ރާއްޖޭގެ ޚަބަރު

ކީރިތި ޤުރުއާނަށް ޚިދުމަތްކުރުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަކީ ވަރަށްވެސް މަތިވެރިކަމެއް: ވަޒީރު ޝަހީމް

ކީރިތި ޤުރުއާނަށް ޚިދުމަތްކުރުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަކީ ވަރަށްވެސް މަތިވެރިކަމެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހއ. އިހަވަންދޫ ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބޭއްވި ރަސްތަރި ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ މިފަދަ މަތިވެރި މަސައްކަތްތަކަށް އިހަވަންދޫ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނުގެ ނޫރު، ރަށާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ދިއްލާލުމަށް އިހަވަންދޫއިން ކުރަމުންދާ މަސައްކަތަކީ ޝުކުރާއި ތަޢުރީފް ހައްޤު މަސައްކަތްތަކެއްކަމަށެވެ. އަދި އިހަވަންދޫގެ ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮންނަ ލޯބި ފެނިފައިވާކަމަށާއި، އިހަވަންދޫއަކީ އެރަށަކާއި މެދު ވަރަށް ބޮޑު ލޯތްބަކާއި އިޙްތިރާމެއް އުފެދިފައިވާ ރަށެއްކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ހއ. އިހަވަންދޫގެ ފުރަތަމަ ޙާފިޡާއަށް ރަށު ކައުންސިލާއި ރައްޔިތުން ކީ މަރުޙަބާއާއި ދެއްވި ޝަރަފް ފާހަގަކުރައްވާ، އެކަމުން ހާމަވެގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނާއިމެދު އޮތް އިޙްތިރާމްކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހއ. އަތޮޅުގެ ދެ ރަށަކަށް ކުރި ދަތުރުން ރީތިކޮށް ޤުރުއާން ކިޔަވާ އެތަކެއް ކުދިންނަކާއި އެތައް ޒުވާން ޚަޠީބުންނެއް ފެނިގެން ގޮސްފައިވާކަމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ އުޖާލާކަން މި ދަތުރުން ހާމަވެގެންދިޔަކަމަށެވެ. މިއަދު އިސްލާމީ ދާއިރާއިން ދެކެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް ވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އެގޮތުން، ރައީސް މުޢިއްޒުގެ ޤިޔާދަތުގައި ކީރިތި ޤުރުއާނަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަވާކަމަށާއި، މުޅި ރާއްޖޭގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން، ވަޒީރު ވަނީ ދާދި އަވަހަށް ހއ. އިހަވަންދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވިގެންދާނެކަން އިޢުލާން ކުރައްވާފައެވެ. އަދި އިހަވަންދޫގެ ރައްޔިތުން އިސްލާމީ ދާއިރާއިން އެންމެ އުއްމީދު ކުރައްވާ އިހަވަންދޫ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތް ކުންފުޏަކާއި ހަވާލު ކުރުމަށް ތައްޔާރުވަމުންދާކަން ވެސް ވަޒީރު މިރޭ ހާމަކުރެއްވިއެވެ.

ރަސްތަރި ޤުރުއާން މުބާރާތުގެ ފެންވަރާއި، މަސައްކަތަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާ އިހަވަންދޫ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މުބާރާތުން ރަން ވަނަތައް ޚާސިލްކުރި ދަރިވަރުންނަށް ވަޒީރު ވަނީ ތަޙުނިޔާ ދަންނަވާފައެވެ. ކީރިތި ޤުރުއާނަށް ޚިދުމަތްކުރުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަކީ ވަރަށްވެސް މަތިވެރިކަމެއް ކަމަށް ވިދާޅުވެ، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަޒީރު ވަނީ ހިތްވަރު ދެއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *