ރާއްޖޭގެ ޚަބަރު

ކުޅުދުއްފުށި ސިޓީ، ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީ، ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ މަސައްކަތް އަމިއްލަ ދެ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ތަޢުލީމާއި ދީނީ ޝިޢާރުތައް ދިރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ.

މިގޮތުން ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރެވުނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރެވުނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއާއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ. ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫޢުތަކަށް ޖުމްލަ 30 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިނާކުރެވޭ މި އިސްލާމީ މަރުކަޒުތަކުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހިމެނޭނެއެވެ. މީގެ ތެރޭގައި ނަމާދު ކުރާ ބައިގެ އިތުރުން، ޒަމާނީ ކްލާސްރޫމްތަކާއި، އިސްލާމީ ލައިބްރަރީއާއި، ކޮންފަރެންސް ހޯލާއި އޮފީސް ބައި ހިމެނެއެވެ. މި މަރުކަޒުތަކުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ދީނީ ތަޢުލީމު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

ސަރުކާރުން އަންނަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން މި ދައުރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން، ކުރިން ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްވެސް ބާރުކޮށް ވީހާވެސް އަވަހަށް ނިންމުމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *