އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދު ކުރުމުގެ ޖަރީމާތަކުގެ ތެރެއިން ކޮންމެ ދުވަހަކު އެވެރެޖްކޮށް 28 ކުޑަކުދިން ޝަހީދުވަމުންދާކަމަށް (އދ) އިން ހާމަކޮށްފިއެވެ.
މިފަދަ ލާއިންސާނީ ޖަރީމާތައް އެކުލެވޭ ޙަމަލާތައް އިޒްރޭލުން ފަށާފައިވަނީ 2023 ގެ އޮކްޓޫބަރު 7 ގައެވެ. އޭގެ ފަހުން މިހާތަނަށް 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިކަމަށް އދ. ގެ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
ޔުނިސެފުން ބުނާ ގޮތުގައި، ޣައްޒާގެ ކުޑަކުދިންނަށް ރަނގަޅު ކާނާއެއް ނުލިބި، ބޭސްފަރުވާއާއި ސާފު ބޯފެން ނުލިބި، އަދި އަސާސީ ރައްކާތެރިކަމުން މަޙްރޫމްވެފައިވެއެވެ. މި ކުދިން ޝަހީދުވަމުންދަނީ ބޮމުގެ ހަމަލާތަކުގެ އިތުރުން، ބަނޑަށްޖެހިގެންނާއި، އަސާސީ ޚިދުމަތްތައް ނުލިބިގެންނެވެ. މި ވަގުތު އެންމެ މުހިންމީ ޔަހޫދީންގެ މި އަނިޔާވެރި ޢަމަލުތައް ހުއްޓުވުން ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިހާތަނަށް ޣައްޒާގައި ޖުމްލަ 61،000 އަށްވުރެ ގިން މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކޮންމެ ގަޑިއިރަކު އެވްރެޖްކޮށް އެއް ކުއްޖަކު ހިމެނެއެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 8 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނެއެވެ. މީގެ އިތުރުން، ބަނޑަށްޖެހިގެން 188 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 94 އަކީ ކުޑަކުދިންނެވެ.
މާރިޗު 2 ގައި ޔަހޫދީން ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް، މިހާރު ހަމައެކަނި ދުވާލަކު 86 ލޮރީގެ އެހީގެ ސާމާނު އެތެރެކުރުމުގެ ހުއްދަ ދެމުންދެއެވެ. ނަމަވެސް ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، މަދުވެގެން ދުވާލަކު 600 ލޮރީގެ އެހީގެ ސާމާނު ބޭނުންވެއެވެ.
150 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ގޮވާލާފައިވީ ނަމަވެސް، އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން ދަނީ އަނިޔާވެރިކަން އިތުރުކުރަމުންނެވެ. އަދި 2.2 މިލިއަން މީހުން ދިރިއުޅޭ ޣައްޒާއަށް މިހާރުވެސް އެތައް ގޮތަކުން ޙަމަލާތަށް ދެމުންދާއިރު ޣައްޒާގެ ބިން އެއްކޮށް އަތުލައިގަނެ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހެދުމަށް އިޒްރޭލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

















advertisment
ޚިޔާލު