަރާރުތަކާ ޚިލާފަށް އަވައްޓެރި ޤައުމުތަކުގެ ބިންތަކުން އެތައް ތަނެއް ފޭރިގަނެގެންނެވެ. މިހުރިހާ ކަމެއްގެ އިތުރުން އެކިފަހަރުމަތިން އެކި ޤައުމުތަކުގެ މިނިވަންކަމާ ސިޔާދަތުގެ މައްޗަށް އަރައިގަނެ، އެ ޤައުމުތަކުގައި ޢަސްކަރީ އޮޕަރޭޝަންތައް ހިންގާ، މީހުން މަރާ ހަދަމުން ދެއެވެ. އެ މީހުންނާ އިދިކޮޅު ޤައުމުތަކަށް ހަމަލާދިނުމުގެ ނިޔަތުގައި ސިއްރުން ނިޔުކްލިޔަ ހަތިޔާރުތައް އުފައްދާ ޖަމާކޮށްފައި ވެއެވެ.
އިސްރާޢީލުން އަބަދުހެން މުސްލިމުންގެ މުޤައްދަސް ތަންތަން ފޭރެމުން ދެއެވެ. 1994ވަނަ އަހަރު އިބްރާހީމީ މިސްކިތުގައި ހިންގުނު ބަޑިޖެހުމުގެ ހާދިސާއަށް ފަހު ޔަހޫދީ ދައުލަތުން ވަނީ އެ މިސްކިތް ބައިކޮށް އެތަނުގެ ތިންބައިކޮށްފަ ދެބައި އެއީ ޔަހޫދީންނަށްވާ ސަރަހައްދު ކަމުގައި ހަމަޖައްސާފަ އެވެ. އޭރު ފަލަސްޠީނުގެ މުސްލިމް ޢަރަބީން އިބްރާހީމީ މިސްކިތުގައި ނަމާދުކޮށް، އެތަން ބަލަހައްޓަމުން އަންނަތާ 1000 އަހަރު ވަނީ ފާއިތުވެފަ އެވެ. ނަމަވެސް މިއަދު އެ މިސްކިތް ހުރި ހިސާބުގެ މަގުތައް ޔަހޫދީ ސިފައިން ވަނީ ބަންދުކޮށްފަ އެވެ. މުސްލިމް ޒުވާނުންނަށް އެ މިސްކިތަށް ދިޔުން ވަނީ މަނާކޮށްފަ އެވެ. ޙައިރާންވާން ޖެހޭ އަނެއްކަމަކީ އިސްރާޢީލުން މަސްޖިދުލް އަޤްޞާ އެއީ އެމީހުންގެ 'ފުރަތަމަ ފައްޅި' ހުރިތަންކަމަށް ދައުވާކޮށްފައި، އަނެއްކާ މިހާރު އިބްރާހީމީ މިސްކިތް ހުރިތަނަކީ 'ދެވަނަ ފައްޅި' ހުރިތަންކަމަށް ބުނަންފަށާފައި ވާތީ އެވެ. ދެން މިހެންގޮސް ކޮންމެ މިސްކިތެއް ހުރިތަނަކީ ކުރިން ޔަހޫދީންގެ ފައްޅިއެއް ހުރިތަނެއްކަމަށް ގޮވަންފަށާނެ ކަމާމެދަކު ޝައްކެތް ނެތެވެ. މިހެންވީމާ ފަލަސްޠީނުގެ ހުރިހާ މިސްކިތްތަކެއް ޔަހޫދީ ޒަޔަނިސްޓުން ތަޅާލަން ދިމާކުރާނެ އެވެ.

1948ވަނަ އަހަރު އިސްރާޢީލް ނަމަކަށް ކިޔުނު ޣައިރު ޤާނޫނީ ދައުލަތް އުފެދުމާއެކު ޔަހޫދީން ވަނީ އެތައް ބައިވަރު މިސްކިތްތަކެއް ނައްތާލާފަ އެވެ. މިގޮތުން ނައްތާލެވުނު ބައެއް މަޝްހޫރު މިސްކިތްތަކަކީ ޖާމިޢުލް ޚަބީރު، ބީރުއްސަބްޢާ، އަލްޤައިސަރިއްޔާ އަދި މަސްޖިދު އަފްލާ އެވެ. މީގެ ތެރެއިން މަސްޖިދު އަފްލާ ވަނީ ޔަހޫދީންގެ ފައްޅިއަކަށް ބަދަލުކޮށްފަ އެވެ. އަލްޤައިސަރިއްޔާ މިސްކިތް ވަނީ ރެސްޓޯރަންޓަކަށް ބަދަލުކޮށްފަ އެވެ. އަދިވެސް ކިތަންމެ މިސްކިތްތަކެއް ވަނީ ދާރުލްއާޘާރުތަކަށާއި، ނައިޓް ކްލަބްތަކަށާއި، މި ނޫންވެސް ފާޙިޝް ޢަމަލުތައް ކޮށްއުޅޭ ތަންތަނަށް ބަދަލުކޮށްފަ އެވެ.

އިސްރާޢީލުން ހިންގާ މިފަދަ ނުބައިކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެ ޤައުމުން މިފަހަރު މި އެޅީ ވަރަށް ބޮޑު ޅަ އެއްޗެކެވެ. މިހެންކަމުން މިކަމުގެ ނަތީޖާ އެބައިމީހުންނަށް ވަރަށް ހިތި ގޮތެއްގައި ފެނިގެންދާނެ އެވެ. ފަލަސްޠީނުގެ އެތެރެއާއި ބޭރުން ވެސް މުސްލިމުންގެ ރުޅިއާއި ކުރިމަތިލާން އިސްރާޢީލަށް ޖެހޭނެ އެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ހީކުރީ މާލޭގަހުރި އިބްރާހިމް މިސްކިއްކަމަށް!

  2. ތިބައިގަނޑު މައިތިރި ކުރުމަށް އަރަބި ދުނިޔެ ހަމަ ނުކުޅެދެނީބާ!؟؟؟؟؟؟ ވާނީވެސް އެހެން އަރަބިދުނިޔެވެސް ކޮންޓްރޯލްކުރަން ބޮޑެތިންނަށް ތިބީ އެކަހަލަ މީހުން، ހައްދަވާ ބޮޑުކުރައްވާ ގެންގުޅުއްވާ އިލާޙް މިބައިގަނޑުގެ ކިބައިން އިސްލާމީ ދުނިޔެ ސަލާމަތްކުރައްވާށި، އާމީން

Your email address will not be published. Required fields are marked *