މާތް ﷲއަށް އުރެދުނު މީހުންނާއި ފާފަކުރުމުގައި ދެމި ތިބެ މަރުވެ ދިޔަ އެންމެންނަށް އާޚިރަތް ދުވަހު އޮތީ ﷲގެ ވަޙީބަސްފުޅުގައި ވާފަދައިން ކަންބޮޑުވުމާއި ހިތްދަތިކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ އާޚިރަތް ދުވަހުގެ ބިރުވެރިކަމާއި އެދުވަހަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ވިދާޅުވީ ދުންޔަވީ ޙަޔާތަކީ ވަގުތީ ޙަޔާތެއް ކަމަށާއި ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށެވެ. އަދި އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެއްކަން ހަނދާންކޮށްދެއްވަމުން، އެ ދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތީން އަދި ދަރިޔަކަށް ބަފަޔަކަށް ވެސް އެއްވެސް ކަމެއް ފުއްދައިނުދެވޭނެކަމަށް ވިދާޅުވިއެވެ. "ހަމަކަށަވަރުން، اللهގެ وعدފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!" ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ދުނިޔޭގެ އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބައޮތްކަން ފާހަގަކުރައްވައި، އެއީ އާޚިރަތް ދުވަހުގެ އިމްތިޙާން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މި އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެ ކަމަށާއި، މިއީ މުއްސަނދިންނާއި ފަޤީރުން، ވެރިންނާއި ރައްޔިތުން ހިމެނޭހެން އެންމެން ކުރިމަތިލާންޖެހޭނެ ކަމެއްކަމަށް ވިދާޅުވިއެވެ. އެ ދުވަހު ކޮންމެ މީހަކުވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފުސުގެ ކަންބޮޑުވުމުގައެވެ.
މަޙުޝަރުކުރައްވާ ދުވަހުގެ ބިރުވެރިކަން ސިފަކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، އެ މައިދާނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިޙުސާސްކުރެވޭނީ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ޤިޔާމަތްދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވާފައިވަނީ އިންސާނުން އެއިން ޢިބުރަތް ޙާޞިލުކޮށް، އެ ދުވަހަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ވަގުތީ އުފާލަށް ހެއްލި، ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލުމަށް ހުރިހާ މުސްލިމުންނަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.

















ޚިޔާލު