ދީންސުވާލާއި ޖަވާބު

ނަރަކަ ފަނާވާނޭކަމާ މެދުގައި އިބްނު ތައިމިޔާގެ ބަސްފުޅަކީ ކޮބައިތޯއެވެ؟

ނަރަކަ ފަނާ ވާނެކަމުގައި ބުނެވޭ ބަހާއި މެދުގައި ޝޭޚުލްއިސްލާމް އިބްނު ތައިމިޔާގެ ބަސްފުޅަކީ ކޮބައިތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ސުވަރުގެއާއި ނަރަކައާއި މެދުގައި އަހުލު ސުއްނަ ވަލް ޖަމާއަތުގެ ޢަޤީދާއަކީ؛ އެދެތަނަކީ އަބަދުގެ އަބަދަށް ދެމިގެންވާ ދެތަނެވެ. ފަނާވުމެއް އަދި ހަލާކުވުމެއް ނުވާ ދެތަނެވެ. ނަރަކަ ފަނާވާނެކަމުގައި ބުނެވޭ ބަހަކީ ބިދުޢަވެރިންގެ ބަހެކެވެ. ސުންނަތުގެ އަހުލުވެރިންގެ އެކަމުން ބަރީއަވެގެން ވެއެވެ.

ނަރަކަ ފަނާވާނެކަމުގައި ބުނެވިފައިވާ ބަސް شيخ الإسلام ابن تيمية رحمه الله އަށް ނިސްބަތްކުރެވިފައިވަނީ ބައެއް މީހުނަށް އަރާފައިވާ އޮޅުމަކުންނެވެ. ނަރަކަ ފަނާވުމާއިމެދުގައި ބައެއް މީހުންބުނެފައިހުރި ބަސްތަކެއް شيخ الإسلام ނަގުލު ކުރައްވާފައިވާކަމުގައި އެބޭފުޅާގެ ތިލްމީޛް ابن القيم رحمه الله އެބޭފުޅާގެ ފޮތެއް ކަމުގައިވާ ‘حادي الأرواح’ ގައި ވިދާޅުވެފައިވާ ކަމަށްޓަކައި ބައެއް މީހުން އެކަލޭގެފާނަށް އެކަން ނިސަބަތް ކޮށްފައިވަނީއެވެ.

شيخ الإسلام ابن تيمية رحمه اللهގެ އަޤީދާއެއްކަމުގައި ސައްހަ ގޮތަކީ: އަހުލު ސުއްނަ ވަލް ޖަމާއަތުގެ ޢަޤީދާއެވެ. އެއީ ނަރަކަ އާއި ސުވަރުގެ ދެތަނަކީ ފަނާ ވުމެއް ނުވާ އަބަދަށް ދެމިގެންވާ ދެތަނެވެ. ރަނަކަ ފަނާ ވާނެކަމުގައި ބުނެވޭ ބަހަކީ ބިދުޢަވެރިންގެ ބަހެއްކަމުގައި އެބޭފުޅާގެ ފޮތްތަކާއި ފަތުވާތަކުގައި ސާބިތުކުރައްވާފައިވެއެވެ. އެބޭފުޅާގެ ފޮތެއްކަމުގައިވާ ‘درء تعارض العقل والنقل’ ގައި ވިދާޅުވެފައިވެއެވެ. “وقال أهل الإسلام جميعاً:  ليس للجنة والنار آخر، وإنهما لا تزالان باقيتين، وكذلك أهل الجنة لا يزالون في الجنة يتنعمون، وأهل النار في النار يعذبون، ليس لذلك آخر..” މާނައަކީ: “އިސްލާމްދީނުގެ އެއްމެހައި އަހުލުވެރިން ބުނެއުޅޭ ބަހަކީ؛ ސުވަރުގެއާއި ނަރަކައިގެ ނިމުމެއް ނުވެއެވެ. އަދި އެދެތަން އަބަދުގެ އަބަދަށް ދެމިހުންނާނެއެވެ. ހަމައެފަދައިން ސުވަރުގެ ވަންތަވެރިން ސުވަރުގޭގައި ނިޢުމަތުގައި އަބަދަށް ދެމިތިބޭނެއެވެ. އަދި ނަރަކަވަންތަވެރިން ނަރަކައިގައި އަޛާބުގައި ދެމިތިބޭނެއެވެ. އެކަމުގެ ނިމުމެއް ނުވެއެވެ.” އަދިވެސް ‘بيان تلبيس الجهمية’ ގައި ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އުއްމަތުގެ ސަލަފުންނާއި އިމާމުންނާއި ސުންނަތް ޖަމާއަތުގެ ހުރިހާ ބޭފުޅުން އިތްތިފާގުވެވަޑައިގަންނަވައެވެ. ހުރިހާ މަޚުލޫގުން ފަނާވެ ނެތިގެން ނުދާނެއެވެ. އޭގެތެރެއިން ސުވަރުގެއާއި ނަރަކައާއި އަދި އަރުޝި ފަދަ ބައެއް މަޚްލޫގުން ވެއެވެ. މިހުރިހާ މަޚުލޫގުން ފަނާވެ ނެތިދާނެކަމުގައި ބުނާބަޔަކީ ބިދުޢަވެރި، އަހުލުލް ކަލާމުގެ މީހުން ކުރެ ޖަހުމް ބުން ސޮފްވާން އާއި މުއުތަޒިލާއިންކުރެ އޭނާގެ ބަހާއި އެއްގޮތްވާ މީހުންނެވެ. އަދި އެއީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާއި އުއްމަތުގެ ސަލަފުންނާއި އިމާމުންގެ އިޖުމާއާއި އިދިކޮޅު، ބާޠިލު ބަހެކެވެ.

والله أعلم وصلى الله على محمد وآله وسلم

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން