ފާޠިމާ އަލް ޖުޒްދާނީ
އެކަމަނާއަކީ މިހާރުގެ އީރާންގެ ރަށެއް ކަމަށްވާ އިސްފަހާން ގެ ބޮޑު ޢިލްމުވެރިއެކެވެ. އިމާމް ޠަބަރާނީގެ އަލް މުޢުޖަމް އަލް ކަބީރް އަބޫ ބަކުރު ބިން ރިދާ ގެ އަރިހުން އުނގެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފޮތް އުނގެނިވަޑައިގެންފައި ވަނީ ސީދާ ފޮތުގެ މުޞައްނިފް އިމާމް ޠަބަރާނީގެ އަރިހުންނެވެ. މި ފޮތް ފަނީ 37 (ތިރީސް ހަތެއް) ވޮލިޔުމްއަށް ބަހާލައިގެން ނެރެފައެވެ. އަދިވެސް އެއްކޮށް ނުނިމެއެވެ. އެކަމަނާއަށް ލިބިވަޑައިގެންނެވި ޢިލްމުގެ އަސަރު ފަރުބަދަމަތިން އޮހޮރިގެން އަންނަ ސައިލެއް ފަދައިން އެ މުޖުތަމަޢަށް ކުރަމުންދިޔައެވެ. އެ ފޮތް ދެނެވަޑައިގަންނަވާ ޓީޗަރެއްގެ އަރިހުން ކިޔަވާވިދާޅުވެގެން ހުންނެވި އެއްވެސް ޢިލްމުވެރިއެއް މިއަދު ދުނިޔޭގައި ނެތެވެ. އަދި ކިޔެއް ހެއްޔެވެ. މިއަދު އަޅުގަނޑުމެންގެ އަތްމަތީގައި ހުރި މިފޮތުގެ ހުރިހާ ބައިތަކެއް ރިވާކުރައްވާފައިވަނީ ހަމަ އެކަނި މި އުންމަތުގެ މުތްތައްކަމުގައި ވެވަޑައިގެންނެވި އަންހެން ދަރީންނެވެ. އެ ފޮތް ދަސްކުރެއްވި ފިރިހެން ޢިލްމުވެރީންގެ ހިތްޕުޅުން ފޮތް ހަނދުމަފުޅުނެތިގެން ދިޔައީއެވެ.
ޙަދީޘްގެ ރަން ޒަމާނެއް
އިމާމް އިބްނު ތައިމިއްޔާގެ ދުވަސްވަރު އެފަދަ އެހެން ބޮޑެތި ޢިލްމުވެރިން އުޅުއްވިއެވެ. އިމާމް ޛަހަބީއެވެ. އަލް މިއްޒީއެވެ. އަދި އަލް ބިރްޒާލީ އާއި ތާޖުއްދީން އަލް ސުބްޤީ އަށްފަހު އިބްނު ކަޘީރު، އިބްނުލް ޤައްޔިމް، އިބްނު ނާސިރުއްދީން އަލް ދިމިޝްޤީ އަދި ޙާފިޡް އިބްނު ޙަޖަރުލް އަސްޤަލާނީއެވެ. މިއީ ޙަދީޘް އުނގަންނައިދިނުމާއި އުނގެނުމުގެ ރަން ޒަމާނެވެ. އެ ދުވަސްވަރު ސީރިޔާގައި ވަރަށް ނުފޫޒު ހުރި އަންހެން ޢިލްމުވެރިޔަކު އުޅުއްވިއެވެ. އެކަމަނާގެ ބަސްފުޅު ނުހަނު ބާރުގަދަވެފައި ވެއެވެ. ދިމިޝްޤާއި ޤާހިރާގައި ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތް ނަހީކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ދެ ރަށަށް ޢިލްމީ އިންޤިލާބެއް އައެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ދަރިވަރު އިބްނު ކަޘީރުގެ އަލް ބިދާޔާ ވަލް ނިހާޔާ ކިޔުނު ފޮތުގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "އެކަމަނާ ވަނީ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް ނަހީކުރައްވައިގެން މުޖުތަމަޢުތައް އެއްކޮށް ބަދަލުކޮށްލައްވާފައެވެ. އެތައް ފިރިހެނުންނަކަށް ނުވެފައި ހުރި ކަންކަން އެކަމަނާ ކާމިޔާބު ކުރެއްވިއެވެ. އާއެކެވެ. އެ ދުވަސްވަރުގެ ފިރިހެން ޢިލްމުވެރިން އެކުވެގެން ނުކުރެވޭހާ ގިނަ މަސައްކަތް އެކަމަނާ އެކަނި ކުރެއްވިއެވެ."
ވިސްނާ ފިކުރުކޮށްލައްވާށެވެ. މިއީ ރައްބާނީ ބޮޑެތި ޢިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ފިރިހެން ޢިލްމުވެރީންގެ ބަސްފުޅު އެކަމަނާ އާއި މެދު ހުންނެވި ގޮތެވެ. އެކަމަނާގެ ޢިލްމުވެރިކަމުގެ މައްޗަށްވާ ކިހާ ބޮޑު ޙުއްޖަތެއްތޯއެވެ؟ އެ ބަސްފުޅުތައް ވިދާޅުވެފައި ވަނީ އަންހެން ކަނބަލެއްނަމަ، އެއްފަރާތަކަށް ޖެހުނީއޭ ބުނުމުގެ ފުރުސަތު އޮތީހެވެ. އެހެނަސް އެއީ ފިރިހެން ޢިލްމުވެރީންގެ ބަސްފުޅުތައް އެކަމަނާއާއި މެދު ހުރި މިސްރާބެވެ.
ބަޔާންކުރެވިގެން އެ ދިޔައީ މި އުންމަތުގެ ފަޚުރުވެރި އަންހެން ދަރީންގެ ތެރެއިން ވަރަށް ކުޑަކުޑަ މިންވަރެކެވެ. އާއެކެވެ. ވަރަށްވެސް ކުޑަ މިންވަރެކެވެ. ފާޠިމާ ބިންތު ޤައިސްގެ ވާހަކަ އަޑު އައްސަވަމުތޯއެވެ؟ ބާއިން ކުބުރާ (ބޮޑު ބާއިން ވަރީ) ގެ ޙާލަތުގައި އަނބިމީހާ ޢިއްދާގައި އިންނަ އިރު އެ އަނބިމީހާއަށް ޚަރަދު ކުރުން ލާޒިމް ނުވާނެކަމަށް އެކަމަނާ ދެކިލައްވައެވެ. އަދި އެކަމަށް ދަލީލުކުރާ ރަސޫލުﷲ ސައްލަﷲ ޢަލައި ވަސައްލަމަގެ ބަސްފުޅުވެސް އެކަމަނާ ގެންނެވިއެވެ. އެކަމަނާއަކީ ނުހަނު ޢިލްމުވެރި ސަޙާބިއްޔާއެކެވެ. ނަމަވެސް ޢުމަރުގެފާނާއި އެހެން ބައެއް އިސް ސަޙާބީންގެ ރައުޔު އެކަމަނާއާއި ދިމާ އިދިކޮޅެވެ. އެބޭކަލުން ދަލީލު ނެންގެވީ ޤުރުއާނުންނެވެ. ފަރުޢީ ކަމެއް ކަމުގައި ވާތީ ވިސްނިވަޑައިގެންނެވުމުގައި ޚިލާފެއް އޮތީއެވެ. އެހެނަސް އެކަމަނާ އަށް ދައްޗެއް ނުކުރައްވައެވެ. އަދި ކިޔެއްހެއްޔެވެ؟ ޚުދު އެކަމަނާގެ ފަތުވާ އެބޭކަލުން އެކި ކަންކަމުގައި ހޯއްދެވިއެވެ.
އުއްމުލް މުއުމިނީން ޢާއިޝާ، އުއްމުލް މުއުމިނީން ޙަފްސާ ފަދަ އެތައް އެތައް ބޭކަނބަލުންނެއްގެ ވާހަކަ ތަފްޞީލް ނުކުރީ އެކަނބަލުންގެ ވާހަކަ އެހެނިހެން ލިޔުންތަކުގައި ޢާންމުކޮށް ޛިކުރު ކުރެވިގެންވާތަން ފެންނާތީއެވެ.
ދެން ތިބާ މި ސުވާލު ކުރައްވާށެވެ! އިސްލާމް ދީން އަންހެން ދަރިފުޅު ޢިލްމުން މަޙްރޫމް ކުރިހެއްޔެވެ؟ ކާފަރުންގެ ބަހުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ ދަންނާށެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން ހުޅަނގުގެ އަންހެނުންނަކީ ޖާހިލުކަމުގެ އިންތިހާގައި ތިބި ބައެކެވެ. އެއުރެންނަށް ހޭވެރިކަން ވީ ދެވަނަ ބޮޑުހަނގުރާމައިގައި އެތައް ހާސް ފިރިންނެއް މަރުވެ، ދަރިން ޔަތީމުވެ، އެއުރެން ހުވަފަތްވެ، އެއްވެސް ގޮތެއް ނެތުނު ހިސާބުންނެވެ. ދެން ނުކުތީ މަގުމައްޗަށެވެ. ޢިއްފަޔް ވެއްޔާ މޮޑެމުން، ސަޓަނި ހަދަމުންނެވެ. ޙަޤީޤަތަކީ މިއީއެވެ. އަންހެން ކުދިންނަށް ތަޢުލީމު ނުދިނުމަކީ ހުޅަނގުގެ ބޯދާ ފިކުރެކެވެ.

















ޚިޔާލު