ރާއްޖޭގެ ޚަބަރު

ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް: ވަޒީރު ޝަހީމް

އިސްލާމީ ފިޤުހުގެ އުޞޫލުތަކުގެ އަލީގައި ހަރުދަނާގޮތެއްގެ މަތިން އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ އަދުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށައެޅުއްވި ޒަކާތު ބިލު މިއަދު މަޖިލީހުގެ އަޤުލަބިއްޔަތުން ފާސްކޮށްފައިވާއިރު، ވަޒީރު ވަނީ މި ބިލު ހުށައެޅެއްވުމަށް ދެއްވި މުހިންމުކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ޑރ. ޝަހީމް މިރޭ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަޅުގަނޑުގެ ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން. ރާއްޖޭގެ ޒަކާތުގެ ޤާނޫނު ބިނާވެފައިވަނީ އިސްލާމީ ފިޤުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް." މިފަދައިންނެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދުން ވެގެން ގޮސްފައިވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޒަކާތު ހައުސްއިން އާއްމުން ޒަކާތަށް ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އިރު، 2024 ވަނަ އަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ލިބިގެންދިޔަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

މިއަދު ފާސް ކުރެވުނު ޒަކާތުގެ ޤާނޫނުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނެއެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގެ މަތިން ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް ޤާނޫނުގެ މުހިންމު މަޤުސަދެކެވެ.

ޒަކާތުގެ ބިލުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކުރެއެވެ. މި ކައުންސިލްގައި ވަޒީރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.

ހަމައެއާއެކު އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެއެވެ. މި އިދާރާ ހިނގަމުންދާނީ ވުޒާރާގެ ދަށުންނެވެ. ޒަކާތުގެ ބިލުގައި ޒަކާތު ހައުސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުޅޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން އައު ޤާނޫނާއެކު ޒަކާތާބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެއެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި ޝަރީޢާ އެޑްވައިޒަރ ކޮމިޓީއެއް ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިސްލާމީ ފިޤުހުގެ އަލީގައި އަމާނާތްތެރިކަމާއެކު އެ ނިޒާމު ކުރިއަށް ގެންދިއުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *