ދީންސުވާލާއި ޖަވާބު

އިމާމާއެކު ތަރާވީޙާއި ވިތުރި ކުރުމަށްފަހު ދަމުނަމާދު ކުރެވޭނެތަ؟

އިމާމު މީހާއާ އެކުގައި ތަރާވީޙް ނިންމައި ވިތުރި ކުރުމަށް ފަހުގައި ދަމުނަމާދު ކުރަން ބޭނުމެވެ. މިއީ ހުއްދަ ކަމެއް ހެއްޔެވެ؟ ހުއްދަ ނަމަ ދަމުނަމާދަށް ފަހު އަލުން ވިތުރި ކުރަން ޖެހޭނެ ހެއްޔެވެ؟
އަލްއިމާމު އިބްބު ބާޒް رحمه الله ގެ އަރިހުން ސުވާލު ކުރެވުނެވެ.
"ބައެެއް މީހުން އިމާމު މީހާއާ އެކުގައި ވިތުރިކުރާ އިރު އިމާމު މީހާ ސަލާމް ދިނުމުން ވަކިން ކޮޅަށް ތެދުވެ އިތުރު ރަކުޢަތެއް ކޮށް (ދެ ރަކުޢަތް ހަމަ) ކުރެއެވެ. އޭނާގެ ބޭނުމަކީ (ފަހުން ދަންވަރު ތެދުވެ) އެންމެ ފަހު ނަމާދެއް ކަމުގައި ވިތުރި ހެދުމެވެ. މިފަދައިން ކަން ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ މިފަދައިން ކަން ކުރުމުން (އޭނާ) އިމާމު މީހާ ނިމެންދެން ނަމާދު ކުރިކަމުގައި ވާނެހެއްޔެވެ؟"

އަލްއިމާމު އިބްބު ބާޒް رحمه الله ޖަވާބުގައި ދެންނެވިއެވެ:
"ތިކަމުގައި މައްސަލައެއް އޮތް ކަމަކަށް އަހުރެމެންނަކަށް އެނގިފައެއް ނެތެވެ. (އެފަދައިން) ޢިލްމުވެރިން ވަނީ ނައްޞު (ކުރައްވައި ބަޔާން) ކުރައްވާފައެވެ. ރޭގަނޑުގެ އެންމެ ފަހު (ނަމާދަކަށް) އޭނާގެ ވިތުރި ހެދުމައްޓަކައި (އެފަދައިން ޢަމަލު ކުރުމަކީ) އޭގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި އިމާމު މީހާ ނިމެންދެން އޭނާ އިމާމު މީހާއާ އެކުގައި (ނަމާދަށް) ހުރިކަމުގައި ވެސް ބެލެވޭނެއެވެ. އެއީ އޭނާ އީމާމު މީހާ ނިމެންދެން އިމާމު މީހާއާ އެކުގައި ހުރި ކަމަށްޓަކައެވެ. އަދި އޭނާ އިތުރު ރަކުޢަތެއް އިތުރުކޮށްފައި (އެ)ވަނީ ޝަރުޢީ މަޞްލަޙަތަކަށް ޓަކައެވެ. އެއީ ރޭނގަޑުގެ އެންމެ ފަހަށް އޭނާގެ ވިތުރި ބޭއްވުމަަށް ޓަކައެވެ. (އެހެންކަމުން) އޭގައި މައްސައެއް ނެތެވެ. އޭގެ ސަބަބުން އިމާމު މީހާއާ ނިމެންދެން އޭނާ މަޑު ނުކުރި ކަމަކަށް ނުވާނެއެވެ. އަދިކިއެއް، އިމާމު މީހާ ނިމެންދެން އޭނާ މަޑުކުރިއެވެ. އެކަމަކު އޭނާ އިމާމު މީހާއާ އެކީ ފައިބައިގެން ނުދިޔައީއެވެ. އަދި އެހެނެއްކަމަކު އޭނާ ކުޑަކޮށް ލަސްކޮށްލީއެވެ".
"مجموع فتاوى ابن باز" (11/312).

