ދީންޞިއްޙަތު

ބަޔޮލޮޖިކަލް ސައިންސްގެ އަލީގައި ލޭ ޙަރާމްކުރެއްވުމުގެ ޙިކުމަތް

ބަޤަރާ ސޫރަތުގައި ﷲ ޞުބުޙާނަހޫ ވަޠަޢާލާ ވަޙީކުރަށްވާފައިވެއެވެ. إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّـهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿ سورة البقرة 173 ﴾

މާނަ: ތިޔަބައިމީހުންނަށް އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، مجبور ވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.

 

މިއާޔަތުގައި ވަރަށް ޞަރީޚަކޮށް މާތްﷲ އަންގަވާފައިވާ ގޮތުން، ލެޔަކީ މުސްލިމުންނަށް ޙަރާމް އެއްޗެކެވެ. މިތަޙްރީމް ގެ ޙިކުމަތް އިންސާނުންނަށް އެނގެންފެށީ 20ވަނަ ޤަރުނުގެ ސައިންސުން ހޯދުނު ހޯދުން ތަކެއްގެ އަލީގައެވެ. ލެއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ހޯމޯންސް، އޮކްސީޖަން، ޕްރޮޓީންސްއަދި ހަކުރު ފަދަ ޟަރޫރީ މާއްދާތައް ހަށިގަނޑުގެ އެއްތަނުން އަނެއްތަނަށް ގެންގޮސްދޭ ވަރުގަދަ ސަވާރީއެކެވެ. އިންސާނާއަށް ލެޔާނުލާ ދިރިއެއްނޫޅެވޭނެއެވެ. ސަބަބަކީ ދިރިހުރުމަށް ބޭނުންވާ އެތައްކަމެއް ސީދާގޮތުންނާއި ނުސީދާގޮތުންވެސް ލެޔާ ގުޅިފައިވާތީއެވެ. ކަންމިހެންހުރި ނަމަވެސް، ލޭގެތެރޭގައި އެތައްބައިވަރު ވިހައަކާއި، ޖަރާސީމާއި މިނޫންވެސް ހަށިގަނޑުން ބޭރުކޮށްލަންޖެހޭ އެތައް މާއްދާތަކެއް ވެއެވެ. ކުރީގަ ދެންނެވުނު ކަންތައްތަކުގެ އިތުރުން، ޔޫރިއާ އާއި ޔޫރިކް އެސިޑާއި ކެރަޓިން އަދި ކާބޮންޑަރ އޮކްސައިޑް ފަދަ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށްޓަކައި އެތަކެތި ބޭރުކުރަން ހަމަޖެހިފައިވާތަންތަނަށް  ފޯރުކޮށްދިނުމަކީވެސް ލޭގެ ވަރަށް މުހިންމު ވަޒީފާއެކެވެ.

 

އިންސާނަކު ލޭބޮއިފިނަމަ، އެލޭގަ ހުރި ވިހަމާއްދާތައް އެބުއިމީހާގެ ލެޔާ ގުޅުމުގެ ސަބަބުން އޭނާގެ ލޭގަ ހުރި ވިހަމާއްދާތަކުގެ ނިސްބަތް އެތައްގުނައެއް މަތިވެގެން ދެއެވެ. އެއާއެކު ހަނދާންކޮށްލަންވީކަމަކީ ލެޔަކީ ހަށިގަނޑުގެ ހުރިހާ ނިޒާމަކަށް ދަތުރުކުރާ އެއްޗެއް ކަމެވެ. ވިހަވެފައިވާ މިލޭ ސިކުނޑިއާ ހަމައަށް ދިއުމުން، ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައެވެ. އަދި ކޯމާގެ ސްޓޭޖަށް މީހާ ދިއުންވެސް އެކަށީގެންވެއެވެ. ވީމާ ވިސްނާލަންޖެހޭ ކަމަކީ ކިތަންމެ ސިއްޙަތު ރަނގަޅު ޖަނަވާރެއްގެ ގައިން ނެގިނަމަވެސް، ލެޔަކީ އޭގެ ޒާތުގައިވެސް ވިހަމާއްދާތަށް ހުންނަ އެއްޗެއްކަމެވެ. ބަލި ޖަނަވާރަކުން ނަގައިގެން ބޮއެފިނަމަ، އެބުއި ލެޔެއްގައި އެތައްބައިވަރު ޖަރާސީމަކާއި ނުރައްކާތެރި ބެކްތީރިއާ އަދި ވައިރަސްތައް ހުންނާނެއެވެ. މިލޭ ބުއިމުގެސަބަބުން އެލޭގަހުރި ޖަރާސީމުތަކާއި ބެކްޓީރިޔާތައް ގިނަވެ، މުޅި ހަށިގަނޑުގެ އެތަންމިތަނަށް ފެތުރިގަނެއެވެ. މިފަދަ ވިހަތަކާއި ނުރައްކާތެރި މާއްދާތައް ހަށިގަނޑުން ނެރެލުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ކިޑްނީއާއި މޭގަނޑެވެ. ނަމަވެސް މި ދެގުނަވަނަށްވެސް ކެތްވާނީ ވަކި ވަރަކަށްތާއެވެ. ރެއިންފޯސްމެންޓް ތަކާއެކު ވިހައާއި، ޖަރާސީމާއި ބެކްޓީރިއާގެ ބައިބޯ ލަޝްކަރުތަކުން ކެނޑިނޭޅި ފޮނުވަމުންދާ ޙަމަލާތަކުގެ ސަބަބުން ކިޑްނީގައި މައްސަލަ އުފެދި ކިޑްނީ ފެއިލްވުން ފަދަ ބަލިތަކާ މީހާ ކުރިމަތިލާން ޖެހެއެވެ. އަދި މީގެސަބަބުން މޭގަނޑު ކޯމާއަކަށް ދިއުންވެސް އެކަށީގެންވެއެވެ.

 

އަދި ކިއެއްތޯއެވެ. ލޭގަ އެކުލެވިގެންވާ، ސެލްތަކަށް ބޭނުންވާ ކާނާގެ މާއްދާތަކާއި ހަކުރުގެ ބާވަތްތަކުގެ ސަބަބުން ލޭވެފައިވަނީ ޖަރާސީމުތަކާއި ބެކްޓީރިއާއަށް ދިރިއުޅެން ލިބިފައޮތް ވަރުގަދަ ފައިވްސްޓަރ ހޯޓަލެއްފަދަ ތަނެކެވެ. ދިރިއުޅުމަށް ބޭނުންވާ ކާނާލިބުމުގެ އިތުރުން، ލޭގެ ވެއްޓަކީ އެތަކެތި ގިނަވުމަށްވެސް އެންމެ އެކަށޭނަ ތަނެކެވެ. އާންމު ޙާލަތުގައިނަމަ، ހަށިގަނޑުތެރެއަށް ވަންނަ ޖަރާސީމުތައް ނައްތާލުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރެއެވެ. ނަމަވެސް ލެޔާއެކު ހަށިގަނޑަށް ނުރައްކާތެރި އެތައް ޖަރާސީމެއް ވަނުމުގެ ސަބަބުން ދިފާއީ ނިޒާމަށްވެސް އެތަކެތި އެކީ ނައްތާލުމަށް ނުކުޅެދިގެންދެއެވެ.

 

ލޭގައިވާ އެންޒައިމްތަކާއި ޕްރޯޓީންސްތައް މަސައްކަތްކުރުމަށް ވަކިޚާއްސަ މިންގަނޑުތަކެއް ލޭގައި ހުންނަންޖެހެއެވެ. އޭގެތެރެއިން "ޕީ.އެޗް" އަކީ ތަފާތުވުމެއްނެތި އެއްލެވެލެއްގައި ހުންނަން ޖެހޭނޭ މިންގަނޑެކެވެ. ސިއްޙަތު ރަނގަޅު މީހެއްގެ ލޭގެ ޕީ.އެޗް ހުންނަންޖެހޭނީ 7.3 ގައެވެ. އެތެރެކުރެވޭ ލެޔާއެކީގައި ހަށިގަނޑަށް އެތެރެވެގެންދާ ކެމިކަލްތަކުގެ ސަބަބުން ލޭގެ ޕީ.އެޗް ލެވެލް އަށް ބަދަލުތަކެއް އާދެއެވެ. މިކަމުގެސަބަބުން ލޭގައިވާ އެންޒައިމް ތަކާއި ޕްރޮޓީންސް ތަކުގެ ބައްޓަމަށް ބަދަލުއައިސް އެތަކެއްޗަށް އޭގެ ވަޒީފާތައް އަދާ ނުކުރެވޭގޮތް ވެއެވެ. މިކަމުގެ ސަބަބުންވެސް އިތުރު ސިއްޙީ މައްސަލަތަކަކާ ކުރިމަތިލާންޖެހެއެވެ. އަދި މިކަމުގެ ނުރައްކާ ހަށިގަނޑަށް ކުރާ އެންމެ މައިގަނޑު ސަބަބަކީ، ލޭގައިވާ ފައިދާހުރި ތަކެތީގެ ބޭނުންކެނޑެމުންދާއިރު، ނުރައްކާތެރި ތަކެއްޗަށް އުޅެންފަސޭހަތަނަކަށް ލޭ ބަދަލުވެގެންދާކަމެވެ.

 

*ނޯޓް: އެންޒައިމަކީ ހަށިގަނޑުގެ އެކިތަންތާނގައި، އެއަށް ޚާއްސަވެފައިވާ މަސައްކަތްތަކެއް އަދާކުރާ ޕްރޮޓީންގެ ބާވަތެކެވެ. އެންޒައިމް ގެ އެތައް ބާވަތެއް ހަށިގަނޑުގެ އެކި ތަންތާނގައި ވެއެވެ.*

 

މައިދާއަށް އެތެރެވާ ކޮންމެ އެއްޗަކީވެސް ހަޖަމުވާންޖެހޭނޭ އެއްޗެކެވެ. ނަމަވެސް ލެޔަކީ ހަޖަމުވުމަށް އެހާ ފަސޭހައެއްޗެއްނޫނެވެ. ސަބަބަކީ ހަޖަމުވެވޭ ޒާތުގެ މާއްދާތައް ލޭގައި މަދުކަމަށްވާތީއެވެ. ލޭގައި އެންމެ ގިނަ އެއްމާއްދާ ކަމަށްވާ ހިމަގްލޯބިންގެ އިތުރުން ގިނަ ޕްރޮޓީންސް ތަކަކީ ހަޖަމުކުރަން އެހާ ފަސޭހަ ތަކެއްނޫނެވެ. އަދި ލޭގައި ހިމެނޭ "ފައިބްރިން" ނަމަކަށް ކިޔާ ޕްރޮޓީނަކީ، ޕްރޮޓީންތަކުގެ ތެރެއިން ހަޖަމުވާން އެންމެ އުނދަގޫ އެއް ޕްރޮޓީންއެވެ.

 

ޚުލާސާއަކީ ﷲޞުބުޙާނަހޫ ވަޠާޢާލާ ލޭ އުފައްދަވައިފައިވަނީ އެއްވެސް ޙާލެއްގައި ކެއިންބުއިމުގައި ބޭނުންކުރެވޭފަދަ ގޮތަކަށް ނޫނެވެ. އަދި މީގެ 1400 އަހަރުކުރިން، ސައިންސާއި ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއްނެތި ލެއަކީ ކާނާއެއްގޮތަށް ބޭނުންކޮށްފިނަމަ، އިންސާނާގެ ހަށިގަނޑަށް ނުރައްކާއެއްޗެއްކަން ދެނެގެންފައިވާތީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތުގެ ތެދުކަންވެސް ހާމަވެގެން ހިނގައްޖެއެވެ. އަދި ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގެ ތެދުކަންވެސް ހާމަވެގެން ހިނގައްޖެއެވެ. އައް އަޢްރާފް ސޫރަތުގައި ﷲ ވަޙީކުރަށްވާފައިވެއެވެ ﴿ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ ﴿ سورة الأعراف 157﴾ މާނަ: އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Alhamdulillah
    Maasha ALLAH great info
    jazakALLAH khayr

Your email address will not be published. Required fields are marked *

More in ދީން