ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ޢިލްމީ ފެންވަރު މަތިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ތާޒާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު ޖުމްލަ 738 އިމާމުންނަށް ތަމްރީން ދެވިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ހިންގުނު ބޮޑު މަޝްރޫޢެކެވެ.
ވަޒީރު ޝަހީމް މީސްމީޑިޔާގައި ހިއްސާކުރެއްވި މައުލޫމާތުގައި ފާހަގަކުރެއްވި ގޮތުގައި، އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މާލެ ސަރަޙައްދުގެ އިމާމުންނަށް ހިންގުނު ތަމްރީނު ޕްރޮގްރާމް މިހާރު ނިމިފައިވާއިރު، ވުޒާރާގެ އަމާޒަކީ ރާއްޖޭގައި ތިބި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުންނަށް މިއަހަރުގެ ތެރޭގައި ތަމްރީން ދީ ނިންމުމެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ 11 ސަރަޙައްދަކަށް ބަހާލައިގެންނެވެ.
މި ތަމްރީނު ޕްރޮގްރާމްގައި އިމާމުންނަށް ދީފައިވާ ތަމްރީނުތަކަކީ އިމާމުކަމުގެ ދާއިރާއިން އެންމެ މުހިންމު ޢިލްމީ ދާއިރާތައް ހިމެނޭ ތަމްރީނުތަކެކެވެ. ޖުމްލަ 9 މާއްދާއެއްގެ މައްޗަށް ބިނާކޮށްފައިވާ މި ކޯހުގައި ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން ވަނީ އުނގަންނައިދީފައެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، އިމާމުންގެ ޢިލްމީ ފެންވަރު ބައިނަލްއަޤްވާމީ ފެންވަރަށް މަތިކުރުމަށްޓަކައި ބޭރުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަންނަ އަހަރު މިޞްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން ފޮނުވުމަށް ހަމަޖެހިފައިވެއެވެ. އަދި ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ދިއުމުގެ ފުރުޞަތުވެސް އިމާމުންނަށް ފަހިކޮށްދެވޭނެއެވެ. މިދިޔަ އަހަރު ވެސް ސަޢުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާއިން ޖުމްލަ 100 އަށްވުރެ ގިނަ ފުރުޞަތުގައި އިމާމުން ބޭރަށް ފޮނުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ދީނީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިމާމުންނަކީ މުޖުތަމަޢުގައި އިތުބާރު ހުރި ޢިލްމީ ބޭފުޅުންގެ ގޮތުގައި ޚިދުމަތްކުރެއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން އުއްމީދުކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...