އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޙައްޖާއި ޢުމްރާއާ ގުޅޭ މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރުމެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އެންމެ މުހިންމު އެއް ބައްދަލުކުރެއްވުމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާއި ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާ އާއި ބައްދަލުކުރެއްވުމެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ ކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު އެއްބަސްވުމެކެވެ.
މީގެ އިތުރުން، ވަޒީރު ޑރ. ޝަހީމް ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ހިޒް އެކްސެލަންސީ ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި މައްކާ ރޫޓު އިނީޝިއޭޓިވްއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ސަޢުދީ ޢަރަބިއްޔާއިން ވަނީ 1446 ވަނަ އަހަރުން ފެށިގެން މި އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ރާއްޖެއިން ފުރަންވާއިރު ޙައްޖަށް ދިއުމުގެ އެންމެހާ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމެކެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސްގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ ފަސް ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެލައްވާނެއެވެ. މި ކޮންފަރެންސްތަކަކީ ޙައްޖާއި ޢުމްރާގެ ކަންކަން އިތުރަށް ފަސޭހަކޮށް، ޚިދުމަތްތައް ރަނގަޅުކުރުމަށް މަޝްވަރާކުރެވޭ މުހިންމު މަންސާއެކެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެން ގޮސްފައެވެ. ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަމުންނެވެ. ޚާއްޞަކޮށް، 1446 ވަނަ އަހަރުން ފެށިގެން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ އިސްލާމީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ދަތުރުފުޅެއްކަމަށް ބެލެވެއެވެ.

















advertisment
ޚިޔާލު