ހއ. އިހަވަންދޫ ކައުންސިލުން ބާއްވާ ރަސްތަރި ޤުރްއާން މުބާރާތް 2025 ގެ އެއްވަނަ، ހއ. އިހަވަންދޫ ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމް ހޯދައިފިއެވެ.
މިއީ މި މުބާރާތުން ޔައިޝާ އެއްވަނަ ހޯދި ތިންވަނަ ފަހަރެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އެއްވަނަ ހޯދި ޔައިޝާއަށް ޓްރޮފީއާއި 10،000 ރުފިޔާގެ ފައިސާގެ އިނާމާއި އުމްރާ ދަތުރު ހަވާލުކޮށްދެއްވާފައެވެ.
ހއ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ދެވަނަ ހޯދީ ހއ. ދިއްދޫ، ވިގޯރަސް، މަރިޔަމް ހިބާ ހުސައިން އެވެ. އަދި މި މުބާރާތުގެ ތިންވަނަ ހޯދީ ހއ. އިހަވަންދޫ، ރަށްމެދުގެ، އައިޝަތު މައިހާ މާހިރު އެވެ. ދެވަނައަށް އައި ފަރާތަށް 6،000 ރުފިޔާ އަދި ތިންވަނައަށް އައި ފަރާތަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މުބާރާތުގެ އެއްވަނަ ރަށަކަށް ހޮވުނު ދިއްދޫއަށް 10,000 ރުފިޔާ، ދެވަނަ ރަށަކަށް ހޮވުނު އިހަވަންދޫއަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަކަށް ހޮވުނު ކެލައަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. ރަސްތަރި ޤުރްއާން މުބާރާތުގައި މި އަހަރު ހަތް ރަށަކުން ޖުމްލަ 54 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ރައުންޑްގެ މައްޗަށެވެ. ފުރަތަމަ ރައުންޑުން އެންމެ މަތިން މާކްސް ހޯދި ދިހަ ބައިވެރިން ދެވަނަ ރައުންޑްގައި ބައިވެރިވިއިރު، ފައިނަލް ރައުންޑަށް ހޮވުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކެވެ.
ރަސްތަރި ޤުރްއާން މުބާރާތް ބާއްވާ މިއީ ތިންވަނަ ފަހަރެވެ. 2022 ވަނަ އަހަރާއި މި އަހަރު މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް ހުޅުވާލައިގެންނެވެ. ނަމަވެސް މިދިޔަ އަހަރު މި މުބާރާތް ބޭއްވީ ހަމައެކަނި އިހަވަންދޫއަށް ހުޅުވާލައިގެންނެވެ. މި މުބާރާތަކީ ދީނީ ރޫޙު އާލާކޮށް، ޤުރުއާން ކިޔެވުމަށް ޒުވާނުންނާއި ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން ބާއްވަމުން އަންނަ މުހިންމު މުބާރާތެކެވެ.

















advertisment
ޚިޔާލު