އަފްގާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީގެ ދެބެންގެ ދެ ދަރި ބޭފުޅެއް ކަމަށްވާ، ހާޖީ މުހައްމަދު ޚާން،އެމެރިކާ ސިފައިންގެ ހަމަލާއެއްގައި މަރާލައިފިއެވެ. އޭނާ މަރާލާފައިވަނީ، ރޭގެ ވަގުތެއްގައި އެމެރިކާގެ ޓެރަރިސްޓުން ހާޖީ މުހައްމަދު ޚާންގެ ގެޔަށް ހެލިކޮޕްޓަރުތަކެއްގެ އެހީގައި ދިން ވަރުގަދަ ހަމަލާތަކެއްގައެވެ.
ކަންދަހާރު ގެ ޕުރޮވިންސް ކައުންސިލްގެ ވެރިޔާ އަހުމަދު ވަލީ ކަރުޒާއީވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ވަލީ ކަރުޒާއީއަކީ ހާމިދު ކަރުޒާއީގެ ކޮށްކޯފުޅެވެ. މީގެ އިތުރުން، މި ހަމަލާ ކުއްވެރިކޮށް ކަންދަހާރުގެ އާންމުން މަގުތަކަށް ނިކުމެ ވަނީ، ނުރުހުން ފާޅުކޮށްފައެވެ. ފަހަކަށް އައިސް، އެމެރިކާގެ ޓެރަރިސްޓުން ދެމުންދާ ހަމަލާތަކުގައި މަރުވަމުންދާ އާންމުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އަފްގާންގެ އުތުރުގައި ހަރަކާތްތެރިވަމުންދަ ޖަރުމަނު ވިލާތުގެ ހައްދުފަހަނަ އެޅި ސިފައިން އިއްޔެ ދިން ހަމަލާތަކެއްގައި އަންހެނެއްގެ ގަޔަށް ވެސް ވަނީ ބަޑި ޖަހާ މަރާލައިފައެވެ. އަދި ޗަހާ ދަރާ ޑިސްޓްރިކްޓުގައި ޖަރުމަނުގެ ހައްދުފަހަނަ އެޅި ސިފައިންތަކެއް ވަނީ އާންމުންގެ މީހެއްގެ ގެޔަކަށް ބަޑިޖަހާ މުޅި ގެ ސުންނާފަތިކޮށްލާފައެވެ.
ޔޫއެންގެ ރިޕޯޓުތައް ބުނާގޮތުން، އަފްގާނިސްތާނަށް ވެރިވެގެންފައިވާ އެމެރިކާގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންގެ ހަމަލާތަކުގައި މިދިޔަ އަހަރު އެކަނިވެސް ވަނީ އާންމުންގެ 2777 މީހުން މަރާލައިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ.
އެންމެ ޤާބިލު ހަތިޔާރުތައް ބޭނުންކުރާކަމަށް ދައުވާ ކުރާ އެމެރިކާއިން، "އޮޅިގެން" ދެވޭ ހަމަލާތަކުގައި މަރުވާ އާންމުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާތީ، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

















ޚިޔާލު