ދީންސުވާލާއި ޖަވާބު

"ރަމަޟާން ކަޕް" މިނަމުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު :

"ރަމަޟާން ކަޕް" މިނަމުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު :

ރަމަޟާން މަހަށް ޚާއްޞަކުރެވިގެން މުބާރާތެއް ބާއްވާއިރު އުޞޫލެއްގެ ގޮތުން ބަލާއިރު ކަނޑައެޅިގެން ޙަރާމޭ ދަންނަވާނެ ޖާގައެއް ނެތެވެ. ނަމަވެސް މިއީ ކީއްކުރަން ކުރާ ކަމެއްތޯ އަޅުގަނޑުމެން ބަލާލަން އެބަޖެހެއެވެ. ރަމަޟާން މަހާއި މިކަމާއި ހުރި ގުޅުމަކީ ކޮބައިކަމާމެދު އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މަހެކެވެ. އަޅުގަނޑުމެން އެއްޗެއްސަށް ނަންކިޔާއިރު ވަރަށް ބޮޑަށް އެކުރާ ކަމަކާއި ނަމާއި ދިމާވޭތޯ ބަލަމުއެވެ. "ރަމަޟާން ކަޕް" ކިޔާ އިރުގައި، ރަމަޟާން މަހަކީ އިސްލާމް ދީނުގެ މަސްތަކުގެ ތެރެއިން އެންމެ މުހިންމު އަޅުކަމެއްގެ ގޮތުގައި ޚާއްޞަ އަޅުކަމުގެ މަހެއްގެ ގޮތުގައި ކަނަޑައަޅުއްވާފައިވާ މަހެވެ. ދެން އެއާއެކު އަންނަ "ކަޕް" މިއީ ކުޅިވަރު ފަދަ މުބާރާތްތަކުގައި ދޭ އެއްޗެކެވެ.

ކުޅިވަރުގެ ކަމަކާއި އަޅުކަމުގެ މަހަކާއި އެހާ ގުޅޭ ގޮތެއް ނުހުރެއެވެ. އެހެން ނަމަވެސް އެނަން މީހަކު ކިއުމުން އެމީހާ ފާފަވެރިވެ އެމީހާ އަށް އުޤޫބާތް ލިބޭނެއެކޭ އަޅުގަނޑު ނުދަންނަވަމެވެ. އެއްޗެއްސަށް ނަން ކިޔާއިރު ގުޅޭ ގޮތަކަށް ނަން ކިއުން ވަރަށް މުހިންމެވެ.

ކުރުގޮތަކަށް ދަންނަވާނަމަ، އައުލާކަން ބޮޑީ ރަމަޟާން މަހާ ގުޅުވައިގެން އަޅުކަމުގެ ކަންކަމުގެ ނަންތައް ދިނުމެވެ.

އެ ބާއްވާ ކުޅިވަރަކީ އަދި ދީނުގައި ހުއްދަ ކަމެއްކަމުގައި ވިޔަސް، ކުޅިވަރާއި މަޖަލާއި އެހެނިހެން ކަންކަމަށް އެފަދައިން ނަންދިނުމަކީ އެހާ ބޮޑަށް ބާރު އެޅޭ ކަމެއް ކަމުގައި ނުވާނެއެވެ.

ވަﷲ އައުލަމް.

________________________________

ނޯޓް : މިއީ މުސްލިމުންގެ ގުޅުމާއި ރޭޑިއޯ އެޓޯލް ގުޅިގެން ކޮންމެ ބުދަ ދުވަހެއްގެ ރޭ 21:00 ން 22:00 ށް ގެނެސްދޭ ދީނީ ޕްރޮގްރާމް "ހަނދުމަ" ގެ 13 ޖުލައި 2011 ވަނަ ދުވަހުގެ ރޭ ފޮނުވި ޕްރޮގްރާމްގައި އެހުންތެރިއަކު ކޮށްފައިވާ ސުވާލަކަށް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ޖަވާބެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން