ދީން

ޝައިޠާނާ ބޭނުންވަނީ ތިބާ މާޔޫސްކޮށްލަން، އޭނާއަށް އެ ފުރުޞަތު ނުދީ: ޝައިޚް ޝަފީޢު

ޝައިޠާނާ ބޭނުންވަނީ އިންސާނާ މާޔޫސްކޮށްލަން ކަމަށާއި އޭނާއަށް އެފުރުސަތު ނުދިނުމަށް ރާއްޖޭގެ ޢިލްމުވެރިޔާ އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިހެން ވިދާޅުވީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

“ނަމާދުކުރަން ހިތުލައިގެން ހުއްޓައި ހަނދާންނެތުނީ ހެއްޔެވެ؟ ދެން ހަނދާންވީ އިރު އޮތީ ނަމާދު ވަގުތު ފާއިތުވެފައި ހެއްޔެވެ؟ ދެން އެ ނަމާދުކުރަން ބުރަ ހީވީ ހެއްޔެވެ؟ ދެން ތިމާއަށް މި ކުރެވުނީ ވަރަށް ބޮޑު ފާފައެކޭ، ތިމާއަކީ އެއްވެސް ހެވެއް ނެތް މީހެކޭ ހީވީ ހެއްޔެވެ؟ ދެން އެ ނަމާދު ކުރިޔަސް، މާތް ﷲ ޤަބޫލުނުކުރައްވާނޭ ހީވި ހެއްޔެވެ؟” ޝައިޚް ޝަފީޢު ލިޔުއްވާފައިވެއެވެ.

އިތުރަށް ޝައިޚް ވިދާޅުވެފައިވަނީ ހާސް ނުވުމަށާއި ޝައިޠާނާ ބޭނުންވަނީ ތިބާ މާޔޫސްކޮށްލުމަށް ކަމަށާއި، އޭނާއަށް އެ ފުރުޞަތު ނުދިނުމަށެވެ.

އަދި މާތް ﷲގެ ރަޙްމަތް ވަނީ ތަނަވަސްވެގެން ކަމަށާއި އެ އިލާހު އެދިވޮޑިގަންނަވަނީ އަދި ލޯބިވެވޮޑިގަންނަވަނީ އަޅާ އެ އިލާހާ ކުއްތަންވުމަށް ކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

“ނަމާދުކުރަން ހިތުލައިގެން ހުއްޓައި، ވަގުތު ފާއިތު ވިޔަސް، ދެން ހަމަ ހަނދާންވުމާ އެކު އެ ނަމާދެއް ކުރަން އަވަސްވެގަންނާށެ، ދެން ލަސްނުކުރާށެ، ޝައިޠާނާއަށް ކުރި ލިބުނަ ނުދޭށެ، ޢަޒުމް ވަރުގަދަ ކުރާށެ، ނަމާދު ގަޑިގަޑިއަށް ބަރާބަރަށް އަދާ ކުރެވޭތޯ މަސައްކަތް ކުރާށެ، ތައުފީޤަށް އެދި ގިނަގަނައިން ﷲއަށް ދުޢާކުރާށެ” ޝަައިޚުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން