މިސްރުން ފެނުނީ މުރްސީ ވެސް ތަންކޮޅެއް ބޯހަރުވިތަން ކަމަށް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
މިސްރުގެ ވެރިކަން ވައްޓާލާ އަސްކަރިއްޔާއިން ވެރިކަމާއި ހަވާލުވުމާއި ބެހޭ ގޮތުން ދުވަހު ނޫސް ހަވީރުގައި ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ރައީސް ޑރ ވަހީދު ވިދާޅުވެފައިވަނީ މިސްރުގެ ރައީސް މުރްސީ "ބޯހަރު"ކަމަށާއި މިސްރަށް އެހެންވީ 30 އަހަރުގެ ވެރިކަން ބަދަލުވުމަށް ފަހު ދެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އަމަލުކުރެއްވި ގޮތުންކަމަށެވެ.
މިސްރުގެ އިންތިހާބީ ވެރިޔާ އަދި މުސްލިމުންގެ ތާއީދު އެންމެ ބޮޑަށް ލިބިފައިވާ ޑރ މުރުސީ އާއި ބެހޭ ގޮތުން މިފަދައިން ވާހަކަ ހުރުމުން ސޯޝަލް މީޑިއާގައި ޑރ ވަހީދަށް ނުރުހުމުގެ ބަސްތައް ދަނީ އަމާޒުވަމުންނެވެ.
"މިސްރުގެ ސިޔާސީ މަސްރަހަށް ބަލާއިރު ތަފާތަކީ 30 އަހަރުގެ ވެރިކަން ބަދަލުވުމަށް ފަހު ދެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އަމަލުކުރެއްވި ގޮތް. އެތާނގައި (މިސްރުގައި) ކެތްނުވެގެން ގޮސް މިލިޓަރީން ވެރިކަމާ ހަވާލުވީ."ކަމަށާއި "މިސްރުން ފެނުނީ މުރްސީ ވެސް ތަންކޮޅެއް ބޯހަރުވިތަން" ކަމަށެވެ. އަދި "އެއީ ތަފާތު ހިޔާލުގެ މީހުން އުޅޭ ގައުމަކަށް ވާއިރު އެހެން މީހުންގެ ހިޔާލަށް ތަން ނުދީ ވެރިކަން ކުރުމުން ނުހިފެހެއްޓޭނެ"ކަމަށްވެސް މިސްރުގެ މަޝްރަހަށް އިޝާރާތްކޮށް ޑރ ވަހީދު ވިދާޅުވެފައިވެއެވެ.
މިސްރުގެ ވެރިޔާ ޑރ މުރުސީ އާއި ދެކޮޅަށް މިސްރުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކުރިއިރު ޑރ މުރްސީއަށް ސަޕޯޓް ކުރާ މީހުންގެ އަދަދު މާ ގިނައެވެ. ޑރ މުރުސީ ވެރިކަމަށް އައީ ބޮޑު އަޢްލަބިއްޔަތަކުން ކަމަށްވާއިރު ޑރ މުރުސީ ވެރިކަމުން ބޭލުމަށް ހަރަކާތްތެރިވެފައިވަނީ މިސްރުގެ ސެކިއުލާ ފިކުރުގެ މީހުންނެވެ.
ޚިޔާލު