ރާއްޖޭގެ ޚަބަރު

ޑރ މުރްސީގެ ހިއްވަރުފުޅާއި ޢަޒުމަށްޓަކައި އިޙްތިރާމްގެ ސެލިއުޓެއް ނަގަން: ޢަދާލަތު

ބަޣާވާތުން ވެރިކަމުން ދުރުކުރި މިޞްރުގެ ރައީސް ޑރ މުހައްމަދު މުރްސީގެ ހިއްވަރުފުޅާއި ޢަޒުމަށްޓަކައި، އެމަނިކުފާނުއަށް އިޙްތިރާމްގެ ސެލިއުޓްނަގާ ކަމަށް ޢަދާލަތު ޕާޓީގެ އިސްތަރުޖަމާން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިސްރުގެ އިސްލާމީ ވެރިކަން ވައްޓާލާ އަސްކަރިއްޔާއިން ވެރިކަމާއި ހަވާލުވުމާއި ބެހޭ ގޮތުން، ޢަދާލަތު ޕާޓީގެ އިސްތަރުޖަމާން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ، މިޞްރުގައި ހިނގަމުންދާ ހަމަނުޖެހުމާމެދު އިސްލާމީ އުންމަތްވަނީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި ލޯތައްވަނީ ކަރުނުން ފުރި، ހިތްތައްވަނީ ޒަޚަމްވެފައި ކަމަށެވެ.

ރައީސް ޑރ. މުރްސީއަށް ތަޢުރީފް ކުރައްވާ، ޢަދާލަތު ޕާޓީގެ އިސްތަރުޖަމާން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވަނީ ޑރ މުރްސީ އަށް އެމަނިކުފާނުގެ ހިއްވަރުފުޅާއި ޢަޒުމަށްޓަކައި އިޙްތިރާމްގެ ސެލިއުޓެއް ނަގާކަމަށެވެ. އަދި ޑރ. ޝަހީމް ވަނީ މިސްރުގެ ރައީސް ޑރ. މުރްސީ އަކީ ކީރިތި ޤުރްއާން ހިތު ދަސް ހަމަ އެކަނި އިސްލާމީ ރައީސް އަދި މިޞްރުގެ ފުރަތަމަ އިންތިޚާބީ މަދަނީ ރައީސް ކަމަށާއި ފަލަޞްޠީނުގެ ޙިޞާރު ނައްތާލައި ރަފަޙް ބޯޑަރ ހުޅުވާލި ރައީސްކަންވެސް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، ސީރިޔާގެ ރައީސް ބައްޝާރުގެ އަނިޔާގެ ސަބަބުން އެޤައުމާ މިސްރާ ދެމެދު ގުޅުން ކަނޑާލި އަދި ވެރިކަމާ ޙަވާލުވިދުވަހުން ފެށީގެން އެއްވެސް ތަޤްރީރެއްގައި އިޒްރޭލްގެ ނަން ބޭނުން ނުކުރެއްވި ރައީސް ކަމަށާއި ޣައްޒާއަށް ޙަމަލާ ދިނުމުން އިޒްރޭލަށް އިންޒާރު ދިން ރައީސް ކަން ވެސް ފާހަގަ ކުރައްވާފައެވެ.

"ޢަސްކަރީންނާއި ޞަލީބީންގެ ބާރުތައް ގުޅިގެން މިޞްރުގެ ބައެއް ރައްޔިތުންގެ ބޮލަށް އެރިގެން، ބަރަދާޢީމެން ފަދަ ޢިރާޤު ފުނޑުފުނޑު ކޮށްފައިވާ އަނދިރި ބާރުތަކުގެ ވެރިން ބައިވެރިވެގެން މިޞްރުގައި ރައްޔިތުންގެ އިންތިޚާބުން ވެރިކަމަށް ހޮވިވަޑައިގެންފައިވާ ޢަދުލުވެރި ހެޔޮލަފާ ޞާލިޙު، ކީރިތި ޤުރްއާން ހިތްޕުޅުން ދަސް އިސްލާމީ ލީޑަރު ފަޚާމަތުއްސައްޔިދުއްރައީސް ޑރ މުޙައްމަދު މުރްސީ ވެރިކަމުން ޢަޒުލުކޮށް، ކުރީގެ ނިޒާމު ޢިއާދަކޮށްފައިވާމީ ކަނޑައެޅިގެން އެޤައުމުގެ ދުސްތޫރީ ނިޒާމާ ދެކޮޅަށް ދެވުނު ވަރަށް ވަރުގަދަ ޙަމަލާއެއް" ޑރ. އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

