ރާއްޖޭގެ ޚަބަރު

ތެޔޮ ނުލިބުމުގެ ސަބަބުން ރ. ވާދޫން ކަރަންޓު ކަނޑާލައިފި

ވާދޫ އިންޖީނުގެ | ފޮޓޯ: ވާދޫލައިވް (ފޭސްބުކް ޕޭޖް)

 ރ. ވާދޫ އިންޖީނު ގޭގައި މިވަގުތު ހުރި ތެޔޮ ހުސްވުމާ ދާދި ގާތްވެފައި ވާތީ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ނިންމައިފިއެވެ. ރ. ވާދޫ އިންޖީނުގެއިން ނެރެފައިވާ ބަޔާނެއްގައި ވާ ގޮތުން މިއަދު ހެނދުނު 10:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ކަރަންޓް ކަނޑާލަން ނިންމީ ތެޔޮ ހުސްވާން ކައިރިވެފައިވުމާއެކު އެހާ ހިސާބަށް ތެޔޮ ގެނެވޭނެ ގޮތެއްވެސް ހަމަޖެހިފައިނުވާތީއެވެ.

ވާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޢަލީ ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭގައިވެސް ކަރަންޓް ބޭނުންކުރުމުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ބަނދަރު ސަރަޙައްދުން ކަރަންޓް ކަނޑާލެވިފައިވެއެވެ. އަދި މިހާރު ތެޔޮ ހޯދުމަށް ރ އުނގޫފާރާއި، ށ. ކޮމަންޑޫ އަދި ބ. އަތޮޅުންވެސް ލިބޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ނަމަވެސް މި ސަރަޙައްދުން ތެޔޮ ހުސްވެފައިވާތީ ތެޔޮ ލިބުމުގައި ދަތިތަކެއް ހުރިކަމަށެވެ.

"ރ. ވާދޫ އަކީ މަސްވެރިރަށެއް ނޫން. މަސްވެރިރަށެއް ނޫންވީމާ، ކައިރި ރަށްރަށުން މަސްގަނެގެން ގޭގެގައި މި ބަހައްޓަނީ. މިހާރުވެސް ގިނަ ޢަދަދެއްގެ މަސް ގޭގޭގައި ރައްކާކުރެވިފައި އެބަހުރި. އެގޮތުން (ކަރަންޓް ނެތީމާ) ވަރަށް ގެއްލުން ރައްޔިތުންނަށް ވޭ." މިކަމުގެ ސަބަބުން ވާ ގެއްލުންތަކުގެ ވާހަކަދައްކަވަމުން ޙުސައިން ޢަލީ ވިދާޅުވިއެވެ.

"ރ. ވާދޫ އަކީ މުޅި ރާއްޖޭގެ ނިސްބަތުންވެސް ވަރަށް އަމާން ރަށެއް. މިކަން ވެގެންނޭ ކިޔާފަ ވަކި މީހުން މުޒާހަރާކޮށް އެފަދަ ކަމެއް ކުރާކަށް ނުނުކުންނާނެ. އެގޮތުން ހަމަ ހަމަޖެހިފައި ރަށް އޮތީ." ދިއިސްލާމަށް ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޢަލީ ވިދާޅުވިއެވެ.

ރ. ވާދޫ އިންޖީނުގެއަކީ ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ އިންޖީނުގެއެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *