ސުވާލު:
ނަމާދުގެ ތެރިން ފަސް ވަގުތު ނަމާދު ކުރުމަށް އޮންނަ އިރު ބަޔެއް ނަމާދުތައް ކުރީގަ ނުކުރެވިފަ ހުންނާނެެއެވެ. ނަމަވެސް ﷲ ގެ ރަޙުމަތްފުޅުން މިހާރު ފަސްވަގުތު ނަމާދު ކުރަމެވެ. ވީމާ ތައުބާވުމަށް ކުރާނެ ދުއާއެއް ފުރިހަމަ އިބާރާތަކުން ވިދާޅުވެ ދެއްވަފާނަންތޯ؟ ( އަދި އަރަބި ބަހުންވެސް)
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ގަޞްދުގައި ނުކޮށް ދޫކޮށްލެވިފައިވާ އަޅުކަންތައް (އެއީ ނަމާދު ކަމުގައިވިޔަސް ނުވަތަ ރޯދަ ކަމުގައިވިޔަސް) ގަޟާ ކުރުމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުން އެއަޅުކަންތައް ގަޟާ ކުރަން ޖެހެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުން ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ގަޞްދުގައި ނަމާދު އެޅުމުގެ ސަބަބުން އެމީހަކު އެވަނީ ދީނުންބޭރުވެ ކާފިރުވެފައެވެ. އެފަދަ މީހަކު ޝަހާދަތުގެ ދެކަލިމަ ކިޔާ އަލުން އިސްލާމްވުމުން އެމީހެއްގެ ކުރީގެ ހުރިހާ ފާފަ އެއް ފޮހެވިގެންދާނެއެވެ.
ގަޞްދުގައި ނަމާދު އަޅާ މީހުން އަލުން އެނަމާދުތައް ގަޟާ ކުރަން ނުޖެހޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ، ނަމާދު އެޅުމުގެ ސަބަބުން އެމީހަކު ކާފިރުވިކަމަށްވީނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. ސަބަބަކީ ނަމާދު ގަޟާ ކުރުމަށް އައިސްފައިވަނީ ހަމައެކަނި ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދު ދޫކޮށްފައިވާ ޢުޛުރުވެރިންނަށެވެ.
މީގެ އިތުރުން ކުރިން ނުކޮށް ދޫކޮށްލާފައިވާ ނަމާދުތައް އަލުން ކުރަން ޖެހުމަކީ އުނދަގޫ ކަމަކަށްވެ، މީހާ އެކަމުގެ މަތިން ފޫހި ކުރުވަނިވި ކަމަކަށްވެދާނެތީވެއެވެ. އެހެންކަމުން އެފަދަ މީހެއްގެ މައްޗަށް ލާޒިމްވެގެންވަނީ ހެޔޮ ތައުބާ އަކުން ތައުބާވެ ޞާލިޙް ޢަމަލު ގިނަ ކުރުމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى) މާނައަކީ: " توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ".
ސަޢޫދީގެ ފަތްވާ ކޮމެޓީގެ މެމްބަރުން ދެކިލައްވާ ގޮތުގައި ގަޞްދުގައި ނަމާދު އަޅެމަކީ ކުފުރެވެ. އެހެންކަމުން، އެފަދަ މީހާ އަލުން އިސްލާމްދީނަށް ވަދެ ނަމާދު ކުރަންފެށުމުން ކުރީގެ ނަމާދުތައް ގަޟާ ކުރާކަށް ނުޖެހޭނެއެވެ. والله أعلم.

















ޚިޔާލު