އިންޑޮނީޝިއާގެ އަންހެނަކު މެރުމަށް ސަޢުދީގެ ކޯޓަކުން ޙުކުމްކޮށްފި

  • އާލާ އައްޝަހްރީ ، (ފޮޓޯ: ސަޢުދީ ގެޒެޓް

ސަޢުދީއަރަބިއްޔާގެ ގެއެއްގައި ޚާދިމާއެއްގެ ގޮތުގައި މަސައްކަތްކުރަން އުޅުނު އިންޑޮނީޝިއާގެ އަންހެނަކު މެރުމަށް ސަޢުދީއަރަބިއްޔާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

މި އަންހެންމީހާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައި މިވަނީ އޭނާ ޚިދުމަތްކޮށްދޭ ސަޢުދީ ޢާއިލާގެ ޢުމުރުން އެންމެ 4 އަހަރުގެ ތާލާ އައްޝަހްރީ މަރައިލުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ. އޭނާ މިޖަރީމާ ހިންގާފައިވަނީ ބޮޑުވަޅިއަކުން އަންހެންކުއްޖާގެ ކަރު ބުރިކޮށްލައިގެންނެވެ.

މިމައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ މަރުގެ އަދަބުގެ އިތުރުން އަންހެންމީހާ 8 މަހަށް ޖަލަށްލުމަށާއި 200 އެތިފަހަރުން ތަޢުޒީރުކުރުމަށްވެސް ޙުކުމްކޮށްފައެވެ. އެއީ އެނުބައި ޖަރީމާ ހިންގުމަށްފަހު އަމިއްލައަށް މަރުވާން އުޅުނުކަމުގެ ކުށްވެސް އޭނާގެ ސާބިތުވެފައިވާތީއެވެ.

ޚާދިމާގެ ވަކީލު ވަނީ މި މައްސަލަ އިސްތިޢުނާފުކުރާނެކަމަށް ބުނެފައެވެ.

އިންޑޮނީޝިއާ ސަރުކާރުގެ ފަރާތުން ކޯޓަށް ޙާޟިރުވެހުރި މަންދޫބު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މަރުގެ ދިޔަ އަތުލުމަށްފަހު ޚާދިމާއަށް މާފުކުރުމަށް ހުށައެޅިނަމަވެސް އަންހެންކުއްޖާގެ ބައްޕަ އެކަމަށް އިންކާރުކޮށްފައިވާ ކަމެށެވެ. އެހެންނަމަވެސް ސަޢުދީގެ ޝަރުޢީ ނިޒާމަށް އިންޑޮނީޝިއާ އިން ފުރިހަމަޔަށް އިޙުތިރާމްކުރާކަމަށްވެސް މަންދޫބު ވިދާޅުވިއެވެ.

އިންޑޮނީޝިއާގެ ޚާދިމާ މިޖަރީމާ ހިންގާފައިވަނީ އަންހެންކުއްޖާގެ މަންމަ އާއި ބައްޕަ އަދި ދައްތަމެންވެސް ގެއިން ބޭރުގައި ވީ ވަގުތެއްގައެވެ.

ތާލާގެ ބައްޕަ ބުނިގޮތުގައި އޭނާ އާއި އޭނާގެ ޢާއިލާ، އެމީހުންގެ ދަރިފުޅުގެ ބޮލާއި ކަނދުރާ ވަކިކޮށްލާފައި އޮއްވައި ފެނުނު، އެކަޅު ދުވަސްމަތިން ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ތާލާގެ މަންމައަށް އެމަންޒަރު ފެނުމާއެކު ވަނީ ހޭނެތިގެން ވެއްޓިފައެވެ.

އިންޑޮނީޝިއާގެ ޚާދިމާ މިކަން ކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ. ނަމަވެސް އަންހެންކުއްޖާގެ ބައްޕަ ވަނި އެމީހުންގެ ޢާއިލާއިން ޚާދިމާއާ މެދު ގޯސްކޮށް ކަންތައްކޮށްފައިވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.

______________________

މަޞްދަރު: ސައުދީ ގެޒެޓް

5 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިކަހަލަ ކަންތަށް ކުރަނީ ކީއްކުރަން ބާ ؟ ގެންގުޅޭ މީހުންނާއި މެދު އިހުމާލު ވާތީ ކަމަށް ވެދާނެ

  2. މިސާލަކަށް އިހުމާލުވެފަ އޮތަސް، ކުޑަކުއްޖާ އައް އެހެން ހަދައިގެން ނުވާނެ

  3. ޮޮއިހުމާލު ވިޔަސް ޖެހޭތަ އެހެން ހަދަން..؟؟ @:

  4. ހާދަހާވާ ގިނަ އަދަބެކޭ
    މިއަށްވެސް ރިބާ ވަދެފަ

  5. މަރަށް މަރު

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!