"ތުރުކީގައި ވެސް ފަހުގެ ތާރީޚުގައި އިސްލާމީ ވެރިކަމުގެ ފެށުން އައީ މިގޮތަށް. ފަސްފަހަރު އިންޤިލާބު އައެ. މިޞްރުގައި ރައްޔިތުންގެ އަޣްލަބިއްޔަތުން އިންތިޚާބު ކުރި ރައްޔިތުންގެ މަޖްލިސް ވެސް އުވާލީ ޢަސްކަރީން. އަދި ރައްޔިތުންގެ އަޣްލަބިއްޔަތުން ފާސްވި އެޤައުމުގެ ދުސްތޫރު ވެސް އުވާލީ ޢަސްކަރީން. އަދި ރައްޔިތުންގެ އަޣްލަބިއްޔަތުން އިންތިޚާބުކުރި ރައީސް ވެސް ޢަޒުލުކުރީ ޢަސްކަރީން" ޑރ. ޝަޙީމްގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

ޑރ. ޝަޙީމް އިތުރަށް ވިދާޅުވީ، މިސްރުގައި އެންމެހާ އަޣްލަބިއްޔަތެއް ހޯދީ އިސްލާމީ ފިކުރުގެ މީހުންކަމަށާއި، މިހެންކަމުން އެއުރެންގެ (މުސްލިމުންގެ) ބާރު ދުއްވާލުމުގައި އަނދިރި ބާރުތަކުން ދިޔައީ އެހީތެރިކަން ދެމުން މިކަމުގައި ބޮޑެތި އަނދިރި ބާރުތައް ވަނީ އެކި ގޮތްގޮތުން ބައިވެރިވެފައިކަމަށެވެ. އަދި މީގެ ބޭނުމަކީ މިޞްރު ފަދަ އިސްތިރާތީޖީ މުހިންމު މަރުކަޒެއްގައި އިސްލާމީ ވަރުގަދަ ވެރިކަމެއް ޤާއިމުވެދާނެތީ ކަމަށާއި އަދި އޭގެ ސަބަބުން ފަލަޞްޠީނު ފަތަޙަވެ އިސްލާމީ ޚިލާފަތް އެނބުރި އައިސް މި އުންމަތް ނަޞްރުވެރިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ޑރ. ޝަޙީމް ވިދާޅުވިއެވެ.

"ޑރ މުރްސީގެ ވެރިކަން މިގޮތައް ބަދަލުވެގެން ދިޔަސް މިޞްރުގެ ރައްޔިތުންނަކީ ހިއްވަރުގަދަ ރައްޔިތެއްކަމުން ޞަލީބީންނާއި ތަތާރުން ބަލިކުޅަ ފަދައިން މިޞްރުގެ ރައްޔިތުން އަނދިރި ބާރުތަކުގެ މައްޗަށް ﷲ އިރާދަކުރެއްވިއްޔާ ކުރިހޯދާނެ. ދެން އެއުރެން ވެރިކަމަށް އަންނައިރު އަންނާނީ ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް ވުރެން ވަރުގަދަކޮށް. މިއީ އިސްލާމީ ޚިލާފަތް އެނބުރި އައުމުގެ ފެށުންކަމަށް ވެދާނެ. ބައިތުލްމަޤްދިސަށް ތަކްބީރުގެ ނަޢްރާގެ މަތިވެރިއަޑާއެކީ މުސްލިމުން ވަނުމުގެ ފާލަން އެޅުނީ ކަމަށް ވެސް ވެދާނެެ. މިކަމުގެ ސަބަބުން މިޞްރުގައި މުސްލިމުންގެ ސަފުތައް ރޫޅިގެން ހިނގައިދާނެކަމަށް ދުށުމަކީ މޮޔަކަމެއް. އެއުރެންގެ ސަފުތައް ވަރަށް ވަރުގަދަ. ޑރ މުރްސީއަށް ތާއިދުކުރާ އެތައް މިލިޔަން މީހުން އެދަނީ މިޞްރުގެ ކަންކޮޅުތަކުގައި ދަސްތޫރީ ނިޒާމްގެ ދިފާޢުގައި ޤުރުބާނީވަމުން. މިޞްރަށް ދިރުން ހުއްޓެ. މިޞްރުގެ ރައްޔިތުންނަށް ނަޞްރު ހުއްޓެ. އުންމަތަށް ކާމިޔާބު ލިބުން ހުއްޓެ" ޑރ. ޝަޙީމް އިތުރަށް ލިޔުއްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *