އަރަބިދުނިޔެދުނިޔެ

ސައުދިޢަރަބިޔާގައި އެތަކެއް މުސްލިމުން ޢީދުނަމާދު ކޮށްފި

ސަޢުދިޢަރަބިޔާގެ އެކިކަންކޮޅުތަކުގައި އެތަކެއް މުސްލިމުން ޢީދު ނަމާދުކޮށްފިއެވެ.

މިގޮތުން މައްކާގެ ޙަރަމްފުޅުގައި އޮތް ޢީދު ނަމާދުގައި ދެޙަރަމްގެ ޚާދިމް ޢަބްދުﷲ ރަސްގެފާނާއި ވަލީއަހުދު އަމީރް ސަލްމާން އާއި އަދި ޝާހީ އާއިލާގެ ގިނަ ފަރާތްތަކާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. ސައުދިޢަރަބިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދޭގޮތުގައި މައްކާގެ ޙަރަމްފުޅުގައި 2 މިލިއަނެއްހާ މީހުން ޢީދު ނަމާދުކޮށްފައިވެއެވެ.

މަސްޖިދުލް ޙަރަމްގައި ޢީދު ނަމާދު އިމާމްވެ ކުރެއްވީ ޝައިޚް ޞާލިޙް ބިން ޙުމައިދްއެވެ. ޢީދު ޚުތުބާގައި ޢީދުދުވަހަކީ މުސްލިމުންގެ އެއްބައިވަންތަކަން ރަމްޒްކޮށްދޭ ދުވެހެއްކަމުގައި ޝައިޚް ވިދާޅުވިއެވެ. މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އޮންނަންޖެހޭ ލޯބި ޢީދުދުވަހު އާލާވެގެންދާކަމަށްވެސް ޝައިޚް ހާމަކުރެއްވިއެވެ.

"އިސްލާމްދީން އުޚުއްވަތްތެރިކަމަށް ބާރުއަޅާ މިންވަރަށް ބާރުއަޅާ އެހެން ދީނެއް ނުވޭ. ޤުރުއާނުގައި މަޙައްބާ ނުވަތަ ލޯބި މިބަސް 80 އަށް ވުރެ ގިނަ ފަހަރު އައިސްފައިވޭ،" ޝައިޚް އިބްނު ޙުމައިދު ވިދާޅުވިއެވެ.

ޝައިޚް ހާމަކުރެއްވިގޮތުގައި އިސްލާމްދީން ދަސްކޮށްދެނީ މުސްލިމާ އޭނާގެ މައިންބަފައިންނާއި، އަނބިދަރިންނައި، އަދި މުޅި އިންސާނިއްޔަތުދެކެ ލޯބިވުމަށެވެ. އަދި މިގޮތުން މިހުރިހާކަމަށް ވުރެ މުސްލިމާ ލޯބި ވާންޖެހޭ ފަރާތަކީ މަތް ﷲ ކަމުގައިއާއި އަދި އެއިލާހު ދެކެ ލޯބިވާކަމުގައިވަނީނަމަ ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާއަށް ތަބާވުމަކީ އެއީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެއްކަމުގައި ޝައިޚް ވިދާޅުވިއެވެ.

މަދީނާގެ މަސްޖިދުއްނަބަވީގައި ބޭއްވުނު ޢީދު ނަމާދުގައި އެއްމިލިއަނަށް ވުރެ ގިނަ މުސްލިމުން ބައިވެރިވެފައިވެއެވެ. މަސްޖިދުއްނަބަވީގައި ޢީދުނަމާދު އިމާމްވެ ކުރެއްވީ ޝައިޚް ހުސައިން އާލުއްޝައިޚެވެ.

ޝައިޚްގެ ޚުތުބާގައި ރަޙިމްގެ ގުޅުން ޤާއިމްކުރުމުގެ މުހިއްމުގެ ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޢީދު ދުވަހަކީ ތިމާގެއިންނާއި ރައްޓެހިންނާއި ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމުގައި ޝައިޚް ހާމަކުރެއްވިއެވެ. ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ރަޙިމުގެ ގުޅުން ބަދަހިކުރުމީ އެއީ މާތް ﷲ ގެ ފަރާތުން މަޣްފިރަތާއި ދަރުމަ ލީބޭނޭ ވަރަށްވެސް މަތިވެރި އަޅުކަމެކެވެ.

ސައުދިޢަރަބިޔާގެ ވެރިކަންކުރާ ރިޔާޟުގައި އިމާމް ތުރްކީ ބިން ޢަބްދުﷲ މިސްކިތުގައި ޢީދުނަމާދު އިމާމްވެ ކުރެއްވީ އެޤައުމުގެ މުފްތީ އަދި ޢިލްމުވެރިންގެ ކޮމިޓީގެ ވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އާލުއްޝައިޚެވެ. މިގޮތުން މުފްތީ ދެއްވި އަސަރުގަދަ ޚުތުބާގައިވެސް އަލިއަޅުވާލައްވާފައިވަނީ ގުޅުން ބަދަހިކުރުމާއި އެއްބައިވަންތަކަމުގެ މައްޗަށެވެ. މިމިސްކިތުގައި ބޭއްވުނު ޢީދު ނަމާދުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިިބިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *