މިޞްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމަކީ މިޞްރުގެ ރައީސް ޑރ. މުހައްމަދު މުރްސީގެ "ބޯހަރުކަމުން" ހިނގައިގެން އުޅޭ ކަމެއްނޫން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަދި ޢަދާލަތު ޕާރޓީގެ އިސް ތަރުޖަމާން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިސްރުގެ ވެރިކަން ވައްޓާލާ އަސްކަރިއްޔާއިން ވެރިކަމާއި ހަވާލުވުމާއި ބެހޭ ގޮތުން ދުވަހު ނޫސް ހަވީރުގައި ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ރައީސް ޑރ ވަހީދު ވިދާޅުވި ބަހަށް ރައްދު ދެއްވާ ޑރ. ޝަޙީމް ފޭސްބުކް މެދުވެރިކޮށް މިއަދު ވިދާޅުވީ، "މިއީ މިޞްރުގެ ރައީސް "ބޯހަރުކަމުން" ހިނގައިގެން އުޅޭ ކަމެއްނޫން" ކަމަށާއި "މިކަމަކީ ޑރ މުޙައްމަދު މުރްސީ ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން އެމަނިކުފާނާއި އިސްލާމީ ފިކުރުގެ މީހުން ވެރިކަމުން ދުރުކުރުމަށްޓަކައި ކުރެވެމުން އައި މަސައްކަތްތަކުގެ ނަތީޖާ" ކަމަށެއެވެ. އަދި މިކަމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ޢަރަބި ބައެއް ޤައުމުން ބައިވެރިފައިވާކަމަށާއި ޑިމޮކްރަސީގެ ވާހަކަ މިބައިމީހުން ދައްކަނީ އެމީހުންގެ އަމިއްލަ އެދުމުގައި ކަން މިހާރު ހާމަވަމުން ދާކަމަށެވެ.
ރައީސް ޑރ. މުރްސީއަށް ތަޢުރީފް ކުރައްވާ، ޢަދާލަތު ޕާޓީގެ އިސްތަރުޖަމާން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވަނީ ޑރ މުރްސީ އަށް އެމަނިކުފާނުގެ ހިއްވަރުފުޅާއި ޢަޒުމަށްޓަކައި އިޙްތިރާމްގެ ސެލިއުޓެއް ނަގާކަމަށެވެ. އަދި ޑރ. ޝަހީމް ވަނީ މިސްރުގެ ރައީސް ޑރ. މުރްސީ އަކީ ކީރިތި ޤުރްއާން ހިތު ދަސް ހަމަ އެކަނި އިސްލާމީ ރައީސް އަދި މިޞްރުގެ ފުރަތަމަ އިންތިޚާބީ މަދަނީ ރައީސް ކަމަށާއި ފަލަޞްޠީނުގެ ޙިޞާރު ނައްތާލައި ރަފަޙް ބޯޑަރ ހުޅުވާލި ރައީސްކަންވެސް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، ސީރިޔާގެ ރައީސް ބައްޝާރުގެ އަނިޔާގެ ސަބަބުން އެޤައުމާ މިސްރާ ދެމެދު ގުޅުން ކަނޑާލި އަދި ވެރިކަމާ ޙަވާލުވިދުވަހުން ފެށީގެން އެއްވެސް ތަޤްރީރެއްގައި އިޒްރޭލްގެ ނަން ބޭނުން ނުކުރެއްވި ރައީސް ކަމަށާއި ޣައްޒާއަށް ޙަމަލާ ދިނުމުން އިޒްރޭލަށް އިންޒާރު ދިން ރައީސް ކަން ވެސް ފާހަގަ ކުރައްވާފައެވެ.
މިސްރުގެ ވެރިކަން ވައްޓާލާ އަސްކަރިއްޔާއިން ވެރިކަމާއި ހަވާލުވުމާއި ބެހޭ ގޮތުން ދުވަހު ނޫސް ހަވީރުގައި ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ރައީސް ޑރ ވަހީދު ވިދާޅުވެފައިވަނީ މިސްރުގެ ރައީސް ޑރ. މުރްސީ “ބޯހަރު” ކަމަށާއި މިސްރަށް އެހެންވީ 30 އަހަރުގެ ވެރިކަން ބަދަލުވުމަށް ފަހު ދެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އަމަލުކުރެއްވި ގޮތުންކަމަށެވެ.
“މިސްރުގެ ސިޔާސީ މަސްރަހަށް ބަލާއިރު ތަފާތަކީ 30 އަހަރުގެ ވެރިކަން ބަދަލުވުމަށް ފަހު ދެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އަމަލުކުރެއްވި ގޮތް. އެތާނގައި (މިސްރުގައި) ކެތްނުވެގެން ގޮސް މިލިޓަރީން ވެރިކަމާ ހަވާލުވީ.”ކަމަށާއި “މިސްރުން ފެނުނީ މުރްސީ ވެސް ތަންކޮޅެއް ބޯހަރުވިތަން” ކަމަށެވެ. އަދި “އެއީ ތަފާތު ހިޔާލުގެ މީހުން އުޅޭ ގައުމަކަށް ވާއިރު އެހެން މީހުންގެ ހިޔާލަށް ތަން ނުދީ ވެރިކަން ކުރުމުން ނުހިފެހެއްޓޭނެ”ކަމަށްވެސް މިސްރުގެ މަޝްރަހަށް އިޝާރާތްކޮށް ޑރ ވަހީދު ވިދާޅުވެފައިވެއެވެ.
މިސްރުގެ ވެރިޔާ ޑރ މުރުސީ އާއި ދެކޮޅަށް މިސްރުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކުރިއިރު ޑރ މުރްސީއަށް ސަޕޯޓް ކުރާ މީހުންގެ އަދަދު މާ ގިނައެވެ. ޑރ މުރުސީ ވެރިކަމަށް އައީ ބޮޑު އަޢްލަބިއްޔަތަކުން ކަމަށްވާއިރު ޑރ މުރުސީ ވެރިކަމުން ބޭލުމަށް ހަރަކާތްތެރިވެފައިވަނީ މިސްރުގެ ސެކިއުލާ ފިކުރުގެ މީހުންނެވެ.
ގުޅުންހުރި ޚަބަރު:
ޚިޔާލު