ދީނީ ލިޔުންދީން

"ޢައިނު ޖާލޫތު" ރިޔާސީ އިންތިޚާބު 2013

بسم الله الرحمن الرحيم
الحمد لله رب العالمين والصلاة والسلام على محمد وآله وصحبه أجمعين. وبعد:
މިއީ އިސްލާމްދީނުގައި ވަރުގަދަޔަށް ހިފަހަށްޓައިގެން ތިބި އެތައް ދިވެހި އަޚުންނެއް އަދުގެ ސިޔާސީ މަޞްރަޙާ ގުޅޭގޮތުން އަޅުގަނޑާ ކުރަމުން އައި ސުވާލުތަކަކަށް ދީފައިވާ ޖަވާބުތަކެކެވެ. މި ލިޔުމުގައި ދިވެހި އުއްމަތަށް ދިމާވެފައިމިވާ ފިތުނަފަސާދަތައް ނައްތާލުމަށްޓަކައި އަޅުގަނޑުމެން ޢަމަލުކުރަންޖެހޭ އެންމެ ޙިކްމަތްތެރި ގޮތަކީ ކޮބައިކަން ބަޔާންކުރެވޭތޯ ބެލީމެވެ. އަޅުގަނޑުގެ އެދުމަކީ ހަވާ ނަފްސުގެ އެދުންތައް އެއްކިބާ ކުރުމަށްފަހު މި ލިޔުމަށް ނަޒަރު ހިނގުމެވެ. ފަހަރުގައި އަޅުގަނޑު ބަޔާންކޮށްފައި އެއްޗެއް ތިބާއަށް ޤަބޫލުނުކުރެވުމަކީ އެކަށީގެންވާކަމެކެވެ. އެއީ އަޅުގަނޑު ކަންބޮޑުވާކަމެއް ނޫނެވެ. އެހެނީ ޤަބޫލުކުރާނީ ޤަބޫލުކުރުމަށް ﷲ ތަޢުފީޤު ދެއްވި އަޅެކެވެ.

اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا اجتنابه
"އޭ ﷲ! ޙައްޤު، ޙައްޤުކަމުގައި އަޅަމެންނަށް ދައްކަވައި، އެ ޙައްޤަށް ތަބާވުމުގެ ހެޔޮތައުފީޤު އަޅަމެންނަށް ދެއްވާންދޭވެ! އަދި ބާޠިލް، ބާޠިލްކަމުގައި ދައްކަވައި، އެ ބާޠިލާ ދުރުވުމުގެ ހެޔޮތައުފީޤު އަޅަމެންނަށް ދެއްވާންދޭވެ!"

وصلى الله على نبينا محمد وعلى آله وصحبه وسلم والحمد لله رب العالمين
أخوكم / أبو عبد الله الوادوي

އަދާލަތު ޕާޓީއަށް ސޮއިކުރަންޖެހުނު ސަބަބު:

އަދާލަތު ޕާޓީއަށް ސޮއިކުރީ "ޑިމޮކްރަސީ" އަކީ ހުއްދަ އެއްޗެއްކަމުގައި ދެކޭތީއެއް ނޫނެވެ. އަދި ޕާޓީ ސިސްޓަމަކީ ރަނގަޅު އެއްޗަކަށް ވާތީއެއްވެސް ނޫނެވެ. އެހެނެއްކަމަކު އަދާލަތު ޕާޓީއަށް ސޮއިކުރީ، ރާއްޖެއަށް ކުރިމަތިވެފައިވާ މުޞީބާތެއްގެ ބޮޑުކަން އިޙްސާސްވެ ލަނގޮޑިއަށް ކެތްނުވުމުން، ސަޢުދީ ޢިލްމުވެރިންނާ މަޝްވަރާކޮށް ދީނުގެ އުޞޫލުތަކާއި ޤަވާޢިދުތަކަށް ބެލުމަށްފަހުގައެވެ. ރާއްޖޭގެ ސިޔާސީ ފިކުރުތައް ޢަލްމާނީ އޮއިވަރެއްގެ ތެރޭގައި ވަނިކޮށް ދިހަ ހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވުމުގެ ބިލެއް އުފެއްދުމުގެ މަޤްޞަދަކީ ކޮބައިކަން ވަރަށް ރަނގަޅަށް ސާފުވުމުންނެވެ.އާދޭހެވެ! ސިޔާސީ ޕާޓީތަކަކީ ޤައުމުގެ ހަލާކެވެ. އެހެންކަމުން ސިޔާސީ ޕާޓީތައް އުވާލައިގެން މެނުވީ ޤައުމަށް ހަމަހިމޭންކަމެއް ނާންނެއެވެ. ނަމަވެސް އުވާލާނަމަ، އުވާލަންވާނީ ހުރިހާ ޕާޓީއެއް އެއްފަހަރާއެވެ. ނޫންނަމަ އަދާލަތު ޕާޓީ ވުޖޫދުގައި އޮންނަންޖެހޭނެކަމަށް ޤަބޫލުކުރަމެވެ. އެއީ ވަރަށްގިނަ ޝަރުޢީ ސަބަބުތަކަށްޓަކައެވެ. އޭގެތެރެއިން މުހިއްމު ބައެއް ސަބަބުތަކަކީ:
(1) ދީނަށް ލޯބިނުކުރާ ބަޔަކު ސިޔާސީ ޕާޓީތަކުގެ ބޭނުންހިފައިގެން ޤައުމުގައި މުންކަރާތްތައް ހިންގަމުންދާއިރު، ދީނަށް ލޯބިކުރާމީހުން ޕާޓީ ޙަރާމޭ ކިޔައިގެން ދުރުގައި ތިބުމަކުން ޕާޓީތައް ނެތިގެން ނުދެއެވެ. އޭގެ ބަދަލުގައި އެއީ އެ ޕާޓީތައް ޕްރޮމޯޓުވުމަށް އެޅޭ ބާރެކެވެ. އަދި އެ ޕާޓީތަކުން ހިންގާ މުންކަރާތްތަ ފެތުރުމަށް ލިބޭ ހިއްވަރެކެވެ.

(2) ދީނާއި ސިޔާސަތު ވަކިކުރާ މީހުން ބޭނުންވާނީ، ދީނަށް ލޯބިކުރާމީހުން ސިޔާސީ ކަންކަމުން އެކަހެރިވެ ދުރުގައި ތިބުމަށެވެ. އަދި ދީނީ މީހުންނަކީ ލާދީނީ މީހުން ކުރަމުންދާ ނުބައި ޢަމަލުތައް ހުއްޓުވުގެ އާރެއް ބާރެއް ލިބިފައިނުވާ ބައެއްކަމުގައި ވުމަށެވެ. ފަހެ އެފަދައިން ދީނީ މީހުން ސިޔާސީ ކަންކަމުން ދުރުވެއްޖެނަމަ ނުބައިކަމުގެ ދޮރު ހުޅުވިގެންދާނީ އޭގެ ކަންޏާ ހަމަޔަށެވެ. އެ ދޮރު ދެން ބަންދުކުރުމަށް ކުރެވޭނެ މަސައްކަތެއް ނޯންނާނެއެވެ.

(3) ސެކިއުލަރ ޕާޓީތަކުން ބުނާކަހަލައެވެ: ދީނީ މީހުންނޭވެ! އަހަރުމެން ހަދާނެ އެއްޗެއް ހަދަން ސިޔާސީ ލަގަން އަހަރުމެންނަށް ދޫކޮށްލާށެވެ! އަހަރެމެންނާ ދެކޮޅަށް ސިޔާސީ ނުފޫޒުގެ ބޭނުން ނުކުރާށެވެ! ޖަވާބުގައި ބައެއް އަޚުން ބުނާކަހަލައެވެ: އާދޭހެވެ! ކަލޭމެން ހަދާނެ އެއްޗެއް ހަދަން އަހަރުމެން ހައްޕުކިޔައިގެން ތިބޭނޫއެވެ. ކަލޭމެންނާ ދެކޮޅަށް ތެދުވުމުގެ ހިތްވަރެއް އަހަރުމެން ގަޔަކު ނެތެވެ. ޑިމޮކްރަސީއަކީ ކުފްރެކޭ ކިޔާލަ ކިޔާލާ އަހަރުމެން ދުރުގައި ކުޅިބަލަން ތިބޭނޫއެވެ. ކަލޭމެން ހަދާނެ އެއްޗެއް މިޤައުމަށް ހަދާށެވެ!

(4) ޕާޓީތައް ނައްތާލުމުގެ ވިސްނުން ގެންގުޅޭ ޕާޓީއަކަށް ބާރުވެރިކަން ލިބިގެންމެނުވީ ޕާޓީތައް ނައްތައިނުލެވޭނެއެވެ. އެގޮތުން ޢަދާލަތަށް ފުރިހަމަ ބާރުވެރިކަމެއް ލިބޭނެ ދުވަހަކީ ޕާޓީ ސިސްޓަމް އުވާލުމުގެ އިޢުލާންކުރެވޭނެ ދުވަސްކަން ޔަޤީނެވެ.

(5) އިސްލާމް ދީން ގޮވާލަނީ އިންސާނުންނަށް މަޞްލަޙަތުހުރި ހުރިހާ ކަމެއް ހޯދައިގަތުމަށެވެ. އަދި ފަސާދަހުރި ހުރިހާކަމެއް ނައްތާލުމަށެވެ. ފަހެ ފަސާދަތައް އެކީއެކަށްޗަކަށް ނައްތާނުލެވޭނެ ނަމަ ކުޑަ ފަސާދަ ތަޙައްމަލްކޮށްގެންވެސް ބޮޑު ފަސާދަތައް ނައްތާލުމަށެވެ. މިއީ އިސްލާމް ދީން އެ އަޞްލެއްގެ މައްޗަށް ބިނާވެގެންވާ ވަރަށް ވަރުގަދަ އަޞްލެކެވެ. ދީނުގެ ޤަވާޢިދުތަކުގެ ތެރެއިން ވަރަށް މުހިއްމު ޤާޢިދާއެކެވެ. މި ޤާޢިދާގެ ތަފްޞީލް ފަހުން ބަޔާންކުރާނަމެވެ.

ޑިމޮކްރަސީ އާއި އިސްލާމިކް ޑިމޮކްރަސީ

ޑިމޮކްރަސީއަކީ އީސްލާމްދީނާ ވައިވެސްއެޅޭ އެއްޗެއް ނޫނެވެ. އިސްލާމީ ޝަރީޢަތާއި ޑިމޮކްރަސީއާ އުޑާއި ބިމާހައި ތަފާތެވެ. ޑިމޮކްރަސީއަކީ ﷲގެ ޙުކުމް ފިޔަވައި މަޚްލޫޤުންގެ ޙުކުމްތަކަށް ތަބާވުމަށް ގޮވާލާ ޠާޣޫޠެކެވެ. އިސްލާމްދީން ފުނޑުފުނޑުކޮށް، އެދީނުގެ ހުޅުކޮޅު ނިވާލުމަށްޓަކައި ﷲގެ ޢަދުއްވުން އީޖާދުކުރި އެންމެ ނުރައްކާތެރި ފިކުރީ އެއް ހަތިޔާރުވެސް މެއެވެ. މިކަން އިސްލާމްދީނުގެ މާތް އުޞޫލުތައް ދަންނަ ކޮންމެ އަޚަކަށްވެސް އެނގޭނެއެވެ. އެހެންވެ އިސްލާމީ ޤައުމެއްނަމަ، އެ ޤައުމެއްގައި މި ޑިމޮކްރަސީ ޤަބޫލުނުކުރާނޭ ބަޔަކު އުޅޭނޭކަން ﷲ ގެ ޢަދުއްވުންނަށް ރަނގަޅަށް އެނގޭތީ، ޑިމޮކްރަސީ އިސްލާމްކުރުމުގެ ވާހަކަދައްކަން ފެށިއެވެ. މިފަދަ ޒަމާނެއްގައި ވެރިކަންކުރެވޭނީ ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާވެގެންކަމާއި، ޑިމޮކްރަސީގައިވެސް ރަނގަޅުކަންތައްތަކެއް ވާކަމާއި، މިނޫންވެސް އެނޫންވެސް އެތަކެއް މިތަކެއް ބަހަނާތަކެއް ދައްކަމުންނެވެ.

ދެންފަހެ، ޑިމޮކްރަސީ ރަނގަޅުކުރުމަށްޓަކައި އޭގެ ނަމަށް ކުޑަ ބަދަލެއް ގެންނަންޖެހުނެވެ. އެއީ އޭގެ ކުރިއަށް "އިސްލާމިކް" މި ޞިފަ އިތުރުކޮށްގެންނެވެ. އަނގަޔަށް ބާރުލާފައި "އިސްލާމިކް ޑިމޮކްރަސީއޭ" ކިޔުމުން އޭތި އިސްލާމްވީކަމަށް ބަޔަކުމީހުން ދެކެންފެށިއެވެ. ސުވާލަކީ ޑިމޮކްރަސީއަކީ ކުފްރަކަށްވާއިރު އޭތި އިސްލާމިކް ޑިމޮކްރަސީގެ ގޮތުގައި ޞިފަކުރެވިދާނެތޯއެވެ؟ ހަމަ ގައިމުވެސް ބުދަކަށް "އިސްލާމިކް ބުދެކޭ" ނުކިޔޭނެއެވެ. އަދި ރާފުޅިއަކަށް ރާހުތްފުޅިއެކޭ ކިޔަސް އެ ވާނީ ހަމަ ރާފުޅިއަކަށެވެ. އާނއެކެވެ! އިސްލާމިކް ޑިމޮކްރަސީއަށް އީމާންވާ ބަޔަކު ބުދުތަކެއް އިސްލާމްކުރުމަށްފަހު އެ ބުދުތައް އިސްލާމީ ފަސްގަނޑެއްގައި ބަހައްޓާކަށެއް ޖެހިލުމެއް ނުވާނެއެވެ. އެހެނީ ހަމަކަށަވަރުން އެއުރެންގެ "އިސްލާމިކް ޑިމޮކްރަސީ"ގެ ނަޒަރުގައި އެއީ "ޠާހިރު ބުދުތަކެކެވެ."!!! ނުވަތަ އިސްލާމިކް މޮނިއުމެންޓް ތަކެކެވެ.!!! ހަމައެފަދައިން "އިސްލާމިކް ޑިމޮކްރަސީ" އެއްގައި ބަނގުރާ ފަޅުރަށްރަށަށް ގެންދިއުމުން، އެ ބަނގުރާ ބަނގު ޝަރުބަތަކަށް ބަދަލުވެދާނެއެވެ. އަދި އޫރުތައް ޙޫރުންތަކެއްގެ ގޮތުގައި ފެނި ޢޫރު މަސް މީރުވެ ޙަލާލުވެދާނެއެވެ. އަދި މީނޫންވެސް ﷲ ޙަރާމްކުރެއްވި ކޮންމެ ކަމެއްވެސް "އިސްލާމިކް ޑިމޮކްރަސީ" ގައި ހުއްދަވާނެއެވެ. ގިނަ ބަޔަކު ތާއީދުކޮށްފިނަމަ ޙަލާލުނުކުރެވޭނޭ ހަމަ އެންމެ ކަމެއްވެސް ޑިމޮކްރަސީގައި ނުވާނެއެވެ.

ވެރިންގެ މައްޗަށް ނުކުތުން:

އަނިޔާވެރި ފާސިޤު ފާޖިރު ނުބައި ވެރިންގެ މައްޗަށް ނުކުތުމަކީ ވަކި ޝަރުޠުތަކެއް ހަމަވެގެން މެނުވީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަޞްލަކީ ﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި ވެރިންނަށް ކިޔަމަންގަތުމެވެ. އެއުރެންގެ އަނިޔާތަކަށް ކެތްކުރުމެވެ. މިކަމުގެ ދަލީލުތައް ކީރިތި ރަސޫލާގެ ސީރަތުންނާއި ސުންނަތުންނާއި ޞަޙާބީންގެ ޢަމަލުތަކުންނާއި އިމާމުންގެ މައުޤިފުތަކުންނާއި ޢިލްމުވެރިންގެ ފަތުވާތަކުން ފެންނާންއެބަހުއްޓެވެ. ނަމަވެސް އެ ދަލީލުތައް ފެންނާނީ ޢިޚްލާޞްތެރި ލޮލަކުން ބެލީމައެވެ. ހަވާނަފްސު އެއްފަރާތްކޮށް ޙައްޤުގޮތް ހޯދުމުގެ މަޤްޞަދުގައި ބެލުމުންނެވެ. އޭގެ ތަފްޞީލު އަހުލުއްސުންނާގެ މަންހަޖާއި ޢަޤީދާގެ ފޮތްތަކުގައި ބަޔާންވެފައި ވާނެއެވެ.

އާދޭހެވެ! މުންކަރާތް ނަހީކުރުމަކީ ދީނީ ވާޖިބެކެވެ. ޤައުމުގައި ހިނގާ ނުބައި ޢަމަލުތައް ހުއްޓުވައި، ދީން ޙިމާޔަތްކޮށް، ވެރިންނަށް ނަޞޭޙަތްތެރިވެ އެއުރެން ހެޔޮމަގަށް އެޅުވުމަށްޓަކައި މަސައްކަތްކުރަންޖެހޭނެއެވެ. ނަމަވެސް މުންކަރާތް ނަހީކުރަންވާނީ ދީނުގައި އެކަން ޝަރުޢުކުރެވިގެންވާ ގޮތަށެވެ. މުންކަރާތް ނަހީކުރާ މީހާ ގައިގައި ހުންނަންޖެހޭ ޝަރުޠުތައްވެސް ހަމަވެގެންނެވެ. އެގޮތުން ވެރިންގެ ފަރާތުން ފެންނަ މުންކަރާތްތަށް ނަހީކުރުމުގައި މިދެންނެވި ޝަރުޢީ މިންގަނޑުތަކާއި ޝަރުޠުތަކުގެ މައްޗަށް ރިޢާޔަތްކުރަންޖެހެއެވެ.

ތަންތަނަށް އެއްވެ ހިނގާލުމާއި، މުޒާހަރާކުރުން:

މުޒާހަރާގެ ޙަޤީޤަތަކީ: މުޖްތަމަޢުގެ އަމަން އަމާންކަން ނެތުމެވެ. ބިރުވެރިކަމާއި ނާމާންކަން ވެރިވުމެވެ. އެއްބައިވަންތަކަމާއި، ޞުލްޙަ މަސަލަސްކަން ގެއްލުމެވެ. ފިތުނަ ފަސާދަ ޢާއްމުވުމެވެ. ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ލިބުމެވެ. މުޖްތަމަޢުގެ އަފްރާދުންގެ ފުރާނަތަކަށް ނުރައްކާވުމެވެ. މިއިން އެއްވެސް ކަމަކީ އިސްލާމް ދީން ތަރުޙީބުދޭ ކަންކަމެއް ނޫނެވެ. އަދިކީއްހެއްޔެވެ! އެއީ ހައްތާވެސް އިސްލާމްދީން ނަހީކުރާ ކަންކަމެވެ. އެހެންކަމުން ޙަޤީޤަތުގައި މުޒާހަރާއަކީ ﷲގެ ޢަދުއްވުން އުފެއްދި ފިތުނަ ފަސާދައިގެ ބޮމެކެވެ.

އާދޭހެވެ! މުޒާހަރާ ޙަރާމްވާނެކަމުގެ ޞަރީޙަ ނައްޞެއް ކީރިތި ޤުރުއާނަކުންވެސް އަދި މާތް ނަބިއްޔާގެ ސުންނަތަކުންވެސް ފެންނާކަށްނެތެވެ. ނަމަވެސް ދީނުގެ އުޞޫލުތަކާއި ޝަރުޢީ މަޤްޞަދުތަކުގެ އަލީގައި ޢިލްމުވެރިންވަނީ އެއީ ޙަރާމްކަމެއްކަން ބަޔާންކުރައްވާފައެވެ. އޭގެތެރޭގައި މިޤަރުނުގެ ތިން މުޖައްދިދުން ކަމުގައިވާ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދިﷲ ބިން ބާޒް އާއި ފަޟީލަތުއްޝައިޚް އަލްއިމާމު އަލްމުޙައްދިޘް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ އާއި އަލްޢައްލާމާ އަލްފަޤީހް މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ހިމެނިވަޑައިގަންނަވައެވެ.

ފަހެ ތަންތަނަށް އެއްވެ ހިނގާލުމާއި، މުޒާހަރާކުރުމަކީ ކަންކަން އިޞްލާޙްކުރުމާއި ދަޢުވަތު ދިނުމުގެ މަގެއް ނޫންކަން ބަޔާންކުރައްވަމުން الشيخ عبد العزيز ابن باز رحمه الله ވިދާޅުވަނީ: ((فالمسيرات في الشوارع والهتافات والمظاهرات ليست هي الطريق للإصلاح والدعوة، فالطريق الصحيح بالزيارة والمكاتبات بالتي هي أحسن فتنصح الرئيس والأمير وشيخ القبيلة بهذا الطريق لا بالعنف والمظاهرة، فالنبي صلى الله عليه وسلم مكث في مكة ثلاث عشرة سنة لم يستعمل المظاهرات ولا المسيرات ولم يهدد الناس بتخريب أموالهم واغتيالهم)) مجلة البحوث الإسلامية (38/210) "ވީމާ މަގުތަކަށް އެއްވެ ހިނގާލުމާއި، އަޑުހަރުކޮށް އެކިއެކި ގޮވެލިތައް ގޮވުމާއި، މުޒާހަރާކުރުމަކީ: އިޞްލާޙުކުރުމާއި، ދަޢުވަތު ދިނުމުގެ މަގެއް ނޫނެވެ. ރަނގަޅު މަގަކީ (އިޞްލާޙްކުރުމަށް އެދޭމީހާއަށް) ޒިޔާރަތްކުރުމާއި، އެންމެ ރިވެގޮތުގައި ސިޓީ ފޮނުވުމެވެ. އެގޮތުން ތިބާ ރައީސަށާއި އަމީރަށާއި ޤަބީލާގެ ވެރިޔާއަށް މިމަގުން ނަޞޭޙަތްތަރިވާނީއެވެ. އެއްގޮތަކަށްވެސް ހަރުކަށިކަމާއި މުޒާހަރާކުރުމަކުންނެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ތޭރަ އަހަރު މައްކާގައި ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މުޒާހަރާއެއް ނުކުރައްވައެވެ. އަދި ހިނގާލުމެއްވެސް ނުމެ ބާއްވަވައެވެ. އަދި މީސްތަކުންގެ މުދާ ޚަރާބުކޮށް އެއުރެން ޤަތުލުކުރުމުގެ އިންޒާރެއްވެސް ނުމެދެއްވައިމެއެވެ."

ޑިމޮކްރަސީގެ ދަށުން ލިބިދޭ ސިޔާސީ ނުފޫޒުތަކުގެ ބޭނުންކުރުން:

ޝައްކެއްނެތެވެ! މުސްލިމުންގެ ވެރިކަމުގެ ނިޒާމަކަށް ވާންޖެހޭނީ އިސްލާމީ ޝަރީޢަތެވެ. އެ ނިޒާމު ނޫން ކޮންމެ ނިޒާމަކީ މުސްލިމުން ދޫކޮށްލަންޖެހޭނެ ނިޒާމެކެވެ. އެގޮތުން ދުނިޔެ ދެކިފައިވާ ކެޕިޓަލިޒަމާއި ކޮމިއުނިޒަމް ފަދަ އަނިޔާވެރި ޚުދްމުޚްތާރު ނިޒާމްތަކާއި ޑިމޮކްރަސީފަދަ ލާދީނީ ނިޒާމްތަކަކީ ބާޠިލް ނިޒާމްތަކެވެ.

އާދޭހެވެ! ޑިމޮކްރަސީ މިވަނީ އަޅުގަނޑުމެންގެ ޤައުމުގައި ވަކިހިއްޕާލާފައެވެ. އެ ޑިމޮކްރަސީ ނަގަހައްޓައި އެ ފައްކާކުރުމަށްޓަކައި ގިނަ ބަޔަކު މިވަނީ ފޫގަޅާފައެވެ. މި ބޮޑު ފަސާދައިން މި ޤައުމު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ޙިކުމަތްތެރިކަމާއެކު ދުރު ވިސްނުމެއްގައި މަސައްކަތްކުރަންޖެއެވެ. ފަސާދަތައް އެއްފަހަރާ އެކީއެކައްޗަކަށް ނައްތާލުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ލިބިގެން ނުވާނަމަ؛ އިސްލާމް ދީނުގައި ޝަރުޢުވެގެންވަނީ ކުޅަދާނަވީ މިންވަރަކުން ފަސާދަތައް ކުޑަކުރުމަށް މަސައްކަތްކުރުމެވެ. ކޮންމެއަކަސް ދިވެހި ރާއްޖެއަށް ދިމާވެފައިވާ މި ބިރުވެރި ފިތުނަތަކުން މި ޤައުމު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރަންވީ ޙިކްމަތްތެރި ގޮތާމެދު ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބިމީހުން ދެކޭގޮތް ތަފާތެވެ. އެއްބަޔަކު ދެކޭ ގޮތުގައި ދިވެހިރާއްޖޭގަ މިއޮތް ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވުމަކީ އެންމެ ޙިކުމަތްތެރި ގޮތެއް ނޫނެވެ.

އަނެއްބަޔަކު ދެކޭގޮތުގައި އެންމެ ޙިކުމަތްތެރި ގޮތަކީ ސިޔާސީ މަޤާމުތަކާއި ނުފޫޒުތަކުގެ ބޭނުން ހިފައިގެން އެމީހަކަށް ވީމިންވަރަކުން އެފަސާދަތައް ނައްތާލުމަށް މަސައްކަތްކުރުމެވެ. ކޮންމެ ބަޔަކުވެސް އެބަޔަކު އެ ދެކޭ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގައި ސާބިތުކުރުމަށްޓަކައި ދަލީލު ދައްކައެވެ. އެގޮތުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ މީހުންގެ ދަލީލަކީ: (1) ދީނީ މީހުން ވާންޖެހޭނީ ވަރަށް ނަޒާހަތްތެރި ބަޔަކަށެވެ. މިޒަމާނުގެ ސިޔާސީ ހަޑިމުޑުދާރުކަމުން ނަފްސު ކިލަނބުކުރުމަކީ އެބައިމީހުންނާ އެކަށީގެންވާ ކަމެއް ނޫނެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސްފަދަ ކުފްރުގެ ޢަމަލުތައް ހިނގާ މަޖިލިސްތަކުގައި އިނުމާއި، ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދެއްކުމާއި، މުޒާހަރާކުރުމާއި މި ނޫންވެސް ޢަމަލުތަކަކީ ދީނީ މީހުންގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ޢަމަލުތަކެވެ. (2) "ލަނޑުދަނޑި ކިތަންމެ ރަނގަޅަސް ވަސީލަތް ނުބައިނަމަ އެކަން ޙަރާމްވާނެއެވެ." ނުވަތަ "ލަނޑުދަނޑިއަކީ ވަސީލަތް ރަނގަޅުކުރާނޭ އެއްޗެއް ނޫނެވެ." މިއީ ފިޤްހީ ޤާޢިދާއެކެވެ. މި ޤާޢިދާގެ މުރާދަކީ: ރަނގަޅު ކަމަކާ ހަމައަށް ވާޞިލުވުމަށްޓަކައި ޙަރާމްކަމަކަށް އަރައިގަތުން ހުއްދަ ނުވާނެއެވެ. މަޤްޞަދު ރަނގަޅުވާންޖެހޭ ފަދައިން ވަސީލަތްވެސް ރަނގަޅުވާންޖެހޭނެއެވެ. އެގޮތުން އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަކީ މަޤްޞަދުކަމުގައި ވިޔަސް އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ބޭނުންކުރަންޖެހޭނީ ހުއްދަ ވަޞީލަތްތަކެވެ. (3) ފުރަތަމަވެސް ބާރާއި ނުފޫޒުހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ކީރިތި ރަސޫލާގެ މަންހަޖެއް ނޫނެވެ. އަދި އެއަށްފަހު ސަލަފުއް ޞާލިޙުންގެ މަގެއްވެސް ނުމެނޫންމެއެވެ. ދީނަށް ނަޞްރު ލިބޭނީ ސިޔާސީ ނުފޫޒަކުންނެއް ނޫނެވެ. މައްކާގެ މުޝްރިކުން ކީރިތި ރަސޫލާއަށް ވެރިކަން ދޭން އުޅުނެވެ. ނަމަވެސް އެކަލޭގެފާނު މަސައްކާތްކުރެއްވީ ވެރިކަން ހޯއްދަވާކަށް ނޫނެވެ. ވަރުގަދަ އީމާންކަމެއްގެ އަހުލުވެރިން އުފެއްދުމަށްޓަކައި މައްކާގައި ތޭރަ އަހަރު އެކަލޭގެފާނު ވަރަށް ނިކަމެތި ޙާލުގައި އުޅުއްވިއެވެ. މައްކާގެ މުޝްރިކުން އެވަރަށް މުސްލިމުންނަށް ދުއްތުރާކުރި އިރުވެސް އެބައިމީހުންނާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާކުރުމަށް އަމުރުނުކުރައްވައެވެ.

އިސްވެ އެދިޔައީ ސިޔާސީ ބާރުތައް ބޭނުންކުރުމަކީ ހުއްދަކަމެއް ނޫންކަމަށް އަޑުއުފުލާ ބައެއްގެ ޙުއްޖަތާއި ބުރުހާނެވެ. ކޮންމެއަކަސް އެއީ އެބައިމީހުންގެ ރައުޔެވެ. އެއާ ޚިލާފު ރައުޔަކީވެސް ހަމަ ވުޖޫދުގައިވާ ރައުޔެކެވެ. އަދި އެ ރައުޔަށް ތަބަޢަވާ މީހުންވެސް ވަކި މަދެއް ނޫނެވެ. ފަހެ އެބައިމީހުންވެސް އެކަމުގެ މައްޗަށް ދަލީލުތައް ދައްކައެވެ. އެގޮތުން ތިރީގައި މިވަނީ ސިޔާސީ ބާރުތަކުގެ ބޭނުން ހިފުމުގެ މުހިއްމުކަން ދޭހަވާ ބައެއް ދަލީލުތަކެވެ: (1) ޔޫސުފް ޢަލައިހިއްސަލާމް ކާފަރު ދައުލަތެއްގެ އިސްމަޤާމެއް އަދާކުރައްވައި، އެ މަޤާމުގެ ނުފުޒު ހެޔޮތުގައި ބޭނުންކުރެއްވިއެވެ. އެގޮތުން މިޞްރުގެ ބިންތަކުގެ ޚަޒާނާގެ (މާލީ ވުޒާރާގެ) މައްޗަށް އިސްކޮށްދެއްވުން އެދި ޔޫސޫފުގެފާނު މިޞްރުގެ ރަސްގެފާނުގެ އަރިހުން އެދިވަޑައިގަތެވެ. އެކަން ބަޔާންކުރައްވައި ކީރިތިވަންތަ ﷲ ވަޙީކުރެއްވިއެވެ: (قَالَ اجْعَلْنِي عَلَى خَزَائِنِ الْأَرْضِ إِنِّي حَفِيظٌ عَلِيمٌ) [يوسف 55] މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. (مصرގެ) ބިމުގެ خزانةތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ."

ފަހެ އެޒަމާނުގައި މިޞްރުގެ ވެރިކަމާ ޙަވާލުވެގެންހުރީ ކާފަރު ވެރިއެކެވެ. އޭނާގެ ވެރިކަމުގެ ނިޒާމަކީ ހަމަޔަޤީނުންވެސް ކުފްރުގެ ނިޒާމަކަށް މެނުވީ ނުވާނެއެވެ. އެހެނީ ﷲ ގެ ޙަޟްރަތުން ބާވައިލެއްވިފައި ނުވާ ކޮންމެ ނިޒާމަކީ ބާޠިލް ނިޒާމެކެވެ. ނަމަވެސް ޔޫސުފުގެފާނު އެ ކާފަރު ވެރިކަމުގެ މުއައްސާސާއެއްގެ ވެރިއަކަށްވެވަޑައިގަތެވެ. އަދި އެކަލޭގެފާނާ ޙަވާލުވެވުނު ބާރުގެ ބޭނުންކުރައްވައިގެން ޢަދުލު އިންސާފު ޤާއިމުކުރައްވައި މީސްތަކުންނަށް ހެޔޮފޯރުވައި އިޙްސާންތެރިވެ ވަޑައިގަތެވެ.

މިއީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ފަސާދަތައް ކުޑަކޮށް ޤައުމު އިޞްލާޙުކުރުމަށްޓަކައި ޙިކްމަތްތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިއްމުކަން ހާމަކޮށްދޭ ރީތި ނަމޫނާއެކެވެ. މިކަމަށް އިޝާރާތްކުރައްވައި ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވިއެވެ: "މިޞްރުގެ ރަސްގެފާނުގެ ބިމުގެ ޚަޒާނާތަކުގެ މައްޗަށް ތެދުވެރި ޔޫސުފުގެފާނު އިސްކުރެވުނީ މިދެންނެވި އުޞޫލުގެ މަތިންނެވެ. އަދި ކީއްހެއްޔެވެ! ބިމުގެ ޚަޒާނާތަކުގެ މައްޗަށް އިސްކުރެއްވުމަށް އެދި ދެންނެވީވެސް ޚުދު ޔޫސުފުގެފާނެވެ. އޭރު މިޞްރުގެ ރަސްގެފާނާއި އޭނާގެ ޤައުމުގެ މީހުންނަކީ ކާފަރުންނެވެ. އެއީ (އަންނަނިވި އާޔަތުގައި) ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. {وَلَقَدْ جَاءَكُمْ يُوسُفُ مِنْ قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِمَّا جَاءَكُمْ بِهِ) [غافر 34] މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން ޔޫސުފުގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން ޝައްކުކަމެއްގައި ދެމިތިބީމުއެވެ." އަދި ޔޫސުފުގެފާނާ މެދު (އެބަހީ ޖަލުން އެކަލޭގެފާނާ ބައްދަލުވި ދެމީހުންނަށް އެކަލޭގެފާނު ދެއްވި ނަޞޭޙަތާ ބެހޭގޮތުން) ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ} {مَا تَعْبُدُونَ مِنْ دُونِهِ إلَّا أَسْمَاءً سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ) [يوسف 39-40] މާނައީ: " އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّهހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّهފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ." އަދި އެނގޭނޭ ފަދައިން އެބައިމީހުންގެ އެ ކާފަރުކަމާއެކުގައިވެސް މުދާ ނެގުމާއި، ރަސްގެފާނުގެ ގާތް އަޢުވާނުންނަށާއި، އޭނާގެ އަހުލުވެރިންނާއި، އޭނާގެ ލަޝްކަރާއި، އޭނާގެ ރައްޔިތުންނަށް އެ މުދާ ބެހުމުގައި ވަކި އާދައަކާއި ގޮތެއް އެބައިމީހުންގެ ތެރޭގައި އޮންނާނެއެވެ. ނަމަވެސް އެއީ ނަބިއްޔުންގެ ސުންނަތާއި އެބޭކަލުންގެ ޢަދުލު އިންސާފުގެ މަތިން ހިނގާ ގޮތެއްކަމުގައި ނުވާނެއެވެ. އަދި ޔޫސުފުގެފާނު ބޭނުންފުޅުވާ ކޮންމެކަމެއް ﷲ ގެ ދީނާ އެއްގޮތައް ކުރުމުގެ ބާރެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެނީ ހަމަކަށަވަރުން އެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބައެއް ނުދެއެވެ. އެހެނަސް އެކަލޭގެފާނަށް ވީމިންވަރަކުން ޢަދުލުވެރިކަމާއި، އިޙްސާންތެރިކަމާއެކު ކަންތައްކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އެ ލިބިވަޑައިގެންނެވި ބާރުގެ ބޭނުންކުރައްވައިގެން މުއުމިނުންނަށާއި އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް މާތްކޮށް ހިއްތެވިއެވެ. އެއީ އެނޫންގޮތަކަށް އެކަލޭގެފާނަށް ޙާޞިލުނުކުރެއްވޭނޭ ކަންކަމެވެ. އަދި މި ހުރިހާކަމެއް ވަދެގެންދަނީ ﷲ ތަޢާލާގެ (އަންނަނިވި) ވަޙީބަސްފުޅުގެ ތެރެއަށެވެ. (فاتقوا الله ما استطعتم) [التغابن 16] މާނައީ: "ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ﷲ އަށް ތަޤްވާވެރިވާށެވެ!" [مجموع الفتاوى (20/56-57)]

(2) ސިޔާސީ ޕާޓީއަކީ ޤައުމުގައި ހިނގާ ބޮޑެތި ފަސާދަތައް ހުއްޓުވުމަށް ބޭނުންކުރެވޭ ސިޔާސީ ނުފޫޒެކެވެ. އެހެންކަމުން "މަޤްޞަދަކީ ވަސީލަތް ރަނގަޅުކުރާނޭ އެއްޗެއް ނޫނެވެ." އެ ބުނެވޭ ފިޤުހީ ޤާޢިދާއާ މި މައްސަލައާ އެއްވެސް ގުޅުމެއް ނެތެވެ. އެހެނީ ކޮންމެ ގޮތަކުން ކަމުގައި ވިޔަސް މުންކަރާތެއް ނަހީވެގެން ދިޔުމަކީ އެކަމާމެދު އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެކެވެ. އަދި މުންކަރާތްތަށް ނަހީކުރުމަކީ އުއްމަތުގެ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ކޮންމެ މީހަކަށްވެސް ކުޅަދާނަވީ މިންވަރަކުންނެވެ. އަތުން ނަހީކުރެވެން އޮތްނަމަ އަތުންނެވެ. ދުލުން ނަހީކުރެވެން އޮތްނަމަ ދުލުންނެވެ. އަދި އެއްގޮތަކަށްވެސް ކުޅަދާނަކަން ލިބިގެންނުވާނަމަ ހިތުން އެކަމަށް ނުރުހުންތެރިވާންޖެހެއެވެ. ސިޔާސީ ނުފޫޒުތަކުގެ ބޭނުން ހިފައިގެން އަތުންނާއި ދުލުން ޤައުމުގައި ހިނގާ ބޮޑެތި މުންކަރާތްތައް ނަހީކުރެވޭކަމީ ފެންނަން އޮތް ބޮޑު ޙަޤީޤަތެކެވެ. އެކަމުގެ ދިރިހުރި މިސާލުތައް މިޤައުމުން ފެންނާން އެބަހުއްޓެވެ. އެހެންކަމުން ޕާޓީ އަކީ ރަނގަޅު އެއްޗެއްކަމުގައި ނުވިއަސް ޕާޓީއެއް އުފެއްދުމުގެ މުންކަރާތައްވުރެ ބޮޑެތި މުންކަރާތްތަކެއް އިސްލާމީ ޕާޓީއެއްގެ ސަބަބުން މަނާކުރެވޭނަމަ، އެ ޕާޓީއެއް މެދުވެރިކޮށް އެފަދަ ބޮޑެތި މުންކަރާތްތައް ނަހީކުރަންޖެހެއެވެ. އެހެނީ ފަސާދަތައް އެއްވާހިނދު، ބޮޑެތި ފަސާދަތައް ނައްތާލެވެން އޮތީ ކުޑަ ފަސާދައިގައި ހިފައިގެންކަމުގައި ވާނަމަ، އެ ކުޑަ ފަސާދައިގައި ހިފައިގެންވެސް ބޮޑު ފަސާދަތައް ނައްތާލަންޖެހެއެވެ.

ގައުމުގައި މުޝްރިކުންގެ ކަލާނގެތަކެއް ބެހެއްޓުމަކީ ޕާޓީއެއް އުފެއްދުމުގެ ފަސާދައަށްވުރެ ބޮޑު ފަސާދައެކެވެ. ގައުމުގައި ބަނގުރާ ޢާއްމުކުރުމަކީ ޕާޓީއެއް އުފެއްދުމުގެ ފަސާދައަށްވުރެ ބޮޑު ފަސާދައެކެވެ. ޑިމޮކްރަސީގެ ނަމުގައި ފާޙިޝް ޢަމަލުތައް ބިރަކާނުލައި ޕްރޮމޯޓުކުރަން މަސައްކަތްކުރުމަކީ ޕާޓީއެއް އުފެއްދުމުގެ ފަސާދައަށްވުރެ ބޮޑު ފަސާދައެކެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ބޮޑެތި ބޮޑެތި ފަސާދަތަކެވެ. ކުފްރާއި ޝިރުކާއި އިލްޙާދާއި ލާދީނިއްޔަތާއި ފިސްޤާއި ޟުލްމާއި ބަދުއަޚްލާޤީ ޢަމަލުތަކެވެ. މިހުރިހާކަމެއް މަނާކުރެވެން އޮތްހިނދުވެސް ޕާޓީ ޙަރާމޭކިޔައިގެން ދުރުގައި ތިބެންވީތޯއެވެ؟ އެއީ އިސްލާމް ދީން ދެކެ ލޯބިވުންތޯއެވެ؟ ދީންދެކެ ލޯބިވާ މީހުންނަށް އަޅުގަނޑު ދަންނަވާލާނީ: މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ޢާއްމުކުރުމާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒު އުވާލުމަށް ނިންމުމާއި، އިސްލާމް މާއްދާއަކީ އިޚްތިޔާރީ މައްދާއަކަށް ހެދުމަށް މަސައްކަތްކުރުމާއި އައްޑޫގައި ބުދުތައް ބެހެއްޓުމާއި އެނޫންވެސް ބޮޑެތި މުންކަރާތްތައް ނަހީކުރުމަށްޓަކައި ޢަދާލަތު ޕާޓީން އިސްނަގައިން ސިޔާސީ ޕާޓީތަކާކާއެކު ކުރި މަސައްކަތުން އެމުންކަރާތްތައް ހުއްޓިގެން ދިޔުމުން ތިބާ އުފާ ނުކުރަމުތޯއެވެ؟ އެ ފަސާދަތައް ނެތިގެން ދިޔަކަމަށްޓަކައި ތިބާ އުފާނުކުރާނަމަ ތިބާގެ ތިޔަ ދީންވެރިކަމަކީ ކޮންކަހަލަ ދީންވެރިކަމެއްތޯއެވެ؟ އެ ފަސާދަތައް ނައްތާލުމަށްޓަކައި ތިބާ ކުރީ ކޮންކަމެއްތޯއެވެ؟ حسبنا الله ونعم الوكيل.

އޭ ﷲ! ޤައުމުގައި ހިނގާ މުންކަރާތްތައް މާނާވުމުން އެކަމާމެދު އުފާނުވާ މީހެއްކަމުގައި މިއަޅާ ނުލައްވާންދޭވެ! އަދި އެ މުންކަރާތްތައް ހުއްޓުވާ މީހުންނަށް ގޮންޖަހާ މީހެއްކަމުގައި މިއަޅާ ނުލައްވާންދޭވެ! (3) ފުރަތަމަވެސް ބާރާއި ނުފޫޒުހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ކީރިތި ރަސޫލާގެ މަންހަޖެއް ނޫނޭ ނުބުނެވޭނެއެވެ. އެހެނީ ބާރު ބެހިގެންވަނީ ދެބަޔަކަށެވެ! އެއީ ރޫޙާނީ ބާރާއި މާއްދީ ބާރެވެ. ރޫޙާނީ ބާރު ބިނާވެގެންވަނީ އީމާންކަމުގެ މައްޗަށެވެ. އަދި މާއްދީ ބާރު ބިނާވެގެންވަނީ ހަތިޔާރާއި އެކިއެކި ނުފޫޒުތަކުގެ މައްޗަށެވެ. އެ ދެބާރަކީވެސް މުސްލިމުންނަށް ވަރަށް މުހިއްމު ދެބާރެވެ. އަދި ކީރިތި ރަސޫލާ އެ ދެބާރު ހޯއްދެވުމަށްވެސް މަސައްކަތްޕުޅުކުރެއްވިއެވެ.

ވިޔަފާރިކުރުމަށާއި ޙައްޖާއި ޢުމްރާކުރުމަށާއި، އެނޫންވެސް މަޤްޞަދުތަކުގައި މައްކާއަށް އެކި ރަށްތަކުން އަންނަ ޤާފިލާތަކާއި ޤަބީލާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި އެކަލޭގެފާނަށް ޙިމާޔަތްދީ ބާރުވެރިކަމެއް ދޭނީ ކޮންބައެއްތޯ ބެއްލެވިއެވެ. އެގޮތުން މަދީނާގެ އަންޞާރުން އެކަލޭގެފާނަށް ބާރުވެރިކަން ދެއްވާނެކަން ޔަޤީންވެވަޑައިގަތުމުން ﷲ ގެ އަމުރުފުޅަށް މަދީނައަށް ހިޖުރަކުރައްވައި އެތަނުގައި އިސްލާމީ ދައުލަތެއް ޤާއިމުކުރެއްވިއެވެ. ބާރާއި ނުފޫޒު ހޯދުމަށް މަސައްކަތްކުރުމަކީ ރަސޫލާގެ މަންހަޖެއް ނޫންކަމުގައި ދަޢުވާކުރަމުންދާ ބަޔަކަށް ދަންނަވަންޖެހެނީ: ތިޔަ ދަޢުވާއަކީ ޙަޤީޤީ ދަޢުވާއެއްނަމަ؛ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވީ ކީއްވެތޯއެވެ؟ ނިކަމެތިކަމާއެކު އަމިއްލަ ވަޒަނުގައި މައްކާގެ މާތް ބިމުގައި ނަޞްރު ލިބެންދެން މަޑުނުކުރެއްވީ ކީއްވެތޯއެވެ؟ އަދި ދަންނަވަމެވެ. މައްކާގެ މުޝްރިކުން ކީރިތި ރަސޫލާއަށް ވެރިކަން ދޭން އުޅުމުން އެކަލޭގެފާނު އެ ވެރިކަން ޤަބޫލުނުކުރެއްވުމަކީ؛ ސިޔާސީ ނުފޫޒުގެ ބޭނުން ހިފުން ޙަރާމްވާކަމުގެ ދަލީލެއްނޫނެވެ. އެހެނީ އެބައިމީހުން އެކަލޭގެފާނަށް ވެރިކަން ހުށަހެޅީ ދީނުގެ ވާހަކަ ނުދައްކާ މަތިންނެވެ. މާތް ﷲ އެއްކައުވަންތަކުރުމުގެ ވާހަކަ ދެއްކެވުން ހުއްޓަވައިލެއްވުމަށް ޝަރުޠުކޮށްފައެވެ. އެއްހަރު އެބައިމީހުން ﷲ އަށް އަޅުކަންކޮށްފައި އަނެއް އަހަރު ކީރިތި ރަސޫލާ އެބައިމީހުންގެ ކަލާންގެތަކަށް އަޅުކަންކުރެއްވުމަށް ޝަރުޠުކޮށްފައެވެ.

އެހެންކަމުން މިކަމާއި އެކަމާ ހާސްބައި ތަފާތެވެ. މިއީ ﷲ ގެ ކަލިމަފުޅު މަތިވެރިކޮށް ދީން ޙިމާޔަތްކޮށް މުންކަރާތްތައް ނަހީކުރުމަށް ހެދޭ ޕާޓިއެކެވެ. އަދިވެސް ދަންނަވަމެވެ. ކީރިތި ރަސޫލާ މައްކާގެ މުޝްރިކުންނާ ހަނގުރާމަކުރެއްވީ ދީން ހަތިޔާރަކަށް ނަންގަވައިގެންނެވެ. ތިޔަ މުޝްރިކުންނާ ތިމަންކަލޭގެފާނު ހަނގުރާމަ މިކުރައްވަނީ މައްކާގެ އިޤްތިޞާދު ފުނޑުފުޑު ކުރާތީ އިޤްތިސާދު ނެގެހެއްޓެވުމަށްކަމުގައި ވިދާޅެއް ނުވެއެވެ. ނޫނީ މައްކާގެ އަހުލުވެރިންނަށް ތަރައްޤީ ހޯއްދަވައި ދެއްވުމަށޭ ވެސް ވިދާޅެއް ނުވެއެވެ. އެހެނެއްކަމަކު އެކަލޭގެފާނު ވިދާޅުވީ: أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا: لاَ إِلَهَ إِلَّا اللَّهُ މާނައީ: "މީސްތަކުން لاَ إِلَهَ إِلَّا اللَّهُ ކިޔައިފުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ."

ލޮބުވެތި މުސްލިމް އަޚުންނޭވެ! އަހަރުމެންގެ ހުރިހާވެސް ކަމަކީ މިދީނެވެ. މިދީނާއި ހަނގުރާމަކޮށް ދިވެހި ދީބުން މި ދީން ފުހެލުމަށް މަސައްކަތްކުރާއިރު ދެއަތްއުރާލައިގެން އަހަރުމެން ދުރުގައި ނުތިބޭނަމެވެ. މި ދީނުގެ ޙައްޤުގައި ވެވެންއޮތް ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން މިތިބީ ތައްޔާރަށެވެ. އަދި ދަންނާށެވެ! މާދަމާ ދީނީ މީހުންނަށް ބާރުވެރިކަން ލިބި ރާއްޖޭގެ ތަޢުލީމީ ނިޒާމު ވަރުގަދަވެ، އިސްލާމީ ޢަޤީދާއާއި ކީރިތި ޤުރުއާން އުނގެނުމަކީ މަޖުބޫރު މާއްދާއެއްކަމުގައި ކަނޑައެޅި، މުޅި ތަޢުލީމީ މަންހަޖު އިސްލާމީ ގިއުގަނޑުގެ ތެރެއަށް ވަދެގެން ދިޔުމުން އުފާވާނީ ހަމަ ތިޔަ އަޚާއެވެ. އޭގެ ފޮނި މޭވާ ޙާޞިލްކުރާނީ ހަމަ ތިޔަ އަޚާގެ ދަރީންނެވެ. އެކަމަކު ތިޔައަޚާ އެކަން އެގޮތަށްވުމަށް އެދޭ ޙާލުގައިވެސް ދުރުގައި ހުންނާތީ އަހަރެން ހަމަ ހައިރާންވަމެވެ. އެދުވަހަކުން ހުރިހާ ފައިދާއެއް އޮތީ ތިޔަ އަޚާގެ ދަރިންނަށް ކަމުގައިވާއިރުވެސް އެބާރުވެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ޢަދާލަތަށް އެއްޗެހި ގޮވާ ލާދީނިއްޔަތުގެ އަހުލުވެރިންނަށް ސަނާކިޔަމުންދާތީ ތިބާގެ އިޚްލާޞްތެރިކަމާމެދު އަހަރެން ޝައްކުކުރަމެވެ.

ތެދުވެރި މުސްލިމް އަޚާއެވެ! ފުންކޮށް ވިސްނަވާށެވެ! ޢަދާލަތަށް ބާރުވެރިކަމެއް ލިބުނީމަ ތިބާއަށް ލިބޭނޭ ގެއްލުމަކީ ކޮބައިތޯއެވެ؟ ތިބާއަށް ނުލިބިދާނެކަމަށް ތިޔަ ބިރުގަންނަނީ ކޮން އެއްޗެއްތޯއެވެ؟ ޢަދާލަތު ބަލިކަށިވެގެން ތިބާއަށް ލިބޭނީ ކޮން އުފަލެއްތޯއެވެ؟ ޢަދާލަތު ވުޖޫދުން ފުހެލުމަށްފަހު ދެންތިބި ޕާޓީތައް ވުޖޫދުގައި އޮތުމީ ތިބާ އެދޭގޮތްކަމުގައި ވާނަމަ ތިބާގެ ތިޔަ ނިޔަތުގެ ނުބައިކަމާއެވެ. އަދި ޢަދާލަތު ޕާޓީ އުވުމަށް ތިބާ ތިޔަ އެދެނީ ހުރިހާ ޕާޓީތަކެއް އުވިގެން ދިޔުމަށް ތިބާ އެދޭތީ ކަމުގައިވާނަމަ ދަންނަވަންޖެހެނީ؛ ޢަދާލަތު ޕާޓީ ނެތުމަކީ އެހެން ޕާޓީތައް އުވިގެންދާނެކަމެއް ނޫނެވެ. އެއާޚިލާފަށް އެއީ އެހެން ޕާޓީތައް ދެމިއޮތުމަށް ލިބޭ ހިއްވަރެކެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޙުކުމް:

އިސްލާމް ދީން ގޮވާލަނީ އެންމެންނަކީ މުއުމިން އަޚުންތަކެއްކަމުގައި ވުމަށެވެ. އެއްބައިވަންތަ ބައެއްކަމުގައި ވުމަށެވެ. އެހެންކަމުން ބައިބައިވެ، ވަކިވަކިވެގަތުމަކީ ދީން ވަރަށް ބޮޑަށް ނަހީކުރާކަމެކެވެ. އެގޮތުން ޖަމާޢަތްތަކާއި، ޖަމްޢިއްޔާތަކާއި، ޕާރޓީތައް އުފެއްދުމަކީ ބައިބައިވުމަށް މަގުފަހިވާ ކަމަކަށްވާތީ، ބައެއް ޢިލްމުވެރިން އެކަން ޙަރާމްކުރައްވައެވެ. ހަމައެފަދައިން ބައެއް ޢިލްމުވެރިންގެ އަރިހުގައި ޖަމްޢިއްޔާތަކާއި ޕާޓީތައް އުފެއްދުމަކީ ހުއްދަކަމެކެވެ. އެއީ ތަޢައްޞުބުވުމެއްނެތި އެންމެން އެކަތިގަނޑަކައްވެ، ޤާނޫނީ ޙައިސިއްޔަތު ލިބިގެންތިބެ، ކަންކަން ރާވާ ހިންގުމުގެ މަޤްޞަދުގައެވެ. އެހެނީ އަދުގެ ދުނިޔޭގައި ފަރުދީގޮތުން ކަންކަންކުރުމުގައި، ދަޢުވަތުގެ މައިދާނުގައިވެސް އަދި ދުނިޔަވީ މައިދާނުގައިވެސް އުނދަގޫތަކަކާއި ޤާނޫނީ ހުރަސްތަކެއްވެއެވެ. ފަހެ އެ ހުރަސްތައް ކަޑައްތުކުރުމަށްފަހު ޤާނޫނީ ނުފޫޒާއެކު ކަންކަންކުރުމަށްޓަކައި ޖަމްޢިއްޔާއެއް ނުވަތަ ޕާޓީއެއް އުފެއްދުން ހުއްދަވާނެކަމުގެ މައްޗަށް ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ.

އެހެންކަމުން މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފުއޮތް މައްސަލައަކަށްވުމުން އެއްވެސް ބަޔަކަށް މިކަމުގައި ހަރުކަށިވުމުގެ ޙައްޤެއް ލިބިގެނެއްނުވެއެވެ. އަދި ޖަމްޢިއްޔާތަކާއި ޕާޓީތައް ޙަރާމްވުމަކީ ޢިލްމުވެރިން އިއްތިފާޤުވާކަމެއްކަމުގައި ނުވާއިރު ޚާއްޞަ ޙާލަތާއި ޚާއްޞަ ތަންތަނަށް ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތައް އެންމެހައި ޤައުމުތަކާއި މީސްތަކުންގެ މައްޗަށް ޢާއްމުކުރުމަކީ ޙައްޤުން އެއްކިބާވުންކަމުގައި މެނުވީ ނުވާނެއެވެ. ފަހެ އެއްޖަމާޢަތެއްގެ ގޮތުގައި ނުވަތަ ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވެއެވެ:

" وأما رأس الحزب فإنه رأس الطائفة التي تتحزب أي تصير حزباً .. فإن كانوا مجتمعين على ما أمر الله به ورسوله من غير زيادة ولا نقصان فهم مؤمنون لهم ما لهم وعليهم ما عليهم.. وإن كانوا قد زادوا في ذلك ونقصوا مثل التعصب لمن دخل في حزبهم بالحق والباطل .. والإعراض عمن لم يدخل في حزبهم سواء كان على الحق أو الباطل .. فهذا من التفرق الذي ذمه الله تعالى ورسوله .. فإن الله ورسوله أمرا بالجماعة والائتلاف ونهيا عن التفرقة والاختلاف .. وأمرا بالتعاون على البر والتقوى.. ونهيا عن التعاون على الإثم والعدوان". [مجموع الفتاوى (11/55)]

"އަދި ޕާޓީގެ ވެރިޔާއަކީ ޖަމާޢަތެއްގެ ވެރިޔާއެވެ. އެއީ އެކަތިގަނޑަކައްވެ، ޕާޓީއެއްގެ ގޮތުގައިވާ ޖަމާޢަތެވެ. ... ފަހެ އެބައިމީހުން އެއްވެފައިވަނީ ﷲ އާއި އެއިލާހުގެ ރަސޫލާގެ އަމުރުފުޅުގެ މައްޗަށް ކަމުގައިވާނަމަ، އަދި އެ އަމުރުފުޅަށް އުނިއިތުރުކަމެއް ނުގެންނަނަމަ، ފަހެ އެބައިމީހުންނަކީ މުއުމިނުންނެވެ. އެބައިމީހުންނަށް އެބައިމީހުންގެ ޙައްޤުތައްވެއެވެ. އަދި އެބައިމީހުންގެ މައްޗަށް އެބައިމީހުންގެ މައްޗަށްވާ ޙައްޤުތައްވެއެވެ. ... އަދި އެބައިމީހުން އެއިލާހުގެ އަމުރުފުޅަށް އުނި އިތުރުކޮށް، މިސާލަކަށް ޙައްޤާއި ބާޠިލް ކަނޑައެޅުމުގައި އެބައިމީހުންގެ ޕާޓީއަށް ވަންނަ ބަޔަކަށް ތަޢައްޞުބުވާނަމަ ... ފަހެ އެއީ ﷲ އާއި އެއިލާހުގެ ރަސޫލާ ނަހީކުރެއްވި ބައިބައިވުމެވެ. ފަހެ ހަމަކަށަވަރުން ﷲ އާ އެއިލާހުގެ ރަސޫލާ އަމުރުކުރެއްވީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަށެވެ. އަދި އެއިލާހާއި އެއިލާހުގެ ރަސޫލާ ނަހީކުރެއްވީ ބައިބައިވެގަތުމާއި ތަފާތުވެގަތުމެވެ. އަދި އެއިލާހާއި އެއިލާހުގެ ރަސޫލާ އަމުރުކުރެއްވީ ހެޔޮކަމާއި ތަޤްވާވެރިވުމުގެ މައްޗަށް އެކަކުއަނެކަކަށް އެހީތެރިވެއުޅުމަށެވެ. އަދި އެއިލާހާއި އެއިލާހުގެ ރަސޫލާ ނަހީކުރައްވަނީ ފާފަޔާއި ޢަދާވާތްތެރިކަމުގެ މައްޗަށް އެކަކުއަނެކަކަށް އެހީތެރިވުމެވެ."

ތިރީގައި މިވަނީ އިސްލާމީ ޝަރީޢަތަށް ޙުކުމް ނުކުރާ ޤައުމެއްގައި ޕާޓީއެއް އުފެއްދުމުގެ ޙުކުމާ ބެހޭގޮތުން ސަޢުދީގެ ފަތުވާ ކޮމިޓީން ނެރެފައިވާ ދެ ފަތުވާއެކެވެ:

س 9: هل يجوز إقامة أحزاب إسلامية في دولة علمانية وتكون الأحزاب رسمية ضمن القانون، ولكن غايتها غير ذلك، وعملها الدعوي سري؟
ج 9: يشرع للمسلمين المبتلين بالإقامة في دولة كافرة أن يتجمعوا ويترابطوا ويتعاونوا فيما بينهم سواء كان ذلك باسم أحزاب إسلامية أو جمعيات إسلامية ؛ لما في ذلك من التعاون على البر والتقوى. عبد الله بن قعود / عبد الله بن غديان / عبد الرزاق عفيفي / عبد العزيز بن عبد الله بن باز [فتاوى اللجنة الدائمة فتوى رقم (5651)]
ސުވާލު: ޢަލްމާނީ ދައުލަތެއްގައި އިސްލާމީ ޕާޓީތައް ޤާއިމްކުރުން ހުއްދަވާނެތޯއެވެ؟ އަދި އެ ޕާޓީތަކަކީ ޤާނޫނުގެ ދަށުން ރަސްމީކޮށް ހިންގޭ ޕާޓީތަކެކެވެ. އެހެނެއްކަމަކު އެ ޕާޓީތަކުގެ ލަނޑުދަނޑިއަކީ އެހެންކަމެއް ކުރުމެވެ. އެ ޕާޓީތަކުގެ މަސައްކަތަކީ ސިއްރިއްޔާތުގައި ދަޢުވަތު ދިނުމެވެ؟

ޖަވާބު: ކާފަރު ދައުލަތެއްގައި ދިރިއުޅުން ބަރުދާސްތުކުރަމުންދާ މުސްލިމުންނަށް، އެ އެންމެން އެއްވެ ގުޅިގެން އެބައިމީހުންގެ މެދުގައި އެކަކުއަނެކަކަށް އެހީތެރިވުން ޝަރުޢުވެގެންވެއެވެ. އެއީ އިސްލާމީ ޕާޓީތަކުގެ ނަމުގައިކަމަށް ވިޔަސް ނުވަތަ އިސްލާމީ ޖަމްޢިއްޔާތަކުގެ ނަމުގައިކަމަށް ވިޔަސް މެއެވެ. އެއީ ހެޔޮކަމާއި ތަޤްވާވެރިކަމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވުން އެކަމުގައި އެކުލެވިގެންވާތީއެވެ.

"يجب على المسلمين في البلاد التي لا تحكم الشريعة الإسلامية، أن يبذلوا جهدهم وما يستطيعونه في الحكم بالشريعة الإسلامية، وأن يقوموا بالتكاتف يدا واحدة في مساعدة الحزب الذي يعرف منه أنه سيحكم بالشريعة الإسلامية، وأما مساعدة من ينادي بعدم تطبيق الشريعة الإسلامية فهذا لا يجوز، بل يؤدي بصاحبه إلى الكفر؛ لقوله تعالى: (وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ * أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ) المائدة/49-50، ولذلك لما بَيَّن اللهُ كفر من لم يحكم بالشريعة الإسلامية، حذر من مساعدتهم أو اتخاذهم أولياء، وأمر المؤمنين بالتقوى إن كانوا مؤمنين حقا، فقال تعالى: (يَاأَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ وَاتَّقُوا اللَّهَ إِنْ كُنْتُمْ مُؤْمِنِينَ) المائدة/57. وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم "انتهى. الشيخ عبد العزيز بن عبد الله بن باز، الشيخ عبد الرزاق عفيفي، الشيخ عبد الله بن غديان. [اللجنة الدائمة للبحوث العلمية والإفتاء (1/373)]
މާނައީ: "އިސްލާމީ ޝަރީޢަތަށް ޙުކުމްނުކުރާ ޤައުމުތަކުގައިވާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމީ ޝަރީޢަތަށް ޙުކުމްކުރުމަށްޓަކައި އެބައިމީހުންނަށް ކުޅަދާނަވީމިންވަރަކުން ގަދައަޅައި މަސައްކަތްކުރުމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމްކުރާނެކަމަށް ލަފާކުރެވޭ ޕާޓީއަކަށް އެހީތެރިވުމުގައި އެންމެން އެކަތިގަނޑަކަށްވެ އެއްއަތެއްގެ ގޮތުގައި މަސައްކަތްކުރުމެވެ. އަދި ދަންނާށެވެ! އިސްލާމީ ޝަރީޢަތް ތަންފީޒުނުކުރުމަށް ގޮވާލާ މީހުންނަށް އެހީތެރިވުން ހުއްދައެއްނުވާނެއެވެ. އަދި ކީއްހެއްޔެވެ! އެފަދަ މީހަކު ގެންގޮސްދޭހުށީ ކުފްރާހަމައަށެވެ. އެއީ މާތް ﷲ ގެ މިވަޙީބަސްފުޅަށްޓަކައެވެ: (وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ * أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ) މާނައީ: "އަދި اللَّه ބާވައިލައްވާފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آيةން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް عقوباتދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ فاسقންކަން ކަށަވަރެވެ. * ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"

އެހެންވެ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްނުކުރާ މީހުންގެ ކާފަރުކަން މާތް ﷲ ބަޔާންކުރެއްވިހިނދު، އެފަދަ މީހުންނަށް އެހީތެރިވުމާއި، ނުވަތަ އެމީހުންނަކީ ވާގިވެރިންކަމުގައި ބަލައިގަތުން މަނާކުރައްވާ އިންޒާރު ދެއްވިއެވެ. އަދި ޙައްޤު މުއުމިނުންކަމުގައި ވާނަމަ ތަޤްވާވެރިވުމަށް މުއުމިނުންނަށް އަމުރުކުރެއްވިއެވެ. އެގޮތުން އެއިލާހު ތަޢާލާ ވަޙީކުރެއްވިއެވެ: (يَاأَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ وَاتَّقُوا اللَّهَ إِنْ كُنْتُمْ مُؤْمِنِينَ) މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ دينއަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافرން އެއީ، އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمنން ކަމުގައިވާނަމަ اللَّهއަށް تقوىވެރިވާށެވެ!"

މުސްލިމް އަޚުންނޭވެ! ﷲ ތަޢާލާ މުސްލިމުން ޙިމާޔަތްކޮށް ދިފާޢުކުރައްވުމުގައި އެކި އެކި ސަބަބުތައް މެދުވެރިކުރައްވައެވެ. މޫސާގެފާނުގެ ޢަދުއްވުކަމުގައިވި ފިރުޢައުނުގެ އަނިޔާވެރިކަމުން އެކަލޭގެފާނު ތުއްޕުޅުއިރު ސަލާމަތްވެވަޑައިގަތީ ޚުދު ފިރުޢައުނުގެ ސަބަބުންނެވެ. އަބޫ ޠާލިބަކީ ކާފަރެއްކަމުގައި ވިޔަސް މުޝްރިކުންގެ އަނިޔާވެރިކަމާއި ނުރައްކާތެރި ރޭވުންތަކުން ކީރިތި ރަސޫލާ ސަލާމަތްވެވަޑައިގަތުމުގެ މުހިއްމު ސަބަބެއްކަމުގައި އަބޫޠާލިބު ވިއެވެ. ޝުޢައިބުގެފާނު ރަޖަމްކުރުމަށް އެޤައުމުގެ މީހުން ރޭވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޤަބީލާގެ ސަބަބުން އެކަން ނުކުރެވުނެވެ. އެ ޤަބީލާއަކީ އެއްކޮށް އީމާންވެގެންވާ ޤަބީލާއެއްކަމުގައި ނުވެއެވެ. މިކަން ބަޔާންކުރައްވާ ކީރިތި ﷲ ވަޙީކުރެއްވިއެވެ: (قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِمَّا تَقُولُ وَإِنَّا لَنَرَاكَ فِينَا ضَعِيفًا وَلَوْلَا رَهْطُكَ لَرَجَمْنَاكَ ...) [هود 91] މާނައީ: " އެއުރެން ދެންނެވޫއެވެ. އޭ شعيبގެފާނެވެ! ކަލޭގެފާނު ވިދާޅުވާ އެއްޗެހީގެ ތެރެއިން ގިނައެއްޗެހި، ތިމަންމެންނަކަށް ނުވިސްނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ދެކެނީ، ކަލޭގެފާނަކީ ތިމަންމެންގެ ތެރޭގައިވާ ނިކަމެއްޗެއް ކަމަށެވެ. އަދި ކަލޭގެފާނުގެ ގާތްތިމާގެ މީސްކޮޅު ނުވާނަމަ، ތިމަންމެން ހަމަކަށަވަރުންވެސް، ކަލޭގެފާނު رجمކުޅައީމުހެވެ."

ހޫދު ސޫރަތުގައިވާ ޝުޢައިބުގެފާނުގެ ވާހަކައިގެ ތަފްސީރުގައި އެވާހަކައިން ލިބިދޭ ފިލާވަޅުތަކާއި ފައިދާތައް ބަޔާންކުރައްވަމުން الشيخ ابن سعدي رحمه الله ވިދާޅުވެފައިވެއެވެ: " ومنها أن الله يدفع عن المؤمنين بأسباب كثيرة، قد يعلمون بعضها وقد لا يعلمون شيئا منها، وربما دفع عنهم بسبب قبيلتهم أو أهل وطنهم الكفار، كما دفع الله عن شعيب رجم قومه بسبب رهطه، وأن هذه الروابط التي يحصل بها الدفع عن الإسلام والمسلمين لا بأس بالسعي فيها بل ربما تعين ذلك لأن الإصلاح مطلوب على حسب القدرة والإمكان. فعلى هذا لو ساعد المسلمون الذين تحت ولاية الكفار، وعملوا على جعل الولاية جمهورية يتمكن فيها الأفراد والشعوب من حقوقهم الدينية والدنيوية، لكان أولى من استسلامهم لدولة تقضي على حقوقهم الدينية والدنيوية، وتحرص على إبادتها وجعلهم عمَلَةً وخَدَمًا لهم؛ نعم إن أمكن أن تكون الدولة للمسلمين وهم الحكام فهو المتعين، ولكن لعدم إمكان هذه المرتبة فالمرتبة التي فيها دفع ووقاية للدين والدنيا مقدمة، والله أعلم " [تفسير ابن سعدي (388) ]. "އެ ވާހަކައިން ޙާޞިލްކުރެވޭ ފިލާވަޅުތަކުގެ ތެރޭގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށްގިނަ ސަބަބުތައް މެދުވެރިކޮށް (އެކިކަންކަމުން) މުއުމިނުން ދިފާޢުކުރައްވައެވެ. އޭގެތެރެއިން ބައެއް ސަބަބުތައް އެބައިމީހުންނަށް އެނގުން އެކަށީގެންވެއެވެ. އަދި އެއިން އެއްވެސް ސަބަބެއް އެއުރެންނަށް ނޭނގުމަކީވެސް އެކަށީގެންވާކަމެކެވެ. ބައެއްފަހަރު އެބައިމީހުންގެ ޤަބީލާ މެދުވެރިކޮށް، ނުވަތަ އެބައިމީހުންގެ ވަޠަނުގެ ކާފަރު އަހުލުވެރިން މެދުވެރިކޮށްވެސް ދިފާޢުކުރައްވައެވެ. އެއީ ޝުޢައިބުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނު ރަޖަމްކުރަން އުޅުމުން މާތް ﷲ އެކަލޭގެފާނުގެ ބައިގަނޑު މެދުވެރިކޮށް އެކަލޭގެފާނު ސަލާމަތްކުރެއްވި ފަދައިންނެވެ. އަދި ހަމަކަށަވަރުން މިފަދަ ގުޅުންތަކަކީ ، އެ ގުޅުންތަކުގެ ސަބަބުން އިސްލާމް ދީނާއި މުސްލިމުން ދިފާޢުކުރެވޭވަރުގެ ގުޅުންތަކެއްކަމުގައި ވާނަމަ، އެކަމަށް މަސައްކަތްކޮށް އޭގެ ބޭނުން ހިފުމަކީ މައްސަލައެއް ނޫނެވެ. އަދި ކީއްހެއްޔެވެ! ފަހަރުގައި އެކަން ވާޖިބުވެދާނެއެވެ. އެހެނީ ހަމަކަށަވަރުން ކެރި ކުޅަދާނަވީ މިންވަރަކުން އިޞްލާޙްކުރުމަކީ ކުރަންޖެހޭކަމެކެވެ. ފަހެ އެގޮތުގެ މަތިން ކާފަރު ވެރިކަމެއްގެ ދަށުގައިވާ މުސްލިމުން، އެއުރެންނަށް އެހީތެރިވެ އެ ވެރިކަމަކީ ޖުމްހޫރީ ވެރިކަމަކަށް ހެދުމަށްޓަކައި މަސައްކަތްކޮށް، އޭގެ ސަބަބުން ފަރުދުންނާއި ރައްޔިތުންނަށް އެބައިމީހުންގެ ދީނީ އަދި ދުނިޔަވީ ޙައްޤުތައް ލިބޭކަމުގައިވާނަމަ، އެބައިމީހުންގެ ދީނީ އަދި ދުނިޔަވީ ޙައްޤުތައް ނަގައިލާ، އަދި އެ ޙައްޤުތައް ފަނާކޮށްލުމަށް ދަހިވެތިވާ، އަދި މުސްލިމުންނަކީ އެބައިމީހުން ބުނިހައިގޮތަކަށް އުޅޭ އެބައިމީހުންގެ ޚާދިމުންކަމުގައި ހަދާ ދައުލަތަކަށް ކިޔަމަންތެރިވުމަށްވުރެ، އެގޮތް މާ އައުލާކަން ބޮޑެވެ. އާނއެކެވެ! މުސްލިމުންނަށް ދައުލަތް ލިބިފައި އެބައިމީހުންނަކީ ވެރިންކަމުގައި ހެދޭނެނަމަ، އެއީ ކަންކުރަންވީގޮތެވެ. އެކަމަކު އެ މަރްޙަލާއަށް ވާޞިލުވެވެން ނެތްނަމަ، ދީނާއި ދުނިޔެ ދިފާޢުކޮށް ސަލާމަތްކުރުމުގެ މަރުޙަލާ އިސްވެގެންވެއެވެ."

އާދޭހެވެ! އަދުގެ މަޞްރަޙު އޮތްގޮތުން ސިޔާސީ ޕާޓީއެއްގެ ސަބަބުން ދީނަށް ދިމާވާ ގޮންޖެހުންތަކުން އެދީން ސަލާމަތްވުމަކީ އެކަށީގެންވާކަމެކެވެ. އަދިކީއްހެއްޔެވެ! އެފަދަ ގޮންޖެހުންތަކުން ސަލާމަތްވެފައި އެބަހުއްޓެވެ. އަދި ދީނާ ޚިލާފު އެތައްކަމެއްގެ ކުރިމަތީގައިވި ގަދަފަދަ އައްޑަނައެއްކަމުގައި ޕާޓީ ވެފައި އެބަހުއްޓެވެ. މިކަން އެނގޭނީ އިންސާފުގެ ލޮލުން ބަލާމީހަކަށެވެ. ފަހެ ޕާޓީ އަކީ ކިތަންމެ ގޯސް އެއްޗެއްކަމުގައި ވިޔަސް އަދާލަތު ޕާޓީގެ ސަބަބުން މިޤައުމުގައި އެތައް މުންކަރާތެއް ނަހީވެގެންދިޔަ ކަމީ އަޅުގަނޑުމެން އެއްބަސްވާންޖެހޭ ޙަޤީޤަތެކެވެ.

އިންތިޚާބުތަކަށް ކުރިމަތިލުމާއި ވޯޓުލުމުގެ ޙުކުމް:

މި މައްސަލައަކީ ވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް މައްސަލައެކެވެ. ހުރިހާ ޢިލްމުވެރިން ޙަރާމްކަމެއްކަމުގައި ނުވަތަ ހުއްދަކަމެއްކަމުގައި އިއްތިފާޤުވެވަޑައިގަންނަވާ މައްސަލައެއް ނޫނެވެ. އެގޮތުން ބައެއް ޢިލްމުވެރިން ޢިލްމުވެރިން އިންތިޚާބުތަކުގައި ބައިވެރިވުމާއި ވޯޓުލުން ޙަރާމްކުރައްވާ އިންތިޚާބުތަކުގައި ބައިވެރިވުމާބެހޭގޮތުން الشيخ محمد بن عثيمين رحمه الله އާ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވަނީ: "أنا أرى أن الانتخابات واجبة، يجب أن نعين من نرى أن فيه خيراً، لأنه إذا تقاعس أهل الخير، مَنْ يحل محلهم؟ سيحل محلهم أهل الشر، أو الناس السلبيون الذين ما عندهم خير ولا شر، أتباع كل ناعق، فلابد أن نختار من نراه صالحاً. فإذا قال قائل: اخترنا واحداً لكن أغلب المجلس على خلاف ذلك. قلنا: لا مانع، هذا الواحد إذا جعل الله فيه البركة وألقى كلمة الحق في هذا المجلس سيكون لها تأثير ولا بد، لكن الذي ينقصنا الصدق مع الله، نعتمد على الأمور المادية الحسية ولا ننظر إلى كلمة الله عز وجل.... فَرَشِّحْ مَنْ ترى أنه خير، وتوكل على الله " [سلسلة "لقاءات الباب المفتوح" شريط رقم 210 ـ الوجه الثاني.] "އަހަރެން ދެކޭގޮތުގައި އިންތިޚާބުތަކުގައި ބައިވެރިވުމަކީ ވާޖިބެކެވެ. އެމީހެއްގެ ކިބައިގައި ހެވެއް ވާކަމަށް އަހަރުމެން ދެކޭ މީހާ ޢައްޔަންކުރުން ވާޖިބުވާނެއެވެ. އެހެނީ ހަމަކަށަވަރުން ރަނގަޅުމީހުން ދުރަށްޖެހިލައިފިނަމަ، އެމީހުންގެ މަޤާމުތަކަށް ވެރިވާނީ ކޮން ބައެއްތޯއެވެ؟ އެމީހުންގެ ތަންތަނަށް ވެރިވާނީ ނުބައިމީހުންނެވެ. ނުވަތަ އެބައެއްގެ ކިބައިގައި ހެވެއް ނުބައެއް ނުވާ، އަދި އިވޭ ކޮންމެ އަޑަކަށް ތަބާވާ ފައިދާއެއް ނެތް މީހުންނެވެ. އެހެންކަމުން ޞާލިހު މީހެއްކަމަށް އަހަރުމެންދެކޭ މީހަކު އިޚްތިޔާރުކުރަންޖެހޭނެއެވެ. ފަހެ ބުނާ މީހަކު ބުނެފިނަމަ: އަހަރުމެން އިޚްތިޔާރުކުރީ އެކެކެވެ. ނަމަވެސް މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ އެއާ ޚިލާފަށެވެ. ޖަވާބުގައި އަހަރުމެން ބުނާނީ: މައްސަލައެއް ނެތެވެ. ތިދެންނެވި އެންމެ މީހާގެ މަސައްކަތުގައި ﷲ ބަރަކާތްލައްވައި، އޭނާ އެ މަޖިލީހުގައި ޙައްޤު ބަސް ބުނެފިނަމަ، ހަމަޔަޤީނުންވެސް އެކަމުގެ (ހެޔޮ) އަސަރުކުރާނެއެވެ. އެހެނެއްކަމަކު އަހަރުމެންގެ ތެރޭގައި މަދުވެގެން މިއުޅެނީ ﷲ އަށް އިތުބާރުކުރުމެވެ. އަހަރުމެން ބަރޯސާ މިވަނީ މާއްދީ އަދި ޙިއްސީ ކަންތައްތަކުގެ މައްޗަށެވެ. ﷲ ގެ ބަސްފުޅަކަށް އަހަރުމެން ބަލައެއް ނުލަމެވެ. ވީމާ ތިބާއަށް ފެންނަ އެންމެ ރަނގަޅު މީހަކު ހޮވާށެވެ. އަދި ﷲ އަށް ވަކީލުކުރާށެވެ!"

ސިޔާސީ ޕާޓީތަކަށް ވަނުމާއި، އިންތިޚާބުތަކުގައި ބައިވެރިވުން އެންމެ ބޮޑަށް މަނާކުރައްވާ ޢިލްމުވެރިއަކީ الشيخ محمد ناصر الدين الألباني އެވެ. ނަމަވެސް އެ ޢިލްމުވެރިޔާ ދެކެވަޑައިގަންނަވާ ގޮތުގައިވެސް ފަސާދަތައް ކުޑަކޮށް ކުޑަ ފަސާދައިން ބޮޑު ފަސާދަތައް ނައްތާލުމަށްޓަކައި، އިންތިޚާބުގައި ބައިވެރިވެ އެންމެ ފަސާދަކުޑަމީހަކަށް ވޯޓުލުމަކީ ނެތްކަމެއް ނޫނެވެ. އެގޮތުން ޝައިޚް އަލްބާނީ ވިދާޅުވަނީ:
"ولكن لا أرى ما يمنع الشعب المسلم إذا كان في المرشحين من يعادي الإسلام وفيهم مرشحون إسلاميون من أحزاب مختلفة المناهج.. فننصح والحالة هذه كل مسلم أن ينتخب من الإسلاميين فقط من هو أقرب إلى المنهج العلمي الصحيح الذي تقدم بيانه .. أقول هذا وإن كنت أعتقد أن هذا الترشيح والانتخاب لا يحقق الهدف المنشود كما تقدم بيانه - من باب تقليل الشر أو من باب دفع المفسدة الكبرى بالمفسدة الصغرى كما يقول الفقهاء" [ المجلة السلفية الصادرة بالسعودية . العدد 03 لسنة 1418 هـ . ص 29 ] "ކެނޑިޑޭޓުންގެ ތެރޭގައި އިސްލާމް ދީނާއި ޢަދާވާތްތެރިވާ މީހަކު ހުރެފައި، އަދި އެބައިމީހުންގެ ތެރޭގައި ތަފާތު މަންހަޖުތަކުގެ ޕާޓީތަކަށް ނިސްބަތްވާ އިސްލާމީ ކެނޑިޑޭޓުން ތިބިނަމަ... ފަހެ މި ޙާލަތުގައި އަހަރެންގެ ނަޞޭޙަތަކީ ކޮންމެ މުސްލިމަކުވެސް އިސްވެ ބަޔާންވެދިޔަ ފަދައިން ހަމައެކަނި އިސްލާމީ ކެނޑިޑޭޓުންގެ ތެރެއިން ޢިލްމީ ޞައްޙަ މަންހަޖާ އެންމެ ގާތްވެގެންވާ މީހަކު އިންތިޚާބުކުރުމެވެ. .. -އިސްވެދިޔަ ފަދައިން މިފަދަ ހޮވުންތަކާއި އިންތިޚާބުތަކުން ބޭނުންވާ ރަނގަޅު ލަނޑުދަނޑިއާ ހަމައަށް ވާޞިލްނުވެވޭނެކަމަށް އަހަރެން އިޢުތިޤާދުކުރާ ހިނދުވެސް- އަހަރެން މިހެން މިބުނަނީ: ފިޤުހުވެރިން ވިދާޅުވާ ފަދައިން ނުބައި ކަންތައްތައް މަދުކުރުމުގެ ބާބުގެ ދަށުންނެވެ! ނުވަތަ ކުޑަ ފަސާދައިން ބޮޑު ފަސާދަ ދުރުކުރުމުގެ ބާބުގެ ދަށުންނެވެ."

ލޮބުވެތި މުސްލިމް އަޚުންނޭވެ! މިއީ ރައްބާނީ ޢިލްމުވެރިންގެ ބަސްމަގު ހުރިގޮތެވެ. އެކަމަކު ދީނުގެ ޢިލްމު ލިބިފައިނުވާ މާ ދީންވެރިކަމަށް ދަޢުވާކުރާ ބައެއް މީހުންގެ ބަހުރުވައަކީ: ޑިމޮކްރަސީ ޙަރާމް! އިންތިޚާބު ޙަރާމް! ވޯޓުލުން ޙަރާމް! ވައްސަލާމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ޙުކުމް:

ވަރަށްގިނަ މީހުންނަށް ހީވެފައި އޮންނަނީ މިޒަމާނުގެ ރައްޔިތުންގެ މަޖިލީހަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޝޫރާ މަޖިލިސްކަމުގައެވެ. ނަމަވެސް އެއީ ވަރަށްބޮޑު ކުށްހީއެކެވެ. ޙަޤީޤަތުގައި މިޒަމާނުގައި ޑިމޮކްރަސީގެ ދަށުން އުފެދިފައިވާ ރައްޔިތުންގެ މަޖިލީހާއި އިސްލާމީ ޝުރާ މަޖިލިހާ ދެމެދުގައި ހާސްތަފާތުވެއެވެ. ޑިމޮކްރަސީގައި ޙުކުމް ވަނީ ރައްޔިތުންނަށެވެ. ނަމަވެސް އިސްލާމީ ޝޫރާގައި ޙުކުމް ވަނީ ހަމައެކަނި الله އަށެވެ.

އިސްލާމީ ޝޫރާގައި ޤަރާރު އިއްވުމުގެ ފުރިހަމަ އާރާއި ބާރު ލިބިގެންވަނީ ވެރިމީހާ އަށެވެ. އޭނާ އަށް އެކަމުގައި އެއްވެސް ފަރާތެއްގެ މަޖުބޫރު ކުރުވުމެއް ނުވެއެވެ. ނަމަވެސް ޑިމޮކްރަސީގައި ވެރިމީހާގެ ޤަރާރަކީ ރައްޔިތުންގެ މަޖްލީހުގެ އަޣްލަބިއްޔަތެވެ. އެއަޣްލަބިއްޔަތާ ޚިލާފުވުމުގެ ބާރެއް ވެރިމީހާ އަކަށް ލިބިގެނެއް ނުވެއެވެ. އެ އަޣްލަބިއްޔަތަކީ ބާޠިލްގޮތް ކަމުގައި ވެފައި ވެރިމީހާ އެދޭ ގޮތަކީ ޙައްޤު ކަމުގައި ވިޔަސް ވެރިމީހާއަށް މަޖުބޫރު ވެވިގެން ވަނީ ބާޠިލް ގޮތަށް ތަބަޢަ ވުމެވެ.

ޝޫރާގައި މަޝްވަރާކުރަނީ އިޖްތިހާދީ މައްސަލަ ތަކުގައެވެ. އެއާޚިލާފަށް ޑިމޮކްރަސީގައި ދީނުގެ ކޮންމެ ކަމެއްގައި މަޝްވަރާ ކުރެވެއެވެ. އެއީ ދީނުގައި ޟަރޫރީ ގޮތުން އެގެންޖެހޭ ވަރުގެ ކަމެއްކަމުގައި ވިޔަސްމެއެވެ. ފަހެ އެފަދަ މައްސަލަތަކުގައި މަޝްވަރާކުރުމަކީ ކަނޑައެޅިގެންހުރި ކުފްރުގެ ޢަމަލެކެވެ.

އިސްލާމް ދީނުގައި މަޝްވަރާގެ އަހްލުވެރިންނަކީ ޢިލްމީ ޤާބިލްކަން ލިބިފައިވާ ހަރުދަނާ މީހުންނެވެ. ނަމަވެސް ޑިމޮކްރަސީގައި ކޮންމެ މީހަކަށްވެސް މަޖިލީހުގެ މެމްބަރަކަށް ވުމުގެ ފުރުސަތު އޮވެއެވެ.

ޑިމޮކްރަސީގައި ޖާހިލުމީހާ އާއި ޢިލްމުވެރިޔާ އާއި އެއްވަރެވެ. އަދި ކިއެއްތަ ބައެއްފަހަރު ޢިލްމުވެރިޔާގެ އަޑަށްވުރެ ޖާހިލު މީހާގެ އަޑުގަދައެވެ. ނަމަވެސް އިސްލާމީ ޝޫރާގައި އެދެމީހުން އެއްވަރުވެގެން ނުވެއެވެ. އަދި ޖާހިލު މީހާގެ ރައުޔަށް ބެލުމެއްނެތެވެ.

ޝޫރާގެ މަތިވެރި ނިޒާމުގައި އިސްލާމުން އެކަތިގަނޑަކަށް ހަދައިދެއެވެ. ބައިބައިވުމާއި ވަކިވަކިވެގަތުން ނައްތާލައެވެ. އެއާޚިލާފަށް ޑިމޮކްރަސީ އަކީ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފައްދާ ޕާޓީ ޕާޓީ ތަށް ހެދުމުގެ ހުއްދަދީ ރައްޔިތުން ތެރޭގައި ވެރިމީހާ އަށް ނުކިޔަމަންތެރިވުމުގެ ރޫހު އުފައްދާ، ދޭދޭ ފަރުދުންގެ މެދުގައި ރުޅިވެރިކަމާއި ނޭއްގާނީ ކަން އާލާކުރުވާ ޠާޣޫތީ ނިޒާމެކެވެ.

އިސްލާމީ ޝޫރާގައި އަންހެނުންނަށް ވެރިކަން ނުކުރެވޭނެއެވެ. ނަމަވެސް ޑިމޮކްރަސީގައި އަންހެނުންނަށް އެފުރުޞަތުލިބިގެންވެއެވެ.

ޑިމޮކްރަސީ އަކީ ކާފަރުން އިސްލާމްދީން ނައްތާލުމަށްޓަކައި ހަދައިގެން އުޅޭ ޠާޣޫތީ ނިޒާމެކެވެ. ނަމަވެސް އިސްލާމީ ޝޫރާ އަކީ އެއްމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ އިލާހީ ފުރިހަމަ ޤާނޫނެކެވެ.

އިސްވެ ބަޔާންވެދިޔަ ފަދައިން ރައްޔިތުންގެ މަޖިލީހަކީ އިސްލާމީ ޝަރުޢީ މިންގަޑުތަކާ ޚިލާފު އެތައް ކަމެއް ހިނގާ މަޖިލީހަކަށް ވާތީ އެފަދަ މަޖިލީހެއްގެ މެންބަރަކައްވުން ހުއްދަނުވާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އޭގެ ތެރެއިން އެންމެ ފާހަނގަ ކޮށްލެވޭ ދެ ސަބަބެއް މިތަނުގައި ބަޔާންކުރަމެވެ. ފުރަތަމަ ސަބަބަކީ: ރައްޔިތުންގެ މަޖިލީހަކީ އެތަނެއްގައި ﷲ ގެ ޝަރީޢަތާ ޚިލާފަށް ވާހަކަދެކެވޭ، އަދި އެއިލާހުގެ ޙުކުމްތަކާ ޚިލާފަށް ވަޟުޢީ ޤާނޫނު ހެދޭ މަޖިލީހަކަށް ވުމެވެ. ފަހެ ﷲ ގެ ޝަރީޢަތާ ޚިލާފަށް ވާހަކަދެއްކުމަކީ ކުފްރުގެ ޢަމަލެކެވެ. އެހެންކަމުން އެފަދަ މަޖިލީހެއްގައި އިނުން ހުއްދައެއްނުވާނެއެވެ. އަދި ކީއްހެއްޔެވެ! ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގެ ޞަރީޙަ ނައްޞުތަކުން އެނގޭ ގޮތުގައި ޝިރުކާއި ކުފްރުން ބަރީއަވެގެން މެނުވީ މީހާގެ އީމާކަން ޞައްޙައެއް ނުވާނެއެވެ. އަދި ޝިރުކާއި ކުފްރުގެ ވާހަކަތަށް ދެކެވޭ މަޖިލިސްތަކުގައި އިންނަ މީހަކީ އެފަދަ ވާހަކަތައް ދައްކާ މީހުންފަދަ ބައެކެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރައްވަނީ މިފަދައިންނެވެ: (وقد نزل عليكم في الكتاب أن إذا سمعتم آيات الله يكفر بها ويستهزأ بها فلا تقعدوا معهم حتى يخوضوا في حديث غيره إنكم إذا مثلهم إن الله جامع المنافقين والكافرين في جهنم جميعا) [النساء 140] މާނައީ: "ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. اللَّهގެ آيةތަކަށް كافرވެ، އެ آيةތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، اللَّه، منافقންނާއި كافرންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ." ދެވަނަ ސަބަބަކީ: މަޖިލީހުގެ މެންބަރުންގެ ހުވާގައި ގާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭކަމަށް އޮވެއެވެ. އިސްލާމީ ގިނަ ގައުމުތަކުގައި ހެދިފައިވާ ޤާނޫނު އަސާސީތަކުގައި ﷲ ގެ ޝަރީޢަތާ ޚިލާފު އެތައް ވަޟުޢީ ޤާނޫނެއް ވެއެވެ. އެހެންކަމުން އެފަދަ ޤާނޫނުކަށް އިޙްތިރާމްކުރުމަށް ހުވާކުރުމަކީ ކުފްރުގެ ޢަމަލެކެވެ.

އިސްވެ އެދިޔައީ ޕާލަމެންޓަށް ވަނުމަކީ މަނާކަމެއް ކަމުގައި ދެކޭ މީހުންގެ ދަލީލުތަކެވެ. އެވެސް ރައުޔެކެވެ. އަނެއް ރައުޔުވެސް އެބަ އޮތެވެ. އެއީ ދީން ދިފާޢުކުރުމަށްޓަކައި ދީނުގެ ޙައްޤުގައި ވަކާލާތުކުރުމުގެ މަޤްޞަދުގައި އެތަނަށް ވަނުން ހުއްދަވުމެވެ. ފަހެ އެގޮތުން ޕާލަމެންޓަށް ވަނުން މަނާކުރާ މީހުންނަށް ރައްދު ދެއްވަމުން : الشيخ محمد بن صالح العثيمين ވިދާޅުވެފައިވެއެވެ: " أما القول: إن البرلمان لا يجوز ولا مشاركة الفاسقين ولا الجلوس معهم.. هل نقول: نجلس لنوافقهم؟.. نجلس معهم لنبيِّن لهم الصواب. بعض الإخوان من أهل العلم قالوا: لا تجوز المشاركة.. لأن هذا الرجل المستقيم يجلس إلى الرجل المنحرف. هل هذا الرجل المستقيم جلس لينحرف.. أم ليقيم المعوج؟! نعم ليقيم المعوج ويعدل منه.. إذا لم ينجح هذه المرة نجح في المرة الثانية" [لقاء الباب المفتوح رقم (211)]
"ހަމަކަށަވަރުން ޕާލަމެންޓު ހުއްދަނުވާނެކަމާއި، ފާސިޤުންނާއި ބައިވެރިވުމާއި، އެބައިމީހުންނާއެކު އިށީނުން ހުއްދަނުވާނެކަމަށް ބުނެވޭ ބުނުމާމެދު ދަންނައެވެ!.. އަހަރުމެން މިބުނަނީ އެބައިމީހުންނާ އެއްބަސްވުމަށް އަހަރުމެން އިށީންނަ ވާހަކަތޯއެވެ؟ ... (ނޫނެކެވެ.) އަހަރުމެން އެބައިމީހުންނާއެކުގައި އިށީންނާނީ އެބައިމީހުންނަށް ރަނގަޅުގޮތް ބަޔާންކޮށްދިނުމަށެވެ. ޢިލްމުވެރިންކުރެ ބައެއް ޢިލްމުވެރިން

ބޮޑު ފަސާދަތައް ނައްތާލުމަށްޓަކައި ކުޑަ ފަސާދަ އިޚްތިޔާރުކުރުން:

شيخ الإسلام ابن تيمية رحمه الله ވިދާޅުވިއެވެ: "الشريعة مبناها على تحصيل المصالح وتكميلها، وتعطيل المفاسد وتقليلها بحسب الإمكان، ومعرفة خير الخيرين وشر الشرين حتى يقدم عند التزاحم خير الخيرين ويدفع شر الشرين" "ޝަރީޢަތް ބިނާވެގެންވަނީ މަޞްލަޙަތުހުރިކަންތައްތައް ޙާޞިލުކުރުމާއި އެކަންތައްތައް ފުރިހަމަކުރުމުގެ މައްޗަށެވެ. އަދި ފަސާދަތައް ނެތިކޮށްލުމާއި، ވީމިންވަރަކުން އެކަންތައްތައް ކުޑަކުރުމުގެ މައްޗަށެވެ. އަދި ހެޔޮކަންތަކުގެ ތެރެއިން އެންމެ ހެޔޮކަމެއް ދެނެގަތުމަށާއި، ނުބައިކަންތަކުގެ ތެރެއިން އެންމެ ނުބައިކަމެއް ދެނެގަތުމުގެ މައްޗަށެވެ. އެއީ ހެޔޮކަންތައްތައް އެއްވާހިނދު އެންމެ ހެޔޮވެގެންވާ ކަމެއް އިސްކުރުމަށެވެ. އަދި ނުބައިކަންތައް އެއްވާހިނދު އެންމެ ނުބައިކަން ދުރުކުރުމަށެވެ."

ހިތާމަޔަކީ ބައެއް މީހުން އެބައިމީހުންގެ ދުނިޔަވީ ޙަޔާތުގެ ކަންކަމުގައި ގެއްލުމާއި ހަލާކާއި ބަލިތަކާއި މުޞީބާތްތައް މެދުވެރިވާހިނދު، މިދެންނެވި މަސްލަޙަތާ މަފްސަދާއަށް ރިޢާޔަތްކޮށްފައި، ހިތް ނޭދޭ ބައެއްކަންކަން ކުރުމަށް އެއްބަސްވާކަމެވެ. ނަމަވެސް އިސްލާމް ދީނަށް ގެއްލުންދީ އެދީން ފުހެލުމަށް މަސައްކަތްކުރެވޭ ހިނދު އެބައިމީހުންގެ އަތްފައި ހަމަހިމޭންވެފައި ހިތްތައް ގަނޑުވެފައި ތިބޭކަމެވެ. އެއްވެސް ޝައްކެއްނެތެވެ. އެއީ ދީނަށްވުރެ ތިމާގެ ދުނިޔަވީ މަޞްލަޙަތު އިސްކުރުމުގެ ނަތީޖާއެވެ. މިދެންނެވި އެއްޗެއްގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި އަންނަނިވި މިސާލުތަކަށް ފުންކޮށް ވިސްނަވާށެވެ!

މިސާލު1: ދައްޔޫޘަކު ކަމުގައި ނުވާނަމަ ކޮންމެ ފިރިއަކުވެސް އޭނާގެ އަނބިމީހައާމެދު ޣީރަތްތެރިވާނެއެވެ. އެގޮތުން އޭނާ ނޫން އެހެން މީހަކަށް އޭނާގެ އަނބީހާގެ ޢައުރަ ކަޝްފުކުރާކަށް އޭނާ ނޭދޭނެއެވެ. އަދި ކީއްހެއްޔެވެ! އޭނާ އެދުނަސް ނޭދުނަސް އިސްލާމް ދީނުގައި އެކަންވަނީ ޙަރާމްވެގެންނެވެ. ނަމަވެސް ވިހެއުމަށްޓަކައި ނުވަތަ ނުރައްކާތެރި ބައްޔަކުން ފަރުވާ ހޯދުމަށްޓަކައި އެއްކަލަ ޣީރަތްތެރި ދީންވެރި ފިރިމީހާ މަޞްލަޙަތާއި މަފްސަދާއަށް ރިޢާޔަތްކުރެއެވެ. އަދި ބޮޑު ފަސާދައިން ސަލާމަތްވުމަށްޓަކައި ކުޑަ ފަސާދަ އިޚްތިޔާރުކުރެއެވެ. އެގޮތުން އަނބިމީހާގެ ޢައުރަ ކަޝްފުވާންނުޖެހޭ މީހެއްގެ ކުރިމަތީގައި ކަޝްފުވުމުގެ ފަސާދައަށްވުރެ އަނބިމީހާގެ ފުރާނައަށް ގެއްލުންވުމުގެ ފަސާދަ ބޮޑުވާތީ، ޢިލްމުވެރިންގެ ލަފަޔާ އިރުޝާދުގެ މަތިން އެންމެ ފުރަތަމަ މުސްލިމް އަންހެން ޑޮކްޓަރެއްގެ ފަރާތުން އަނބިމީހާއަށް ފަރުވާ ހޯދައެވެ. މުސްލިމް އަންހެން ޑޮކްޓަރެއް ނުލިބިއްޖެނަމަ، މުސްލިމް ފިރިހެން ޑޮކްޓަރެކެވެ. ފަހެ މުސްލިމް ފިރިހެން ޑޮކްޓަރެއް ނުލިބިއްޖެނަމަ، ކާފަރު އަންހެން ޑޮކްޓަރެކެވެ. އަދި ކާފަރު އަންހެން ޑޮކްޓަރެއް ނުލިބިއްޖެނަމަ، އެންމެ ފަހުން ކާފަރު ފިރިހެން ޑޮކްޓަރަކަށް ދެއްކުމަށްވެސް އެއްބަސްވެއެވެ.

މިސާލު2: އެއްވެސް މީހަކު އޭނާގެ ހަށިގަނޑުން ގުނަވަނެއް އުނިވާކަށް ނޭދޭނެއެވެ. ނަމަވެސް ހަށިގަނޑުގެ ވަކި ގުނަވަނަކަށް ޖެހޭ ބައްޔެއްގެ ސަބަބުން، އެ ގުނަވަން ބުރިނުކޮށްފިނަމަ، މުޅި ހަށިގަނޑަށް އެބަލި ވާޞިލުވެ ފުރާނައަށް ނުރައްކާވާނެކަމަށް ޑޮކްޓަރު ލަފާދެއްވައިފިނަ، އެ ގުނަވަން ބުރިކުރުމަށް އޭނާ ފަސްނުޖެހޭނެއެވެ. އެއީ އެ ގުނަވަން ބުރިކުރުމުގެ ފަސާދައަށްވުރެ އޭނާގެ ފުރާނައަށް ގެއްލުންދިނުމުގެ ފަސާދަ ބޮޑުވީމައެވެ.

އިސްވެދިޔަ ދެ މިސާލުންވެސް އެނގެނީ އިންސާނާގެ އަމިއްލަ މަޞްލަޙަތުހުރި ކަންކަމުގައި ބޮޑު ފަސާދައިން ކުޑަ ފަސާދަ އިޚްތިޔާރުކުރާކަށް ފަސްނުޖެހޭކަމެވެ. އެކަމަކު ހިތާމަޔަކީ ދީނުގެ ޙައްޤުގައި އެކަންކުރަން ޖެހިލުންވާ ކަމެވެ.

ޙަރާމް ޙަލާލު ކިޔަން އެނގުމަކީ ފިޤުހުވެރިކަމެއް ނޫނެވެ:

ފަހު ޒަމާނުގައި ރޯނު އެދުރުންގެ ގިނަކަމާއެވެ. ތަނެއް ދޮރެއް، އުޑެއް ބިމެއް، ޚާއްޞަ ޙާލަތެއް ޢާއްމު ޙާލަތެއް، މުޖުމަލެއް މުފައްޞަލެއް، މުޠްލަޤެއް މުޤައްޔަދެއް، މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ފަތުވާދޭ މީހުންގެ ޖެހިލުންކުޑަކަމާއެވެ! އާއެނކެވެ! ވަރަށް ގިނަ މީހުންނަށް ޙަރާމް ޙަލާލު ކިޔަން އިނގެއެވެ. ނަމަވެސް އެ ޙަރާމްކަންތައް އެއްވާ ހިނދު އެއިން އެންމެ ކުޑަ ޙަރާމްކަންތައް ދެނެގަންނާން އެނގެނީ ވަރަށް މަދު ބަޔަކަށެވެ. އެއީ ޙަޤީޤީ ފިޤުހުވެރިންނެއް ނޫނެވެ. އިބްނުތައިމިޔާ ވިދާޅުވިއެވެ: (ليس العاقل الذي يعلم الخير من الشر، وإنما العاقل الذي يعلم خير الخيرين وشر الشرين) اهـ. [مجموع الفتاوى (20/54)] "ބުއްދިވެރިޔަކީ ހަމައެކަނި ހެޔޮކަމާއި ނުބައިކަން ވަކިކުރަން ދަންނަމީހާއެއް ނޫނެވެ. އެހެނެއްކަމަކު ބުއްދިވެރިޔަކީ ދެ ހެޔޮކަމުގެ ތެރެއިން އެންމެ ހެޔޮކަން ދަންނަ މީހާއެވެ. އަދި ދެ ނުބައިކަމެއްގެ ތެރެއިން އެންމެ ނުބައިކަން ދަންނަ މީހާއެވެ."

އެންމެ ފަސާދަކަން ކުޑަ ވެރިޔަކު އިޚްތިޔާރުކުރުން:

ޞަލަފުއްޞާލިޙުންގެ ތެރެއިން މަތިވެރި އިމާމެއްކަމުގައިވާ العز بن عبد السلام ވިދާޅުވަނީ: إذا تفاوتت رتب الفسوق في حق الأئمة قدمنا أقلهم فسوقًا مثل إن كان فسق أحد الأئمة بقتل النفوس وفسق الآخر بانتهاك حرمة الأبضاع وفسق الآخر بالتعرض للأموال قدمنا المتعرض للأموال على المتعرض للدماء والأبضاع... فإن قيل: أيجوز القتال مع أحدهما لإقامة ولايته وإدامة تصرفه مع إعانته على معصيته؟ قلنا: نعم دفعًا لما بين مفسدتي الفسوقين من التفاوت ودرءًا للأفسد فالأفسد... [قواعد الأحكام في مصالح الأنام لأبي محمد عز الدين عبد العزيز بن عبد السلام (1/86، 87)] "ވެރިންގެ ފާސިޤުގެކަމުގެ މިންވަރު ތަފާތުވެއްޖެނަމަ، އަހަރުމެން އިސްކުރާނީ އެއުރެންގެތެރެއިން އެންމެ ފާސިޤުކަން ކުޑަމީހެކެވެ. މިސާލަކަށް އެކަކުގެ ފާސިޤުކަންވަނީ މީސްތަކުން ޤަތުލުކުރުމުގައި ކަމަށްވެފައި، އެނެކަކުގެ ފާސިޤުކަންވަނީ ފަރުޖުތަކުގެ ޙުރުމަތް ކަނޑާލުމުގައި ކަމަށްވެފައި، އަނެކަކުގެ ފާސިޤުކަންވަނީ މުދަލަށް އަރައިގަތުމުގައި ކަމަށްވާނަމަ، ލެޔާއި ފަރުޖުތަކަށް އަރައިގަންނަ މީހާގެ މައްޗަށް އަހަރުމެން އިސްކުރާނީ މުދަލަށް އަރައިގަންނަ މީހާއެވެ. .. ފަހެ ބުނެވިއްޖެނަމަ: އެ ދެމީހުންކުރެ އެކެއްގެ ވެރިކަން ޤާއިމުކުރުމަށްޓަކައި އަދި އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އޭނާކުރަމުންދާ ފާފަތަކަށް ވާގިދިނުމާއެކު އޭނައާ އެކުގައި ހަނގުރާމަކުރުން ހުއްދަވާނެތޯއެވެ؟ (ޖަވާބުގައި) އަހަރުމެން ބުނާނީ: އާނއެކެވެ. އެއީ ދެ ފާސިޤުކަމުގެ ފަސާދައިގެ ދެމެދުގައިވާ ތަފާތުކަމުން އެއްފަސާދަ ދުރުކުމަށެވެ. އަދި އެންމެ ބޮޑު ފަސާދަ ދެންއެއަށްފަހުވާ އެންމެ ބޮޑު ފަސާދަ ދުރުކުރުމަށެވެ."

އެންމެ ފަސާދަކަންކުޑަ މީހަކު އިޚްތިޔާރުކުރާނީ ކޮން ބައެއްތޯއެވެ؟

ވެރިކަމަށް ފައިނަގާ މީހުންގެ ތެރެއިން އެންމެ ފަސާދަކަންކުޑަ މީހަކު އިޚްތިޔާރުކުރާނީ ޤައުމުގައި ތިބި ގަމާރުންނެއް ނޫނެވެ. އަދި ކީއްހެއްޔެވެ! އެއީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެކެވެ. ﷲ އަށް ބިރުވެތިވާ، ސިޔާސީކަންކަމަށް ލޯހުޅިވިފައިވާ، އެތަނެއްގެ ޙާލަތު ރަނގަޅަށް ދަންނަ، ދުރުވިސްނުން ވިސްނޭ މުޖްތަމަޢުގެ ލަގަނު އެބައެއްގެ އަތުގައިވާ ލަފާދާރު ޒިންމާދާރު މީހުންގެ މަސްޢުލިއްޔެތެކެވެ. އިވޭ ކޮންމެ އަޑެއް އަހައި، ފެންނަ ކޮންމެ ތަނެއް ބަލައި، ޖެހޭ ކޮންމެ ބެރަކަށް ނަށަމުންދާ، ދޯހަޅި ހަމައެއް ލަމައެއްނުވާ މީހުންގެ މަސްއޫލިއްޔަތެއް ނޫނެވެ. ފަހެ ޤައުމުގެ އަމާންކަމާއި، ނާމާންކަމާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރުޖޫޢަވާންޖެހޭނީ ޢިލްމުވެރިންގެ ރައުޔަށެވެ. އަދި ޢާއްމުން ތިބެންވަނީ ޢިލްމުވެރިންގެ ފަހަތުގައެވެ. ކީރިތިވަންތަ ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ: وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا [النساء 83] މާނައީ: "އަދި، އެއުރެންގެ ގާތަށް أمانކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، رسولއާގެ އަރިހަށާއި އެއުރެންގެ ތެރެއިން أمرވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ حقيقةތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ. اللَّهގެ فضلވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ شيطانއާއަށް تبعވެއްޖައީހެވެ.". ނޯޓް: އާޔަތުގައި އެވާ "އަމުރުވެރިން" ގެ މުރާދުގައި މުފައްސިރުން ވިދާޅުވަނީ އޭގެ އެންމެ ކުރީސަފުގައި ޢިލްމުވެރިން ހިމެނޭނެކަމުގައެވެ.

ސީޔާސީ ޕާޓީތަކާއެކު ކޯލިޝަނެއްހަދައި ގުޅިގެން މަސައްކަތް ކުރުން:

ފަސާދަތަކުގެ ތެރެއިން އެންމެ ބޮޑު ފަސާދަ ނައްތާލުމަށްޓަކައި ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރުމާމެދުވެސް ވަރަށް ދޯހަޅި ތިލަ ވިސްނުމެއް ބައެއް މީހުންގެ ކޮށި ބުއްދިއަށް އާދެއެވެ. އެގޮތުން ދީނާ ޚިލާފު ކަންކަން އެބައެއްގެ ފަރާތުން ފެންނަމުންދާ ބަޔަކާ ގުޅިގެން މަސައްކަތްކުރުން ހުއްދަނުވާނެކަމުގައި ދެކެއެވެ. ނަމަވެސް ދީނުގެ އުޞޫލުތައް އެނގޭ، ދުރުވިސްނުން ވިސްނޭ، ދީނަށް ޣީރަތްތެރިވާ މީހުންނަށް ވިސްނެނީ ބޮޑު ފަސާދަ ނައްތާލުމަށްޓަކައި ހުރިހާ އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުމެވެ. ފަހެ ކާފަރުންނާ ހަނގުރާމަކުރުމުގައި މުސްލިމުން ޚުދު ކާފަރުންގެ އެހީތެރިކަން ހޯދުން ހުއްދަވާއިރު އިސްލާމްދީން އެއްކޮށް ފުހެލައި، ޤައުމުގެ އިސްތިޤްލާލު ނަގާލަން މަސައްކަތްކުރާ ބަޔަކު ބަލިކޮށްލުމަށްޓަކައި، އިސްލާމްކަން ކިލަނބުވެފައިވާ މުސްލިމުންނާއެއްކޮށް މަސައްކަތްކުރުން މާ އައުލާކަން ބޮޑެވެ. އާދޭހެވެ! ސީދާ ކޯލިޝަން ހެދުމާބެހޭގޮތުން އަޅުގަނޑުގެ އަތުގައި ޢިލްމުވެރިންގެ ފަތުވާއެއް ނެތަސް ސިޔާސީ އެކި ފިކުރުތަކުގައި މަސައްކަތްކުރާ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރެވިދާނެކަމުގެ ފަތުވާ އެބައޮތެވެ. އެގޮތުން އެމެރިކާއަށް ތަބާވާ ޕާޓީތަކާއި އަދި ރަޝިޔާއަށް ތަބާވާ ޕާޓީތަކާއި އަދި އެނޫންވެސް ޕާޓީތަކާ ގުޅިގެން މަސައްކަތްކުރާ މީހާގެ ޙުކުމާއި އޭނާގެ އިސްލާމްކަން ޞައްޙަވާނެތޯ، ސައުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއާ ސުވާލު ދެންނެވުމުން ޖަވާބުގައި އައިސްފައިވަނީ މިފަދައިންނެވެ: "من كان لديه بصيرة في الإسلام وقوة إيمان وحصانة إسلامية وبعد نظر في العواقب وفصاحة لسان، ويقوى مع ذلك على أن يؤثر في مجرى الحزب فيوجهه توجيها إسلاميا- فله أن يخالط هذه الأحزاب،أو يخالط أرجاهم لقبول الحق؛ عسى أن ينفع الله به، ويهدي على يديه من يشاء فيترك تيار السياسات المنحرفة إلى سياسة شرعية عادلة ينتظم بها شمل الأمة، فتسلك قصد السبيل، والصراط المستقيم، لكن لا يلتزم مبادئهم المنحرفة، ومن ليس عنده ذلك الإيمان ولا تلك الحصانة ويخشى عليه أن يتأثر ولا يؤثر، فليعتزل تلك الأحزاب؛اتقاء للفتنة ومحافظة على دينه أن يصيبه منه ما أصابهم،ويبتلى بما ابتلوا به من الانحراف والفساد ".

عبد الله بن قعود / عبد الله بن غديان / عبد الرزاق عفيفي / عبد العزيز بن عبد الله بن باز
މާނައީ: "އިސްލާމްދީނުގެ ހޭލުންތެރިކަން އެމީހެއްގެ ކިބައިގައިވާ، އަދި ވަރުގަދަ އީމާންކަމެއް ލިބިފައިވާ، އަދި އިސްލާމީ ރައްކާތެރިކަން ލިބިފައިވާ، އަދި ފަހު ނަތީޖާއަށް ބެލުމުގައި ދުރު ވިސްނުން ވިސްނުމާއި، ފަޞާޙަތްތެރި ދުލެއް ލިބިގެންވާ، ހަމައެއާއެކު ޕާޓީގެ ހިންގުމަށް އަސަރުކުރުވާފަދަ ބާރެއް ލިބިގެންވާ، އެ ޕާޓީއަށް އިސްލާމީ ރޮނގުން ލަފަޔާ އިރުޝާދުދެވޭ ފެންވަރުގެ މީހެއްނަމަ، (ސުވާލުގައި) ތިދެންނެވި ޕާޓީތަކާ އެކީގައި މަސައްކަތްކުރުން، ނުވަތަ ޙައްޤު ޤަބޫލުކުރާނެކަމަށް އެންމެ އުއްމީދުކުރެވޭ ބަޔަކާ ގުޅިގެން މަސައްކަތްކުރުން ހުއްދަވާނެއެވެ. އެފަދަ މީހެއްގެ ސަބަބުން (މީސްތަކުންނަށް) މަންފާތަކެއް މާތް ﷲ މިންވަރުކުރައްވައި، އެމީހެއްގެ އަތްމައްޗަށް އެއިލާހު އިރާދަކުރެއްވި ފަރާތަކަށް ހިދާޔަތް ދެއްކެވުން ގާތްވެގެންވެއެވެ. ފަހެ އޭރުން އޭނާ ކަސިޔާރުވެފައިވާ ސިޔާސީ އޮއިވަރު ޝަރުޢީ ޢަދުލުވެރި ސިޔާސަތާ ދިމާއަށް ވީއްލާލާނެއެވެ. އޭގެ ސަބަބުން އުއްމަތުގެ އެއްބައިވަންތަކަން ޤާއިމުވެގެންދާނެއެވެ. ފަހެ އޭނާ ހިފަހަށްޓާނީ މެދު މިނުގައެވެ. އަދި ތެދުވެގެންވާ މަގުގައެވެ. އެހެނެއްކަމަކު އޭނާ އެއުރެންގެ ކަސިޔާރުވެފައިވާ އުޞޫލުތަކަށް ކިޔަމަންވެގެން ނުވާނެއެވެ. އަދި އެމީހެއްގެ ކިބައިގައި އެފަދަ އީމާންކަމަކާއި، އެފަދަ ރައްކާތެރިކަމެއް ނުވާ، އަދި ބަޔަކަށް އަސަރުކުރުވުމުގެ ބަދަލުގައި އޭނާއަށް އަސަރުކުރާނެކަމުގެ ބިރުހީވާނަމަ، އެ ހުރިހާ ޕާޓީއަކާ އެކަހެރިވާށެވެ! އެއީ ފިތުނައިން ރައްކާތެރިވުމަށްޓަކައެވެ. އަދި އެއުރެންނަށް އެ މެދުވެރިވިފަދަ ކަންތަކެއް އޭނާއަށް ވެސް މެދުވެރިވެ، ޙައްޤުމަގުން އެއްކިބާވުމާއި ފަސާދަވެރިކަމުން އެއުރެން އިމްތިޙާންކުރެވުނު ފަދައިން އޭނާވެސް އެފަދަ ކަންކަމުން އިމްތިޙާންކުރެވިދާނެތީ، އޭނާގެ ދީނުގެ މައްޗަށް ރައްކާތެރިވުމަށްޓަކައެވެ."

ވެރިކަން ސާބިތުވުން:

އިސްލާމް ދީނުގައި އަންނަނިވި ތިންގޮތުގެ ތެރެއިން ކޮންމެ ގޮތަކަށް ވެރިއަކު އިސްކުރެވުނަސް އެވެރިކަމަކީ ސާބިތު ވެރިކަމެކެވެ. އަދި އެވެރިކަން ބަލައިގަންނަންޖެއެވެ. 1- ކުރިން ހުރި ވެރިމީހާ ފަހުން އަންނާނެ ވެރިޔަކަށް ވަޞިއްޔަތްކޮށް ޢަހްދު ކަށަވަރުހިއްޕެވުން. އޭގެ މިސާލަކީ: ޢުމަރުގެފާނު ވެރިކަމަށް އިސްކުރުމަށް އަބޫބަކުރުގެފާނު ކުރެއްވި ވަޞިއްޔަތެވެ. 2- ޙިއްލު އާއި ޢަޤުދުގެ އަހުލުވެރިން މަޝްވަރާކުރުމަށްފަހު ވެރިއަކު ހޮވުން. އޭގެ މިސާލަކީ: އަބޫބަކުރުގެފާނުގެ ޚިލާފަތާއި ޢުޘްމާނުގެފާނުގެ ޚިލާފަތެވެ. 3- ބާރުގެ ބޭނުންކޮށްގެން މީހަކު ވެރިކަމަށް އަރައިފިނަމަ އެވެރިއެއްގެ ވެރިކަން ޤަބޫލުކޮށް އޭނައަށް ބައިޢަތުހިފުން. އޭގެ މިސާލަކީ: މަރުވާން އިބްނު ޙަކަމްގެ ވެރިކަމެވެ.

އިސްވެދިޔަ ތިން ގޮތަކީ އިސްލާމީ ޚިލާފަތްތަކުގައި ވެރިން އިސްވެފައިވާ ތިން ގޮތެވެ. އަދި އެތިންގޮތަށް އިސްވެފައިވާ ވެރިންނަށް އަޞްޙާބުބޭކަލުން ބައިޢަތުހިއްޕެވިއެވެ. އޭގެތެރެއިން ތިންވަނަ ގޮތުގައި ބަޔާންވެފައިވާ ގޮތަށް ގަދަ ބާރުން ވެރިކަމަށް އައުމަށް މަސައްކަތްކުރުމަކީ އިސްލާމްދީން ތަރުޙީބުދޭކަމެއް ނޫނެވެ. ނަމަވެސް އެފަދަ ގޮތަކަށް ވެރިއަކު އަޔަސް އޭނަގެ ވެރިކަން ބަލައިގަތުމަކީ އަޞްޙާބު ބޭކަލުން ޢަމަލުކުރެއްވި ގޮތެވެ.

ނިންމުން:

ލޮބުވެތި މުސްލިމް އަޚުންނޭވެ! ކުރިއަށްއޮތީ ޢައިނު ޖާލޫތު ހަނގުރާމައެވެ. ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަދޭން ބޭނުންތޯ؟ ޔޭސް އޯރ ނޯ! އަންނަ ސެޕްޓެމްބަރ މަހުގެ ހަތްވަނަ ދުވަހަކީ އިސްވެދިޔަ ސުވާލަށް ދިވެހިން ޖަވާބު ދޭނޭ ދުވަހެވެ. ނޯ ބުނަން ބޭނުންނަމަ އަދާލަތު އޮތްކޮޅަކަށް ވޯޓު ދެއްވާށެވެ! ވޯޓަކީ ޙަރާމް އެއްޗެކޭ ބުނާ އަޚާއެވެ! ތިބާއަކީ އެދުވަހުގެ ހަނގުރާމައިގެ މައިދާނުގައި ފިލަންދުވާ މީހެއްކަމުގައި ނުވާށެވެ! ޢުޛުރަކާނުލައި ތިބާ ވޯޓު ނުދީފިކަމުގައި ވާނަމަ ތިބާއަށް އެބުނެވުނީ ޔޭސް އެވެ.
اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا

"އޭ ﷲ! ޙައްޤު، ޙައްޤުކަމުގައި އަޅަމެންނަށް ދައްކަވައި، އެ ޙައްޤަށް ތަބާވުމުގެ ހެޔޮތައުފީޤު އަޅަމެންނަށް ދެއްވާންދޭވެ! އަދި ބާޠިލް، ބާޠިލްކަމުގައި ދައްކަވައި، އެ ބާޠިލާ ދުރުވުމުގެ ހެޔޮތައުފީޤު އަޅަމެންނަށް ދެއްވާންދޭވެ!"

وصلى الله على نبينا محمد وعلى آله وصحبه وسلم والحمد لله رب العالمين
أخوكم / أبو عبد الله الوادوي

ގުޅުންހުރި

16 ޚިޔާލު

  1. ހެހެެހ.. ޑިމޮކްރަސީ ވައި އެޅެން ހެޔޮނުވާ އެއްޗަކަށް ބުނެފައި .. ފަހުން އެބަ ބުނޭ ޕާޓީ ސިސްޓަމަކީ ޚިލާފު މައްސަލަ އެކޭ ، މަޝްވަރާ ކުމަކީ ( ޑިމޮކްރަސީގައިވެސް އޮންނަ) އިސްލާމް ދީން ބާރު އަޅާ ކަމެކޭ…
    ޑިމޮކްރަސީ އަކީ ޠާގޫތަށް ވާނަމަ އެ ބޭނުން ކުރަން ހެޔޮވާނެތޯ ؟ ނުބައި ކަމަކުން ރަގަޅު ކަމެއް އަންނާނެތޯ އެވެ. ( އަލްޣާޔަ ލާ ޔުބައްރިރުލް ވަސީލަ )
    އަދާލަތު ޕާޓީ ފުރަތަމަ އިސްލާހު ވާން ވީނުންތޯ ؟ ޤައުމު އިސްލާޙު ކުރުމުގެ ކުރިން އެ ޕާޓީ ގެ ވެރިން ގެ ގޮތުަގައި ތިބި މީހުން އިސްލާޙޫކުރަން ވީނުންތޯ …ރޭގަނޑު ހިލޭ އަންހެނުންނާ އެކު ތަތްތެޅިފައި ދުވާލުވީމާ ހުދު ޖުއްބާލައިގެން ތިމަންނަ މެންނަކީ އިސްލާމް ދީން ޙިމާޔަތް ކުރާ މީހުންނޭ ތިމަންނަ މެންނެތިއްޔާ އިސްލާމް ދީނެއް ނޯންނާނޭ ބުނީމާ ކާކުތޯ ޤަބޫލުކުރާނީ .. ހެޔޮ ކަމެއް ކުރަންޏާ މި ޤައުމަށް މި އެތެރެކުރާ އުއްމުލް ޚަބާއިސްތައް ނެރެ މި ބިން ޠޯހިރު ކުރަންވީނުން ތޯޢެވެ. ރާއްޖެއަށް އުއްމުލް ޚަބާއިސް އެތެރެ ކުރާ ބޮޑު ސޭޓުގެ ޖީބަށް އެރި އޮވެ އިސްލާމް ދީނޭ އިސްތިޤްލާލޭ ކިޔަން ލަދު ނުގަނޭތޯޢެވެ. ކޯލީޝަން ހެދުމާ ބެހޭ ގޮތުން ފަތުވާ އެއް ނެތް ޙާލު ރާއްވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރުމަކީ ކޮން ކަމެއް ބުނެދޭނެ ވަރުގެ ފަތުވާ އެއްވެެސް ނެތީ ތޯއެވެ. އަޖާއިބެވެ. އަޅެ ފަހެ ތި ބުނާ ފަދަ އިޚްލާސްތެރިކަމެއް ހުރިއްޔާ ، ތިމަންނަ މެންގެ ވެރިކަމެއްގައި މި ޤައުމަށް ރާ އެތެރެ ކުރުން ހުއްޓުވާނަމޭ ބުނެ ބަލާށެވެ. އަޖައިބުވެ އަންތަރީސް ވާވަރުވެއެވެ. ތިމާމެންގެ އެދުމުގެ މައްޗަށް މި ދުނިޔޭގެ ޝަހްވަތު ޒީނަތް ވެދާ ގޮތް ނިކަން ވިސްނާށެވެ. ބަނީ އިސްރާއިލް ބާގައިގެ ޢިލްމުވެރިންގެ ވާހަކަ ދަންނައެވެ.

  2. ހިތާމައކީ ޝޭހު ދިހެން ދެންނެވިއަސް ތިއައީ އަދާާލަތު ޕާޓީގެ ފަރާތުން ބުނާ ބަހެއް ނޫންކަމެވެ. އަދާލަތު ޕާޓީއަށް ތިޔަ ލޮބުވެތި ޝޭހަކީ އެމީހުން ބޭނުންކޮށްލާފާ އެއްލާލާނޭ ޓިޝޫއަކަށް ވުމެވެ. ޝޭހުގެ ވިސްނުމަކީ އަދާލަތު ޕާޓީގެ ވިސްނުމަށް ނުވާކަމަވެ. އެމީހުން ނުކުންނާނީ އަބަދުވެސް ކުޑަ ކާފަރު ކަލޭގެ ފަހަތުންނެވެ. މާތﷲއާއި ވަކީލުކޮށް އަމިއްލަ އިސްލާމީ ޝަހުސިއްޔަތެއް ހުރި ކެންޑިޑޭޠެއް ނުނެރޭތީއެވެ. މިކަމުންވެސް ދޭހަވަނީ އެޕާޓީގެ ވެރީންގެ އިހްލާސްތެރިކަން ކުޑަކަމެވެ. ތިޔަ ތަނުން އަވަހށް ނިކުންނާށެވެ.!

  3. ކޮންމެ ފަދަ ބަޔަކު އެރިޔަސް ކޮންމެ މީހަކު އެރިޔަސް އެންމެ ކުޑަމިނުން އިމާމުވެ ްުރުއާން ކިޔަވާލަން ނޭގޭ މީހަކަށް މިތާގައި އިސްލާމީ ޝަރީއަތް ގާއުމް ކުރާނޭ ކަމަށް ޤަބޫލެއްނުކުރެވޭ! ތިޔަ އަދާލަތުން ގާސިމް ހޮވާފަ ގާސިމް ރާވިއްކަން ފެށީމަ ދާނީ ދުރަށް،،،،، އޭރުންވެސް ހަމަ ރާވިއްކުން ދާނީ ކުރިއަށް،،،،،،،،ގާސިމް އަދާލަުތުގެ ބޭނުންކޮށްލާފަ އެއްލާލާނީ….. ކީއްވެތަ ހެދުނު މިސްޓޭކްއިން އިބްރަތް ނުނަގަނީ…… މަތްﷲއާ ވަކީލުކޮށްފައި އަމިއްލަ ކެނޑިޑޭޓެއް ނުނެރެނީ ކީއްވެތަ؟ ދީން ދަންނަ އިސްލާމީ ޝަރީއަތް ދަންނަ މީހަކު!

  4. މާޝާﷲ. ވަރަށް ފުރިހަމަ ލިޔުމެއް. އަހަރުމެން މިތިބީ ޢިލްމުވެރިންގެ ބަހުގައި ސާބިތުވެގެން. އިންޝާﷲ. އަޅަމެންގެ މައްޗަށް ހެޔޮލަފާ ވެރިޔަކު ލައްވާ ފާންދޭވެ. އާމީން

  5. މަތީގައި އެވާ ޙަސަންނަށް ހީވާކަހަލަ ތިމަންނައަށޭ އެންމެ ރަނގަޅަށް މި ދީން އެނގެނީ.. ޑިމޮކްރަސީއަކީ ޙަރާމް އެއްޗެއްކަން އެނގޭ ޙާލު ސައުދީ ފަތުވާ ކޮމެޓީން ވަކި ޙާލަތެއްގައި ޕާޓީ ހެދުން ހުއްދަކުރެއްވީ… އެކަހަލަ މީހުން ސައުދީ ޢިލްމުވެރިންނަށްވުރެ ވެސް މޮޅު … މިއީ މިދަންނަވާ ކަހަލަ މާމޮޅަށް އެނގިގެން އުޅޭ މީހުން.. ހުރިހާކަމެއް ޙަރާމް ޙަރާމް .. އެއީ އެފަދަ މީހުންގެ ފިޤުހުވެރިކަމަކީ… އެމީހުންނަށް ހީވާކަހަލަ ތިމަންނައަށް ވުރެ ދީންވެރި ދީނަށް ލޯބިކުރާ މީހެއް ނެތޭ… ދެން އަދާލަތު ދެކެ އަރައިގަންނަ ރުޅީގަ އަންނި އަށް ވޯޓު ދީ ނޫނީ ވޯޓު ނުލާހުރޭ … އަންނި މޮޅުވޭތޯ ދުޢާކޮށްކޮށް ހުރޭ.. ތީ ތިކަހަލަ މީހުންގެ ދީންވެރިކަމަކީ …

  6. އިބުރަތުން ފުރިގެންވާ ލިޔުމެއް..

  7. އިލްމުވެރިންނަށް މިގައުމުގައި ބާރުދިނުމަށް އަދި ދީނީ އިލްމުވެރިންގެ ބަސް ކުރިއެރުވުމަށް އެއްމެފަހު ނޭވަޔާއި ހަމަޔަށް މަސައްކަތްކުރާނަން ،

  8. މުސަލްމާން ނަމުގަ ކޮމެންޓް ކޮއްފަ އިން ބޭފުޅާ ހާދަ ރުޅި އައިސްހެން ހީވޭ. އަދާލަތު ދެކެ ހިތް ހަމަ ނުޖެހޭ މީހުންވެސް އުޅޭނެކަން ގަބޫލު ކުރައްވާ. އަދާލަތުން ވަމީ ވަރަށް ގިނަ ކަތި ފިޔަވަޅު ތަކެއް އަޅާފަ. އަދާލަތު ޕާޓީ ބޭފުޅުންނަށް ކަމުނުދިޔައަސް މިހާރު ދީނީ ނަސޭޙަތް ދެވެނީވެސް އަންނި ހޯދަދިން މިނިވަން ކަމުގެ ތެރޭން. މި އާޓިކަލް ލިޔުން ބޭފުޅާވެސް މި ބުނާ މިނިވަންކަން ނުލިބުން ނަމަ މިހާރު ޖަލުގަ ހުރުމަކީ ވަރަށް އެކަށީގެނަވާ ކަމެށް

  9. ހަސަނަށް ދަންނަވަން އޮތީ ރަނގަޅަށް އާޓިކަލް ކިޔުމަށް ފަހު ، އާޓިކަލް އިން ފަހުމްވި އެއްޗަކާ މެދު ކޮމެންޓް ލިޔާށެވެ. އަދި ފަހުމް ނުވާ ބަޔާ މެދު ކޮމެންޓް ކުރުމުގެ ކުރިން ރަނގަޅަށް ހައެއްކަ ފަހަރު ކިޔައިގެން ނަމަވެސް ފަހުމް ވޭތޯ ބަލާށެވެ. އެއްވެސް ހާލެއްގައި ޑިމޮކްރަސީއަކީ ވައި އެޅެން ހެޔޮނުވާ އެއްޗަކަށް ބުނެފައި ، ފަހުން ޕާޓީ ސިސްޓަމަކީ ޚިލާފު މައްސަލަ އެކޭ ، މަޝްވަރާ ކުމަކީ ( ޑިމޮކްރަސީގައިވެސް އޮންނަ) އިސްލާމް ދީން ބާރު އަޅާ ކަމެކޭ… ޝެއިޚް ނުބުނުއްވައެވެ.
    އަދި ޑިމޮކްރަސީ އަކީ ތޯޣޫތަކަށް ވީނަމަވެސް އެއިން އެއްކިބާ ވެފައިވާ އެއްވެސް ޤާނޫނެއް ޤަވާއިދެއް އަހުރެމެން ދިވެހިންގެ މައްޗަށް ތަންފީޒު ކުރެވޭތޯއެވެ؟
    ނޫނެކެވެ…… ހަމަހިލާ އެހެނަކުން ނޫނެވެ…
    މާދަމާ ، އަދި ކިޔެއްތޯ މިއަދުވެސް ، ތި ކޮމެންޓް ކުރާ ހަސަނުގެ މައްޗަށް ވެސް ދައުލަތުން ތަންފީޒު ކުރެވޭ ކޮންމެކަމަކީ ވެސް ތިޔަ ބުނާ ތޯޣޫތުން ތަންފީޒް ކުރާ ކަންތަައްތަކެވެ.
    ދަންނާށެވެ. ތަންފީޒް ކުރާނީ ހަމަ އެކަނި ހުކުމެއް ނޫނެވެ.
    އަޅެފަހެ ތޯޣޫތުންނާ ދުރަށް އެހެން ޣައުމަކަށް ހަސަނު ވަޑައިނުގެން ތި ހުންނެވީ ކީއްވެފައިތޯއެވެ.

  10. ما شاء الله،،، ވަރަށް ރަގަޅު ލިޔުމެކެވެ. ގިނަ މަޢްލޫމާތު ތަކެއް ލިބިދިން ޢިލްމީ މިލޔުމަށްޓަކައި ޝުކުރުވެރި ވަމެވެ. جزاكم اللهُ خيرا ،

  11. ކޮމެންޓް ކުރާ ހަސަނުގެ މައްޗަށްވެސް ކިތަންމެ ނުވާން އުޅުނަސް ނުރުހުނަސް މިހާރުވެސް ހިނގަނީ ތިބުނާ ތޯޣޫތުންގެ ހުކުމެވެ. އަޅެ ހަސަނު އެހުކުމް ނުހިނގާ ތަނެއް އިޚްތިޔާރު ނުކުރެއްވީ ކީއްވެތޯއެވެ.
    ޝެއިޚުންނާ ޖަދަލުކުރުމުގެ ކުރިން ތިމަ ތިމާމެންގެ ހާލާމެދު ވިސްނާލުން ކީއްތޯއެވެ.
    …….
    އަދި މުސަލްމާނަށް ރައްދު ދޭ އިބްރާހީމް އަށް ދަންނަވަން އޮތީ ، އިބްރާހީމާއޭވެ…
    ާއަދާލަތު ދެކެ ހިތް ހަމަނުޖެހޭ ތިކަހަލަ މީހުން އުޅޭކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އަދި އަދާލަތަށް ވުރެ ގިނަ ކަތިފިޔަވަޅު އަޅާފައި ވަނީވެސް ، އަޅަމުން ދުވެނަގަނީވެސް އެހެން ޕާރޓީ ތަކުންނެވެ. އަދި އެ ކަތި ފިޔަވަޅުތަކަށް ސަޕޯރޓް ކޮށްލަކޮށްލާ ތިބީވެސް ތިކަހަލަ މީސްމީހުންނެވެ.
    އަދި ދަންނަވަމެވެ. ނަޞްރު ދެއްވަނީ ހައްޤަށެވެ. ވީމާ އަންނި ގެ ފަރާތުން ޝެއިޚުންނަށް މިނިވަންކަން ލިބުނީކީ ނޫނެވެ. ޝެއިޚުން ގެ ފަރާތުން އަންނި އަށް މިނިވަންކަން ލިބުނީއެވެ.
    ޝެއިޚުންގެ ދަރުސްތައް މެދުވެރިކޮށް މާތްﷲ ބައެއްގެ ކަނުވެފައިވާ ލޯތައް އަލިކޮށްދެއްވީއެވެ…ބަންދުވެފައިވާ ހިތްތައް ހުޅުއްވައިދެއްވީއެވެ….

  12. އެއްބަޔަކު ބޭނުންވަނީ ޑިމޮކްރަސީ ބޭނުންކޮށްގެން ޑީމޮކްރަސީ އުވާލަން އަނެއް ބަޔަކު ބޭނުންވަނީ ޑީމޮކްރަސީގެ ބޭނުކޮށްގެން ގައުމު ހަލާކޮށް މާލީ ފައިދާނަގަން… ވިސްނާ ފިކުރު ކޮށްބަލަ … މި ފެއިލްވަނީ ޑިމޮކްރަސީތަ ނުވަތަ އިންސާނާތަ؟ މަސައްކަތެއް ހަވާލު ކުރީމަ އެކަން ނުކޮށް ނުވަތަ އޮތްނުބައިގޮތަށް ކުރީމަ އެ ގޯސްވަނީ މަސައްކަތްކުރިމާ، އެ މަސައްކަތެއް ނޫން. ޑިމޮކްރަސީ ފެއިލެއްނުވޭ. ތިޔަބޭފުޅުންވަނީ ޑިމޮކްރަސީ ދަނެގަތުމުގައި ފޭލްވެފައި.

  13. މާޝާ ﷲ … ވަރަށް ފައްކާ ލިޔުމެއް….

    ޢަދާލަތު ޕާޓީ ވަކިން ނުކުމެ ކޭމްޕޭން ކުރާނެ ފައިސާ ނެރޭނީ ކޮންތާކުން؟ ކޮންމެ ގޮތެއް ވިޔަސް ކޯލިޝަނެއް ނުހަދާ މިފަހަރުގެ ރިޔާސީ އިންތިޚާބު އެއްވެސް ބަޔަކަށް ކާމިޔާބު ވާނެކަމަކަށް ލަފާ ނުކުރެވޭ ….. ޢަދާލަތުގެ ވެރިކަމެއް ޤާއިމް ވާނެ ކަމުގެ އުއްމީދު އަހަރެވެސް ކުރަން. އެކަމު އެކަން ވާނީ ދުރުގަ އެއްޗިހި ގޮވަން ނުހުރެ، އެމީހުންނާ ގުޅިގެން ކަމެއް ކުރަން އުޅުނިއްޔާ …
    ޝުކުރިއްޔާ

  14. very good

  15. ޖައިލަމަށް ވެސް ލިޔުމުގައި ބުނި އެއްޗެއް ފަހުމް ނުވަނީ ނުވަތަ ލިޔުން ރަނގަޅަށް ނުކިޔަނީއެވެ. އީމާމުވެ ނަމާދުކުރަން ނޭނގޭ މީހެކޭ ތިޔަ ބުނީ ކޮން މައުލޫމާތަކަށް ބިނާކޮށްތޯއެވެ. ތިޔަ ހުންނެވީ އޮޅިފައެވެ. ޝޭޚް އެވިދާޅުވަނީ ކުޑަ ފަސާދައިން ބޮޑު ފަސާދަ ނައްތާލާ ވާހަކައެވެ. ފާސިދުކަން ކުޑަ މުސްލިމް ބަތަކާ ގުޅިގެން ފާސިދުކަން ބޮޑު ދީނާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ވަކިކުރާ ވާހަކައެވެ. ޖައިލަމްގެ މައްޗަށް ވެސް ހިނގާނީ ފާސިދުކަން ބޮޑު މީހުން ވެރިކަމަށް ހޮވުނީމަ އެމީހުންގެ ބާރާއި އަމުރާއި އެމީހުން ހަދާ ޤާނޫނެވެ. މަތީގައި އެވަނީ މިކަމާމެދު ޢިލްމުވެރިންގެ ފަތުވާއެވެ. އަދިވެސް ޖައިލަމް ތިޔަ ހުރީ ގިނަ ފަސާދަތަކެއް އެއްވާތަނުން ކުޑަ ފަސާދަ ވަކިކުރަން ނޭނގިފައެވެ. މި ލިޔުމުގައި އެވަނީ މި ވާހަކައެވެ. ހަމަ ބުއްދި ބޭނުންކުރައްވާށެވެ! މިވަގުތު ބައިބައިވުމަށްވުރެ މިޤައުމު ފަސާދަކުރަން އުޅޭ މީހުންގެ ކިބައިން އެންމެން އެއްވެގެން މިޤައުމު ސަލާމަތްކުރުން މާ ބޭނުންތެރިއެވެ! އެއީވެސް ﷲ އަށް ވަކީލުކުރުމެވެ! އަދި ބުނަންހެއްޔެވެ! ﷲ ތަޢާލާ އެކަލާނގެ މަގުގައި ސާބިތުވެ ތިބި ބަޔަކު ނިކަމެއްޗެއް ނުކުރައްވާނެއެވެ. އެކަން މާޒީން ވަރަށް ސާފެވެ. ރާވިއްކަނީ ޤާސިމް އެކަނިތޯއެވެ. ދެން ތިބި ޕާޓީތަކުގއިނީ ވެސް އިސްސަފުގައި ރާވިއްކާ މީހުން މަދެއް ނޫނެވެ. ޤާސިމްގެ ފަރާތުން ދެން ތިބި މީހުންނާ ޚިލާފަށް ހުޅަނގަށް ބަރޯސާވެ ލާދީނީ ސެކިއުލަރ މީހުން ރިހޭ ގޮތަށް އުޅޭ ތަނެއް ފެނިފައެއް ނޯންނާނެއެވެ. ދެން ތިބި މީހުން ބުނާ ކޮންމެ ބަހެއް ބުނަނީ ހުޅަނގު ރުހޭނޭ ގޮތަށެވެ. ކޮންމެއަކަސް ކަންއޮތީ މިހެންކަމަށްވުމާއެކު މިފަހަރު ޤާސިމް އަށް ތާއީދުކުރަން ޖެހެއެވެ. ޤާސިމް ނޫނީ މިޤައުމަށް އެކަނި ބަރޯސާވެފައިވާ ނިކަމެތި އާއިލާއަކުން އައި ކެންޑިޑޭޓެއް ނެތެވެ. މިއަދު އަޅުގަނޑުމެން ބޭނުންވަނީ ހުޅަނގުގެ ނުފޫޒުތަކުން ސަލާމަތްވެ އަމިއްލަ ފުދުންތެރި ބަޔަކަށްވުމެވެ. މިކަން ކުރެވެން އޮތީ ޤާސިމަށް ތާއީދުކޮށްގެންނެވެ. ޙައްޤުގެ މަގު ވަރަށް ވެސް ސާފެވެ. ﷲ ތަޢާލާ ޙައްޤަށް ނަޞްރު ދެއްވާނެއެވެ. ޤާސިމް ޢަދާލަތު އެއްލައިލައިފާނެޔޭ އެއް ނުބުނެވޭނެއެވެ. މިވީހާތަނަށް ޤާސިމްގެ ފަރާތުން އެފަދަ ޢަމަލެއް ނުފެނެއެވެ. ޝަހީމަށް ވިލާ ކޮލެޖުގެ ޑީން ކަން ވެސް ދެއްވީ ނޫންހެއްޔެވެ. އަދިއެނޫނަސް އިސްލާމްދީނުގައި އޮންނަނީ ކަމެއް ސާބިތު ނުވަނީސް އެމީހަކާ މެދު ނުބައިކޮށް ނުވިސްނުމެވެ. އަދި ރަނގަޅު ގޮތުގައި ވިސްނުމެވެ. ﷲ ގެ ޙަޟްރަތުން އުންމީދުކަނޑާނުލާ ﷲ އަށް ވަކީލުކުރުމެވެ. މިފަހަރު އަދާލަތު އެއޮތީ މިގޮތުގައެވެ! މިއާ ޚިލާފަށް ހީގެ މައްޗަށް ބިނާކޮށް ޤާސިމް އަދާލަތު އެއްލާލާނެޔޭ ނުބުނާށެވެ! ތިޔައީ ﷲ އާ ވަކީލުކުރުމުން އެއްކިބާވުމެވެ! ﷲ ތަޢާލާ މިފަހަރުގެ އިންތިޚާބު ޤާސިމް އިބްރާހީމަށް ކާމިޔާބު ކޮށްދެއްވާ އިސްލާމްދީނަށް ހުރިހާ ކަމެއްގައި ނަސްރުދޭ ވެރިޔަކު ކަމުގައި ޤާސިމް ލައްވާށިއެވެ!

  16. ވ ބައިވަރު ސުވާލުގެ ޖަވާބް ލިބިއްޖެ… ޝުކުރިއްޔާ

Your email address will not be published. Required fields are marked *