އީމާންކަން ބަލިކަށިވެ، ނަމާދުކުރާ ހިތްނުވާނަމަ އެކަމުގެ ފަރުވާއަކީ ނަމާދުކުރުން ކަމަށް ރާއްޖޭގެ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ޝައިޚް ޢަބްދުﷲ ޝަފީޢު ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނަމާދުކޮށް ނިމުމަށްފަހު އިރުކޮޅަކަށް މަޑުކޮށްލައި ޒިކުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އީމާންކަން ބަލިކަށިވެ، ނަމާދުކުރާ ހިތްނުވާނަމަ، އެކަމުގެ ފަރުވާއަކީ ނަމާދުކުރުމެވެ. އަދި ނަމާދުކޮށް ނިމުމުން ޒިކުރުކުރާން އިރުކޮޅަކަށް މަޑުކޮށްލާށެވެ. އީމާންކަމުގެ ފޮނިމީރުކަން ލިބޭނެކަން ކަށަވަރެވެ. ނަމާދުކުރާ ހިތްޖެހޭނެކަން ވެސް ކަށަވަރެވެ،" ޝައިޚް ޝަފީޢު ވިދާޅުވިއެވެ.
އިސްލާމްދީނުގައި ނަމާދަކީ އީމާންކަމުގެ ތަނބުކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް މަގުފަހިކޮށްދޭ އަޅުކަމެއްކަމަށެވެ. އަދި ނަމާދަކީ މުސްލިމުންގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފަރުޟު ކުރައްވާފައިވާ އެންމެ މުހިންމު އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ.
ޝައިޚް ޝަފީޢުގެ މި ނަސޭހަތްތެރިކަމުގެ ބަސްފުޅުތަކުން އަލިއަޅުވައިލައްވާފައިވަނީ އީމާންކަން ވަރުގަދަކުރުމަށް ނަމާދުގެ މުހިންމުކަމާއި، ނަމާދުގެ ސަބަބުން ލިބޭ ރޫޙާނީ ހިތްހަމަޖެހުމުގެ މައްޗަށެވެ.

















advertisment
ޚިޔާލު