އައްޝައިޚް އިބްނު ޖިބްރީން رحمه الله އަރިހުންވެސް އެފަދަ ސުވާލެއް ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ:
"މައުމޫމު މީހާގެ ޙައްޤުގައި މޮޅުއިތުރުވެގެން ވަނީ ތަރާވީޙް އާއި ވިތުރި ނިމެންދެން އިމާމު މީހާއަށް ތަބާވުމެވެ. އެއީ އިމާމު މީހާ ނަމާދު ނިމެންދެން އޭނާއާ އެކުގައި މައުމޫމު މީހާ ނަމާދު ކުރިކަމުގައި ވުމަށް ޓަކައެވެ. ފަހެ (އޭރުން މައުމޫމު މީހާ) ޤިޔާމުއްލައިލް (ދަމުނަމާދު ކުރިކަމަށް) ލިޔެވޭނެއެވެ. އަދި އިމާމް އަޙްމަދާއި އެނޫން ޢިލްމުވެރިން އެފަދައިން ޢަމަލު ކުރެއްވިއެވެ.
އެހެންކަމުން މައުމޫމު މީހާ އިމާމް މީހާއާ އެކީގައި ވިތުރިކޮށް ނިންމާފައި ހިނގައްޖެ ނަމަ، ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރުމުގެ ބޭނުމެއް ނެތެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ހޭލެއްވިޖެ ނަމަ އޭނާއަށް (މާތް ﷲ ތަޤްދީރުގައި) ލިޔުއްވާފައިވާ މިންވަރަކަށް ޖޯޑުޖޯޑަށް (ދެ ރަކުޢަތުން ދެ އަކްޢަތުން – ޝަފްޢުކޮށް) ނަމާދު ކުރާނީއެވެ. އަދި އަލުން ވިތުރި ނު ކުރާނީއެވެ. ފަހެ، ހަމަކަށަވަރުން އެއް ރެއެއްގައި ދެފަހަރު ވިތުރި ކުރުމެެއް ނުވެއެވެ.
އަދި ބައެއް ޢިލްމުވެރިިން ދެކިވަޑައިގަންނަވާ ގޮތުގައި ވިތުރި ޝަފްޢު ކުރުން (ޔަޢުނީ: ވިތުރީގެ ފަހު ރަކުޢަތަށް އެއް ރަކުޢަތް އިތުރުކޮށްލުން) މޮޅުއިތުރުވެގެން ވެއެވެ. އެއީ (ވިތުރީގައި) އިމާމު މީހާ ސަލާމް ދީ ނިމުމުން (މައުމޫމު މީހާ) ތެދުވެ އިތުރު ރަކުޢަތެއް ކޮށްފައި ސަލާމް ދީގެންނެވެ. އަދި (މައުމޫމު މީހާގެ) ވިތުރި އޭނާގެ ތަހައްޖުދުގެ ފަހުން ކުރާނީއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅަށް ޓަކައެވެ: " فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى". މާނައީ: "އަދި ފަތިސް ވެދާނެ ކަމަށް ތިޔަބައި މީހުންގެ ކުރެ މީހަކު ބިރުގެންފި ނަމަ ، ކުރިން ކުރި ނަމާދުތަކަށް އެއް ރަކުޢަތް (އިތުރުކުރަން) ވިތުރި ކުރާނީއެވެ". އަދި "اجْعَلُوا آخِرَ صَلاتِكُمْ بِاللَّيْلِ وِتْرًا". މާނައީ: "ރޭގަނޑުގައި ތިޔަބައި މީހުންގެ އެންމެ ފަހު ނަމާދެއް ކަމުގައި ވިތުރި ހަދާށެވެ". މިޙަދީޘްފުޅަށް ޓަކައެވެ.
"فتاوى رمضان" (ص 826) .

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން